ބައެއް މީހުން އަބަދުވެސް ވިސްނަނީ އެމީހުންގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމާއިމެދުގައެވެ. އެއީ ވިސްނަން ޖެހޭ ކަމެއް ނޫނެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން އެމީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެތެވެ. އެކަމުގެ ފުރިހަމަ ޔަޤީންކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ދެއްވަވައިފައެވެ.
ޔަޤީންކުރަން އޮތީ އެންމެ ކަމެކެވެ. އެއީ ތިމާ ހުރީ އެކަމަށް ތައްޔާރުވެގެންތޯއެވެ! އަދި ތައްޔާރުވެގެން ހުރި މިންވަރެވެ.
"އަހަރެންގެ އުމުރުން ގިނަ ދުވަސްތަކެއް ފާއިތުވެއްޖެއެވެ. ވަރަށް ގިނަ ފާފަތަކެއް ކުރެވިއްޖެއެވެ. އަހަރެންގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައިފާނެބާވައެވެ!" މިފަދަ ވަސްވާސްތައް ހިތުގައި އުފެދިދާނެއެވެ. އެއީ ޝައިޠާނާ އުފައްދާ ވަސްވާސްތަކެވެ. ވީމާ ޢުމުރަށް ނުބަލާށެވެ! އަދި ކުރެވިފައިވާ ފާފަތަކުގެ އަދަދަށްވެސް ނުވިސްނާށެވެ! ތައުބާވުން އަވަސްކުރާށެވެ!
ތައުބާވުމަސްފަހު ލެވޭ ފުރަތަމަ ނޭވާއަކީ ތިމާ އަލުން ދުނިޔެއަށް އައުދެވި ލެވޭ ފުރަތަމަ ނޭވާ ކަމުގައި ވުމަށް ޔަޤީންކުރާށެވެ! އެކަމަށް ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އެއީ ތިމާގެ ހިތުގެ އިޚްލާޞްތެރިކަމެވެ.
ތައުބާވުމަށްފަހު ކުރަން ޖެހޭ ކަމަކީ ބޭކާރު ގޮތުގައި އެކަމުގެ ވާހަކަތައް ދައްކައި އިޢުލާނުކުރަމުން ހިނގުމެއް ނޫނެވެ. އެކަމުގެ ވާހަކަ ދައްކާނަމަ ދައްކަން ވާނީ އެވާހަކަ ދެއްކުމުން އެކަމުގެ ފައިދާކުރާނެ މަޤާމުތަކުގައެވެ. އެހެން މީހުންނަށް ޢިބްރަތަކަށްވާނެ ގޮތަށެވެ. އެފަދަ ޙާލަތްތަކުގައެވެ.
ތައުބާވިކަން ދައްކަންވީ މީހާގެ އަމަލުތަކުންނެވެ. ފާފަ ނުކުރުމުންނެވެ. ހެޔޮ އަމަލުތައް ކުރުން ގިނަކުރުމުންނެވެ. ރިވެތި އަޚްލާޤުންނެވެ. އެގޮތަށް ކަންކަން ކުރަން ފެށުމުން މީސްތަކުންނަށް ފެންނާނެއެވެ. އަދި އެންމެ މުހިންމު ކަމަކީ މީސްތަކުންނަށް ދެއްކުމެއްވެސް ނޫނެވެ. އެންމެ މުހިންމު ކަމަކީ ތަޤްވާގެ މަތީގައި ސާބިތުވެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ.
ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ތައުބާވުމަކީ އެންމެ ފަހަރަކު ކުރުމުން ފުދޭ ކަމެއް ކަމަށެވެ. އެއީ އެގޮތަށް ވެސް އޮތް ކަމެއް ނޫނެވެ. އިސްވެ ގޮސްފައިވާ ކަންކަމަށާއި ކުރެއްވެވެން ހުރި ކަންކަމަށް ﷲ ތަޢާލާ ފާފަ ފުއްސަވައިދެއްވަވާފައިވީއިރުވެސް ރަސޫލް (ޞޢވ) ކޮންމެ ދުވަހަކު 70 ފަހަރު، 100 ފަހަރު ތައުބާވެވަޑައިގަންނަވަމުން ގެންދެވިކަން ޙަދީޘްފުޅުތަކުން އެއޮތީ ވަރަށް ރަނގަޅަށް އެނގެންކަމަށްވާތީއެވެ!
ވީމާ ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް މާޔޫސްނުވާށެވެ! ތައުބާވުން ގިނަކުރާށެވެ! އަދި ތައުބާވުންމަތީގައި ދެމިހުންނާށެވެ! އަމިއްލަ ނަފުސުގެ ޔަޤީންކަމާއިވެސް އެކުގައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން