ޢަބްދުﷲ ބުނި ޢައްބާސް (ރއ) ރިވާ ކުރެއްވެވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ފިރިހެނުންގެ ތެރެއިން އަންހެނުންނާއި ވައްތަރުވެގެން އުޅޭ މީހުންނަށް ﷲ ތައާލާ ލައްނަތް ލެއްވެވިއެވެ. އަދި އަނހެނުންގެ ތެރެއިންވެސް ފިރިހެން ވައްތަރުވެގެން އުޅޭ މީހުންނަށް ﷲ ތަޢާލާ ލައްނަތް ލެއްވެވިއެވެ."
މިއީ ޞަޙީޙް ބުޚާރީ އާއި އެހެންވެސް ޙަދީޘްފޮތްތަކުގައި ބަޔާންވެގެންވާ ޙަދީޘްފުޅެކެވެ. މީގެ އިތުރުން އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ކީރިތި މާތް ނަބިއްޔާ (ﷺ) ލައްނަތް ލެއްވެވިއެވެ. އަނހެނުންގެ ހެދުން ލައިގެން އުޅޭ ފިރިހެނުންނަށް. އަދި ފިރިހެނުންގެ ހެދުން ލާ ޢަންހެން މީހާއަށްވެސް ލައްނަތް ލެއްވެވިއެވެ."
މި ޙަދީޘްފުޅު ބަޔާން ކުރައްވަވާފައިވަނީ އަބޫ ދާވޫދު އެވެ.
ﷲ ތަޢާލާ ލައްނަތް ލެއްވެވި ކަމަށް ބުނުމަކީ ﷲ ތަޢާލާގެ ރަޙްމަތުން ބޭރުވުމެވެ. ބޮޑު ކަމަކަސް ނޫނީ "ލަޢްނަތް ލެއްވެވުން" މި ޢިބާރާތް ނުއަންނާނެއެވެ. "ﷲގެ ރަސޫލް (ﷺ) ލަޢްނަތް ލެއްވެވިއެވެ." އޮތުމުން މިތަނުގައި މިއަންނަނީ ވާޢީދުގެ ބަސްފުޅެވެ.
އެއްވައްތަރުވުމަކީ ހެދުން އެޅުމުގައި ނަމަވެސް ވާހަކަ ދެއްކުމުގައި ނަމަވެސް ހިނގާ ހިނގުމުގައި ނަމަވެސް ޙަރަކާތްތަކުގައި ނަމަވެސް އެއްވަތަރުވުމެވެ. އަދި އަޅާ ގަހަނާވެސް ހިމެނިގެންވެއެވެ. ރަން ނޫންކަމުގައިވީނަމަވެސް ފިރިހެނުން ފަށް އެޅުމާއި ކަންފަތު މުދިލުމަކީ ވެސް ގަހަނާގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފިރިހެނަކަށް ހުއްދަވާނީ އެންމެ އަނގޮޓިއެކެވެ.
ނަމަވެސް މިއަދު މިފެންނަނީ ފިރިހެނުން އަތުިގައި ކެވެލި އަޅައި އުޅާއަޅައި އަދި ކަންފަތުގެ އެތައް ތަނެއް ތޮރުފައި ކާފަރުންނާއި އެއްގޮތް ވަމުން އަންނަ ތަނެވެ. ނޭފަތާއި ތުންފަތާއި ބުމަ ވެސް ތޮރުފައިގެން އެބަ އުޅެއެވެ.
ޙަދީޘްފުޅުގައި އޮތީ ބައަކާއި އެއްވައްތަރުވެއްޖެ ނަމަ އެމީހަކު ވަނީ އެމީހުންގެ ތެރެއިން ކަމަށެވެ. މިހެން އޮއްވައި މި ދެންނެވި ޒާތުގެ ކަންކަން މިކުރަނީ ކާފިރުންނާއި އެއްގޮތް ވުމަށެވެ.
މުނާސަބަތުތަކުގައި އަންހެނުން ފިރިހެނުންގެ ހެދުންލުމާއި ފިރިހެނުން އަންހެނުންގެ ހެދުން ލުމުގެ ނުބައި އާދަވެސް އެބަ ގެންގުޅެވެއެވެ. ނަމަވެސް މިއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟
ޢަންމު ދިރިއުޅުމުގައިވެސް އަންހެނުން ހެދުން އަލަން ޖެހޭނީ އެމީހުންގެ ބައްޓަންތައް ނުއެނގޭގޮތަށް އަދި ޢިއްފަތްތެރިކަން ހިމާޔަތްވާނެ ގޮތަށެވެ. އެނޫން ގޮތަކަށް ހެދުން އެޅުން ހުއްދައެއް ނުވާނެއެވެ.
އިސްލާމުންނަށް އުޅެންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުގެ ތެރޭގައެވެ. އެއިންތަކުން ބޭރުވުމަކީ މިނިވަންކަމެއް ނޫނެވެ. މިކަންކަން ކުރުމުން ލަޢްނަތް ލައްވަވާނެކަން (ﷲ ތަޢާލާގެ ރަޙްމަތުން ބޭރުކުރައްވަވާނެކަން) ބަޔާން ކުރައްވަވާފައި މިވަނީ މިކަންކަން ކުރާނެ ދުވަސް އަންނާނެކަން ދެނެވޮޑިގެންވާތީ އެވެ.
"ތިމަންނާގެ ނުބައި ނިޔަތެއް ނެތް ކަމަށާއި އަނެއް ޖިންސާއި ވައްތަރުވުމުގެ ނިޔަތެއް ތިމާގެ ކިބައިގައި ނެތް" ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް ނިޔަތް ރަނގަޅު ނަމަ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ، އެކަލާނގެ ރަޙްމަތުން ބޭރުވެގެން ހިނގައިދާނެ ފަދަ ކަމެއް ނުކުރާނެއެވެ. އެތެރޭގައި އޮތް ނިޔަތް ރަނގަޅު ނަމަ ބޭރުފުށަށް އަންނާނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށެވެ.
--ޝައިޚް މުޙައްމަދު ލަޠީފް