ލޯބިން ބައްދަލުކުރަން ދިއައިރު ފޮށި އުފުލާތީ އަނގައިން ނުބުނެ ފިލުނީ ކުންފުނީގެ ވެރިމިހާއަށް! ފަހުން އޭނާގެ ނޯކަރަކަށްވާން ޖެހުނު ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ލޯބިން ބައްދަލުކުރަން ދިއައިރު ފޮށި އުފުލާތީ އަނގައިން ނުބުނެ ފިލުނީ ކުންފުނީގެ ވެރިމިހާއަށް! ފަހުން އޭނާގެ ނޯކަރަކަށްވާން ޖެހުނު ގޮތުގެ ވާހަކަ!

އަޅުގަނޑަކީ ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަޅުގަނޑު ތަރުބިއްޔަތުވެފައި ހުރިގޮތުން ފަޤީރުން ދެކެ ވަރަށް ބޮޑަށް ފޫހިވެއެވެ. އަދި މުއްސަނދި ފިރިހެނުންނާއި ވާހަކަދެއްކޭތީ ފަޤީރުންނާއި ވާހަކަދައްކާ ހިތެއްވެސް ނުވެއެވެ. އަޅުގަނޑަށް އެއިރު ހުރީ ފިސާރިވަރަކަށް އަޅުގަނޑު ފެނިފައިކަމަށް ބުނަން މިހާރު ދެރައެއްވެސް ނުވެއެވެ. 

އެއްރެއަކު ޕާޓީއަކުން ބައްދަލުވި ފިރިހެނެކެވެ. ވަރަށް ރީތި މީހެކެވެ. އެހެންވެ އޭނާ އާއި އަޅައިގަނެވުނެވެ. ހުރީ ކޯޓުފަޓުލޫނުވެސް ލައިގެންނެވެ. އެހެންވެ އޭނާއަކީ މަތީފެންވަރުގެ މީހެއްކަން އެނގުނެވެ.

އަނެއް ދުވަހު އޭނާ އާއި ބައްދަލުކުރާހިތުން އެނާ ބުނި އެޑްރެހަށް ދިއައިމެވެ. ގޮސް ބަލައިލިއިރު ޓީޝާރޓެއް ލައިގެން އެހެން މީހުންނާއެކު އެނާ ފޮށިގަނޑުތަކެއް ކޮނޑުގައި އުފުލަނީއެވެ. ހިތަށް އެރިއެވެ. "މިވަރުގެ ދަށު ދަރަޖައިގެ މަސައްކަތްކުރާ މީހަކާ ބައްދަލުކުރުމުގެ ބޭނުމެއް ނެތެވެ." އެހެންވެ އޭނާއަށް ނުވެސް ފެނި ނުކުމެގެންދިއައީއެވެ. 

އެއިގެ ދެއަހަރު ފަހެވެ. ބައްޕަގެ ވިޔަފާރި ބަނގުރޫޓުވެއްޖެއެވެ. އަތްމަތި ދަތިވެއްޖެއެވެ. ވަޒީފާއެއް ލިބޭތޯ ތަންތަނަށް ސިޓީލާން ފަށައިފީމެވެ. އެގޮތުން އެއް ދުވަހަކު ވަޒީފާއެއް ލިބޭތޯ އިންޓަރވިޔުއަށް ދިއަ ތަނެއްގައި ސުވާލުކުރަން 3 މީހުން ތިބިއިރު މެދުގައި ބޮޑުމީހަކަށް އިންދައި ފެނުނީ އަނެއްކާވެސް އެއްކަލަ މީހާއެވެ. ކޮނޑުގަ ފޮށި އުފުލި މީހާއެވެ.

އަޅުގަނޑަށް އެނާ އެނގޭކަމަށް ބުނަންވެސް ނުކެރުނެވެ. ގަތްލަދު ބޮޑުކަމުންނެވެ. ކޮންމެއަކަސް އަޅުލުގަނޑަށް އެތަނުން ވަޒީފާ ދިނެވެ. ވަޒީފާގައި އުޅެމުން ލިބުނު ފުރުޞަތެއްގައި ވެރިއަކަށް ހުރެ ކޮނޑުގައި ފޮށި އުފުލުމުގެ ޙިކުމަތަކީ ކޮބައިތޯ ސުވާލުކުރީމެވެ.

އޭނާ ބުންޏެވެ. "މިހާރުވެސް އެގޮތަށް ދިމާވެއްޖެނަމަ ފޮށި އުފުލަމެވެ. އަދި ޢާންމުކޮށްވެސް މަހަކު އެއް ދުވަހު މަސައްކަތު މީހުންނާއެކު މަސައްކަތްކުރަމެވެ. އެއީ ހިތްތިރިކުރާށެވެ! މަސައްކަތު މީހުންނާ އެއްފެންވަރުގައިވެސް އުޅެންޖެހިދާނެ ދުވަހެއް އަތުވެދާނެ ކަމަށް ތައްޔާރުވެގެން ހުންނާށެވެ! އަދި އެގޮތަށް މަސައްކަތްކުރާތީ ހުރިހާ މަސައްކަތުމީހުންވެސް އަހަރެންދެކެ ވަރަށް ލޯބިވެސްވެއެވެ. މިތަނަވަސްކަމަކީ އަހަރެންގެ މިލްކެއް ނޫނެވެ. ﷲ ގެ ޙައްޤެކެވެ. ކޮންމެ އިރަކުވެސް އަނބުރާ ގެންދަވައިފާނެއެވެ! ވީމާ އަބަދުވެސް ހުންނަންޖެހޭނީ އެފަދަ ވަގުތަކަށް ތައްޔާރުވެގެންނެވެ." 

ފަހުން އެނގުނު ގޮތުގައި އޭނާއަށް އަޅުގަނޑު ވަރަށް ކަމުދިއައެވެ. ނަމަވެސް ފުރުޞަތު ގެއްލުނީ އަޅުގަނޑު ސަމާލުކަން ނުދިނުމުންނެވެ. ޚަބަރެއްވެސް ނުވުމުންނެވެ. އަދި އޭނާ ކައިވެނިކުރީވެސް ވަރަށް ފަހުންނެވެ. ވީމާ ލިބެން އޮތް ފުރުޞަތު ގެއްލިގެންދިއައީ އަޅުގަނޑުގެ ބޮޑާކަމާ ކިބުރުވެރިކަމުންނެވެ.

މިއީ އަޅުގަނޑަށްވެސް މިފަދަ ކުށެއް ކުރެވުނު ވަގުތަކު އެކުވެރިއަކު އަޅުގަނޑަށް ފޮނުވި ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ އަޅުގަނޑަށް ކުރެވުނުކުށް އަޅުގަނޑު ޤަބޫލުކޮށް އެކަން އިޞްލާޙްކޮށްފީމެވެ. މިހާރު އަޅުގަނޑު އެނދުމަތިވެފައި ތިބޭ ބަލިމީހުންނަށް ހިލޭ ސާބަހަށް އެހީތެރިވެސްވަމެވެ. ގިނަ ވަގުތު ހޭދަކުރަނީވެސް ފަޤީރު އެކުވެރިންނާއިއެކުގައެވެ. ކައިވެނިކުރީވެސް އަޅުގަނޑަށްވުރެ ފަޤީރަކާއިއެވެ. އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކޮށްފިނަމަ އަޅުގަނޑުގެ ބޭނުން ޙާޞިލްވީއެވެ.

 

--ޒުހޭރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން