ބައިތުލް މަޤްދިސްގައި މަސްޖިދުލް އަޤްޞާވެއެވެ. އެމިސްކިތުގައި ކުރާ ނަމާދު، 250 ނަމާދާ އެއްފަދަވެގެންވެއެވެ.
عَنْ أَبِي ذَرٍّ رضي الله عنه قَالَ: تَذَاكَرْنَا وَنَحْنُ عِنْدَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، أَيُّمَا أَفْضَلُ، مَسْجِدُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَوْ بَيْتُ الْمَقْدِسِ؟ فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَرْبَعِ صَلَوَاتٍ فِيهِ، وَلَنِعْمَ الْمُصَلَّى هُوَ، وَلَيُوشِكَنَّ أَنْ يَكُونَ لِلرَّجُلِ مِثْلُ سِيَةِ فَرَسِهِ مِنَ الْأَرْضِ، حَيْثُ يَرَى مِنْهُ بَيْتَ الْمَقْدِسِ خَيْرٌ لَهُ مِنَ الدُّنْيَا جَمِيعًا» [رواه الحاكم 4/509 وصححه ووافقه الذهبي والألباني كما في السلسلة الصحيحة في آخر الكلام على حديث رقم: 2902 ]
މާނައީ: އަބޫ ޛައްރު رضي الله عنه ގެ ކިބައިން ރިވާވެގެންވެއްވެ.
”ތިމަންބޭކަލުން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ތިބެގެން ރަސޫލުﷲ صلى الله عليه وسلم ގެ މިސްކިތާއި ބައިތުލް މަޤްދިސްއާ (އެބަހީ: މަސްޖިދުލް އަޤްޞާ ހުރިބިމާ) ދެތަނުން ކުރެ އެންމެ މާތްވެގެންވާނީ ކޮން ތަނެއްކަމާ ބެހޭގޮތުން ވާހަކަދެއްކީމެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ މިސްކިތުގައި ކުރާ އެއް ނަމާދު އެތަނުގައި (އެބަހީ: ބައިތުލް މަޤްދިސްގައި) ކުރާ ހަތަރު ނަމާދަށް ވުރެ ހެޔޮވެގެންވެއެވެ. އަދި ނަމާދުކުރާ ތަނެއްގެ ގޮތުގައި (އެބަހީ: ބައިތުލް މަޤްދިސްއަކީ) ކޮންފަދަ ހެޔޮތަނެއް ހެއްޔެވެ. މީހެއްގެ އަތުގައި އަހުގެ ވާފަށެއް ވަރުގެ ބިންކޮޅެއް އޮވެފައި އެބިންކޮޅުން ބައިތުލް މަޤްދިސް ފެންނާތީވެ، މުޅި ދުނިޔެއަށް ވުރެ އެކަން ހެޔޮކަމުގައި އޭނާދެކޭނެ ދުވަސް އައުން ގާތް ވެއްޖެއެވެ."
މަސްޖިދުއްނަބަވީގައި ކުރާ ނަމާދު އެއްހާސް ނަމާދާ އެއްފަދަވެގެންވެއެވެ. އެހެންކަމުން މަސްޖިދުލް އަޤްޞާގައި ކުރާ ނަމާދު 250 ނަމާދާ އެއްފަދަވެގެންވެއެވެ. މަސްޖިދުލް އަޤްޞާގައި ކުރާނަމާދު 500 ނަމާދާ އެއްފަދަވެގެންވާކަމަށް އައިސްފައިވާ ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ. [ބައްލަވާ: تمام المنة للشيخ الألباني (ص: 292)]
- އަލް އުޚްތު އުންމު ޢަބްދިﷲ
(މިލިޔުމަކީ މާދަމާ (މިމަހުގެ 25) އިން މާރިޗް މަހުގެ 4 އަށް މުޅި ދުނިޔޭގައި ބައިނަލްއަޤްވާމީ އަލް ޤުދުސް ހަފްތާގައި މިއަދުނޫހުން ބައިވެރިވުމުގެ ގޮތުން ޝާއިޢުކުރާނެ ލިޔުންތަކުގެ ތެރެއިން ލިޔުމެކެވެ.)
