ކީރިތި ރަސޫލާއަށްފަހު މައިމޫނަތުގެ ދިރިއުޅުއްވުން:
ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމުން أمّ المؤمنين السّيّدة ميمونة رضى اللّـه عنــها ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އަށްފަހު އެކަމަނާ ޒީނަތްތެރިކަމުން ދުރުވެވަޑައިގެން އިންނެވި ކަމަށް ރިވާވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށްފަހު އެކަމަނާގެ އެންމެހާ ވަގުތުތަކެއް ހުސްކުރައްވާފައިވަނީ އަޅުކަން ކުރެއްވުމަށްޓަކައެވެ. ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި އެކަލާނގެއަށް ހަނދުމަކުރައްވައި ޒިކުރުކުރެއްވުމަށްޓަކައެވެ. އެހެން މީސްތަކުންނަށް ދީނުގެ ޢިލްމު ފޯރުކޮށްދެއްވުމަށެވެ.
ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ޙައްޖުވެވަޑައިގެން އުޅުއްވިއެވެ. އެގޮތުން أمّ المؤمنين السّيّدة ميمونة رضى اللّـه عنــها ވެސް ޙައްޖަށާއި ޢުމްރާއަށް ވަޑައިގެން އުޅުއްވިއެވެ.
أمّ المؤمنين السّيّدة ميمونة رضى اللّـه عنــها އަކީ ވަރަށް ޢިލްމުވެރި ބޭކަނބަލެކެވެ. އެކަމަނާއަށް ލިބިވަޑައިގެންފައިވާ ޢިލްމާ އެއްގޮތަށް އަމަލުތައް ބައްޓަން ކުރެއްވި ބޭކަނބަލެކެވެ. އެކަމަނާ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ހޭދަކުރެއްވީ ވަރަށް މަދު އަހަރުކޮޅެއްގައެވެ. ނަމަވެސް އެކަމަނާގެ އަރިހުން ގިނަ ޙަދީޘްތަކެއް ރިވާގެން އައިސްފައިވެއެވެ. އެކަމަނާގެ އަރިހުން ހަތްދިހަ ހަ ޙަދީޘް ރިވާވެފައިވެއެވެ. އޭގެ ތެރެއިން ބުޚާރީ އާއި މުސްލިމު އިއްތިފާޤުން ރިވާ ކުރައްވައިފައިވަނީ ހަތް ޙަދީޘެވެ.
أمّ المؤمنين السّيّدة ميمونة رضى اللّـه عنــها ގެ އަރިހަށް ދީނުގެ މައްސަލައަކާ ބެހޭ ގޮތުން ސުވާލެއް ހުށައެޅިއްޖެނަމަ އެކަމެއްގެ ތަފްސީލު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަދީޘް ބަސްފުޅުތަކުގެ އަލީގައި ބަޔާން ކުރައްވައެވެ. މީސްތަކުންނަށް ހެޔޮކަންތައްތަކަށް ބާރުއަޅުއްވައި ނުބައިކަންތައްތައް ނަހީކުރައްވާ ހައްދަވައެވެ.
އެއްފަހަރަކު އަންހެނަކު ބައްޔެއްވުމުން އޭނާ ނަދުރު ބުންޏެވެ. [ތިމަން މި ބަލިން ފަސޭހަވެއްޖެނަމަ ބައިތުލް މަޤުދިސަށް ގޮސް އެތަނުގައި ނަމާދު ކުރާނަމެވެ.] އޭނާގެ ބަލިފަސޭހަވުމުން ބައިތުލް މަޤުދިސަށް ދާން ތައްޔާރުވެފައި، أمّ المؤمنين السّيّدة ميمونة رضى اللّـه عنــها ގެ އަރިހަށް ގޮސް ސަލާމްދަންނަވައިފައި އެވާހަކަ ބުނެފިއެވެ. أمّ المؤمنين ميمونة رضى اللّـه عنــها ވިދާޅުވިއެވެ. ކަމަނާ މި ރަށުގައި މަޑު ކުރައްވާށެވެ. ދަތުރަށް ތައްޔާރު ކުރި ކޮއްތު ބޭނުން ކުރާށެވެ. މަސްޖިދުއް ނަބަވީގައި ނަމާދުކޮށްލާށެވެ. އެހެނީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވި އަޑު އަހަރެން އެހީމެވެ.
"صَلاَةٌ فِيهِ أَفْضَلُ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ مِنَ الْمَسَاجِدِ إِلاَّ مَسْجِدَ الْكَعْبَةِ "{صحيح مسلم،كتاب الحج،باب فَضْلِ الصَّلاَةِ بِمَسْجِدَىْ مَكَّةَ وَالْمَدِينَةِ ، ޙަދީޘް ނަންބަރު 1396}
އަލްމަސްޖިދުލްޙަރާމް ފިޔަވައި އެހެން ކޮންމެ މިސްކިތެއްގައި ކުރާ ނަމާދަށްވުރެ އެއްހާސްގުނަ ޘަވާބު މަސްޖިދުއް ނަބަވީގައި ކުރާ ނަމާދުން ލިބޭނެއެވެ.]
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް