އަޅުގަނޑުގެ އުމުރުން 8 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. މަންމް ނިޔާވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައްޕަ ދެވަނަ ކައިވެނިކޮށްފިއެވެ. އެހިސާބުން ބައްޕަގެ ލޯބިން އަޅުގަނޑު މަޙްރޫމްވެއްޖެއެވެ.
އުމުރުން 14 އަހަރުގައި އަޅުގަނޑަށް ގޮތްތަކެއްވާން ފަށައިފިއެވެ. ކުއްލިއަކަށް ގޮތެއްވަނީއެވެ. ބޮލަށް އެނބުރުމެއް އަރާހެންވެސް ހީވެއެވެ. އެހެންވާން ފެށުމުން އިންނަ ތަނުން ތެދުވެ މާޙައުލު ބަދަލުކޮށްލުމުން ރަނގަޅުވެސްވެއެވެ.
ކްލާހުގައި އިންދާވެސް އެހެންވެއެވެ. އެހެންވެ ބައްޕަގާތު އެވާހަކަ ބުނެފައި ޑޮކްޓާރަށް ދައްކައިދޭން އެދުމުން ބުނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. އަޅައެއް ނުލިއެވެ. ބުނީ އެއީ އަޅުގަނޑަށް ވިސްނޭ ގޮތަކުން މެދުވެރިވާ ކަމެއް ކަމަށެވެ.
ކޮންމެއަކަސް ކްލާހުގައި އިންދާ އެކަންތައް މެދުވެރިވި ދުވަހަކު ހެލްތް އޮފިޝަލަށް އަޅުގަނޑު ފެނިގެން ހެލްތް ރޫމަސް ގެންގޮސް ސުވާލުކުރުމުން އަޅުގަނޑަށްވާގޮތް ކިޔައިދިނީމެވެ. އޭނާ ވަގުތުން ބައްޕައަށް ގުޅިއެވެ. އަޅުގަނޑު ޑޮކްޓަރަށް ދައްކައިދޭން އެދުނެވެ. ނަމަވެސް ނުދެއްކިއެވެ. އެންމެފަހުން އޭނާ ގެއަށްގޮސް ބައްޕައަސް ކިޔައިދިނެވެ. އަދި އެކަމުގެ ތަޖުރިބާކާރު ޑޮކްޓަރަކަށް ނުދައްކާނަމަ އަޅުގަނޑުގެ ސިކުނޑިއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށްވެސް ބުންނެވެ. ބައްޕަގެ ޖަވާބަކަށްވީ "ތިއަބާވަތުގެ ބަލިތަކަށް ބޭސްކުރުމަކީ ބޮޑުވީމާ އެމީހަކު ކުރަންޖެހޭ ކަމެއް" ކަމަށެވެ.
އެންމެފަހުން އޭނާ އަމިއްލަގޮތުން އަޅުގަނޑު ޑޮކްޓަރަށް ދައްކައިދިނެވެ. އަދި ބޭސް ސިޓީހިފައިގެން ަބއްޕަގެ ގާތަށް ދިއުމުން ބުނީ ބޭސްނަގާނެ ފައިށާ އަތުގައި ނެތްކަމަށެވެ. ދެން އޭނާ ކޮންމެވެސް ގޮތަކުން ހިލޭ ނަފްސާނީ ބަލީގެ ބޭސް ފޯރުކޮށްދޭ ބައަކާ ގުޅައިގެން ބޭސް ހޯދައިދިނެވެ. އަދި ބޭސްކާތާ 2 އަހަރުފަހުން އަޅުގަނޑަށް ޝިފާލިބުނެވެ.
އަޅުގަނޑު އޭނާއަށް ނަމެއް ދިނީމެވެ. އެއީ މަންމައެވެ. އަޅުގަނޑުގެ މަންމަ ދުނިޔޭގައި ހުރިނަމަ ކަންތައް ކޮށްދޭނެ ގޮތަށް އަޅުގަނޑާއިމެދު ކަންތައް ކޮށްދިނީތީއެވެ. އަޅުގަނޑު ސްކޫލުން ނިމި ކޮލެޖުންވެސް ނިމިއްޖެއެވެ. އެމަންމަގެ އެހީތެރިކަމާއިއެކު ވަރަށް އަވަހަށް ވަޒީފާއެއްލިބުނެވެ.
ވަޒީފާ ލިބި މުސާރަ ލިބުމުން އެމަންމަ އާއިއެކު ކެއުމަކަށް ދިއައީމެވެ. އަދި މަންމަގެ ދިރިއުޅުމާއިބެހޭ ގޮތުން ކަންކަން އޮޅުން ފިލުވިއިރު މަންމަ އަކީ ވަރަށް ބޮޑު ފަޤީރެކެވެ. އެކަނިވެރިމައެކެވެ. އަމިއްލަ އެޕާޓްމަންޓެއް ހުރެއެވެ.
އަނެއްދުވަހު ބައްޕަ އާއި ދޮންމަންމަގެ ކުރިމަތީގައި ހެނދުނު އޮފީހަށްދާން ނުކުތީ ލަގެޖް ހިފައިގެންނެވެ. ދެން އެނބުރި ގެއަށް ނުވަންނަ ގޮތަށެވެ. އަޅުގަނޑު ބުނީމެވެ. "ފުރާނައަށް ނުރައްކާވާ ބައްޔެއް ޖެހުމުން ޑޮކްޓަރަށް ދައްކާލަ ނުދިންތަނުގަ ބޭސްކޮޅުވެސް ނަގާލަ ނުދީ ބޮޑުވެ އަމިއްލައަށް ބޭސްކޮށްގެން ގަދަވާން ބުނަން ކެރުނު ބައްޕައަކާއިއެކު އުޅޭކަށް ބޭނުމެއް ނޫނެވެ. މާދަން ބައްޔެއް ވެއްޖިއްޔާވެސް ބުނާނީ ގަދަވެގެން ފައިސާ ލިބެންދެން މަޑުކުރަން ނޫން ކަމެއްވެސް ނޭނގެއެވެ. ބައްޕައަކަށްވީތީ ކޮށްދިން ކަންކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ބައްޕައަށް ކަމެއް ޖެހިގެން ގުޅައިފިނަމަ ކޮށްދެވެން އޮތްކަމެއް ކޮށްދޭނަމެވެ."
އެދުވަހު އޮފީހުން ނިމިގެން ދިއައީ އެމަންމަގެ ގެއަށެވެ. މަންމައަށް ލިބުނީ ހައިރާން ކަމެކެވެ. ނަމަވެސް އަޅުގަނޑު ކަންތައްކުރި ގޮތް ކިޔައިދިނުމުން ޙައިރާނެއް ނުވިއެވެ. ކޮންމެއަކަސް އަޅުގަނޑުގެ އެދުމަށް އެއެޕާޓްމަންޓުން ކޮޓަރިއެއް އަޅުގަނޑަށް ދިނެވެ.
އޭނާވީ އަޅުގަނޑަށް ވަރަށް ހެޔޮ އަންހެނަކަށެވެ. އަޅުގަނޑުވެސް އޭނާ އާއިމެދު ކަންކަންކުރީ ވަރަށް ރަނގަޅަށެވެ. ލިބޭ މުސާރައިން ބައެއް ދެމެވެ. އަދި އޭނާގެ ދަރިފުޅަށް ބޭނުންވާ ކަންކަންވެސް ވެވުނުވަރަކުން ކޮށްދެމެވެ. އެގޮތަށް 3 އަހަރު އުޅުނުއިރު އަޅުގަނޑުގެ ވިސްނުން މުޅިން އެހެން މިސްރާބަކަށް ބަދަލުވެއްޖެއެވެ.
އެއީ އޭނާ އަޅުގަނޑަށްވުރެ 10 އަހަރު ދޮށި ނަމަވެސް އޭނާ އާއި ކައިވެނިކުރުމަށެވެ. އަޅުގަނޑަށް އެއްވެސް ގޮތެއް ނެތް ދުވަހު، ބައްޕަވެސް ބާކީކޮށް އެއްލައިލި ދުވަހު އޭނާވީ އެހީތެރިކަމުގެ ބަދަލުގައެވެ. އޭނާ އެދުވަހު އަޅުގަނޑަށް އެހީތެރިނުވިނަމަ އަޅުގަނޑު ދުނިޔެއިން މޮޔަވުމުގެ ފުރުޞަތު އޮތީތީއެވެ.
އެހެންވެ ވަރަށް ވިސްނާފައި އެވާހަކަބުނުމުން ވަރަށް ދެކޮޅު ހެދިއެވެ. އިންސާނިއްޔަތަށްޓަކައި ކޮށްދިން ކަމަކަށް ބަދަލެއް ބޭނުން ނޫންކަމަށް ބުނެއެވެ. ނަމަވެސް ތަކުރާރުކޮށް އަޅުގަނޑުކުރި އާދޭސް އޭނާ ޤަބޫލުކުރިއެވެ. ދެމީހުންގެ ކައިވެނިކުރެވުނެވެ. 2 އަހަރުތެރޭ ދަރިއަކުވެސް ލިބުނެވެ. އައިގެ 2 އަހަރުފަހުން 2 ވަނަ ދަރިފުޅުވެސް ލިބުނެވެ. ދިރިއުޅެމުންމިދަނީ ވަރަށް އުފަލުގައެވެ. އަދިވެސް ބުނާނަމެވެ. އެއީ ހަމަ މަންމައެކެވެ. ދައްތައެކެވެ. އަދިހަމަ ވަރަށް ލޯބިވާ އަނބިމީހާއެވެ.
ބައެއް އެކުވެރިން މަޖަލަށް ހަދާފައި އަޅުގަނޑު އުޅެނީ މަންމައާއި ކައިވެނިކޮށްގެން ކަމަށް ބުނެއެވެ. ޖަވާބުގައި ބުނަމެވެ. ޅަކުދިންނާއި އިނދެގެން ކަލޭމެން ތިއައުޅެނީ ސަލާމަތްނުވެވިގެންނެވެ. އަހަރެން މިއުޅެނީ ހިތްހަމަޖެހިގެން ވަރަށް އުފަލުގައެވެ. ފައިދާ ބޮޑީ ކާކަށް ހެއްޔެވެ؟
މިވާހަކަ ކިޔާފައި އަޅުގަނޑަށް ވަރަށް ގިނަ އިޙްޞާޞްތައް ކުރެވުނެވެ. ފުރަތަމަ ކަމަކީ އަމިއްލަ ދަރިފުޅާއިމެދު ބައްޕައަކު ކަންކަންކުރި ގޮތެވެ. ދެވަނަ އަދި އެންމެ މުހިންމު ކަމަކީ އިންސާނިއްޔަތަށްޓަކައި އެ އަންހެން މީހާ އެކޮށްދިން ކަންކަމަށް ﷲ ބަދަލު ދެއްވެވި ގޮތެވެ. ތިންވަނައަށް ބުނެލަން އޮތީ ހަމަ އެ ޒުވާނާ އެބުނި ވާހަކައެވެ. ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ގުޅިފައިވަނީ ވަކިއުމުރަކާއި ނޫންކަމެވެ. ތެދުވެރިލޯބީގައިކަމެވެ. ލޯބީގައި ތެދުވެރިވެވިއްޖެނަމަ މުސްކުޅި ބައިވެރިޔާ ފެންނާނީ ޒުވާނެއްގެ ގޮތުގައިކަމެވެ. އޭނާގެ މުސްކުޅިކަން ހިތަށްވެސް ނުގެނެވޭނެ ކަމެވެ.
އަޅުގަނޑު އުންމީދުކުރަނީ މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ.
- ނާޒިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް