މައިމޫނަތުގެފާނު 2‍ - 4: މާތް ރަސޫލާ ޞޢޥ, ޒިޔާދަށް ހެޔޮދުޢާކޮށްދެއްވެވުމުން އަބަދުވެސް މޫނުފުޅުން އަލިކަމާ ބަރަކާތްތެރިކަން ފެނުނު!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 36ސ
މައިމޫނަތުގެފާނު 2‍ - 4:  މާތް ރަސޫލާ ޞޢޥ, ޒިޔާދަށް ހެޔޮދުޢާކޮށްދެއްވެވުމުން  އަބަދުވެސް މޫނުފުޅުން އަލިކަމާ ބަރަކާތްތެރިކަން ފެނުނު!

ވަފުދުތަކުގެ އަހަރު މަދީނާއަށް އައި ވަފުދުތަކުގެ ތެރޭގައި أمّ المؤمنين  ميمونة رضى اللّـه عنــها  ގެ ވަންހަފުޅުކަމުގައިވާ ހިލާލުވަންހައިގެ ވަފުދުވެސް ހިމެނުނެވެ. އެ ވަފުދުގައި  އެކަމަނާގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތެއްކަމުގައިވާ عزّة بنت الحارث ގެ ދަރިކަލުން  زياد بن عبد اللّـه بن مالك ވެސް މަދީނާއަށް ވަޑައިގެންނެވިއެވެ. زياد މަދީނާއަށް ވަޑައިގެންފައި އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ދެކެވަޑައިގަތުމަށްޓަކައި ميمونة رضى اللّـه عنــها  ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم އޭރު ވަޑައިގެންވީ ބޭރުގައެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެގެކޮޅަށް ވަޑައިގެންނެވިއިރު އެގެކޮޅުގައި ބޭރުމީހަކު އިންދައި ދެކެވަޑައިގެންނެވިއެވެ. އެވަގުތު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މޫނުފުޅުމަތީން ހިތްޕުޅާ ނުވުމުގެ އަސަރު ފާޅުކުރައްވައި އެގެކޮޅުން ނިކުމެވަޑައިގެންނެވިއެވެ. أمّ المؤمنين  ميمونة  އަށް އެކަން އެނގިވަޑައިގެން މާތް ރަސޫލާގެ ގެ އަރިހުގައި ވިދާޅުވިއެވެ. 

[ يا رسول الله އެވެ! މިއީ އަޅުގަނޑަށް ބޮޑުދައިތަކިޔާ ކުއްޖެކެވެ. މީނާގެ މަންމައަކީ އަޅުގަނޑުގެ އުޚުތެކެވެ.]

މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް،  أمّ المؤمنين  ميمونة  ގެ ވާހަކަފުޅު އަޑުއިވިވަޑައިގަތުމުން އެ ގެކޮޅަށް ވަދެވަޑައިގެންނެވިއެވެ. އެއަށްފަހު زياد بن عبد اللّـه بن مالك  އާއެކު އެދުވަހުގެ މެންދުރު ނަމާދަށް ވަޑައިގެންނެވިއެވެ. ނަމާދުފުޅުން އަވަދިވެވަޑައިގެން زياد އަށް ރަޙްމަތާއި ބަރަކާތްލެއްވުން އެދިވަޑައިގެން ހެޔޮދުޢާފުޅު ކޮށްދެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދުޢާފުޅުގެ ބަރަކާތުން زياد ގެ މޫނުފުޅުން އަބަދުވެސް އަލިކަމާއި އުޖާލާކަން ފާޅުވޭވޭ ހުރެއެވެ. ބަނޫ ހިލާލުވަންހައިގެ މީސްތަކުން ބުނެއުޅެއެވެ. [އަހަރެމެންނަށް އަބަދުވެސް زياد ގެ މޫނުފުޅުން އަލިކަމާއި ބަރަކާތްތެރިކަން ފެނެއެވެ.]

{އަލްޙާފިޡު އިބްނު ކަޘީރު، އައްސިއްޔަތުއް ނަބަވިއްޔާ، އިނގިރޭސި އެޑިޝަން} 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން