ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް މައްސަލަ ޖެހޭނެއެވެ. ޚިޔާލުތަފާތުވާނެއެވެ. އެފަދަ ކޮންމެ ވަގުތަކު އެއީ ކުރިމަތިވި ސަލާމަތް ނުވެވޭނެފަދަ ބޮޑުކަމެއްގެ ގޮތުގައި ނުދެކޭށެވެ. އަދި އެއީ އެމީހަކަށް ޚާއްޞަ ކަމެއް ކަމަށްވެސް ނުދެކޭށެވެ. އެއިގެ ބަދަލުގައި ދެބަސްވުމާއި މައްސަލަޖެހުމަކީ ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް އޮންނާނެ ކަމެއް ކަމަށް ދެކޭށެވެ.
ހަމައެއާއިއެކު މައްސަލައެއް ޖެހޭއިރަށް އެއުޅެނީ ކައިވެނި ރޫޅެންކަމަށާއި މިއީ ދެމީހުން ވަކިވންޖެހޭނެ ހިސާބުކަމަށްވެސް ނުދެކޭށެވެ. އެއިގެ ބަދަލުގައި މައްސަލަ ޙައްލުކުރެވޭނެ ގޮތަކާއިމެދު ވިސްނާށެވެ.
މައްސަލަތައް ހޫނުވެގެންދަނީ ކަންކަންކުރިމަތިވުމުން ޢަމަލުކުރެވޭ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ކުދިކުދިކަންކަން ވަރަށް ބޮޑެތި މައްސަލަތަކަށްވެސް ބަދަލުވެގެންދެއެވެ. ވީމާ ﷲ ތަޢާލާގެ ވަޙީބަސްފުޅު ހިތަށް ގެންނާށެވެ! އެކަލާނގެ ވަޙީކުރައްވަވާފައިވެއެވެ.
"ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21)
ވީމާ މައްސަލައެއް ޖެހުމުން ފުރަތަމަވެސް ﷲ ތަޢާލާ އާއިމެދު ވިސްނާށެވެ! ފިރިހެނުން ވިސްނަންވީ އަންހެނުންނަނީ ފިރިހެނުންނަށްޓަކައި ފިރިހެނުންގެ ނަފްސްތަކުން ހައްދަވާފައިވާ ބައެއް ކަމެވެ. އަދި އަނހެނުން ވިސްނަންވީ ތިމަންމެންނަކީ ފިރިހެނުންނަށްޓަކައި ފިރިހެނުންގެ ނަފްސްތަކުން ހައްދަވާފައިވާ ބައެއް ކަމެވެ.
މިބަހުގެ މާނައަކީ ވަކި މީހަކު ދެރަވެ ނިކަމެތިވާންޖެހުމެއް ނޫނެވެ. ހުރިހާ އިންސާނުންނަކީވެސް ހަމަ އެއް ދަރަޖައެއްގެ ބައެކެވެ. މިބަހުގެ މާނައަކީ ތިމާ އުފެއްދެވި ގޮތާއިމެދު ވިސްނުމެވެ. މިސާލަކަށް އަންހެނުން އުފެއްދެވީ ފިރިހެނުންނަށްޓަކައި ފިރިހެނުންގެ ނަފްސްތަކުން ކަމުގައިވުމަކީ އަނހެނުން ދެރަކޮށް ނިކަމެތިކުރަން ޖެހޭނެ ސަބަބެއް ނޫނެވެ. އެއިގެ ބަދަލުގައި އޮތީ ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެ އޯގާތެރިވުމެވެ. އަދި އަނބިންނަށް އޮތީ ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ފުރިހަމައަށް ފިރިމީހާއަށް ކިޔަމަންތެރިވުމެވެ.
ހަމައެއާއިއެކު ﷲ ތަޢާލާވަނީ ފިރިންނާއި އަނބިންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ލައްވަވައިފައެވެ. " އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ." އެހެނަސް މިވާގޮތަކީ ކިރިޔާ ކަމެއް ޖެހޭއިރަށް ލޯބި ކެނޑިގެންދަނީއެވެ. އޯގާތެރިކަން ނެތިގެންދަނީއެވެ. މިވަޙީ ބަސްފުޅާއި ދުރަށް ދެވެނީއެވެ. " ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." އޮތް ބަސްފުޅު ހަނދުމަނެތިކޮށްލައި ހެޔޮގޮތުގައި ފިކުރުކުރުން ދޫކޮށްލެވެނީއެވެ. އެންމެ ނުބައި ގޮތުގައި ފިކުރުކުރެވެނީއެވެ."
ޒަވާޖީ ޙަޔާތް އުފާވެރިވެ ބާއްޖަވެރިވާނީ މި ބަޔާންކުރި ކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ފިކުރުހިންގައިގެންނެވެ. އަހުރެން ބުނާނީ މިއާޔަތުގައިވާ ވަހީބަސްފުޅުން ޢިބްރަތް ޙާޞިލުކޮށް ޢަމަލުކޮށްފިނަމަ މެދުވެރިވާ ވަރަށް ގިނަ މައްސަލަތަކުން އަރައިގަނެވޭނެ ކަމަށެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން