މައިމޫނަތުގެފާނު 1: އެންމެ ހެޔޮ ދަނބިދަރިކަލުން ލިބިވަޑައިގެންނެވި އަންހެނަކީ މައިމޫނަތުގެފާނުގެ މައިކަނބަލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 17ސ
މައިމޫނަތުގެފާނު 1: އެންމެ ހެޔޮ ދަނބިދަރިކަލުން ލިބިވަޑައިގެންނެވި އަންހެނަކީ މައިމޫނަތުގެފާނުގެ މައިކަނބަލުން-

އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަﷲ ޢަންހާ

 

ނަންފުޅާއި ނަސަބުފުޅު:

 

أمّ المؤمنين ميمونة بنت الحارث رضى اللّـه عنــها އަކީ،ހިލާލުވަންހަގެ ބޭކަނބަލެކެވެ. ބައްޕާފުޅަކީ އެވަންހައިގެ ބޮޑެއްކަމުގައިވާ حَارِث بن حَزْن އެވެ. އޭނާއަކީ ވަރަށް ހެޔޮވިސްނިވަޑައިގަންނަވާ އިންޞާފަށް ލޯބިކުރައްވާ މީހެކެވެ. ޖާހިލިއްޔަ ޒަމާނުގައި އާދަޔަކަށް ހަދާފައިވަނީ އަންހެން ކުއްޖަކު ލިބިއްޖެނަމަ ދުނިޔޭގެ ލަދަށާއި ލިބިދާނެ ނިކަމެތިކަމަށް ބިރުން އެކުއްޖަކު މަރާލުމެވެ. ބިމުގެ ފަސްގަނޑު ދަށައްލައި ފޮރުވާލުމެވެ. ނަމަވެސް حَارِث بن حَزْن އެގޮތަކަށް ކަންތަކެއް ނުކުރައްވައެވެ. ނުހަނު ލޯތްބާއި އަޅާލުން ދެއްވައި އޭނާގެ ދަރިދަރިކަނބަލުން ތަރުބިއްޔަތު ކުރެއްވިއެވެ.  

السّيّدة ميمونة  ގެ މަންމާފުޅަކީ ޔަމަނުކަރައިގެ ޙިމްޔަރުވަންހައިގެ ބޭކަނބަލެކެވެ. ނަންފުޅަކީ، هندٌ بنتُ عوف بنِ زُهَير بن الحارث އެވެ. هندٌ بنتُ عوف އަކީ ތާރީޚުގެ ފަތްފުށްތަކުގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯއްދަވާފައިވާ ބޭކަނބަލެކެވެ. ތާރީޚް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަމަނާއަށް ވުރެ ރަނގަޅު ދަނބިދަރިންތަކެއް ލިބިފައިވާ ދެވަނަ އަންހެނަކު އިންސާނީ ތާރީޚް ދެކެފައެއް ނުވެއެވެ. 

أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها ރައްކައުވީ ރަސޫލާ صلّى اللّـه عليه وسلّم ނަބީކަމައިގެން ފޮނުއްވުމުގެ ސޯޅަވަރަކަށް އަހަރު ކުރީންނެވެ. މާތްވެގެންވާ މައްކާގައެވެ. އެކަމަނާ ރައްކާވުމުން އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅު ދެއްވާފައިވާ ނަންފުޅަކީ بَرَّةَ އެވެ. مَيْمُوْنَةُ އޭ ވިދާޅުވެ އެކަމަނާއަށް ނަންފުޅު ދެއްވީ ރަސޫލާ صلّى اللّـه عليه وسلّم އެވެ. އެއީ، ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެކަމަނާއާ ކާވެނި ބައްލަވައިގެންނެވުމަށް ފަހުގައެވެ. 

أُمُّ المُؤْمِنِيْنَ مَيْمُوْنَةُ رضي الله عنها ގެ ވަރަށް ގިނަ އުޚްތުން ތިއްބަވައެވެ. އެ އެންމެހައި ބޭކައުކަނބަލުންވެސް ކާވެނީގެ ގޮތުން ގުޅިވަޑައިގެން ތިއްބެވީ ނުހަނު ޤަދަރުވެރި ބޭފުޅުންނާއެވެ. أمّ الفضل (لُبَابَة الكُبْرى ) رضى اللّـه عنــها އާ ކާވެނި ބައްލަވައިގެން އުޅުއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު عبّاس بن عبدالمطّلب رضى اللّـه عنــه އެވެ. السّيّدة أمّ الفضل رضى اللّـه عنــها އަކީ އިސްލާމްދީނުގެ ވަރަށް ކުރީކޮޅުގައި އެކަލޭގެފާނުގެ ގެ ނުބުއްވަތާއި ރިސާލަތަށް އީމާންވެވަޑައިގެން އިންނެވި ބޭކަނބަލެކެވެ. ސީރަތުގެ ވަރަށް ގިނަ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި أمّ المؤمنين السّيّدة خديجة رضى اللّـه عنــها އަށްފަހު ދެން ދެވަނައަށް އިސްލާމްވެވަޑައިގެނެވުމުގެ ޝަރަފު ހާސިލު ކުރެއްވީ السّيّدة أمّ الفضل رضى اللّـه عنــها އެވެ.

އިސްލާމްދީނުގެ މަތިވެރި ކޮމާންޑަރު سيف اللّـه خالد بن الوليد رضى اللّـه عنــه ގެ މައިކަނބަލުން لبابة الصغرى بنت الحارث އަކީވެސް السّيّدة ميمونة ގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތެކެވެ. لبابة الصغرى އަކީ މައްކާގެ ބޮޑުންގެ ތެރޭގައި ހިމެނޭ وليد بن المغيرة  ގެ އަނބިކަނބަލުންނެވެ. 

أسماء بنت عميس رضى اللّـه عنــها އަކީ السّيّدة ميمونة ގެ އެއްބަނޑު އުޚްތެކެވެ. އެކަމަނާ ކާވެނި ބައްލަވައިގެން އިންނެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނުގެ ދަރިކަލުން جعفر بن أبي طالب رضى اللّـه عنــه އާއެވެ. ހިޖުރައިން ނުވަވަނަ އަހަރު ކުރެވުނު މުޢުތާ ހަނގުރާމައިގައި جعفر ٱلطَّيَّار رضى اللّـه عنــه ޝަހީދުވެވަޑައިގެންނެވިއެވެ. އޭގެ ފަހުން أسماء بنت عميس رضى اللّـه عنــها އާ ކާވެނި ބައްލަވައިގެންނެވީ މުސްލިމުންގެ ފުރަތަމަ ޚަލީފާ أبو بَكر الصّدِّيق رضى اللّـه عنــه އެވެ. ހިޖުރައިން 13 ވަނަ އަހަރުގެ ތެރޭގައި އެކަލޭގެފާނު ފުރައުއްތަވެވަޑައިގެންނެވުމުން السّيّدة أسماء އާ ދެން ކާވެނި ބައްލަވައިގެންނެވީ ހަތަރުވަނަ ޚަލީފާ علي بن أبي طالب رضى اللّـه عنــه އެވެ.

سَلْمَى بنت عُمَيْس رضى اللّـه عنــها އަކީ السّيّدة ميمونة ގެ އެއްބަނޑު އުޚްތެކެވެ. އެކަމަނާ ކާވެނި ބައްލަވައިގެން އިންނެވީ سَيِّدُ الشُّهَدَاء حمزة بن عبد المطّلب رضى اللّـه عنــه  އާއެވެ. އިތުރު ސާހިބާ ހިޖުރައިން އެއްތިރީސްވަނަ މައްސަރު ކާވެނި ބައްލަވައިގެންނެވީވެސް السّيّدة ميمونة ގެ އެއްބަނޑު އުޚްތެއް ކަމުގައިވާ زينب بنت خزيمة رضى اللّـه عنــها އާއެވެ. އެމާތް ދެކަނބަލުންގެ ކާވެނިފުޅަށް އަށެއްކަ މަސްދުވަސްވީތަނާ أمّ المؤمنين السّيّدة زينب بنت خزيمة رضى اللّـه عنــها ފުރައުއްތަވެއްޖެއެވެ. 

އެންމެ ހެޔޮ ރަނގަޅު ދަނބިދަރިތަކެއް ލިބިވަޑައިގެންނެވި އަންހެނާގެ ގޮތުގައި ތާރީޚުގެ އެދުރުން هندٌ بنتُ عوف ސިފަ ކުރައްވާފައިވަނީ މިދެންނެވި ސަބަބަށްޓަކައެވެ. މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ވެސް ދެފަހަރެއްގެ މަތިން އެކަމަނާގެ ދަނބިދަރިކަލެއް ކަމުގައި ވެވަޑައިގެންފައިވެއެވެ. 

أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها އަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅުންގެ ތެރޭގައިވެސް ދަރަޖަ މަތިވެރި ޞަޙާބީ ބޭކަލުން ހިމެނިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި މުސްލިމުންނަށް އެތައް ނަޞްރަކާއި ފަތަޙައެއް ހޯއްދަވައި ދެއްވި ޖެނަރަލު خالد بن الوليد رضى اللّـه عنــه ހިމެނި ވަޑައިގަންނަވައެވެ. މުސްލިމު އުއްމަތުގެ ހިބުރު ނުވަތަ ތަރުޖަމާނުލް ޤުރުއާނުގެ ލަޤަބުފުޅުން މަޝްހޫރުވެވަޑައިގެންފައިވާ عبد الله ابن عبّاس رضى اللّـه عنــه  އަކީވެސް އެކަމަނާއަށް ބޮޑު ދައިތަ ވިދާޅުވާ ބޭފުޅެކެވެ. އެދެބޭފުޅުން ވަރަށް ގިނައިން أمّ المؤمنين ގެ އަރިހަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް ވަޑައިގެން އުޅުއްވައެވެ.  

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން