ނަމާދަކީ ކުރާ ކަސްރަތަކަށް ހަދައިގެން ކުރާނެ ފައިދާއެއް ނެތް! ކުރާ ނަމާދު ނަމާދަކަށް ހަދަން މިކަންކަމަށް ވިސްނާލަބަލަ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ނަމާދަކީ ކުރާ ކަސްރަތަކަށް ހަދައިގެން ކުރާނެ ފައިދާއެއް ނެތް! ކުރާ ނަމާދު ނަމާދަކަށް ހަދަން މިކަންކަމަށް ވިސްނާލަބަލަ!: ޝައިޚް އަބޫބަކުރު ޒައުދު

ނަމާދަށް ދާން އޮތީ ސާފުތާހިރުވެ ރީތި ފޭރާންލައިގެންނެވެ. މާނައަކީ ސާފުތާހިރު ފޭރާން ލައިގެންނެވެ. ނަމާދަށް ވުޟޫކުރަން ޖެހެއެވެ. ނަމާދަށް ހުއްޓިހުރެ ޙަރަމް ބަނުމަށްފަހު ކޮންމެހެން ކުރަންޖެހިގެން ނޫނީ ގައިގެ ތަނެއް ކަހާލުން ފަދަ ކަމެއް ކުރުންވެސް ހުއްދަވެގެނެއް ނުވެއެވެ. ފަރާތްފަރާތަށް މޫނު އަނބުރައި ކަޅި ހިންގުން ފަދަ ކަންކަން ކުރަންވެސް ހުއްދަވެގެނެއް ނުވެއެވެ. އަދި ސަޖިދަކުރާތަން ނޫން ތަނަކަށް ބެލުންވެސް ހުއްދަވެގެނެއް ނުވެއެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ ތިމާގެ ކުރިމަތީގައި، ތިމާއަށް ބައްލަވައިވޮޑިގެންވާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ހަމަ އެއާއިއެކު މިބުނި ފަދައިން ހުއްޓި ހުރުމަކުން އަދި ނުފުދެއެވެ. ކިޔަމަންތެރިކަމާއިއެކު ހުއްޓި ހުންނަން ޖެހޭ ސަބަބު ހިތަށް ގެނެސް ސަބަބުގައި ހިފަހައްޓަން ޖެހެއެވެ. 

ކުރިން ބުނި ފަދައިން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރެވޭނީ ނަމާދުގައި ތިމާ ކިޔާތަކެއްޗަށް ވިސްނައިގެންނެވެ. މާނައަށް ސަމާލުކަންދީގެންނެވެ. އެކަން ނުކުރެވޭނަމަ ކުރާ ނަމާދަކީ ރޫޙާނީ ގޮތުން ކުރެވޭ ނަމާދަކަށް ނުވާނެއެވެ. އެނަމާދުވާނީ ހަމައެކަނި ކުރާ ހަރަކާތްތަކަކަށެވެ. 

އަހަރެމެން ކުރާ ނަމާދުން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވަނީ ހަމައެކަނި ޙަރަކާތްތަކެއް ނޫނެވެ. ޙަރަކާތްތައް ޤަބޫލުފުޅު ކުރައްވަވާނީ ރޫޙާނީ ބައިވެސް ފުރިހަމަކުރުމުންނެވެ. ވީމާ ރޫޙާނީ ބައި ފުރިހަމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

ނަމާދުގެ ކާމިޔާބީ ގުޅިފައިވަނީ ނަމާދުގައި ހިމެނޭ ރޫޙާނީ ބަޔާއެވެ. ހިތާއި ރޫޙުން ނަމާދަށް ދެވޭ ސަމާލުކަމާއިއެވެ. ވީމާ ކުރާ ނަމާދަކީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ނަމާދަކަށް ހެދުމަށްޓަކައި މިބުނި ކަންކަމަށް ސަމާލުކަންދީގެން ނަމާދުކުރަން މަސައްކަތްކުރާށެވެ! ނަމާދަކީ "ފިޒިކަލް އެކްސަރސައިޒަކަށް" ނުހަދައި "ސްޕިރިޗުއަލް އަޅުކަމަކަށް" ހަދަން މަސައްކަތްކުރާށެވެ!

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން