ނަމާދު ނުކުރާހައި ހިނދަކު އެއްނަމާދުން އަނެއް ނަމާދަށް ތިބާވަނީ އަލިފާނުގައި ކަމަށް ޙަދީޘްކުރެއްވެވީ ނަމާދުވަގުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަތުމަށް ސަމާލުކަން ދޭންޖެހޭ މިންވަރު ބަޔާންކުރެއްވެވުމަށެވެ.
ހަމަ އެއާއިއެކު ވިސްނާށެވެ. ނަމާދުނުކުރުމާއި ނަމާދުކުރުން ލަސްކުރުމަކީ މީހާގެ އީމާންކަން ކުޑަވެގެންދާ ކަމެކެވެ. ހަމައެފަދައިން ވަގުތު ޖެހުމުން ނަމާދުކުރުމަކީ އީމާންކަން އިތުރުވެ ވަރުގަދަވެގެންދާ ކަމެކެވެ.
ދުނިޔޭގައި ހުންނައިރު ތިމާއަށް އިޙްޞާޞް ނުކުރެވޭ ކަންކަން ހުރެއެވެ. އެއިގެތެރެއިން އެއްކަމަކީ ތިމާގެ ހިތުގައި އިމާންކަން ކުޑަވަމުންދާވަރަކަށް ތިމާގެ ގައިގައި ހުޅުހިފައި އަނދަމުންދާކަމެވެ. އެއަލިފާންގަނޑު ލޮލަށް ނުފެނުނުނަމަވެސް ނަމާދުނުކުރާ މީހުންގެ ގައިގައި އެވަނީ ދުނިޔޭގައި ހުއްޓާވެސް ހުޅުހިފައިފައެވެ. އެމީހުންގެ ލޮލަށް އެއަލިފާން ގަނޑު ނުފެންނަ ފަދައިން ދުނިޔޭގައި ހޫނުވެސް ނުވަނީއެވެ.
އެއްނަމާދުން އަނެއް ނަމާދާއި ދެމެދު މީހާގެ ގައިގައި ހުޅުހިފައި އަނދަމުންދެއެވެ. އެހުޅުގަނޑު ނިއްވައިލެވެނީ ޖެހިގެން އަންނަ ނަމާދުކުރުމުންނެވެ. އެއިގެ އެއް މާނައަކީ ދެނަމާދު ދެމެދުގައި އެމީހާއަށް ކުރެވޭ ފާފަތައް ގިނަވަމުން ދިއުމެވެ. އަދި ނަމާދުކުރާ މީހުންނަށް އެއްނަމާދާއި އަނެއް ނަމާދާއި ދެމެދު ކުރެވޭ ކުދި ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާކަމެވެ.
މިދެއްކި ހުރިހާ ވާހަކަތަކެއްގައިވެސް އިލްތިމާސްކޮށް އާދޭސްމިކުރެވެނީ ހަމަ އެންމެ ކަމަކަށެވެ. އެއީ ފަރުޟު ފަސްނަމާދު ބަރާބަރަށް ކުރަމުން ގެންދިއުމަށެވެ. ނޫންނަމަ އެމިހާއަށް ހޫނު ނުވި ނަމަވެސް އަލިފާންގަނޑު ނުފެނުނު ނަމަވެސް އެމީހާ ދުނިޔޭގައި އުޅެމުން އެގެންދަނީ ގައިގައި ހުޅުހިފާފައިވާ ޙާލުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން