ކުރީގެ ދިރިއުޅުއްވުން:
السّيّدة ميمونة އާ އެންމެ ފުރަތަމަ ކާވެނިފުޅު ބެއްލެވީ ޘަޤީފުވަންހައިގެ ބޮޑެއްކަމުގައިވާ مسعود بن عمرو بن عمير الثّقفى އެވެ. މާގިނަ ދުވަސްތަކެއްނުވެ، އޭނާ އެކަމަނާ ވަރިކުރައްވައިފިއެވެ. ދެން، السّيّدة ميمونة އާ ކާވެނިބައްލަވައިގެންނެވީ ޢާމިރު ބިން ލުއައްޔުވަންހައިގެ މީހެއްކަމުގައިވާ أبو رُهْم بنُ عبدالعُزّى އެވެ. އޭގެ ދެކަނބަލުން ކާވެނީގެ ގޮތުން ގުޅިވަޑައިގެން ނުހަނު އުފާފާގަތިކަމުގައި ދިރިއުޅުއްވަމުން ވަޑައިގަންނަވަނިކޮށް أبورهم بن عبدالعزىّ އަވަހާރަވެއްޖެއެވެ.
މާތް ރަސޫލާ މައިމޫނަތުގެފާނާ ކާވެނި ބެއްލެވުން:
ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ވަރަށް ބަރަކާތްތެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއެކު މައްކާއަށް އަރާވަޑައިގެން ޢުމްރާގެ އަޅުކަން އަދާކުރައްވާ ތަނެވެ. އޭގެ ތެރެއިން ބައެއް ބޭކަލުންގެ އިސްތަށިފުޅު ތުރުކުރައްވައި އަނެއްބައި ބޭކަލުންގެ އިސްތަށިފުޅުން ބައެއް ކަނޑުއްވާފައިވާ މަންޒަރެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނަށް މި ފެނިވަޑައިގެންނެވި ބަރަކާތްތެރި ހުވަފެންފުޅުގެ ވާހަކަ އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންނަށް ވިދާޅުވެދެއްވެވިއެވެ. އެބޭކަލުން އެކަމާ ވަރަށް އުފާފުޅު ކުރެއްވިއެވެ. އެބޭކަލުންގެ މަޝްވަރާގެ މަތިން މާތް ރަސޫލާ صلّى اللّـه عليه وسلّم މައްކާއަށް ޢުމްރާވެވަޑައިގެންނެވުމަށްޓަކައި ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނާއެކު ފަނަރަ ސަތޭކައެއްހާ ޞަޙާބީބޭކަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މައްކާގެ މުޝްރިކުންނަށް މި ޚަބަރު ލިބުމުން، މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ އަޞްހާބުން މައްކާއަށް އެރިޔަ ނުދިމުނަށްޓކައި ހަނގުރާމައިގެ ހަތިޔާރާއެކު ނުކުމެގެންފިއެވެ. މައްކާގެ ޙުރުމަތްތެރި ބިމުގައި ލޭއޮހޮރުވިޔަ ނުދެއްވުމަށްޓަކައި އިތުރު އެކަލޭގެފާނު މައްކާގެ މުޝްރިކުންނާއެކު ޞުލްހަނާމާއެއް ލިޔުއްވުމަށް ނިންމެވިއެވެ. އެ ޞުލްހަނާމާ ނުވަތަ އެގްރިމެންޓްގައި މައިގަނޑު ހަތަރު ޝަރުތެއް ފާހަގަ ކުރެވިފައިވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ޝަރުތަކީ، މުސްލިމުން މިއަހަރު ޢުމްރާގެ އަޅުކަން އަދާނުކޮށް އެނބުރި މަދީނާއަށް ދިޔުމަށެވެ. އަންނަ އަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އަޞްޙާބުން ވަޑައިގެން ތިން ދުވަހުގެ ތެރޭގައި ޢުމްރާގެ މަތިވެރި އަޅުކަން ކުރައްވައި ފުރިހަމަ ކުރެއްވުމަށެވެ. ކޮންމެއަކަސް މައްކާގެ މުޝްރިކުންގެ ޝަރުތުތައް ޤަބޫލު ކުރައްވައި ރަސޫލާ صلّى اللّـه عليه وسلّم އެނބުރި މަދީނާއަށް ވަޑައިގެންނެވިއެވެ.
ހިޖްރައިން ހަތްވަނައަހަރު މުސްލިމުންނާއެކު މާތް ރަސޫލާ صلّى اللّـه عليه وسلّم ޢުމްރަތުލްޤަޟާއަށް މައްކާއަށް ވަޑައިގެންނެވިއެވެ. މައްކާގެ މުޝްރިކުންގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތިންދުވަހު މައްކާގައި މަޑުކުރައްވައި ޢުމްރާގެ އަޅުކަން އަދާ ކުރެއްވުމަށްޓަކައެވެ. {މައުލާނާ ޞަފިއްޔުއް ރަޙްމާނު މުބާރަކު ޕޫރީ، އައްރަޙީޤުލް މަޚްތޫމު}
ކުރިވެސް ދެންނެވިފައިވާނޭ ފަދައިން އޭރު السّيّدة ميمونة އިންނެވީ ހުވަފަތްވެވަޑައިގެންފައެވެ. އެކަމަނާ ދިރިއުޅުއްވަމުން ގެންދެވީ އެކަމަނާގެ ދައިތާފުޅު السّيّدة أمّ الفضل رضى اللّـه عنــها އާއެކުގައެވެ. އެކަމަނާ ހިތްޕުޅުގެ އަޑިން އެދިވަޑައިގަންނަވަމުން ގެންދެވީ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އާ ކައިވެނިބައްލަވައިގެން މި އުއްމަތުގެ މުއުމިނުންގެ މައިކަނބަލަކަށް ވެވަޑައިގެންނެމަށެވެ. އެހެންކަމުން އެކަމަނާގެ ހިތްޕުޅުގެ އެދުންފުޅުގެ ވާހަކަ އެކަމަނާގެ އުޚްތުންގެ އަރިހުގައި ވިދާޅުވެ ދެއްވިއެވެ.
أمّ الفضل رضى اللّـه عنــها، السّيّدة ميمونة ހިތްޕުޅުގެ އަޑީގެ އެދިވަޑައިގެންނެވުމުގެ ވާހަކަ، އެކަމަނާގެ ފިރިކަލުން عبّاس بن عبد المطّلب رضى اللّـه عنه ގެ އަރިހުގައި ވިދާޅުވެދެއްވިއެވެ. عبّاس بن عبد المطّلب رضى اللّـه عنه ، މިވާހަކަ ރަސޫލާ صلّى اللّـه عليه وسلّم އަރިހުގައި ނުހަނު އަދަބުވެރިކަމާއެކު ދެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ، އެކަމަނާގެ އެދިވަޑައިގަތުން ޤަބޫލުފުޅު ކުރައްވައި އެކަމަނާއާ ކައިވެނި ބައްލަވައި ގެންނެވުމަށް ނިންމެވިއެވެ. ކާވެނިފުޅުގެ ކަންތައްތައް ހަމަޖެއްސެވުމަށް جعفر أبى طالب رضى اللّـه عنــه އާ ޙަވާލުކުރެއްވިއެވެ. السّيّدة ميمونة ގެ ފަރާތްޕުޅުން ވަލީވެރިއަކަށް އައްޔަންކުރެއްވީ عبّاس بن عبد المطّلب رضى اللّـه عنه އެވެ.
ކާވެނިފުޅެއް ކުރައްވައިފިނަމަ، އެކަން މީސްތަކުންނަށް އަންގަވައި ވަލީމާއެއް ދެއްވުމަކީ ރަސޫލުންނާއި ނަބީބޭކަލުންގެ ސުންނަތެކެވެ. މުސްލިމުންގެ މައްޗަށްވެސް ގަދަވެގެންވާ ސުންނަތެއްމެއެވެ. އެހެންކަމުން ރަސޫލާ صلّى اللّـه عليه وسلّم ވެސް، أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها އާ ކައިވެނި ބައްލަވައިގެން، މައްކާގެ ޤުރައިޝުންނަށް ނުހަނު ވަރުގަދަ ވަލީމާއެއް ދެއްވުމަށް ޤަޞްދުކުރެއްވިއެވެ.
ނަމަވެސް، ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައި މުސްލިމުންނާއި މައްކާގެ ޤުރައިޝުންނާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم އާ މުސްލިމުން މައްކާގައި ތިބެންޖެހޭނީ ތިން ދުވަހުގެ މުއްދަތުގައި ކަމުގައެވެ. އެއްއަށްވުރެ ގިނަ ދުވަސްވަންދެން މައްކާގައި މަޑުކޮށްގެން ނުވާނެ ކަމުގައެވެ.
އެހެންކަމުން، ކައުއިތުރު ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم މައްކާގައި ހުންނަވާތާ ހަތަރު ވަނައަށް ވީދުވަހު މައްކާގެ މުޝްރިކުން ފޮނުވައިގެން މުޝްރިކުންގެ ޖަމާއަތަކާއިގެން حويطب بن عبد العزّى އައިސް މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި މުސްލިމުން މައްކާއިން އެނބުރި މަދީނާއަށް ވަޑައިގެންނެވުމަށް ދަންނަވައިފިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެބައިމީހުންނާއެކު ވެފައިވާ މުޢާހަދާއަށް ޙުރުމަތްތެރިކޮށް ހިއްތެވުމުގެ ގޮތުން މައްކާއިން ފައިބައިވަޑައިގެންނެވިއެވެ. މައްކާއިން ނުކުމެވަޑައިގެން ދަތުރުފުޅު ކުރައްވައި ވަޑައިގެން ސަރިފު އޭ ކިޔުނު މަންޒިލުގައި ފޭލިގެ ޖެއްސެވިއެވެ. އެތަނަކީ މައްކާއިން ދިހަ މޭލު ދުރުގައި އޮންނަ މަންޒިލެކެވެ.
އިތުރު އެކަލޭގެފާނު ސަރިފުގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ޚާދިމު أبو رافع رضى اللّـه عنــه، أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها ޖަމަލަކަށް ސަވާރުކުރައްވައިގެން ގެންނަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم އާ ޙަވާލުކުރެއްވިއެވެ. އެ ދެކަނބަލުންގެ ކާވެނިފުޅުގެ އެންމެހައި ކަންތައްތަކެއް ކުރިއަށް ދިޔައީ ސަރިފުގައެވެ.
{މަޙްމޫދު އަޙްމަދު ޣައްޡަންފަރު، ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 138-139}
ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް