ޙަޤީޤީ ޙާދިސާ: އެކަނިވެރި މައިން މަޅީގަ ޖައްސުވައި ފައިސާ ހޯދަމުން އައި ފިރިއެއްގެ ކިބައިން ސަލާމަތްވެވި އުފަލުން ފުރޭވަރުގެ ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ޙަޤީޤީ ޙާދިސާ: އެކަނިވެރި މައިން މަޅީގަ ޖައްސުވައި ފައިސާ ހޯދަމުން އައި ފިރިއެއްގެ ކިބައިން ސަލާމަތްވެވި އުފަލުން ފުރޭވަރުގެ ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަހަރެމެންވެސް ކައިވެނިކުރީ ވަރަށް ލޯބިންނެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް 2 އަހަރުވީތަނާ ބަލިވެއިނދެއްޖެއެވެ. އެވާހަކަ ފިރިމީހާގާތުބުނުމުން ވަރަށް ހެވުނެވެ. ނަމަވެސް އަނެއް ދުވަސްވީ ކައިވެނީގެ ފަހު ދުވަހަށެވެ. ޖެހިގެން އައި ދުވަހު އޮފީހަށް ދިއަ ގޮތަކަށް އެނބުރި ގެއަކަށް ނައުދެއެވެ. އަންނައުނުކޅު ގެންދިއައީވެސް ކުއްލިއަކަށް ރަށަށް ފުރަންޖެހިއްޖެކަމަށް ބުނެ މީހަކު ފޮނުވައިގެންނެވެ.

އޭނާގެ ހެޔޮކަމުން އެދުވަހު އަހަރެންގެ އެކައުންޓަށް 5000 ރުފިޔާ ޖަމާކޮށްދިނެވެ. އެހެންވެ އޭނާ ފިލީ ކަމަކަށް ޤަބޫލެއްވެސް ނުކުރެވުނެވެ. ފިލިކަން އެނގުނީ ވަރިކަން މެސެޖްކުރުމުންނެވެ. އަދި އެފައިސާއަކީ 3 މަސްދުވަހުގެ ޚަރަދުކަންވެސް ވިސްނުނެވެ. ދެރައީ ބަލިވެއިން އަނހެނާގެ ޢިއްދައަކީ ވިހައިގަދަވުންކަންވެސް ނުއެނގުނީތީއެވެ. އެހިސާބުން ލިބުނު ހިތްދަތިކަން ކިޔައިދޭކަށްވެސް ނުއެނގެއެވެ. 

އަޅުގަނޑަކީވެސް އެހައި ފަސޭހައިން ހިތްވަރު އެލުވައިލާ އަންހެނަކީމެއް ނޫނެވެ. ބެލީ ވަޒީފާއެއް ހޯދޭތޯއެވެ. އެކަމަށް މަސައްކަތްކުރާތާ މަހެއްހައި ދުވަސްފަހުން ވަޒީފާއެއްވެސް ލިބިއްޖެއެވެ. ދިރިއުޅެމުން އައީ މައިންބަފައިންގެ ގެއިން ލިބިފައިވާ އެޕާޓްމަންޓެއްގައިކަމަށްވުމުން އެއްވެސް މީހަކަށް އުނދަގޫނުކޮށް އުޅެލެވޭވަރުވިއެވެ. 

ބަލިވެއިނދެ އުޅެންޖެހުނީ ވަރަށް ބަލިޙާލުގައެވެ. އެހެންކަމާއިއެކުވެސް އެއްވެސް މީހަކަށް އުނދަގުލެއް ނުކުރަމެވެ. ހުރިހާ ކަމެއް ކުރީ އަމިއްލައަށެވެ. ވިހައި ގަދަވިތާ ހައަކަމަސްވީތަނާ ދަރިފުޅު ގޮވައިގެން ހަވީރު ނުކުމެ އުޅިނިކޮށް ބައްދަލުވި ފިރިހެނަކު ފުރަތަމަވެސް ބުނީ މިކުއްޖާގެ ބައްޕައަކީ ވަރަށް ބޮޑު ނަޞީބުވެރިއެއް ކަމަށެވެ. ދަރިފުޅުގެ ބައްޕަ ދަންނަންތޯ ސުވާލުކުރުމުން ބުނީ ނުދަންނަކަމަށާއި އަޅުގަނޑު ރީތިކަމުން އަޅުގަނޑު ފަދަ އަންހެނަކު ލިބޭނީ ވަރަށް ނަޞީބުގަދަ ފިރިހެނަކަށްކަމަށްވާތީ އެހެން ބުނީ ކަމަށެވެ. އެހެންބުނުމުން އެއީ ވާހަކަ ދައްކަންފަށާނެ ކޮޅެއް ހޯދަންބުނި ބަހެއްކަން ވިސްނުނެވެ. އެހެންވެ ބުނީމެވެ. "އަހަރެންނަކީ އެއްވެސް ރީތިކަމެއް ހުރި އަންހެނެއް ނޫނެވެ. ހައްދަން މަސައްކަތް ނުކުރާށެވެ." 

ފެނުނު ފެނުމުގައި އޭނާއަކީ ހިތްހެޔޮ މިޒާޖުގެ މީހެކެވެ. އެހެންވެ ފަހުންވެސް ވާހަކަދެކެވުނެވެ. ފޯނުންވެސް ވާހަކަދައްކަން ފެށުނެވެ. އަދި އެގުޅުން ބޮޑުވަމުން އައިސް ކައިވެނިކުރެވުނެވެ. 

ކައިވެންޏަށް އަހަރުވީތަނާ ފިރިމީހާގެ ފޯނުން ފެނުނު މެސެޖުތަކަކުން އެނގުނީ އެއިރުވެސް ފިރިމީހާ އެކަނިވެރި ދެމައިން މަޅީގައި ޖައްސައިގެން ގެންގޫޅޭ ކަމެވެ. އަދި އޭނާއަކީ މީގެ ކުރިންވެސް އެކަނިވެރި ދެމައިން މަޅީގައި ޖައްސައި ލަނޑުދީފައިވާ މީހެއްކަމެވެ. އަދި އޭނާއަކީ އެކަނިވެރި މައިން ހައްދައިގެން ފައިސާވެސް އަތުލާ މީހެއްކަމާއި އަހަރެންނާއިއެކު ދިރިއުޅެނީ ކުލިދައްކަން ނުޖެހޭތީ ކަންވެސް މެސެޖުތަކުން އެނގުނެވެ.  

ވަރަށް ދެރަވިއެވެ. ދެވަނަ އަށްވެސް ނުބައި ނުލަފާ މަކަރުވެރި ފިރިއަކު ލިބުނީތީއެވެ. ކިތަންމެ ދެރަވިނަމަވެސް ކުރެވުނު ކަމެއް އޮތީ ކުރެވިނިމިފައެވެ. ދެން އޮތީ މުސްތަޤްބަލާއިމެދު ވިސްނުން ކަމަށް ނިންމީމެވެ. ފުރަތަމަ ފިރިމީހާ އެގޮތަށް ކަންކަން ކުރުމުން ލިބުނު ދެރަ މާބޮޑުކަމާއި އެކަންކަމަށްވެސް ކެތްތެރިވާން މަސައްކަތްކުރުމުން ހިތްވަރުދެއްވެވިކަން ވިސްނައިލުމުން އިތުރު ހިތްވަރު ލިބުނެވެ.  

އެއިގެ ދެދުވަހެއް ފަހުން ހުކުރު ވިލޭރޭ ނިދަން ތިބެފައި ފިރިމީހާގެ ފޯނުން އެނގުނު ކަންކަމުގެ ވާހަކަ ދެއްކީމެވެ. އަދި އިތުރަށް ވަގުތު ބޭކާރުނުކޮށް އަހަރެން ދޫކޮށްލާފައި ދިއުމަށް އެދުމުން ވަރަށް ލަދުންހުރެ އަނެއް ދުވަހު އަހރެންނ ދޫކޮށްލާފައި ހިނގައްޖެއެވެ. 

މީހުން ބުނާނީ ދެކައިވެނިކޮށްގެންވެސް ދިރިނޫޅެވުނު ވާހަކައެވެ. ކަންކަން މެދުވެރިވި ގޮތް އެނގޭނީ ވަރަށް މަދު މީހަކަށެވެ. ކޮންމެއަކަސް ފެށުނީންސުރެ، އެންމެ ކުޑައިރުންސުރެ އަޅުގަނޑަކީ ތަޤްވާވެރިއަކީމެވެ. ކެތްތެރިއަކީމެވެ. ވީމާ މީހަކު ބުނެފާނެ އެއްޗަކަށް ދެރައެއްވެސް ނުވެއެވެ. ﷲ ގެ ރަޙްމަތަށް އެދި ދުޢާކުރުންމަތީގައި ހުރީއެވެ. 

އެއިގެ އަހަރެއްހައި ދުވަސްފަހުން ނުދަންނަ ނަންބަރަކުން ގުޅި ކޯލެއް ނެގީމެވެ. އެއީ އަޞްލުގައި އޮޅިގެން ގުޅި މީހެކެވެ. ނަމަވެސް އެކޯލުވެގެންދިއައީ އައު ފެށުމަކަށެވެ. ދެމީހުންގެ މެދުގައި ރައްޓެހިކަން އުފެދުނެވެ. ގާތްކަންވެސް އުފެދުނެވެ. އެހިސާބަށް ކަންކަން ގެންދިއައީ އޭނާގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އޮޅުންފިލުވައިފައެވެ. އޭނާއަކީ ދިރިއުޅެން މަސައްކަތްކުރާ، ހިތްތިރި ތަޤްވާވެރިއެއްކަމާއި މައިންބަފައިންނަށާއި ޢާއިލާއަށްވެސް އަޅައިލާ މީހަކުކަން ޔަޤީންކޮށްފައެވެ. 

އަހަރެން ދެކައިވެނިކޮށް ދަރިއަކުވެސް ލިބިފައި އޮތް ނަމަވެސް އަހަރެން ގޮވައިގެން ދިރިއުޅެން ބޭނުންވާކަން ވަރަށް ބޮޑަށް ޔަޤީންކުރުމަށްފަހު ކައިވެނިކުރީމެވެ. ﷲ އިރާދަފުޅުން އެކައިވެނިވީ ވަރަށް ރަނގަޅު ކައިވެންޏަކަށެވެ. ކައިވެނީގެ ފުރަތަމަ ރޭވެސް ދެމީހުން ހަމައެކަނި އުފާކުރީއެއް ނޫނެވެ. ޢަމަލުކުރީ ސުންނަތާއި އެއްގޮތަށެވެ. ދެމީހުން އެކުގައި ދަމުނަމާދުވެސް ކުރީމެވެ. އަދި ގަދަވެ ސަލާމަތުން ތިބިނަމަ ކައިވެނީގައި ފާއިތުވި 8 އަހަރުވެސް އެކުގައި ދަމުނަމާދުނުކުރާ ރެއެއް ހަމަ ވަރަށް ނުދާނެއެވެ. 

ނަތީޖާވެސް ރަނގަޅެވެ. ކައިވެނިކުރިއިރު އޭނާއަކީ އާދައިގެ ވަޒީފާއެއްގައި ހުރި މީހެކެވެ. މިހާރު އޭނާއަކީ އަމިއްލަ މަސައްކަތްކުރާ އަމިއްލަވެރިއެކެވެ. ޙައްޖު ޢުމުރާ ޤުރޫޕެއްގައިވެސް އުޅެނީ ބައިވެރިވެގެންނެވެ. އެހެންވެ އެކުގައި އެތައް ފަހަރަކު ޢުމުރާއަށްވެސް ދެވިއްޖެއެވެ. އަދި ކައިވެނީގައި ލޯބިލޯބި 2 ދަރިންވެސް ވަނީ ލިބިފައެވެ. ފިރިމީހާގެ އަމިއްލަ 2 ދަރިންނަށްވުރެ އަލުގަނޑުގެ ދަރިފުޅު ދެކެ ލޯބިވާކަން ޢަމަލުތަކުން ދައްކައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ. ބުނެލަން ބޭނުންވަނީ ދުނިޔޭގެ ހަޔާތަކީ އިމްތިޙާނަކަށްވުމުން ހުރިހާ ބާބވަތެއްގެ ކަންކަންވެސް ކުރިމަތިވާނެއެވެ. ނަމަވެސް ﷲ އަށް އިޚްލާޞްތެރިވެ އެކަލާނގެ ޙަޟްރަތުން ވާގިއެދޭނަމަ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެއެވެ. އިން ޝާ ﷲ 

- މައީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން