ޙަޤީޤީ ޙާދިސާ: ލޯބިވާކަމަށްބުނެ 8 މުވައްޒިފުންނާ އެމީހުންގެ ބައެއް އެކުވެރިންވެސް މަޅީގަ ޖެއްސުވި ވެރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ޙަޤީޤީ ޙާދިސާ: ލޯބިވާކަމަށްބުނެ 8 މުވައްޒިފުންނާ އެމީހުންގެ ބައެއް އެކުވެރިންވެސް މަޅީގަ ޖެއްސުވި ވެރިއެއްގެ ވާހަކަ-

ފުރަތަމަވެސް އަޅުގަނޑު އެއްބަސްވާނީ އަޅުގަނޑުގެ ކުށަށެވެ. އެއީ މީހަކު ލޯބި ހުށަހަޅާއިރަށް އެމީހަކު ދެކެ މޮޔަނުވުމަށާއި އޭނާއަކީ ކާކުކަން ދެނެގަތުމަށްފަހުގައި ނޫނީ އެއްވެސް ގުޅުމެއް ނުއުފައްދަން ބުނެވޭ ބުނުންތަކަކީ ހަމަ އަމަލުކުރަންޖެހޭ ކަމެއްކަން ޤަބޫލުކުރެވޭ ޙާލުގައިވެސް އެކަމަށް ޢަމަލުނުކުރެވުނީތީއެވެ.

އެހެނަސް މިކަން ހިނގައި ދިއަ ގޮތް ކިޔައިދޭނަމަވެ. އަޅުގަނޑަކީވެސް އެކުންފުނީގެ މުވައްޒިފަކީމެވެ. ފަހުން ފޮނުވި ވެރިޔާ ފޮނުވިއިރުވެސް ކުންފުނީގައި ޚިދުމަތްކުރާތާ 10 ވަރަކަށް އަހަރުވެދާނެއެވެ. ސަބަބަކީ އަޅުގަނޑުގެ ފުރަތަމަ ވަޒީފާއަކީވެސް އެކުންފުނީގެ އިދާރީވަޒީފާއެކެވެ.  

އެފަހަރު ފޮނުވި ވެރިއަކީ އަބަދުވެސް ވަރަށް ސްމާޓްކޮށް ހުންނަ ވެރިއެކެވެ. 10 ވަރަކަށް ފޫޓޫން އެޖަހާ ސެންޓުގެ ވަސް ދުވަސް ފަށާވަރުގެ ސެންޓު ނޫނީ ނުޖަހާނެއެވެ. ހޮނިހިރު ދުވަހުވެސް ޢާންމުކޮށް އޮފީހަށް އަންނާނީ އެހެން ވެރިންނާ ތަފާތު ބޮޑު ގޮތަކަށެވެ.  

ކުންފުނީގައި ދެއަހަރުވީއިރު ކޮންމެވެސް ކަމެއް އޮޅުންފިލުވަންކަމަށް ހަދާފައި ތަފާތު ސެކްޝަންތަކުގެ އަންހެން މުވައްޒިފުން ވެރިމީހާގެ ކެބިނަށް ދޭތެރެދޭތެރެއިން ވައްދަން ފަށައިފިއެވެ. އެއްވެސް ފިރިހެން މުވައްޒިފަކު ނުވައްދައެވެ.  

ދެނަ އަޅައިގަތް ކަމަކީ މީގެކުރިން އަންނަ ވެރިން ކޮންމެ ދުވަހަކު މުޢާމަލާތުކުރަނީ ވެރިޔާއަށް ޚާއްޞަ ޓީމުގައި ހިމެނޭ މުވައްޒިފުންނާއިއެވެ. އެޓީމަށް ކިޔަނީ ވެރިޔާގެ ބިޔުރޯގެ ޓީމެވެ. އެހެން ސެކްޝަންތަކުގެ މުވައްޒިފުންނާއި ބައްދަލުކުރަނީ ބާއްވާ ޖަލްސާތަކުގައެވެ. އެއީ ވަކިވަކިން ކުރާ ކަމެއް ނޫނެވެ.  

ކޮންމެއަކަސް އަޅުގަނޑުމެންގެ ތެރޭގައި ހުރި ތަންކޮޅެއް ހުޝިޔާރު އަންހެނަކު ވެރިޔާގެ ކޮޓަރިއަށް ވައްދައި އުޅޭ ކުދިންގެ ލިސްޓެއް ނަގައިފިއެވެ. އަދި އެކަކު އަނެކަކަށް ވަރަށް ސިރުން މިކަމުގެ ވާހަކަތައް ދައްކަން ފަށައިފިއެވެ. ކަންކަން ފަޅާއެރިއިރު ވެރިޔާ ވަނީ 8 ކުއްޖަކު ދެކެ ލޯބިވާކަމަށްބުނެ އެކިވަރުގެ ގުޅުން ހިންގާފައެވެ. އަދި ފަހުން އެނގުނު ގޮތުގައި އެމީހުންގެ "ބެސްޓް ފްރެންޑުން" ގެ ތެރެއިން ބައެއް ކުދިންނާއިމެދުވެސް ވަނީ ހަމަ އެފަދަ ގޮތަކަށް ކަންކަން ކޮށްފައެވެ. މިކަންތައްގަނޑު ވަރަށް ހޫނުވެ ވާހަކަތައް ފެތުރެން ފެށުމުން ވެރިޔާ ވަނީ އޭނާއަށް ހިމާޔަތްދޭ މީހުންގެ އެހީތެރިކަމުގައި އެހެން ކުންފުންޏަކަށް ބަދަލުވެފައެވެ.

މިއީ ތަންކޮޅެއް ކުރިން ހިނގާފައިވާ ކަމެކެވެ. ނަމަވެސް މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާ ޙިއްޞާ މިކުރީ އަޅުގަނޑުގެ ވަރަށް އެކުވެރި 2 ކުއްޖަކަށް މިހާރުވެސް މިފަދަ ކަމެއް ކުރިމަތިވެ އެކަކު އަނެކަކަށް ކުށްވެރިކުރަމުން ގެންދާތީއެވެ. އެފަހަރު އަޅުގަނޑުމެން އެކަކުވެސް އެހެން މީހަކު ކުށްވެރިއެއް ނުކުރަމެވެ. އަޅުގަނޑުމެން ކޮންމެ އަންހެނަކުވެސް އަމިއްލައަށް ކުށް ޤަބޫލުކުރީއެވެ. އަދި ފިލާވަޅެއް ލިބިގަތީއެވެ.

އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށް ބަލައި ބުނެލަން އޮތީ ގިނަ ވެރިންނަކީ ފުރުޞަތު ދީފިނަމަ ބޮޅެއް ޖަހާލަން ބޭނުންވާ ބައެއްކަން އެނގޭއިރު އެކަމަށް އަހަރެމެން އަންހެނުން ނުވިސްނައިފިނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމަށެވެ. ޙައްލަކަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ލޯބިވާނަމަ ކައިވެނިކުރަން ބުނުމެވެ. ކައިވެނީގެކުރިން ގައިގާ ބީހުނަ ނުދިނުމެވެ. އަތުކުރީގަ ހިފާލުމުގެ އިތުރުން ގައިގަ އިނގިލިކުރިވެސް ޖައްސާލައަ ނުދިނުމެވެ. މިނޫން ގޮތަކުން މިކަމަށް ޙައްލެއް ފެންނާނެ އެއްވެސް ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ.

ނަމަވެސް ހިތާމައަކީ ވެރިންގެ ތުންފުއްސަކަށްވެވޭކަމެވެ. އަމިއްލަ ފިރިއަކު ހުރިއަސް ގިނަ އޮފީސްތަކުގައި ކަންކަން ހިނގަނީ މިއުޞޫލުންނެވެ.  

- ޝާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން