ޙަޤީޤީ ޙާދިސާ: ދަރިންގެ ލޯބި ނުލިބޭ މައިންނަށް ވަރަށް ޢިބްރަތްތެރިވާހަކައެއް! ދަރިން ޒިންމާ އުފުލާނަމަ އަބަދު ބޮސްހެދިގެން ހުރިހާ ކަމަކާ ނުބެހޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ޙަޤީޤީ ޙާދިސާ: ދަރިންގެ ލޯބި ނުލިބޭ މައިންނަށް ވަރަށް ޢިބްރަތްތެރިވާހަކައެއް! ދަރިން ޒިންމާ އުފުލާނަމަ އަބަދު ބޮސްހެދިގެން ހުރިހާ ކަމަކާ ނުބެހޭށެވެ!

އަޅުގަނޑުގެ މަންމަ އަކީ ވަރަށް ހަރުދަނާ މަންމައެކެވެ. ކަންކަން ޤަވާއިދުން ކުރުމަކީ މަންމަގެ ވަރަށް ބޮޑު އާދައެކެވެ. ވީހާ ޚަރަދުކުޑަކޮށް ކަންކަން ކުރުމާއި ގޭތެރޭގެ ސާފުތާހިރުކަން ބެލެހެއްޓުމަކީ މަންމަ އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަންކަމެވެ. 

މަންމަގެ އޮންނަނީ އެންމެ މައްސަލައެކެވެ. އެއީ ބަސްބުނާ ޢިބާރާތެވެ! ބަސްތަކުގައި ހުންނަ އަމުރުވެރިކަމެވެ. މަންމަގެ ދަރިން ތިބެނީ މަންމަގެ އެކަންކަމަށް ވަރަށް ބޮޑަށް ހޭނިފައެވެ. އެހެންކަމުން މަންމަ ކޮންމެ އެއްޗެއް ބުނި ނަމަވެސް އެއްވެސް ކުއްޖަކު އަޅައެއް ނުލާނެއެވެ. އެއީ މަންމަގެ ގޮތްކަން އެނގޭތީއެވެ. 

އަޅުގަނޑު ބޮޑުވެ ކައިވެނިކުރުމަށްފަހު ބޭނުންވީ ވަކިން ދިރިއުޅޭށެވެ. ނަމަވެސް އެކަމަކަށް މަންމަ ނުރުހުނެވެ. މަންމަ ބޭނުންވީ ގެއަށް ގެންނާށެވެ. އެހެންވެ އަޅުގަނޑު ފުރަތަމަވެސް ބުނީމެވެ. "މަންމާއެވެ. އެއީ ވަރަށް އަހާ ކުއްޖެކެވެ. އުޅުންވެސް ހުރި ކުއްޖެކެވެ. ނަމަވެސް މަންމަގެ ތިއަ ބަހުރުވައަށް ކެތްނުކުރެވިދާނެއެވެ. ވީމާ ބޭބެ އާއި ދައްތަ ކައިވެނިކޮށްގެން ގެއަށް ގެނައުމުން ޖެހުނު މައްސަލަތައް ޖެހޭކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ."

ކޮންމެއަކަސް މަންމަ ބޭނުންވި ގޮތަށް އަޅުގަނޑުވެސް ކަންތައްކުރީމެވެ. ކައިވެނިކޮށްގެން އަނބިމީހާ ގެނައީ ގެއަށެވެ. ނަމަވެސް މަންމައަކަށް މަންމަގެ ބަސްމަގު ބަދަލެއް ނުކުރެވުނެވެ. މަންމައަކީ އިންތިހާއަށް ހެޔޮ މަންމައެކެވެ. ނަމަވެސް ބުނެވޭ ބަސްތަކުގެ ސަބަބުން މަންމަގެ ހުރިހާ ރަނގަޅުކަމެއް ދަނީ ގެއްލިގެންނެވެ. 

މަންމަގެ އެކަންކަމަށް ކެތް ނުކުރެވިގެން އަނބިމީހާ ބޭނުންވީ ވަކިން ދިރިއުޅޭށެވެ. ނޫންނަމަ އޭނާގެ ގެއަށް ބަދަލުވާށެވެ. ނޫންނަމަ ވަރިވާށެވެ. 3 ގޮތުންކުރެ އެއްގޮތެކެވެ. އަޅުގަނޑު އިޚްތިޔާރުކުރީ ކުލިދައްކަން ޖެހުނު ނަމަވެސް ވަކިން ދިރިއުޅޭށެވެ. އަނބިމީހާ އެގޮތް ޤަބޫލުކުރިއެވެ. އެހިސާބުން ވަކިން ދިރިއުޅެން ފެށީއެވެ. 

ކައިވެންޏަށް ދެވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅު ލިބުމުން ދަރިފުޅު ދެކެލަން މަންމަ އައެވެ. އަދި ބޭނުންވީ އެހިސާބުން އަޅުގަނޑުމެންނާއިއެކު ދިރިއުޅޭށެވެ. އަޅުގަނޑު ބުނީމެވެ. "ތިއައީ އަޅުގަނޑުގެ ލޯބިވާ މަންމައެވެ. މަންމަ ބޭނުންނަމަ މިގޭގައި އިނދެވޭނެއެވެ. ނަމަވެސް އެނެމެހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިގޭގެ ވެރިއަކީ މަންމައެއް ނޫނެވެ. ވެރިއަކީ އަނބިމީހާއެވެ. މަންމަ ބޭނުންވުމުން ދަރިފުޅާއިއެކު ބޭނުންވަރަކަށް ވަގުތު ހޭދަކުރާށެވެ. ގޭތެރޭގައިވެސް އުޅޭށެވެ. ނަމަވެސް މިހާރު ގޭތެރޭގެ ހުރިހާ ކަމަކާއިބެހުމަށްވުރެ މަންމައަށް ފައިދާކުރާނީ ވީހާގިނަ ވަގުތު އަޅުކަމުގަ ހޭދަކުރިއްޔާއެވެ." 

މަންމަ އެގޮތްވެސް ޤަބޫލުކޮށްގެން އަޅުގަނޑުމެންނާއިއެކު ދިރިއުޅެން ފެށިއެވެ. ސަބަބަކީ އަޅުގަނޑުގެ އަނބިމީހާ ހުރިހާ ކުދިންނަށްވުރެ މަންމައަށް ހެޔޮކަމެވެ. އަޅުގަނޑު ބުނި ގޮތަށް މަންމަ ކަންކަން ކުރާތީ އަބަދުވެސް މަންމަ އިންނަނީ ހަމައުފަލުން ފޮޅިގެންނެވެ. މަންމައަށް އަބަދުވެސް ދިއައީ އަޅުގަނޑުމެން ދެމަފިރިންގެ ލޯބިލިބެމުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ، ޚާއްޞަކޮށް އަޅުގަނޑުގެ މަންމަ ފަދަ މައިންނަށް ބުނެލަން އޮތީ ދަރިންނަކީ ދަރިން ކަމަށްވުމުން މަންމަކުރާ ހުރިހާ ކަމަކަށް ކެތްތެރިވެދާނެއެވެ. އެހެނަސް މިހާރު ގިނަވާނީ އަމިއްލަ ދަރިންނަމަވެސް ކެތްތެރި ނުވާނެ ދަރިންނެވެ. ވީމާ ދަރިން ބޮޑެތިވެ ކައިވެނިކުރުމުން އެންމެ ރަނގަޅު ގޮތަކީ ގޭތެރޭގެ ކަންކަމުން މަންމަ ރިޓަޔާކުރުމެވެ. ޚާޢްޞަކޮށް ބަސްމަގު ރިވެތިކޮށް ލޯބިން ވާހަކަދެއްކުމެވެ. ލޯބި ލިބޭނީ ލޯބިދީގެންކަން ޤަބޫލުކުރުމުންނެވެ. އިބްލާޙްކުރަން ހުންނަ ކަންކަން ބުނެދޭށެވެ. ނަމަވެސް ވަރަށް ލޯބިންނެވެ. ދަރިންގެ ހިތުގައި ނުޖެހޭނެ ގޮތަށެވެ. މަންމަ ދެކެ ދަރިން ލޯބިވާނީ އެއިރުންނެވެ. 

އަދިވެސް ދަންނަވަމެވެ. ގޭގައި އުޅުނުއިރު މަންމަ އަބަދުހެން ކުރާ އެއްކަމަކީ އަޅުގަނޑުގެ އަނބިމިހާގެ ކުށް ދެއްކުމެވެ. ނަމަވެސް އަޅުގަނޑު އުޅެންފެށުމާއިއެކު އެންމެ ގިނައިން ދައްކަނީ އަޅުގަނޑުގެ އަނބިމީހާގެ ރަނގަޅުކަމާ އުޅުންހުރި ކަމުގެ ވާހަކައެވެ. އޭނާދެކެ ވަރަށް ބޮޑަށް ލޯބިވާ ވާހަކައެވެ. އޭނާގެ ހިތުގަ ނުޖައްސަން އަބަދުހެން ނަބޭޙަތްދެއެވެ! 

- އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން