ލޯބިވެރިޔާ ޙާލުގަ ޖެހުމުން އެހީތެރިވާން ކިޔެވުންވެސް ހުއްޓާލައި އަވަހަށް ކައިވެނިކުރި ޒުވާނަކަށް އޭނާގެ ހުރިހާ ބޭނުންތައް ފުއްދަވައި ދެއްވެވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ލޯބިވެރިޔާ ޙާލުގަ ޖެހުމުން އެހީތެރިވާން ކިޔެވުންވެސް ހުއްޓާލައި އަވަހަށް ކައިވެނިކުރި ޒުވާނަކަށް އޭނާގެ ހުރިހާ ބޭނުންތައް ފުއްދަވައި ދެއްވެވި ގޮތުގެ ވާހަކަ-

އަޅުގަނޑު އެންމެ ބޭނުންވެގެން ހުރީ ސްކޫލް ނިންމާފައި ކުރެހުމުގެ ދާއިރާއިން ކުރިއަށްދާށެވެ. އަދި މަތިތައުލީމްވެސް ކުރެހުމުގެ ދާއިރާއިން ޙާޞިލްކުރާށެވެ. ނަމަވެސް އެކަމަށް ވަރަށް ގިނަ ހުރަސްތައް ކުރިމަތިވިއެވެ. 

ކޮލެޖުގައި ކިޔަވަންފެށިތަނާ ލޯބިވެރިޔާގެ ބައްޕަ ނިޔާވެއްޖެއެވެ. ލޯބިވެރިޔާގެ މައިންބަފައިންނަށް ލިބިފައިވާ ހަމައެކަނި ދަރިއަކީ އެއީއެވެ. ޢާއިލާއަށް އާމްދަނީ ލިބެނީ ހަމައެކަނި ބައްޕަކުރާ މަސައްކަތުންނެވެ. ބައްޕަ ނެތުމުން ފައިސާ ލިބޭނެ އެއްވެސް ގޮތެއް ނެތެވެ.

އަޅުގަނޑު ކިޔެވުން ހުއްޓައިލީމެވެ. ވަޒީފާއެއް ހޯދީމެވެ. ކައިވެނިވެސް ކުރީމެވެ. އެހައިއަވަހަށް ކައިވެނިކުރި އެންމެ ބޮޑު ބޭނުމަކީ އެދެމައިންނަށް ކުރިމަތިވި ދަތިޙާލުން ސަލާމަތްކުރަން މަސައްކަތް ކުރުމަށެވެ. އެޙާލަތުގައި އަޅުގަނޑުގެ މުސްތަޤްބަލަށް ކުރަމުން އައި އުންމީދުތައް ވަކީލްކުރީ ﷲ އަށެވެ. 

ކައިވެނީގައި 2 ދަރިން ލިބުނުއިރުވެސް ލިބޭ ހުސްވަގުތުތަކުގައި ކުރަހަމެވެ. ރީތިކޮށް ކުރަހަން ދަސްކުރަން މަސައްކަތްކުރަމެވެ. އެއްދުވަހަކު އަނބިމީހާ ބުނީ އަޅުގަނޑުގެ ކުރެހުންތައް މަޢްރަޒެއްގައި ބައިވެރިކޮށްފިނަމަ ވިކިދާނެ ކަމަށެވެ. އަދި ވަރަށް ރަނގަޅު އަގުގައިވެސް ވިކިދާނެ ކަމަށެވެ. 

އަނބިމީހާ ދިން ޚިޔާލު ޤަބޫލުކޮށް މައްރަޒެއްގައި އަޅުގަނޑުގެ ކުރެހުންތައް ބައިވެރިކުރީމެވެ. ދެ ދުވަހެއްގެ ތެރޭގައި ކުރެހުންތައް ހަމަ ރަނގަޅު އަގުގައި ވިކި ހުސްވެއްޖެއެވެ. ޖެހި އަގުވެސް ލިބި ރަނގަޅު އާމްދަނީއެއް ލިބުނެވެ. އަދި ކުރެހުންތެރިއެއްގެ ގޮތުގައި އަޅުގަނޑު މަޝްހޫރުވެ ކުރަހާ ކުރެހުންތައް ބޮޑުއަގުގައި ވިކެން ފެށުމުން ވަޒީފާވެސް ދޫކޮށްލައި ކުރެހުމުގެ މަސައްތަށް ޚާއްޞަވީމެވެ.

އެދުވަސްވަރު ޢާއިލީ ގޮތުން ވަރަށް ގާތް އިމާމަކު ގެއަށް އައެވެ. އޭނާ އާއި ވާހަކަދައްކަމުން ގޮސް ދިރިއުޅުމުގެ ކަންކަން މެދުވެރިވި ގޮތްތައްވެސް ކިޔައިދިނުމުން އޭނާ ބުންޏެވެ. "ތިއަ ލިބުނު ކުރިއެރުމުގެ ހުރިހާވެސް ސަބަބެއް ކަމަށް ޤަބޫލުކުރެވެނީ ލޯބިވެގެން އުޅެނިކޮށް އޭނާއަށް ދަތިޙާލެއް ޖެހުނު ދުވަހު އެހީތެރިވުމެވެ. އަދި ފާފަކުރަން ނުހުރެ ކައިވެނިކުރިކަމެވެ. ﷲ އަށް ވަކީލްކޮށްގެން ކުރިއަށްދާން މަސައްކަތް ކުރި ކަމެވެ." 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާ ޙިއްޞާކޮށްމިލީ މިވާހައިން ލިބިދޭ ފިލާވަޅު ބޮޑުކަމުންނެވެ. ޙަޤީޤީ ލޯބިވުމަކީ ޙާލުގައި ޖެހުމުން އެހީތެރިވުމެވެ. އަދި މުސްލިމުންނަށް އޮތީ ކައިވެނިނުކޮށް ލަސްކުރުމެއް ނޫނެވެ. ކައިވެނިކުރުން އަވަސްކުރުމެވެ.

އެޒުވާނާ އެއަމަލުކުރީ މުސްލިމަކު އަމަލުކުރާނެ އެންމެ ރަނގަޅަށެވެ. ނަތީޖާއަކީ އޭނާ ބޭނުންވި ފަންނުގައި ކުރިއަށްދެވޭނެ ގޮތްވެސް ވުމާއި އަދި ތަނަވަސްކަންވެސް ލިބުމެވެ. ހިތްހަމަޖެހުންވެސް ލިބުމެވެ. އުފާވެރި ދިރިއުޅުމެއްވެސް ލިބުމެވެ.

މިއަދުގެ ގިނަ ޒުވާނުން މިކަންކަމަށް ވިސްނަނީ މިގޮތަކަށް ނޫނެވެ. ވީމާ ކަންކަން ބަދަލުވަނީ އެންމެ ހިތާމަވެރި ގޮތަށެވެ. ދިރިއުޅުމަށްވެސް ހުރަސްތައް އެޅެނީއެވެ. ކުރިއަށް ދެވެން ހުންނަ މަގުތައްވެސް ބަންދުވަނީއެވެ. އެއީ ﷲ ގެ ރުހިވޮޑިގަތުން އެމީހަކަށް ނުލިބުމުންނެވެ. 

- ނަޞީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން