އަޅުގަނޑުގެ މަންމަ އަކީ ވަރަށް މުރާލި އަންހެނެކެވެ. އަޅުގަނޑުމެން 3 ބެއިންގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓައިދެއެވެ. ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއެވެ. ބައްޕައަށް ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދެއެވެ. އަދި އެހުރިހާ ކަމެއް ކުރަމުން އަޅުގަނޑުމެންނާއިއެކު ކުޅެ މަޖާކުރަންވެސް ވަގުތު ދެއެވެ.
ރޭގަނޑު އަޅުގަނޑުމެންނަށް ކާންދީ ނިންދަވަން ބެއިތިއްބުމަށްފަހު މަންމަ ފެންވަރާނެއެވެ. ވަރަށް ރީތިވާނެއެވެ. އެއީ ބައްޕަ ގެއަށް އަންނަންވާއިރަށެވެ. ނަމަވެސް ބައްޕަ ގެއަށް އަންނާނީ ވަރަށް ދަންވާފަހުންނެވެ. އިރާކޮޅު ގެއިން ބައްޕަ ފެނުނު ހަނދާނެއްވެސް ނެތެވެ.
މަންމަ ބުނަނީ ބައްޕަ މަސައްކަތުގައި އުޅެނީ ކަމަށެވެ. އެހެންވެ އަހަރެމެންވެސް އަޅައެއް ނުލަމެވެ. އެހެން އުޅެނިކޮށް އުމުރުން 15 އަހަރުވާން ކައިރިވެފައި ހުއްޓާ ބައްޕަ ގެއަށް ނައިސް ރޭގަނޑުކުރާ މަސައްކަތް އެނގިއްޖެއެވެ.
އެކަންވީ ގޮތަކީ ކްލާސް ކުއްޖެއްގެ މަންމަ އާއިއެކު ބޭރުގައި އުޅޭތަން ފެނުނީއެވެ. ދެން އަޅުގަނޑު އެކުއްޖާ ގާތުގައި ކަލޭގެ މަންމަ ރޭގަނޑު ބޭރުގައި އެއުޅެނީ ކަލޭގެ ބައްޕަ އާއިއެކުގައިތޯ ސުވާލުކުރީއެވެ. އެކުއްޖާ ކިޔައިދިނެވެ. "ނޫނެކެވެ. އަހަރެންގެ ބައްޕަ ވަނީ އަހަރެމެން ދޫކޮށްލާފައި މާކުރިން ގޮސްފައެވެ. މަންމަ ރޭގަނޑު އެއުޅެނީ މަންމަގެ މިހާރުގެ ލޯބިވެރިޔާ އާއިއެކުގައެވެ. އެދެމީހުން އެހެން އެކުގައި އުޅޭތާ އެތައް އަހަރެއް ވެދާނެއެވެ."
މިވާހަކަ މަންމަގެ ގާތު ބުނަން ބޭނުންވިއެވެ. ނަމަވެސް ބުނެފިއްޔާ މަންމަ ދެރަވާނެވަރު ހިތަށް އެރުމުން ބުނާކަށް ނުކެރުނެވެ. ނަމަވެސް މިކަން ހިތުތެރޭގައި ބާއްވައިގެން ހުންނަން ވަރަށް އުނދަގޫވިއެވެ. އެހެނަސް އެއްވެސް މީހަކު ގާތު އެވާހަކަ ދައްކަން ބިރުގަންނާތީ ހެދިގޮތަކީ ބިރުކަނޑާލާފައި އިސްލާމް މުދައްރިސަށް އެވާހަަކތައް ކިޔައިދިނީމެވެ. ނަމަވެސް އަޅުގަނޑުގެ ބައްޕަކަން ސިއްރުކުރީމެވެ.
މުދައްރިސް ބުނުއްވިއެވެ. "ބައްޕަ ލަދުނުގަންނާނެ ގޮތަކަށް ބައްޕަ ގާތު ތިއަވާހަކަ ދައްކާށެވެ. މަންމަގެ ރަނގަޅުކަމާ ބައްޕަ އެހެން އުޅޭކަން އެނގުނީމާ މަންމަ ވާނެ ދެރަވެސް ކިޔައިދޭށެވެ. އަދި ދަރިންނަސް ކުރާނެ އަސަރުވެސް ކިޔައިދޭށެވެ. އަދި އެފަދަ ކަންކަން ނުކޮށް ޢާއިލާއާއިއެކު އުޅެދޭތޯ ބައްޕައަށް އާދޭސްކުރާށެވެ!"
މުދައްރިސް އެގޮތަސް ބުނުއްވީމާ އަޅުގަނޑު އިސްތީޚާރާވެސް ކުރީމެވެ. ވިސްނުނީ ހަަމަ މުދައްރިސް ބުނެދެއްވި ގޮތަށް ކަންކަން ކުރާށެވެ! އެހެންވެ އެއްދުވަހަކު ދެބަފައިން އެކަނިވި ވަގުތަކު އަޅުގަނޑު ބައްޕަގާތުން 10 ވަރަކަށް މިނިޓަށް އެދުމުން ބައްޕަ ވަގުތު ދިނުމުން ބުނީމެވެ. "ބައްޕާއެވެ. ސުވާލެއް ކޮށްލަން ހެއްޔެވެ؟ ބައްޕަ ނިކަން ބުނެބަލާށެވެ. ބައްޕަ އެ އަންހެން މީހާދެކެ ލޯބިވެގެން ތިއައުޅެނީ އޭނާ މަންމައަށްވުރެ ހަމަ ރީތިވީމާ ހެއްޔެވެ؟ ނޫނީ މަންމައަށްވުރެ ބައްޕައަށް ހެވީހެއްޔެވެ؟ މަންމަގެ ކިބައިން ކަމުނުދަނީ ކޮންކަމެއް ހެއްޔެވެ؟ ނިކަން ބުނެބަލާށެވެ! އެއިރުން އަޅުގަނޑު މަންމައާއި ވާހަކަ ދައްކާނަމެވެ." އެހެން ބުނެފައި މުދައްރިސް ބުނުއްވި ގޮތަށް ހުރިހާ ވާހަކަތަކެއް ދެއްކީމެވެ.
ބައްޕަގެ ޖަވާބު ވަރަށް ކުރެވެ. "ދަރިފުޅުމެންގެ މަންމަވަރުގެ އަންތބަކު ފިރިއަކަށް ނުވެސް ލިބޭނެއެވެ. ދަރިފުޅު ތިއަ ވިސްނައިދިނީ ވަރަށް ގިނަ ކަންކަމެވެ. ދަރިފުޅަށް އިނާމެއްވެސް ދޭނަމެވެ. ބައްޕަގެ ޖަވާބު ޢަމަލުން ދައްކާނަމެވެ. ބައްޕައަށް މާފުކުރާށެވެ! ތިއަ ވާހަކަ މަންމަ ގާތު ނުބުނެ ބައްޕަ ގާތު ދެއްކީތީ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ."
ދަންނަވަންތޯއެވެ! އަނެއް ރޭ ވީ ވަރަށް ޚާއްޞަ ރެއަކަށެވެ. ބައްޕަ އަހަރެމެން އެންމެން ގޮވައިގެން ކާންދިއައީ ބޭރަށެވެ. ކައިގެން އައިސް ބޭރަކަށް ނުދެއެވެ. ޖެހިގެން އައިދުވަހުން ފެށިގެން އޮފީހުން އައިސް އުޅެނީ ގޭގައެވެ. ނަމާދަށް މިސްކިތަށް ނޫން ތަނަކަށް ނުދެއެވެ.
ޢިޝާ ނަމާދުން ފައިބައިގެން އައިސް އެންމެން އެކުގައި ކައިގެން އިރުކޮޅަކު މަޖާކޮށްލަންތިބެފައި ގޭގެ ބޮކިތައް ނިއްވާލާފައި އަހަރެމެން އަހަރެމެންގެ ކޮޓަރިއަށް ވަދެ ނިދަނީއެވެ. ބައްޕަމެންވެސް ނިދަނީއެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. ބައްޕަގެ އުޅުން އެގޮތަށް ބަދަލުވެ 3 މަސްވީތަނާ ބައްޕައަށް އެހެން ކުންފުންޏަކުން ވަރަށް ރަނގަޅު މަޤާމެއް ލިބުނެވެ. މުސާރަވެސް މާބޮޑެވެ. ޢާއިލާއަށް ހީވީ ބޮޑު ޢީދެއް އައިހެންނެވެ.
މިއީ އަޅުގަނޑު ކުޑައިރު ކުރި ތަޖުރިބާއެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރަނީ ފައިދާއެއް ކުރާނެ ކަމަށެވެ. ދަރިންނަށްވެސް މައިންނަށްވެސް އަދި ބައްޕައިންނަށްވެސް ޢިބްރަތަކަށް ވާނެ ކަމަށެވެ!
- ފަހީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް