ޝަހީދުވުން
ރަސޫލާ صلّى اللّـه عليه وسلّم ބައިވެރިވެވަޑައިގެން ޣަޒުވާއެއްގައި جُلَيْبِيب رضى اللّـه عنه، ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ހަނގުރާމައިގައި ނުހަނު ހިތްވަރުފުޅާއި ފަންވަރުފުޅާއެކު ހަނގުރާމަކުރެއްވިއެވެ. ނުހަނު ފިރިހެންވަންތަ ކަމާއެކު މުޝްރިކުންނާ ހަނގުރާމަކުރައްވައި، މުޝްރިކުންގެ ސަފުތައް ހާވިޔާ ކުރައްވަމުން ކަނޑިކޮޅުގެ ވިދުވަރު ކަނޑުއްވަމުން ވަޑައިގެންނެވިއެވެ. މާތް اللّـه سبحانه وتعالى ގެ ވާގިފުޅާއެކު ހަނގުރާމައިގައި ނަޞްރާއި ކާމިޔާބު ލިބުނީ މުސްލިމުންނަށެވެ.
ހަނގުރާމަ ނިމުމުން، ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަޞްހާބުންނާ މުޚާތަބު ކުރައްވައި ޙަދީޘުކުރެއްވިއެވެ. [ތިޔަބައިމީހުންގެ ތެރެއިން ޝަހީދުވެގެން ދިޔައީ ކޮންބައެއް ހެއްޔެވެ؟]އަޞްޙާބު ބޭކަލުން އެބޭކަލުންގެ ތިމާގެފުޅު ބޭކަލުންގެ ތެރެއިން ޝަހީދުވި ބޭކަލުންގެ ނަންތައް ވިދާޅުވެދެއްވަމުން ގެންދެވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم އެ ސުވާލު ތަކުރާރުކުރައްވަމުން ވަޑައިގެންނެވިއެވެ. އަޞްޙާބުބޭކަލުންވެސް އެބޭކަލުންގެ ތިމާގެފުޅު ބޭކަލުންގެ ތެރެއިން ޝަހީދުވި ބޭކަލުންގެ މައުލޫމާތު ރަސޫލާ صلّى اللّـه عليه وسلّم އަށް ދެއްވަމުން ގެންދެވިއެވެ. ބައެއް ބޭކަލުން އެބޭކަލުންގެ ޢާއިލާގެ ބޭފުޅުންގެ ތެރެއިން އެއްވެސް ބޭކަލަކު ޝަހީދުނުވާ ކަމުގައި ދެންނެވިއެވެ.
އެއަޑު އައްސަވައި ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. [އެކަމަކު އަހަރެންނަށް جُلَيْبِيب ގެއްލިއްޖެއެވެ. އޭނާގެ އެއްވެސް ޚަބަރެއްވޭތޯ ހަނގުރާމައިގެ މައިދާން ބަލާފަ އަންނަން ދާށެވެ.] އަޞްޙާބުބޭކަލުންގެ ޖަމާޢަތެއްވަޑައިގެން ހަނގުރާމައިގެ މައިދާން ބައްލަވަނިކޮށް جُلَيْبِيب رضى اللّـه عنه، ގެ ހަށިކޮޅުފެނިވަޑައިގެންފިއެވެ. ޝަހީދުވެފައިވައި ވަނިކޮށެވެ. އެކަލޭގެފާނުގެ ވަށަވަށައިގެން ޤަތުލުވެފައިވާ ހަތް މުޝްރިކުން އޮތެވެ. އެއީ އެކަލޭގެފާނު ޝަހީދުވުމުގެ ކުރީން ޤަތުލުކުރައްވާފައިވާ ހަތް މީހުންނެވެ.
އެ ޚަބަރު ރަސޫލާ صلّى اللّـه عليه وسلّم ގެ ކަންފަތްޕުޅާ ހަމައަށް ފޯރުމުން ވަރަށް ހިތާމަފުޅު ކުރައްވައި، އެކަލޭގެފާނު ޝަހީދުވެފައިވާ ތަނަށް ވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނުގެ ބަރަކާތްތެރި ލޯފުޅުން ކަރުނަފޮދު އޮހޮރި އޮހޮރި ހުއްޓެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ.
[ހަތް މުޝްރިކުން ޤަތުލުކޮށް ޝަހީދުވެވަޑައިގެންނެވީ ހެއްޔެވެ؟ ހަމަކަށަވަރުން މީނާ ވަނީ އަހަރެންގެ ކިބައިންނެވެ. އަހަރެންވަނީ މީނާގެ ކިބައިންނެވެ.]
ދެން ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ދެ އަތްޕުޅުން جُلَيْبِيب رضى اللّـه عنه، ގެ ހަށިކޮޅުންނަގަވައި އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން އެކަލޭގެފާނު ފަސްދާނުވެޑުވިއެވެ.
އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ގެ މި ޢަމަލުފުޅުން ނުކުޅެދުންތެރިކަން ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް މުޖުތަމައިން ބާކީ ނުކޮށް އެބައިމީހުންގެ ޙައްޤުތަކުގައި ވަކާލާތުކުރުމުގެ މުހިއްމުކަން ހާމަވެގެންދިޔައެވެ. މީހެއްގެ ބޭރުފުށުން ފެންނަށް ހުންނަ އައިބުތަތަކީ އިންސާނީ ޙައްޤުތަކުން މަހްރޫމުވާންޖެހޭ ކަމެއްނޫންކަން ދޭހަވެގެން ދިޔައެވެ. އިސްލާމްދީނުގައި އިންސާނުން މިނެދޭ ނާޅިއަކީ ތަޤްވާގެ ނާޅިކަން މި ޞަޙާބީގެ ޙަޔާތްޕުޅުން ހާމަވެގެން ގޮސްފިއެވެ.
--ލިޔުނީ ޢަލީ އިޙްޞާން ފިރާޤް
https://islamhashtag.com/julaybib-the-most-unlikely-sahabi-and-the-most-beautiful-woman