ބައެއް މީހުން ބުނެއުޅެއެވެ. "ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންކުރެ އެންމެ މާތްކުރައްވަވާފައިވަނީ އިންސާނުންނެވެ. އިންށާނންގެ ދަރަޖަ ވަނީ މަލާއިކަތުންނަށްވުރެވެސް މަތިވެރި ކުރައްވަވައިފައެވެ. ވީއިރު އަހަރެމެންނަކީ ﷲ ތަޢާލާގެ އަޅުންކަމުގައިވާންވީ ކީއްވެގެން ހެއްޔެވެ؟"
މީސްތަކުންނޭވެ! ﷲ ތަޢާލާގެ އަޅަކަށްވުމަކީ އިންސާނަކަށް ލިބިގެންދާނެ އެންމެ މަތިވެރި
ދަރަޖައެވެ. ހަމައެކަނި މިއާޔަތަށްވިސްނައިލި ނަމަވެސް އެކަން އެނގިގެންދާނެއެވެ.
الْحَمْدُ لِلَّهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ
މާނައީ: " حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އެ ފޮތުގައި، އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވަތެވެ." (އަލްކަހްފި: 1)
މިއާޔަތުގައި ﷲ ތަޢާލާ އެންމެހައި އިންސާނުންގެ ތެރެއިން އެންމެ މާތްކުރެއްވެވި އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށް ނިޞްބަތްކުރައްވަވާފައި އެވަނީ ތިމަން ﷲ ގެ ރަސޫލާ ގެ ބަދަލުގައި އެކަލާނގެ އަޅާގެ ގޮތުގައެވެ. އެއީ އެންމެހައި ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންނަށްވެސް ދެއްވެވި ދަރަޖައަކީ "ﷲ ގެ އަޅާ" ކަމުގައިވާތީއެވެ.
އަދި މިއާޔަތަށްވެސް ވިސްނައިލާށެވެ.
سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ
މާނައީ: " އެކަލާނގެ ހުސް ޠޯހިރުވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްއިސްރާ: 1)
މިއާޔަތުގައިވެސް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވަނީ އެކަލާނގެ ނަބިއްޔާ ނުވަތަ ރަސޫލާ ގެ ބަދަލުގައި އެކަލާނގެ އަޅާއެވެ. ހަމަކަށަވަރުން އިސްރާ އާއި މިޢްރާޖަކީ ރަސޫލް ﷺ އަށް ﷲ ތަޢާލާ ދެއްވެވި އެންމެ މަތިވެރި ޝަރަފެވެ. އެންމެ ބޮޑު މުޢްޖިޒާތެވެ.
އަދިވެސް ކީއްހެއްޔެވެ؟ އެދަތުރުފުޅުގައި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުއްތަންކުރެއްވެވުނު ހިނދުގައި ވަޙީ ކުރެއްވެވީ މިފަދައިންނެވެ.
فَأَوْحَىٰ إِلَىٰ عَبْدِهِ مَا أَوْحَىٰ
މާނައީ: " ދެން (اللَّه) އެކަލާނގެ އަޅާއަށް وحى ކުރެއްވި އެއްޗެއް وحى ކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ وحى ބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.)
އެފަދަ މަތިވެރި ދަރަޖައަށް އުފއްލަވާފައިވެސް ވަޙީކުރައްވަވާފައި އެވަނީ "އެކަލާނގެ އަޅާ" ކަމަށެވެ.
އެނގިގެން މިދަނީ ﷲ ތަޢާލާ އެންމެ މަތިވެރި ކުރެއްވެވި ދަރަޖައަކީ ﷲ ގެ އަޅާކަމެވެ. ދެން ވިސްނައިލަންވީ ﷲ ތަޢާލާގެ އަޅުން ކަމުގައި ވީހިނދު އެކަލާނގެއަށް އަޅުކަންކުރުމުގައި އިޚްލާޞްތެރިވާންޖެހޭނެ މިންވަރެވެ. ކިޔަމަންތެރިކަން އަދާކުރަންޖެހޭނެ ބޮޑުކަމެވެ.
ކޮންމެ މުސްލިމަކުވެސް އަމިއްލަ ނަފުސާއި ސުވާލުކޮށްލާށެވެ! ތިމާއަކީ ﷲ ތަޢާލާގެ އަޅެއްކަމަށް ތިމާއަށް އެބަ ޤަބޫލުކުރެވޭ ހެއްޔެވެ؟ އާނއެކެވެ ދުލުން ބުނުމަކުން ނުފުދޭނެއެވެ. ދައްކަންޖެހޭނީ ޢަމަލުންނެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން