ކީރިތި ރަސޫލާގެ އަރިހުގައި މައިމޫނަތުގެ ދިރިއުޅުއްވުން:
މާތް ރަސޫލާ صلّى اللّـه عليه وسلّم ޢުމްރަތުލް ޤަޟާއިން އެނބުރި މަދީނައަށް ވަޑައިގެން އެކަލޭގެފާނުގެ މިސްކިތްކޮޅު ކައިރީގައި أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها އަށް ކޮޓަރިކޮޅެއް ބިނާކުރައްވަވައި ދެއްވެވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها އާ ކާވެނި ބައްލަވައިގެންނެވި އިރު އެކަލޭގެފާނުގެ އިތުރު އެހެން އަށް އަނބިއަނބިކަނބަލުން ތިއްބެވިއެވެ.
ކުރިން ދެންނެވިފައިވާ ފަދައިން عبد الله ابن عبّاس رضى اللّـه عنــه އަކީ أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها އަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ. އެކަލޭގެފާނު ވަރަށް ގިނައިން ميمونة رضى اللّـه عنــها ގެ ކޮޓަރިކޮޅަށް ވަޑައިގެން އުޅުއްވައެވެ. އެކޮޓަރިކޮޅުގައި އަވަހާރަފުޅުވެސް ލައްޕަވާ ހައްދަވައެވެ.
عبد الله ابن عبّاس رضى اللّـه عنــه ވިދާޅުވެފައިވެއެވެ. [އެއްރެއަކު ތިމަންކަލޭގެފާނުގެ ބޮޑުދައިތާފުޅު މައިމޫނަތުގެ ކޮޓަރިކޮޅުގައި ތިމަންކަލޭގެފާނު ނިދަން އޮތީމެވެ. ރޭގަނޑުގެ ދަންބަޔަށް އަޅައިލުމުން ރަސޫލާ صلّى اللّـه عليه وسلّم ދަމުނަމާދަށް ތެދުވެ ވަޑައިގެންފިއެވެ. ތިމަންކަލޭގެފާނު ހުންނެވީ އެކަލޭގެފާނުގެ ވާތްފަރާތުގައެވެ. ދެން ތިމަންކަލޭގެފާނުގެ ބޮލުގައި ހިއްޕަވާފައި އެކަލޭގެފާނުގެ ކަނާތްފަރާތުގައި ބެހެއްޓެވިއެވެ.] {ބުޚާރީ 6316}
أمّ المؤمنين ميمونة رضى اللّـه عنــها އަކީ ވަރަށް އަޅުވެރި ތަޤްވާވެރި ބޭކަނބަލެކެވެ. މަޙްމޫދު އަޙްމަދު ޣައްޡަންފަރު ލިޔުއްވައިފައިވާ ގޮތުގައި އެކަމަނާ އާދަވެގެން ނަމާދުފުޅު ކުރައްވަނީ މަސްޖިދުއްނަބަވީގައެވެ. އެހެނީ، އެހެން މިސްކިތެއްގައި ކުރާ އެއްހާސް ނަމާދުގެ ޘަވާބާއި ދަރުމަ، މަސްޖިދުއްނަބަވީގައި ކުރާ އެއް ނަމާދުން ލިބޭނެކަމަށް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވި އަޑު އެކަމަނާ އައްސަވައިފައި ވާތީއެވެ.
އަޅުން މިނިވަން ކުރުމަކީ ވަރަށް ގިނަ ޘަވާބު ލިބޭ ކަމެކެވެ. އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައިފައިވާ ކަމެކެވެ. އަޅުން މިނިވަން ކުރުމަކީ أمّ المؤمنين ميمونة رضى اللّـه عنــها ވަރަށް ޝައުޤުވެރިވެވަޑައިގެންނެވިއެވެ.
އެއްފަހަރަކު أمّ المؤمنين ميمونة رضى اللّـه عنــها އެކަމަނާ ގެންގުޅުއްވި އަޅު އަންހެންކުއްޖަކު މާތްﷲ ގެ ވަޖުޙުފުޅަށްޓަކައި މިނިވަން ކުރެއްވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ އަރިހުގައި ހުންނަވާ ދުވަސް އައުމުން އެކަމަނާ އެވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
" وَلَوْ وَصَلْتِ بَعْضَ أَخْوَالِكِ كَانَ أَعْظَمَ لأَجْرِكِ " { صحيح البخاري،كتاب الهبة وفضلها والتحريض عليها، باب بِمَنْ يُبْدَأُ بِالْهَدِيَّةِ، ޙަދީޘް 2594}
[ކަމަނާ އެ އަޅުއަންހެން ކުއްޖާ، ކަމަނާގެ މައިފުށުގެ ބޮޑުބޭބެއިންގެ ތެރެއިން މީހަކަށް ދެއްވިނަމަ މާގިނަ ޘަވާބާއި ދަރުމަ ލިބިއްޖައީހެވެ.]
އެއްދުވަހަކު ރަސޫލާ صلّى اللّـه عليه وسلّم އަށް أمّ المؤمنين ميمونة رضى اللّـه عنــها ގެ ގެކޮޅުގެ ކައިރިން މަރުވެފައި އޮތް ބަކަރިއެއް ފެނިވަޑައިގެންނެވިއެވެ. އެބަކަރިއަކީ ميمونة رضى اللّـه عنــها ގެ އަޅުއަންހެން ކުއްޖަކަށް ކޮންމެވެސް މީހަކު ޞަދަޤާތުގެ ގޮތުގައި ދީފައިވާ އެއްޗެކެވެ. އެ ބަކަރި ފެނިވަޑައިގެން އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ.
]ތިޔަބައިމީހުން އެބަކަރީގެ ހަން ދިބާޢުކޮށްގެން ބޭނުން ނުކުރީ ކީއްވެގެން ހެއްޔެވެ؟] އެކަލޭގެފާނަށް ދެންނެވުނެވެ. [އެ ބަކަރި މަރުވެފައިވަނީ ޠަބީޢީ މަރަކުންނެވެ. އެއީ މުޅަ އެއްޗެއް ނޫންތޯއެވެ؟] ޙަދީޘު ކުރެއްވިއެވެ. [ޙަރާމްވަނީ މުޅަތެކެތީގެ މަސްކެއުމެވެ. އެތަކެތީގެ ހަން ދިބާޢު ކޮށްގެން ބޭނުންކުރުން ޙަރާމެއް ނުވާނެއެވެ.] {ބުޚާރީ، މުސްލިމު}
أمّ حُفَيْد بنت الحارث އަކީ، أمّ المؤمنين ميمونة رضى اللّـه عنــها ގެ އުޚްތެކެވެ. އެކަމަނާ ކާވެނި ބައްލަވައިގެން އުޅުއްވީ ބަނީ ޖަޢުފަރު ވަންހަޔަށް ނިސްބަތްވާ ބޭކަލަކާއެވެ. އެއްފަހަރު އެކަމަނާ أمّ المؤمنين ميمونة رضى اللّـه عنــها އަށް ފިހެފައިވާ ޟައްބުގެ މަސް ވެދުމަށް އެރުވިއެވެ. އެއީ އެކަމަނާ ނަޖުދުން ގެންނެވި އެއްޗެކެވެ. ރަސޫލާ صلّى اللّـه عليه وسلّم އާއި خالد بن الوليد رضى اللّـه عنــه އެކަމަނާގެ އަރިހަށް ވަޑައިގެންނެވުމުން ޟައްބުގެ މަސް ފަރީކުޅުއްވުމަށް އެކަމަނާ އޭގެ ދެކަލުންނަށް ދެއްވިއެވެ. ޟައްބުގެ މަހަކީ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ގެ ޤައުމުގެ މީސްތަކުން އާދަވެގެން ކާބާވަތެއް ނޫނެވެ. ރަސޫލާ صلّى اللّـه عليه وسلّم އަކީ، އެކަލޭގެފާނު އާދަވެގެން ފަރީއްކުޅުއްވާ ބާވަތްތައް ފިޔަވައި އެހެން ތަކެތި ފަރިއްކުޅުއްވާ ބޭކަލެއް ނޫނެވެ. އެފަދައެއްޗެއް ފަރިއްކުޅުއްވިޔަސް މަދުފަހަރަކު މެނުވީ ފަރީއްނުކުޅުއްވައެވެ.
ނަމަވެސް، އެފަހަރު އެކަލޭގެފާނު ޟައްބުގެ މަސް ފަރީއްކުޅުއްވުމަށް އެތަކެއްޗާ ދިމާއަށް އަތްޕުޅު ދިއްކޮށްލެއްވިއެވެ. އެހިނދު އެކަލޭގެފާނަށް އެއީ ޟައްބުގެ މަސްކަމުގައި ދެންނެވުނެވެ. ވަގުތުން އެކަލޭގެފާނުގެ އަތްޕުޅު ދަންމަވައިގެންނެވިއެވެ. خالد بن الوليد رضى اللّـه عنــه ދެންނެވިއެވެ. [ޟައްބުގެ މަހަކީ ޙަރާމް އެއްޗެއްތޯއެވެ؟] ޙަދީޘު ކުރެއްވިއެވެ. [ނޫނެކެވެ. އެކަމަކު އެއީ ތިމަންކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ބިމުގައި އާންމުކޮށް އުޅޭ އެއްޗެއް ނޫނެވެ. އެހެންކަމުން ތިމަންކަލޭގެފާނު އެތަކެތި ފަރީއްކުޅުއްވާ ހިތްނުވަނީއެވެ] ދެން خالد بن الوليد رضى اللّـه عنــه އެކަލޭގެފާނާއި ކައިރި ފަރާތުން ޟައްބުގެ މަސް ނައްޓުވައިގެން ފަރިއްކުޅުއްވިއެވެ. {صحيح البخاري،كتاب الأطعمة،باب مَا كَانَ النَّبِيُّ صلى الله عليه وسلم لاَ يَأْكُلُ حَتَّى يُسَمَّى لَهُ فَيَعْلَمُ مَا هُوَ، ޙަދީޘް 5391}
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް