ޙަޤީޤީ ޙާދިސާ: ލިބޭ މުސާރަ ހިލޭ އަންހެނުންނަށް ހުސްކޮށްލާފަ އަނބިމީހާގެ މުސާރައިންވެސް ވައްކަންކުރަން ބޭނުންވާ ފިރިން ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ޙަޤީޤީ ޙާދިސާ: ލިބޭ މުސާރަ ހިލޭ އަންހެނުންނަށް ހުސްކޮށްލާފަ އަނބިމީހާގެ މުސާރައިންވެސް ވައްކަންކުރަން ބޭނުންވާ ފިރިން ގިނަވެއްޖެ!

އަޅުގަނޑުމެންގެ ކައިވެންޏަށް ދެވަނަ އަހަރުން ފެށިގެން އަޅުގަނޑުގެ ފިރިމީހާ ކޮންމެ މަހަކު އަޅުގަނޑަށް ޚަރަދުކުރަނީ ފެންބިލާ ކަރަންޓުބިލް ދެއްކުމުގެ އިތުރުން ކިރިޔާ ކާތަކެތި ގަނެލެވޭވަރަށެވެ. އެންމެ ކުޑަމިނުން ފޭރާމެއްވެސް ގަނެ ނުދެއެވެ. ބުނަނީ ދިރިއުޅެން މަސައްކަތެއް ފަށަންވެގެން ފައިސާ އެއްކުރަނީ ކަމަށެވެ.

އެހެން އުޅެފައި ދޭތެރެއަކުން އަޅުގަނޑުގެ އަތުން ފައިސާއަށް އެދެއެވެ. އަންނަ މަހު އަނބުރާ ދޭނެކަމަށްވެސް ބުނެއެވެ. ނަމަވެސް އަޅުގަނޑު ފައިސާއެއް ނުދެމެވެ. އަޅުގަނޑު ބުނަނީ އަޅުގަނޑުވެސް ފައިސާ އެއްކުރަނީ ކަމަށާއި ދެމީހުންވެގެން މަސައްކަތެއް ފަށާ ދުވަހު ޙިއްޞާ ލާނެ ކަމަށެވެ. އަދި ފިރިމީހާގެ މުސާރަވެސް މާބޮޑުކަމަށާއި ގިނައިން ލިބޭ މީހުން މަދުން ލިބޭ މީހުން އަތުން އަތުލަން ނުވާނެ ކަމަށެވެ. 

އެގޮތަށް ދިރިއުޅެމުން ދަނިކޮށް ދަރިއަކު ލިބިއްޖެއެވެ. ދައިފުޅަށް ބަލިވެއިނުމުން އަޅުގަނޑު ބުނީ ވިހެއުމަށާއި ދަރިފުޅަށް ކުރަންޖެހޭ ޚަރަދުތައް ކުރަންޖެހޭނީ ފިރިމީހާއަށް ކަމަށެވެ. އަޅުގަނޑު ކުރާނީ ކުދިކުދި ޚަރަދުތައް ކަމަށެވެ. އެކަމަށް އެއްބަސްވިއެވެ. ނަމަވެސް ވިހާގަދަވެގެން ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހުމުން ބުނީ ކޭޝްކާޑުގައި މައްސަލައެއް ޖެހިގެން އުޅޭކަމަށެވެ. އަދި އޮންލައިން ބޭންކިންގ ވެސް އެވަގުތު ނުހެދޭ ކަމަށެވެ. ކޮންމެވެސް މައްސަލައެއް ޖެހިގެން އުޅޭ ކަމަށެވެ. 

ކޮންމެއަކަސް އެބިލްވެސް ދައްކަން ޖެހުނީ އަޅުގަނޑަށެވެ. ގެއަށް އައިސް ބޭންކުގަ އުޅޭ އެކުވެރިއެއްގެ އެހީތެރިކަމާއިއެކު ކަންކަން ބަލައިލިއިރު ފިރިމީހާގެ އެކައުންޓުގައި ހުރީ އެންމެ 150 ރުފިޔާއެވެ. 

އެހިސާބުން ފުރަތަމަ ފަހަރަށް ފިރިމީހާގެ ފޯނުގައި ވަގަށް އަތްލީމެވެ. ނަޞީބަކުން ޕާސްވޯޑް އެނގެއެވެ. އެކަމެއް އޭނާއަކަށް ނުއެނގޭނެއެވެ. ނިދާފައި އޮއްވާ ފޯނު ނަގައި ހުޅުވައިގެން އެކައުންޓް ބެލިއިރު ފައިސާ އެއްކުރަނީކަމަށް ބުނެ ހެދީ ހުސްދޮގެވެ. ހިލޭ އަންހެނަކަށް ބޮޑެތި އަދަދުތަކުން ވަނީ ޚަރަދުކޮށް ހުސްކޮށްލައިފައެވެ. 

އެއްވެސް ކަމެއް އެނގުނު ކަމަކަށް ނުހަދަމެވެ. ޒުވާބުކުރުމުގެ ބޭނުމެއް ނެތުމުންނެވެ. ވަރިއަށް  އެދުނީމެވެ. ވަރިއަށް އެދުމުން އޭނާއަށް ކޮންމެވެސް އެއްޗެއް ވިސްނި އިޞްލާޙްވާނެ ކަމަށް ބުނެ މާފަށް އެދުނެވެ. ނަމަވެސް އެކަން އަޅުގަނޑަށް ޤަބޫލުނުކުރެވޭތީ އެއްކުއްޖަކު އޮއްވައި އަވަހަށް ވަރިވީއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑަށް ކަންކަން ދިމާވި ގޮތެވެ! ކިޔުންތެރިންގެ ޚާއްޞަކޮށް ކަނބަލުންގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ މިފަދަ ފިރިންނާއިމެދު ސަމާލުވެ ތިބުމަށެވެ. އެއީ ފިރިންގެ މަޤާމުގައި ތިބޭ ބޮޑެތި ވަގުންނެވެ. އެފަދަ ވަގުން މިހާރު ވަރަށް ގިނައެވެ. އެމީހުން ބޭނުންވަނީ އަނބިމީހާއަށް ލިބޭ ފައިސާކޮޅުވެސް ހިލޭ އަންހެނުންނަށް ޚަރަދުކޮށްލާށެވެ! ޯބިވާކަމަށް ހެދިގެން އުޅެނީ އަނބިމީހާގެ ފައިސާކޮޅުވެސް ދަމައިގަންނަން ފަސޭހައަކަށެވެ.

 

--ލިޔުޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން