ޙައްޖަތުލް ވަދާޢުގައި ބައިވެރިވެވަޑައިގެންނެވުން:
މާތް ރަސޫލާ صلّى اللّـه عليه وسلّم ހިޖުރައިން ދިހަވަނަ އަހަރު ޙައްޖުވެވަޑައި ގެންނެވުމަށަޓަކައި މައްކާއަށް ވަޑައިގެންނެވިއެވެ. އިސްލާމީ ތާރީޚުގައި އެ ޙައްޖު މަޝްހޫރުވެފައި ވަނީ ޙައްޖަތުލް ވަދާޢުގެ ނަމުންނެވެ. އެދަތުރުފުޅުގައި މުސްލިމުންގެ ތެރެއިން އެތައްހާސް ބޭކައުކަނބަލުންނެއް ބައިވެރިވެވަޑައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނާއެކު أمّ المؤمنين ميمونة رضى اللّـه عنــها ވެސް އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ޙައްޖުގެ ޢަރަފާތް ދުވަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ހުންނެވީ ރޯދަފުޅަށްތޯ ނުވަތަ ނޫންތޯ މިކަމާމެދު މީސްތަކުންގެ މެދުގައި ޚިޔާލު ތަފާތުވުމެއް ހިނގިއެވެ. ބައެއް ޞަޙާބީ ބޭކަލުން ވިދާޅުވަމުން ގެންދެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ހުންނެވީ ރޯދަފުޅަށް ކަމުގައެވެ. އަނެއްބައި ބޭކަލުން ވިދާޅުވަމުން ގެންދެވީ އެކަލޭގެފާނު ރޯދަފުޅެއް ނޫންކަމުގައެވެ.
މީސްތަކުންގެ މިވާހަކަތައް أمّ المؤمنين ميمونة رضى اللّـه عنــها އަށް އެނގިވަޑައިގެންނެވުމުން އިތުރު އެކަލޭގެފާނަށް އެކަމަނާ ކިރުތަށި ކޮޅެއް ފޮނުއްވިއެވެ. އެހިނދު އެކަލޭގެފާނު މީސްތަކުންނަށް ފެންނާނެހެން ހުންނަވައިގެން އެ ކިރުތަށި ކޮޅު ހިއްޕެވިއެވެ.
{صحيح البخاري،كتاب الصوم،باب صَوْمِ يَوْمِ عَرَفَةَ، ޙަދީޘް 1989}
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މި ޢަމަލުފުޅުން ޢަރަފާތްދުވަހު ޙައްޖުވެރިން ރޯދަޔަށް ނުތިބި ކަމުގައި ވިޔަސް، އެހެން މީސްތަކުން ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެއްކަން ހާމަވެގެން ދިޔައެވެ.
ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ޙައްޖަތުލް ވަދާޢުން އެނބުރި ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަލޭގެފާނަށް ސުވަރުގެވަޑައިގެންވުމުގެ އާލާސްކަންފުޅު ފެށިއްޖެއެވެ. أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــها އާއި أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها ގެ އަރިހުން ރިވާވެފައިވާ ގޮތުގައި ރަސޫލާ صلّى اللّـه عليه وسلّم ގެ އާލާސްކަންފުޅު ފެށުނީ އެކަލޭގެފާނު أمّ المؤمنين السّيّدة ميمونة رضى اللّـه عنــها ގެ ގެކޮޅުގައި ހުންނަވިކޮށެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅު ބޮޑުވުމުން އެހެން އަނބިއަނބިކަނބަލުންގެ އިޒުނަފުޅާއެކު أمّ المؤمنين السّيّدة عائشة رضى اللّـه عنــها ގެ ކޮޓަރިކޮޅަށް ވަޑައިގެންނެވިއެވެ. ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހު އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވީ އެކޮޓަރި ކޮޅުގައި އޮންނަވަނިކޮށެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް