ޙަޤީޤީ ޙާދިސާ: މަންމައަށް ނުބައި އެއްޗެތި ގޮވާވަރުން ކެތް ނުކުރެވިގެން ކުޑަ ދެދަރިން ބަހެއް ބުނުން ވަގުތުން ގެއިން ނެރެލި 3 މައިންނަށް ލެއްވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ޙަޤީޤީ ޙާދިސާ: މަންމައަށް ނުބައި އެއްޗެތި ގޮވާވަރުން ކެތް ނުކުރެވިގެން ކުޑަ ދެދަރިން ބަހެއް ބުނުން ވަގުތުން ގެއިން ނެރެލި 3 މައިންނަށް ލެއްވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަޅުގަނޑަކީވެސް ވަރަށް ޒުވާން އުމުރުގައި ކައިވެނިކުރި އަންހެނަކީމެވެ. ކައިވެންޏަށް 4 އަހަރު ފުރުނުއިރު އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު ވަނީ ލިބިފައެވެ. ދޮށީ ފިރިހެން ދަރިފުޅެވެ.

ދެދަރިން ލިބުނުފަހުން އަޅުގަނޑަށް ދިރިއުޅެން ޖެހުނީ ވަރަށް ނިކަމެތި ޙާލުގައެވެ. ފިރިމީހާ މުޅިން އެހެން މީހަކަށް ބަދަލުވެއްޖެއެވެ. އޭނާގެ ހުރިހާވެސް ކަމަކީ އަޅުގަނޑަށް އެއްޗެތި ގޮވުމާ ކުށް ދެއްކުމެވެ. އެއިގެ އިތުރުން ހިލޭ އަނހެނުން ގެންގުޅުމަކީ ޢާންމު ކަމަކަށް ވެއްޖެއެވެ. 

ހުރިހާ އެކުވެރިންވެސް އަޅުގަނޑަށް ހިތްވަރުދިނީ ވަކިވުމަށެވެ. ނަމަވެސް އަޅުގަނޑު ކެތްތެރިވީމެވެ. އެއީ ވަރިވުމަށްފަހު ފިރިމީހާ ދަރިންނަށް ޚަރަދުނުކުރާނެކަން އެނގޭތީ އެވެ. ދެދަރިން ގޮވައިގެން އެކަނި އުޅެވޭނެ މަގެއް ފެންނަން ނެތުމުންނެވެ.

އެހެންވެ ރޯލަރޯލަ ހުއްޓައި ފިރިހެން ދަރިފުޅަށް 10 ވަނަ އަހަރު އެއްރޭ ފިރިމީހާ ގެއަށް އައިސް އަޅުގަނޑަށް ހަޑިހުތުރު އެއްޗެތި ގޮވަން ފަށައި އަދި މާމައްޗަށް ކަންކަން ދިއުމުން ފިރިހެން ދަރިފުޅު އަޅުގަނޑުގެ ދިފާއުގައި ބައްޕައާއި ކުރިމަތިލިއެވެ. ބުންޏެވެ! "ބައްޕާއެވެ. އުމުރުން 10 އަހަރުފުރެންވީއިރުވެސް ބައްޕަގެ ކިބައިން ތިއަ ނޫން ބަސްތަކެއްގެ އަޑެއް ނުއިވެއެވެ. ބައްޕަ ހީކުރަނީ ސަލާންޖެހީމާ އަޅުގަނޑުމެންނަށް ކާއެތިކޮޅެއް ނުލިބޭނެ ކަމަށް ހެއްޔެވެ؟ މަންމަ އާ އަހަރެމެންގެ ހިތަކަށް އޮތީ ދަގަނޑުބުރިއެއް ކަމަށް ހެއްޔެވެ؟ ބައްޕަގެ ބަހުރުވަ ތިއަހުރީ ހައްދުފަހަނައަޅައިފައެވެ. މަންމައަށް ރަޙުމްކުރާށެވެ! ނޫނީ އަހަރެމެން މިގެއިން ފޮނުވައިލާށެވެ! ތިއަ ބުނާ ނުބައި ބަސްތަކުން އަހަރެމެންގެ ކަންފަތްތައް ސަލާމަތްކޮށްދޭށެވެ!" 

އެހެންބުނާއިރަށް އަމިއްލަ ދަރިފުޅާއި ދިމާއަށް ނުގޮވާ ނުބައި އެއްޗެއް ނެތެވެ. އެހިސާބުން އަންހެން ދަރިފުޅުވެސް ކުރިމަތިލައިފިއެވެ. "ބައްޕާއެވެ! ދޮންބެ އެބުނަނީ ތެދެކެވެ. ދޮންބެ އެބުނި އެއްޗެއް އެބުނީ ދެބެއިންގެ މަތިންނެވެ. ބައްޕައާ ކުރިމަތިލާން އަހަރެމެން ވިސްނާތާ ކިތަންމެ ދުވަހެކެވެ. އަހަރެމެން މާމަގެއަށް ފޮނުވާލާށެވެ! އެއިރުން ބައްޕައަކަށް މަންމައަށް ތިއަގޮތަށް އެއްޗެތި ކިޔާކަށް ނުޖެހޭނެއެވެ." 

ދަންނަވަންތޯއެވެ؟ އެވަރުންވެސް އޭނާއަކަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. ހިތަށް ރަޙުމް ވަނުމުގެ ބަދަލުގައި 3 މައިން ވަގުތުން ގެއިން ނެރެލީއެވެ. ވަރިވެސް ކުރީއެވެ. ހަމަ ތެދެކެވެ. ގެއަށް ދިއަ ޓެކްސީއަށް އަގުދިނީވެސް ދަރިން އެއްކޮށްފައިހުރި ވަކިލާރިންނެވެ. 

ޓެކްސީގައި ތިބި އިރުވެސް 3 މައިންނަށްވެސް ރޮވުނެވެ. އެހެންވެ ޑްރައިވަރަށްވެސް ކޮންމެވެސް ކަމެއް ވެގެން އުޅޭކަން ވިސްނުނެވެ. އެހެންވެ ވަކިލާރިން އަގުދިނީމާ އަޅުގަނޑު އެއްފަރާތަކަށް ޖައްސައިލިއެވެ. އަތަށް 500 ރުފިޔާދީފައި ބުންޏެވެ. "ތިއައީ އަހަރެންގެ ފަރާތުން 3 މައިންނަށް ޞަދަޤާތެކެވެ!" އެހެން ބުނެފައި އޭނާ ދިއައީއެވެ. ހިފަން ބޭނުންނުވި ނަމަވެސް ނުހިފާ އަޅުގަނޑުކުރާނީ ކީއްތޯއެވެ؟ އަތުގަ އެންމެ ރުފިޔާއެއްވެސް އޮތީއެއް ނޫނެވެ. މިއާދެވުނީ މުސްކުޅި މަންމަގެ ގާތަށެވެ. މަންމައަކީވެސް ހަމަކިރިޔަކިރިޔާ އުޅެވޭ މީހެކެވެ. 

ކޮންމެއަކަސް މަންމަ އަޅުގަނޑުމެންނަށް މަރުޙަބާ ކިޔެވެ. ނިދާނެ ކޮޓަރިއެއްވެސް ދިނެވެ. އެހިސާބުން މަންމަ ގާތު ދިރިއުޅެން ފެށީއެވެ. ކޮންމެ ރެއަކު 3 މައިން ފަތިސްވުމުގެ ކުރިން ހޭލަމުއެވެ. އެކުގައި ނަމާދުކުރަމުއެވެ. ފިރިހެން ދަރިފުޅު އިމާމަކަށް ލައިގެންނެވެ. ނަމާދު ނިމިގެން 3 މައިންވެސް ﷲ ގެ ރަޙްމަތަށް އެދި ދުޢާކުރަމެވެ. 

އަޅުގަނޑަށް އެހާލުޖެހުނުކަން އެނގުމުން ބޭބެމެން އަޅުގަނޑު ކުށްވެރިކުރިއެވެ. އެއީ އެހައި ގިނަ ދުވަސްވަންދެން އަނިޔާ ލިބެން ހިތްދަތިކަމުގަ އިނީތީއެވެ. ދެބޭބެވެސް ވަރަށް ރަނގަޅެވެ. އަޅުގަނޑާއި ދެދަރިންގެ ކަންކަން ކޮށްދިނެވެ. އަމިއްލަ ދެ ދަރިން ފަދައިން ބެލެހެއްޓިއެވެ. 

ގެއަށް އައިތާ ފަސްވަނަ މަހު ދޮށީ ބޭބެ އެއީ ވަރަށް ރަނގަޅު ހެޔޮލަފާ މީހަކު ކަމަށް ބުނެ ދެއްކި މީހަކާ ކައިވެނިކުރީމެވެ. އޭނާއަކީވެސް 2 ދަރިން ތިބި އަނބިމީހާ ނިޔާވެައިވާ މީހެކެވެ. ހަމަ ޙަޤީޤަތުގައިވެސް އޭނާވީ ވަރަށް ހެޔޮލަފާ މީހެކެވެ. ދެވަނަ ކައިވެންޏަށް 12 އަހަރުވީއެވެ. ދުވަހަކުވެސް ހިތްހަމަނުޖެހިގެން ބަހެއްވެސް ނުބުނެއެވެ. އެއްވެސް ކަމެއް ކުރަން ވެސް ނުކުރަންވެސް އަމުރެއް ނުކުރެއެވެ. ކަމަކަށް ބޭނުންވި ނަމަވެސް ބުނާނީ މިވެނިކަމެއް ކޮށްލައިދެވިދާނެތޯއެވެ. 

އަޅުގަނޑަށް ކުރެވުނު އިޙްޞާޞްތައް ބަޔާންކުރަން ބުނާނަމަ ބުނަންޖެހޭނީ ހީވަނީ ބިރުވެރި ޖަންގައްޔަކުން އަމާން މަންޒިލަކަށް ދެވުނީހެންނެވެ. އަބަދު ރޮއި ހިތާމަކުރަމުން އައި މީހަކަށް އަބަދު އުފަލުގައި ހުންނަން ލިބުނީހެންނެވެ. ދަރިންނަށްވެސް އެހައި ރަނގަޅެވެ. ގޭގައި އުޅޭ ވަގުތެއް ނަމަ މިސްކިތަށް ދާނީވެސް އޭނާގެ ފިރިހެންދަރިފުޅާއި އަޅުގަނޑުގެ ދަރިފުޅުވެސް ގޮވައިގެންނެވެ. ކާނީވެސް ސައިބޯނީވެސް އެންމެން އެކުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ދިރިއުޅުމުގައި ތެދުވެރިވާށެވެ! ﷲ އަސް ތެދުވެރިވެ ﷲ ގެ ހަޟްރަތުން ވާގިއެދޭނަމަ ލައްވަވާނެ ރަޙްމަތް ނުވެސް އެނގޭނެއެވެ! މުހިންމީ ފިރިމީހާއަކީ ކާކުކަމެއް ނޫނެވެ! ފިރިމީހާގެ ހެޔޮކަމެވެ. ވަފާތެރިކަމެވެ.  

- އަނީސާ / މއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން