ޙަޤީޤީ ޙާދިސާ: އަނބިމީހާގެ ލޯއަނދިރިވުމުން އަނބިހީހާގެ ގެއަށް ހިލޭ އަންހެނުން ވައްދައިގެން ގެންގުޅެނިކޮށް އަނބިމިހާގެ ލޮލަށް ފެނުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ޙަޤީޤީ ޙާދިސާ: އަނބިމީހާގެ ލޯއަނދިރިވުމުން އަނބިހީހާގެ ގެއަށް ހިލޭ އަންހެނުން ވައްދައިގެން ގެންގުޅެނިކޮށް އަނބިމިހާގެ ލޮލަށް ފެނުނު ގޮތުގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް 6 އަހަރު ފުރުނުއިރު 3 ދަރިން ވަނީ ލިބިފައެވެ. ނަމަވެސް އެއިރު އަޅުގަނޑުގެ ލޮލަށް އައީ އަނދިރިވަމުންނެވެ. ޑޮކްޓަރުންނަކަށް ބައްޔެއް ނުހޯދެއެވެ. އަދި އެކމަށް ފަރުވާއެއްވެސް ނުދެވެއެވެ. އެހެންކަމުން ދާދި އަވަހަށް ލޮލުގެ ފެނުން އެކުގައިހެން ގެއްލިއްޖެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ހިޔަނިވެއެވެ. 

ދެން ކުރިމަތިވީ ޙަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ދުވަސްތަކެވެ. އަޅުގަނޑު ނިދަން އެނދުގައި ބާއްވާފައި ހިލޭ އަންހެނުން ގެއަށް ވައްދަންފަށައިފިއެވެ. އެކަން ބައެއް ރޭރޭ ޔަޤީންކުރެވެއެވެ. އެއީ ވާހަކަ ދައްކާ އަޑު އިވޭތީއެވެ. އެންމެ ބޮޑަށް އަސަރުކުރަނީ ގެއަކީ އަޅުގަނޑުގެ މައިންބަފައިންގެ ކިބައިން އަޅުގަނޑަށް ލިބިފައިވާ ގެއަކަށްވެފައި އެގޭގައި އެކަން ހިނގާތީއެވެ! 

އެއިރު ހިތަށް ކުރި އަސަރާއި އަޅަމުންދިއަ ވޭނުގެ ބޮޑުކަން ކިޔައިދޭކަށްވެސް ނުއެނގެއެވެ. ދުޢާއަކީ އެފަދަ ހިތާމައެއް އެއްވެސް އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް ކުރަން ނުޖެހުމެވެ.

އެފަދަ ޙާލެއްގައި އުޅެނިކޮށް އަޅުގަނޑުގެ ބޭބެ އޭނާގެ އަނބިމީހާ ގޮވައިގެން އޭނާގެ ލޯދައްކަން މުދާރީއަށް ކުރި ދަތުރެއްގައި އަޅުގަނޑު ގެންދިއައެވެ. ޑޮކްޓަރުން ބެލުމަށްފަހު އަޅުގަޑުގެ ލޯ އޮޕަރޭޝަންކުރިއެވެ. އޮޕަރޭޝަނަށްފަހު ފެންނަންވެސް ފެށިއެވެ. އެވާހަކަ ފިރިމީހާ ގާތަކު ނުބުނަމެވެ.

އެނބުރި މާލެ އައިސް ގެއަށް ގޮސް ކާރުން ފޭބީ ލޮލަށް ނުފެންނަ ކަމަށް ހެދެންވެގެން އަނދިރި އައިނެއް އަޅައި އަސައެއްވެސް ހިފައިގެންނެވެ. އެއިރު ރޭގަނޑު 10 ޖަހަނީއެވެ. ކުދިން ތިބީ ނިންދަވާފައެވެ. އަޅުގަނޑުމެން ނިދާ ކޮޓަރީގައި ފިރިމީހާ އެއަންހެން މީހާ ގޮވައިގެން އުޅެއެވެ.

އަޅުގަނޑު ފެނުމާއިއެކު ވަރަށް ލޯބިން ކަމަށް ހެދިގެން އުޅުނެވެ. އަންގައިލިނަމަ އެއާޕޯޓަށް ބަލައިދާނެ ކަމަށްވެސް ބުނެ ލޮލުގެ ޙާލާއިބެހޭ ގޮތުން ސުވާލުކުރިއެވެ. އަޅުގަނޑު ބުނީމެވެ. "ލޯހުރީ ހަމަ ﷲ ލެއްވެވި ހެޔޮ ރަޙްމަތުގައެވެ. އެކަމާ ދެން އަޅައިނުލާށެވެ. ލައްކަ ދުވަހު ތިއަ ކުޅިގަނޑެއް ކުޅެފީމެއްނޫންހެއްޔެވެ؟ އަހަރެން ވަރިކޮށްފައި މިހިރަ އަންހެން މީހާ ގޮވައިގެން އަވަހަށް މިގެއިން ނުކުންނާށެވެ."

އެހިސާބުން ފިރިމީހާގެ ބަސް ހުއްޓުނެވެ. އަންހެން މީހާވެސް ގަތް ލަދުން އަވަސް އަވަހަށް ނުކުމެގެން ހިނގައްޖެއެވެ. އޭނާ ދިއުމުން ފިރިމީހާ ވަރަށް ގިނަ ބަހަނާތައް ދެއްކިއެވެ. އަދި އޭނާ ހިނގައްޖެނަމަ ދަރިންނަށް ލިބޭނެ ގެއްލުން ކިޔައިދޭން ފެށިއެވެ. އަޅުގަނޑު ބުނީމެވެ. "ބަލިޙާލުގައި ޖެހުމުން އެކުދިންގެ މަންމަގެ ހިތުގަ ޖައްސުވަން ހިލޭ އަންހެނުން ގެއަސް ވައްދައި މަޖާކޮށް އުޅެފީމެވެ. އެވަރުގެ ގޮތެއް ނެތް އަންހެނަކު އެދަރިންގެ ދޮންމަންމައަކަށް ހޯދައިދިނީމާ ކުރަންޖެހޭނެ ހިތާމައަށްވުރެ ބޮޑު ހިތާމައެއް ކުރާކަށް އެދަރިންނަކަށް ނުޖެހޭނެއެވެ. ވަރިކުރިނަމަވެސް ތިއައީ އެކުދިންގެ ބައްޕަ ނޫންކަމަކަށް ނުވާނެއެވެ. އެކުދިންނަށް ޚަރަދުކުރަން ނުޖެހޭނެ ކަމަކަށްވެސް ނުވާނެއެވެ. ވަރިކޮށްފައި ދިއަ ނަމަވެސް ކުދިންނާއި ގުޅުން ބޭއްވޭނެއެވެ. ކުދިން ނިދުމުގެ ކުރިން ބޭނުން އިރަކު ބައްދަލުކުރެވޭނެއެވެ."

ވަރިނުކުރަން 2،3 މަސްވަން ދެން ހިފެހެއްޓިއެވެ. އެނޫން ގޮތެއް ޤަބޫލުނުކުރީމާ ވަރިކޮށްފައި ހިނގައްޖެއެވެ. ދަމުން ބުނީ ކުދިންނަށް ޚަރަދުވެސް ނުކުރާނެ ކަމަށެވެ. އަޅުގަނޑު ބުނީ އެކަމާ ފާފަވެރިވާނީ އަހަރެން ނޫން ކަމަށެވެ. އަދި ﷲ އެކުދިންނަށް ރިޒްޤް ދެއްވަވާނެ ކަމަށެވެ. 

ޢިއްދަ ހަމަވެ މާގިނަ ދުވަހު ހުހަށް އިންނާކަށް ނުޖެހުނެވެ. ބޭބެގެ އަނބިމީހާ ދެއްކި މީހަކާއި ކައިވެނިކުރީއެވެ. އެނާވީ ވަރަށް ހެޔޮލަފާ މީހަކަށެވެ. ދަރިންނަށްވެސް އަޅައިލިއެވެ. އެހީތެރިވިއެވެ. މިއަދު އެތިބީ 3 ދަރިން ބޮޑެތިވެ ކައިވެނިވެސްކޮށްގެންނެވެ. އެކުދިންގެ ބައްޕަކަމުގައި ބަލަނީ ދޮންބައްޕައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ކުރުގޮތަކަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކަތަކެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ އަލަތު ފިރިމީހ ފަދަ ފިރިއަކާއެކުގައި އިތުރަށް ދުނިޔޭގައި އުޅެން މަސައްކަތްނުކުރާށެވެ! ކިތަންމެ ގިނަ ފުރުޞަތުތަކެއް ދިން ނަމަވެސް އިޞްލާޙްވާނީވެސް އިންސާނިއްޔަތުކަން ހުންނަ މީހެކެވެ. 

- ސިތުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން