ނަމާދުކުރާ ބައެއް މީހުން އެމީހުންގެ ނިތްކުރީގައި ލަފެއް ނުވަތަ ކުރަލުމުން ފުހެލަން ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ. ޚާއްޞަކޮށް ބައެއް ކަނބަލުންނަށް އެކަން ވަނީ ލަދުގަންނަ ކަމަކަށެވެ. ވީމާ ވިސްނައިލާށެވެ!
މުސްލިމަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ ސަޖިދަކުރުމުން ނިތްކުރީގައި ލަފެއް ލުމެވެ. އެހެނީ ކުރެވިފައިވާ ފާފައެއްގެ ސަބަބުން ﷲ ތައާލާ ކަނޑައަޅުއްވަވާ މުދަތަކަށް ނަރަކައަށް ވަންނަން ޖެހުނު ނަމަވެސް އެ ލަފުގައި އަލިފާން ނުހިފާނެތީއެވެ. އަދި ނަރަކައިން މީހުން ނެރުއްވަވަން ވަޑައިގަންނަވާ މަލާއިކަތުންނަށް މުސްލިމުން ވަކިކޮށްދޭ ފާހަގައަކަށްވެސް އެ ކުރަގަނޑުވެގެންދާތީއެވެ.
" މުޙައްމަދުގެފާނީ، ﷲ ގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބައެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި ރަޙްމަތްތެރިބައެކެވެ. ﷲގެ ޙަޟްރަތުން ފަޟުލް ވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫކޮށް ސަޖިދަކޮށް އުޅޭ ބައަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަސަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައިވާ، އެއުރެންގެ މިސާލެވެ. އަދި އިންޖީލުގައިވާ، އެއުރެންގެ މިސާލު އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ.
ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން ޢަޖާއިބު ކޮށް ޙައިރާން ކުރުވަމުންނެވެ. އެއުރެންދެކެ، ކާފިރުން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން އީމާން ވެ ޞާލިޙް ޢަމަލުތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް ﷲ ވަޢުދު ކުރައްވާފައިވެއެވެ." (އަލްފަތްޙް: 29)
" ސަޖިދައިގެ އަސަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ." މިއީ ސަޖިދައިގެ ސަބަބުން ނިތްކުރީގައިލާ ކުރައިގެ ވާހަކައެވެ. އެކުރައަކީ އެމީހުން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ސަޖިދަކުރި ކަމުގެ ނިޝާނެވެ.
ބައެއް މީހުން ކިތަންމެ ގިނައިން ސަޖިދަކުރި ނަމަވެސް ނިތްކުރީގައި ފާހަގަ ނުހުރެދާނެއެވެ. ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި އެއީ ވެސް އެއްވެސް މައްސަލައެއް ނޫނެވެ. ﷲ ތައާލާ ބައްލަވައިވޮޑިގެންވަނީ އެމީހާގެ ހިތަށާއި ކުރި އަމަލަށެވެ. އެމީހަކު ކޮށްފައިވާ ހެޔޮ ޢަމަލުތަކަށް ޖަޒާ ދެއްވެވުމުގައި ﷲ ތަޢާލާ އެއްވެސް މީހަކަށް ބޭއިންޞާފެއް ނުކުރައްވަވާނެތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން