މުސްލިމް އަޚުންނޭވެ! މުސްލިމުންގެ އެއްބައިވަންތަކަމާއި، އެކުވެރިކަން ނެތުމުގެ ސަބަބުން، މިއަދު ފެންނަމުންދަނީ ޔަހޫދީންގެ ޙީލަތްތެރިކަމުން، ދުނިޔޭގެ އެތަންމިތާނގައި އުޅޭ ޔަހޫދީން ފަލަސްޠީނުގެ ބިމަށް ގެންގޮސް ވަޒަންވެރިކުރުވާތަނެވެ. އަދި ހުޅަނގުގެ ޤައުމުތަކުގެ އެހީގައި، ހަތިޔާރާއި ތަމްރީނު ހޯދައި، ޔަހޫދީން ފަލަސްޠީނުގެ ބިމަށް އެއްކުރާތަނެވެ. ފަލަސްޠީނުގެ މީހުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ، ނަސްލު ނައްތައިލުމުގެ ހަނގުރާމައެކެވެ. ތަފާތު ސިފަސިފައިގައި، އެމީހުން މިހަނގުރާމަ އެބަކުރެއެވެ. މީގެ ތެރޭގައި ނަމާދަށް ނުދެވޭ ގޮތަށް، ފަލަސްޠީނުގެ މިސްކިތްތައް ޙިސާރުކުރުމާއި، އެމީހުން ބަނޑަށް ޖައްސައި، ކަނު އަނދިރީގައި ބައިތިއްބުމާއި، ސާފު ބޯފެނުން މަޙްރޫމުކުރުމާއި، ފާޚާނާކުރެވޭނެ ވަސީލަތްތައް ހަލާކުކޮށް މުވާސަލާތީ ވަސީލަތްތަކާއި އަސާސީ ޚިދުމަތްތަކުން މަޙްރޫމު ކުރުމާއި ޖަމާޢީ އަދަބުތައް ތަންފީޒުކުރުން ހިމެނެއެވެ.
މުސްލިމް އަޚުންނޭވެ! އިސްރާއީލުންވަނީ މުސްލިމުން އަލްމަސްޖިދުލް އަޤްޞާއަށް ވަނުމަށް ވަކި ވަގުތުތަކެއް ކަނޑައަޅައި، ޙައްދުފަހަނަޅާފައިވާ ޔަހޫދީ ޖަމާޢާތްތަކަށް ބޭނުން އިރަކު، މި މިސްކިތަށް ވަދެ، އެތާނގައި އަޅުކަން ކުރުމުގެ ހުއްދަ ދީފައެވެ. އިސްރާއީލުން ދަނީ، ހިފާފައިވާ ޤުދުސްގެ މުޤައްދަސް ތަންތަނުގެ ޙުރުމަތް ކަނޑައި، އެ ތަންތާނގެ އިސްލާމީ ވަންތަ މަލަތައް ފުހެލުމަށް މަސައްކަތް ކުރަމުންނެވެ. މުސްލިމުން އަލްމަސްޖިދުލް އަޤްޞާއަށް ވަންނައިރު، ބަލައި ފާސްކުރުމަށްޓަކައި، ކެމެރާތަކާއި އިލެކްޓްރޯނިކް ދޮރާށިތައް ވަނީ ބަހައްޓާފައެވެ.
ބައިނަލް އަޤްވާމީ ހުރިހާ ޤަރާރުތަކެއް ބުނާ ގޮތުގައި، މުސްލިމުންނަށް އަލްމަސްޖިދުލްއަޤްޞާ އަށް ބޭނުން ވަގުތަކު ވަދެވެން ޖެހޭނެއެވެ. ޔަހޫދީންނަށް އަލްމަސްޖިދުލްއަޤްޞާއަށް ބޭނުން ވަގުތަކު ވަދެވެން ޖެހޭނެއެވެ. ޔަހޫދީންނަށް އަލްމަސްޖިދުލްއަޤްޞާގެ ބައެއް ސަރަޙައްދުތަކަށް ވަނުމުގެ ހުއްދަ އޮތަސް، އެ ތަންތާނގައި ޔަހޫދީންނަށް އެމީހުންގެ ދީނީ އެއްވެސް ޝިޢާރެއް ފާޅެއް ނުކުރެވޭނެއެވެ. ޤުދުސުގެ ރައްޔިތުން، މިކަންކަމާ ދެކޮޅުހަދައި، އިޙްތިޖާޖު ކުރަން ފެށުމުން އިސްރާއީލު ސިފައިން ދަނީ އެ މީހުންނާ ދެކޮޅަށް ހަރުކަށި ބާރު ބޭނުން ކުރަމުންނެވެ. މިކަމުގެ ސަބަބުން، ފަލަސްޠީނުގެ އެތައް ބަޔަކު ވަނީ، ޝަހީދުވެފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމުވެފައެވެ. މި ނުރައްކާތެރި ޙާލަތުން އަލްމަސްޖިދުއްލްއަޤްޞާ އާއި ފަލަސްޠީނު ސަލާމަތް ކުރައްވައި، މިނިވަން ދައުލަތެއް ކަމުގައި މާތް ﷲ ލައްވާށިއެވެ! އަދި ފަލަސްޠީނުގެ ރައްޔިތުން އެތިބި ނިކަމެތި ޙާލުން ސަލާމަތްކޮށް ދެއްވާނދޭވެ! އަލްމަސްޖިދުލް އަޤްޞާ މިނިވަން ކުރައްވައި މަރުވުމުގެ ކުރިން މަސްޖިދުލް އަޤްޞާގައި ނަމާދު ކުރުމުގެ ތައުފީޤު އަޅަމެންނަށް މިންވަރު ކުރައްވާށިއެވެ! (އާމީން)
---މިއަދުގެ ޚުޠުބާއިން