ބޮސް އުފާކޮށްދޭން މަޖުބޫރުކުރުމުންވެސް ﷲ އަށް ބިރުވެތިވެ އެކަން ނުކުރުމުން ވަޒީފާ ގެއްލި، ކައިވެނިވެސް ރޫޅުނު އަންހެނަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ބޮސް އުފާކޮށްދޭން މަޖުބޫރުކުރުމުންވެސް ﷲ އަށް ބިރުވެތިވެ އެކަން ނުކުރުމުން ވަޒީފާ ގެއްލި، ކައިވެނިވެސް ރޫޅުނު އަންހެނަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

އަޅުގަނޑާއި ފިރިމީހާވެސް ވަޒީފާއަދާކުރަނީ އެއް ކުންފުންޏެއްގައެވެ. އެއީ ކުންފުނީގެ އަހަރީ ރެއެވެ. އެހެންވެ ވެރިމީހާ ކުންފުނީގެ ހުރިހާ މުވައްޒިފުންނަށް އޮފީހުގައި ބޮޑު ޕާޓީއެއް ދިނެވެ. ޕާޓީގެ ތެރެއިން އަހަރެންނާއި ކުރިމަތިވީ ޙަޔާތުގައި މިހައިތަނަށް ކުރިމަތިވި އެންމެ ބިރުވެރި ކަންތަކާއެވެ.  

ވަކިހިސާބަކުން ބޮސް އަހަރެންނާއި ފިރިމީހާ އެއްފަރާތެއްގައި ހުރި މޭޒަކަށް ބޮސް ފުރަތަމަ ދެއްކީ ފިރިމީހާ އާއި ވަރަށް ބޮޑު މަޝްރޫޢެއް ޙަވާލުކުރާ ވާހަކައެވެ. ފިރިމީހާ އުފަލުން ފޮޅުނެވެ. ބޮސްއަށް ސަޖިދަނުކުރީވެސް ހަމަ ކިރިޔާއެވެ. ފިރިމީހާ ހެއްވާލާފައި ދެން ފިރިމީހާ ގާތު ދެއްކި ވާހަކައެއް ދެއްކީ ސިއްރުންނެވެ. އެވާހަކައެއް ދައްކާފައި ބޮސް ތެދުވެގެން ހިނގައްޖެއެވެ.

ބޮސް ދިއުމުން ދިއުމުން ފިރިމީހާ ބުނީ ތަނަވަސްކަން ލިބި އަހަރެމެންގެ ދިރިއުޅުން އުފާވެރިކޮށްލުމުގެ ހުރިހާ ބާރެއް އޮތީ އަހަރެންގެ އަތްމަތީގައި ކަމަށެވެ. ބޮސް އެދިއައީ ބޮސްގެ އޮފީހަށް ކަމަށާއި ބޮސްބުނާ ކަމެއް ކޮށްލައިދޭން އަހަރެން ގޮސްދިނުމަށް ބޮސް އެދުނު ކަމަށެވެ. އެއީ ކޮންކަމެއްތޯ ސުވާލުކުރުމުން ބުނީ އެއީ ކޮންމެ ކަމެއްކަމުގައިވީނަމަވެސް ކޮށްލައިދިނުމަށެވެ.  

އެހިސާބުން ކުޑަކޮށް ބިރުގަތެވެ. އަދި އެގަޑީގައި ބޮސްގެ ކޮޓަރިއަށްދާން ޖެހިލުންވާކަމަށް ބުނުމުން ފިރިމީހާ ބުނީ އެހެންވިއްޔާ އެހިސާބުން ކައިވެނި ނިންމައިލާނީ ކަމަށެވެ. އެގޮތަށް ބުނުމުން ވަރަށް ޖެހިލުންވެ ހުރެވެސް ބޮސްގެ ކޮޓަރިއަށް ދިއައިމެވެ. ދިއައިއރު ބޮސް ހުރީ ޕާޓީގައި ލައިގެންހުރި ހެދުންވެސް ނިދާ ހެދުމަކަށް ބަދަލުކޮށްގެންނެވެ.  

އަހަރެން ފެނުމާއިއެކު ބޮސް އައިސް ގައިގާ އޮޅުލައިގަތެވެ. އެހިސާބުން ވާން މިއުޅޭ ގޮތް އެނގިއްޖެއެވެ. އެހެންވެ ބޮސް ގާތު އެއްވެސް އެއްޗެއް ނުބުނެ ބޮސްއަށް ސިއްރުން މުވައްޒިފުންގެ ގްރޫޕަށް ފޯނުން މެސެޖެއް ލީމެވެ. "ބޮސް ކޮޓަރީގަ ހޭނެތިފައި އެބަ އޮތެވެ! އަވަހަށް އެމްބިޔުލާންސަށް ގުޅާށެވެ."  

ބޮސް އެއިރު ހުރީ އަހަރެންނާއެކު ރޭކުރަން ތައްޔާރުވެގެންނެވެ. އަހަރެންވެސް ތައްޔާރުވާން ބުނިތަނާ މުވައްޒިފުންތައް އައިސް ދޮރުގައި ތަޅައިގެންފިއެވެ. ނުހުޅުވަން ބޮސް ބުނެބުނެ ހުއްޓާ ބޮސްއަށް އިތުރު ފުރުޞަތެއް ނުދީ ދޮރުހުޅުވީމެވެ. ބޮސް ހުރިހާލު އެންމެންނަށް ފެނިއްޖެއެވެ.

ބޮސް އެންގީ އަހަރެން ވަޒީފާއިން ވަކިކުރީ ކަމަށެވެ. ފިރިމީހާ އެންގީ އަހަރެން ވަރިކުރީ ކަމަށެވެ. ހުރިހާ ގެއްލުމެއް އެއްފަހަރާ ލިބުމުންވެސް ދެރައެއް ނުވަމެވެ. ކުރީ އުފަލެވެ. އެފަދަ ނުލަފާ ބޮސްއެއްގެ ކިބައިން ސަލާމަތްވެވުނީތީއެވެ. އަދި ދައްޔޫސް ފިރިއެއްގެ ކިބައިން ވެސް ސަލާމަތްވީތީއެވެ.  

އަހަރެންނަށް އެއީ އަލަށް ކުރިމަތިވި ކަމެއް ނަމަވެސް އެހެން ބައެއް އަންހެން މުވައްޒިފުންނަށްވެސް ވަނީ ބޮސްގެ ނުބައިކަމުގެ އަސަރުކޮށްފައެވެ. އެހެންވެ އެމީހުން އަވަސްއަވަހަށް ޚަބަރު އެކި ގޮތްގޮތުން ފަތުރާލައިފިއެވެ.  

އަނެއް ދުވަހުގެ ނޫސްތަކުގެ ފަލަ ސުރުޚީގައިވަނީ އެޚަބަރެވެ. މަޝްހޫރު މިލިއަނަރުގެ ހުރި ވަޙުޝީކަމުގެ ވާހަކަތަކެވެ. އަޅުގަނޑާއި ނޫސްތަކުން ސުވާލުކުރުމުން ކަންތައްތައް ވީގޮތް ކިޔައިދިނީމެވެ. އަޅުގަނޑުގެ ވިސްނުން ތޫނުކަމާއި ހިތްވަރުގަދަކަމަށް ތަޢްރީފްކޮށްފައި ނޫސްތަކުގައި ލިޔަން ފެށިތަނާ އަޅުގަނޑަށް ކުންފުނިތަކުން ވަޒީފާވެސް ހުށަހަޅަން ފަށައިފިއެވެ. އަޅުގަނޑު ޤަބޫލުކުރީ ކުރިން ލިބުނު މުސާރައިގެ ދެގުނަ އިތުރަށް ލިބޭ ވަޒީފާއެކެވެ. ވީމާ އަޅުގަނޑަށް ލިބުނީ ހުރިހާ ގޮތަކުންވެސް ބޮޑު ފައިދާއެކެވެ. ބޮސް އާއި ފިރިމީހާގެ ޢަބުރު މުޅި ޢުމުރަށް ކަތިލެވުނީއެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި ބޭނުންވީ މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް ޒުވާން އަންހެނުންނަށް މިވާހަކަ ފޯރުކޮށްދޭށެވެ!  

މިއީ ބޭރު ޤައުމެއްގައި ހިނގާފައިވާ ކަމެއް ނަމަވެސް މިއީ މިއަދު ހަމަ މިދިވެހިރާއްޖޭގައިވެސް މިކަން ހިނގަމުންދާގޮތްކަމަށްވާތީއެވެ. ބައެއް ފިރިންނަކީ އެމީހުންގެ ޖީބަށް ފައިސާ އިތުރުވާނަމަ އަނބިން ވިއްކަން ޖެހިލުންވާ ބައެއް ނޫނެވެ. އަދި އެފަދަ ފިރިން ދަނީ ގިނަވަމުންނެވެ. މިފަދަ މައްސަލަތަކާއި ގުޅިގެން އަޅުގަނޑު އެންމެ ގާތް ދެ އެކުވެރިންގެ ކައިވެނި ރޫޅިފައިވަނީވެސް ދާދިފަހުންނެވެ.  

ލޮބުވެތި އުޚުތުންނޭވެ! ފިރިން ކިތަންމެ ބޭނުންވި ނަމަވެސް، ނުކޮށްގެން ކައިވެނި ރޫޅުނަސް  އެބާވަތުގެ ކަންކަން ނުކުރާށެވެ! ދީނުގައި ޙަރާމްކަމަކަށް އޮތްކަން އިހަށް ބާއްވާފައި ދުނިޔަވީ ނަޒަރަކުން ވިސްނައިލިނަމަވެސް މިހެން މިބުނަނީ ކީއްވެގެންކަން އެނގޭނެއެވެ. ޢިއްފަތްތެރިކަން ނީލަންކިޔުއްވާފައި މާދަމާ ވަރިކޮށްނުލާނެކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ ވަރިކޮށްލާފައި އެއްލައިނުލާނެ ފިރިއަކު އަނބިމީހާ ލައްވައި އެވަރުގެ ބޮޑު ނުބައި ކަންކަން ކުރުވާނެ ހެއްޔެވެ؟

ދެން ދީނީ ގޮތުން ބަލައިފިނަމަ އެފަދަ ގޮތަކުން ލިބިގަންނަ ތަނަވަސްކަން ނުވަތަ ކުރިއެރުން ވާނީ ކެވޭ އަލިފާނަށް ނޫންހެއްޔެވެ؟ ފިރިމީހާ ބުނި ނަމަވެސް މައިންބަފައިން ބުނި ނަމަވެސް ﷲ ނަހީކުރެއްވެވި އެއްވެސް ކަމަކަށް އަރައިގަތުން ވާނީ ހަމަ ޙަރާމްކަމަކަށް އަރައިގަތުން ކަމަށް ނޫންހެއްޔެވެ؟ އެގޮތުން ކިތަންމެ ގިނަ ފައިސާތަކެއް ހޯދިނަމަވެސް ލިބޭނީ ކޮން ޙަޤީޤީ އުފާވެރިކަމެއް ހެއްޔެވެ؟  

މިއީ އަޅުގަނޑުގެ ވިސްނުމެވެ!  

- ޒަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން