އޭނާ ބަލިވި ސަބަބަކީ އަނބިމީހާއަށް މަކަރުހެދުމާ ޒުވާން އަންހެންކުދިން ދެކެ ލޯބިވުން ކަމަށް ޑޮކްޓަރު ބޭސް ސިޓީގައި ލިޔުމުން ލިބުނު ފަރުވާ ވަރަށް ބަރާބަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
އޭނާ ބަލިވި ސަބަބަކީ އަނބިމީހާއަށް މަކަރުހެދުމާ ޒުވާން އަންހެންކުދިން ދެކެ ލޯބިވުން ކަމަށް ޑޮކްޓަރު ބޭސް ސިޓީގައި ލިޔުމުން ލިބުނު ފަރުވާ ވަރަށް ބަރާބަރު!

އަހަރެމެންގެ ކައިވެންޏަށް 10 އަހަރު ފުރި 3 ދަރިންވެސް ލިބިފައިވަނިކޮށް ފިރިމީހާ އަހަރެންނަށް މަކަރުހަދަން ފަށައިފިއެވެ. ޒުވާން ކުއްޖަކާއި ގުޅުން އުފައްދައި ޚަރަދުކުރަން ފަށައިފިއެވެ. އަހަރެމެން 4 މައިންނަށް ކުރާ ޚަރަދުތައް މަދުކޮށް ނިކަމެތިކޮށްލައިފިއެވެ. ވަރަށް ދަތިޙާލުގައި ޖައްސައިފިއެވެ.

އެޙާލުގައިވެސް އެއްވެސް ކަމެއް އެނގޭކަމަށްވެސް ނުހަދައި ކެތްތެރިވަމުން ދަނިކޮށް ފިރިމީހާ ކުއްލިއަކަށް ބަލިވެއްޖެއެވެ. އަބަދުހެން ބޮލުގައި ރިއްސާތީ އުޅެންފަށައިފިއެވެ. ރުންކުރުވެ ރުޅި އައިސްފައި ހުންނަ ވަގުތުތައް ގިނަވާން ފަށައިފިއެވެ. 

ޢާއިލީ ޑޮކްޓަރަކީ ވަރަށް ހެޔޮލަފާ މީހެކެވެ. ފިރިމީހާ އޭނާ އާއި ކޮންމެ ހަފްތާއަކު ކްލަބުން ބައްދަލުވެއެވެ. ވާހަކަ ދައްކައެވެ. ކަންކަން ޙިއްޞާކުރެއެވެ. ދެމީހުންގެ މެދުގައި ހުންނަ ސިއްރުތައްވެސް އެކަކު އަނެކަކަށް ކިޔައިދެއެވެ.

ޑޮކްޓަރަށް ދައްކަން ދިއައީ ދެމަފިރިން އެކުގައެވެ. ޑޮކްޓަރު ބަލާފައިބުނީ ލޭމައްޗަށް ގޮސްފައިވާކަމަށާއި ދިގުމުއްދަތަކަށް ބޭސްކާންޖެހޭނެކަމަށެވެ. ފަރުވާކުޑަކޮށްފިނަމަ ސްޓްރޯކެއްވެސް ޖެހިދާނެ ކަމަށެވެ. އަދި ބަލިން ޝިފާލިބޭނީ ވިސްނަން ޖެހޭ ކަންކަން ރަނގަޅުކޮށް ފުދުންތެރި ދިރިއުޅުމެއް އުޅެގެން ކަމަށެވެ.

ޑޮކްޓަރު އެހެން އެބުނީ ކީއްވެގެންކަން އެނގުނެވެ. އެއީ ފިރިމީހާ ޒުވާން ކުއްޖަކު ކްލަބަށް ގެންގޮސް ނުލިބޭވަރުން ޚަރަދުކުރާކަން ޑޮކްޓަރަށް އެނގޭތީއެވެ. އެހެންވެ ފިރިމީހާއަށް މިފަދަ ކަމެއް މެދުވެރިވީ ކޮންކަމަކާއިގުޅިގެންކަން އެނގޭތޯ ޑޮކްޓަރާއި ސުވާލުކުރީމެވެ. އެސުވާލަށް ޑޮކްޓަރު ޖަވާބެއް ނުދެއެވެ. ނަމަވެސް ބޭސް ސިޓީ އަޅުގަނޑު އަތުން އަތުލާފައި އެއްޗެއް ލިޔުނެވެ. އަޅުގަނޑުވެސް އިތުރަށް ސުވާލެއް ނުކުރަމެވެ. ލިޔުނު އެއްޗެއް ފަހުން ބަލައިލަން ނިންމައި ޑޮކްޓަރުގެ ވަގުތަށް އިޙްތިރާމްކޮށްފައި ނުކުތީއެވެ. 

ބޭސްނަގަން ފާމަސީއަށް ގޮސް ބޭސްސިޓީ ދިއްކޮށްލުމުން އެތަނުގައިތިބި 2 އަންހެން ފާމަސިސްޓުން ވަގުހިންނަކުން ހީނލިކަން ފާހަގަކުރެވުނެވެ. އެއީ ކޮންމެހެން ބޭސް ސިޓީ ދިނީމާ ނޫންކަމަށް ހީކޮށް ބޭސްދިނުމުން ސިޓީއަށް ބަލާނުލައި އެނބުރި ގެއަށް ދިއައީއެވެ. 

ގެއަށް ގޮސް ފިރިމީހާއަށް ބޭސްކާންދިނުމަށްފަހު ހަމަޖެހިލައިގެން ބޭސް ސިޓީއަށް ބަލައިލިއިރު ބަލީގެ ސަބަބުތައް ލިޔާގޮޅީގައި ލިޔެފައި އޮތީ "ޗީޓީންގ ޓު ވައިފް އެންޑް ލަވިންގ ޔަންގް ގާރލްސް" (އަނބިމީހާއަށް މަކަރުހެދުމާ ޒުވާން އަންހެންކުދިން ދެކެ ލޯބިވުން) އެވެ. 

ދެތިން ދުވަހު ބޭސްކައި ފިރިމީހާ ކުޑަކޮށް ހަމަޖެހިލުމުން ބޭސް ސިޓީ ފިރިމީހާއަށް ދައްކާފައި ޑޮކްޓަރު މިބުނަނީ ކީކޭތޯ ސުވާލުކުރީމެވެ. ކުޑައިރުކޮޅަކު ވިސްނާލަން އިނދެފައި ބުނީ އެއީ ޑޮކްޓަރު ކޮށްލި ސަމާސާއެއް ކަމަށެވެ. އެވާނީ ކަލޭ އެސުވާލުކުރީމާ ކަލޭ ތަޅުވާލަން ލިޔުނު އެއްޗަކަށް ކަމަށެވެ. 

ޖަވާބުގައި ބުނީމެވެ. "އަހަރެން ތެޅިތެޅި ހުންނަތާ ކިތަންމެ ދުވަހެކެވެ. ތެޅޭކަން ކަލެއަށް ނުއެނގެނީއެވެ. އަހަރެންގެ އިތުރުން ދަރިންކޮޅުވެސް ތެލިފޮޅެނީއެވެ. ދެރައީ ކަލެއަށް ތެޅެން ޖެހި ކަލޭ ބަލިވެ، ޑޮކްޓަރަށްވެސް ދައްކަން ޖެހުނު ކަމެވެ." 

ފިރިމީހާ ބުންޏެވެ. "ދެން ނުތަޅުވާނަމެވެ." އަޅުގަނޑު ބުނީމެވެ. "އެނގިދާނެތާއެވެ!" 

ކޮންމެއަކަސް ޑޮކްޓަރުގެ ބޭސް ސިޓީގެ ފަހުން ފިރިމީހާގެ އުޅުން އިޞްލާޙްކޮށް ކުރިއެކޭ އެއްގޮތަށް ދިރިއުޅެން ފަށައިފިއެވެ. ޒުވާން އަންހެންކުދިންނާއެކު އުޅުމުގެ ހުރި ހޫނުކަން އިޙްޞާޞް ކުރެވުނީކަމަށްވެދާނެއެވެ! 

ކޮންމެއަކަސް ބުނެވެން އޮތީ ޑޮކްޓަރުގެ ބޭސް ސިޓީގެ ސަބަބުން ފިރިމީހާއަށް ލިބުނު ފަރުވާ ވަރަށް ބަރާބަރު ކަމަށެވެ. އިތުރަށް ބޭސްކުރަން ނުޖެހި ބަލިން ސަލާމަތްވެވުނީތީއެވެ!

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް މިފަދަ ފަރުވާއަށް ބޭނުންވެގެން ތިބި ފިރިންނަށް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

--ޚަލީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން