އައްސައްޔިދާ ރައިޙާނާ 2: ކައިވެނިފުޅު، ޔަހޫދީންގެ ދެކޮޅުވެރިކަން

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 6ސ
އައްސައްޔިދާ ރައިޙާނާ 2: ކައިވެނިފުޅު، ޔަހޫދީންގެ ދެކޮޅުވެރިކަން

ކައިވެނިފުޅު: 

السّيّدة ريحانة رضى اللّـه عنــها ބޮޑުފުޅުވަމުން އައީ މަދީނަތުލް މުނައްވަރާގައެވެ. ނުހަނު އުފަލާ ނިޢުމަތުގައެވެ. ޢިލްމުވެރިން ލިޔުވާގޮތުގައި ريحانة رضى اللّـه عنــها އަށް ޤުދުރަތުން ލިބިވަޑައިގެންފައިވަނީ ނުހަނު ރީތި ބުރުސޫރަފުޅެކެވެ. އެކަމަނާ ފިރިފުރާވަރަށް އެރުމުން އެކަމަނާއާ ކާވެނިކުރީ قُرَيْظَة ވަންހައިގެ ޒުވާނެއްކަމުގައިވާ الْحَكَمُ އެވެ. އޭގެ ދެކަނބަލުން ކާވެނިބައްލަވައިގެން ނުހަނު އުފަލާ އަރާމާއި ނިޢުމަތުގައި ދުވަސްތައް ހޭދަކުރައްވަމުން ގެންދެވިއެވެ. 

ޔަހޫދީންގެ ދެކޮޅުވެރިކަން: 

އިސްލާމްދީން އައުމުގެ ކުރިން މަދީނާގެ ޤަބީލާއެއްކަމުގައިވާ އައުސްވަންހަޔާއެކު قُرَيْظَة ވަންހައިގެ މީހުންވަނީ އަޙްދެއްވެފައެވެ. އެ އަޙްދުގައިވަނީ އެބައިމީހުން އައުސްވަންހައިގެ ހިމާޔަތުގައި އައުސްވަންހައިގެ ޚަލީފުންގެ ގޮތުގައި އުޅުމަށެވެ. އެއްބަޔަކު އަނެއްބަޔަކަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވާ ގޮތުގައެވެ. 

ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިރު  قُرَيْظَة ވަންހައިގެ  މީސްތަކުންގެ އެބަޔަކާ އަޙްދުވެފައިވާ އައުސްވަންހައިގެ މީސްތަކުންވަނީ އިސްލާމްވެފައެވެ. ބުނެވޭގޮތުގައި އައުސްވަންހައިން އިސްލާމްނުވެ ހުރީ އެންމެ މީހެކެވެ. އެއީ ހުސައިރަމް އޭކިޔުނު މީހެކެވެ. އޭނާ އިސްލާމްވީ އުޙުދު ހަނގުރާމައިގެ ދުވަހުއެވެ. އޭނާ އެ ދުވަހު އިސްލާމްވެ މުޝްރިކުންނާ ދެކޮޅަށް ހަނގުރާމަކޮށް ޝަހީދުވެވަޑައިގެންނެވިއެވެ. 

އައުސްވަންހައިގެ ރައީސް ސަޢުދު ބުން މުޢާޛާއި އެކަލޭގެފާނުގެ ވަންހައިގެ މީސްތަކުން ރަސޫލާ صلّى اللّـه عليه وسلّم އަށާއި އިސްލާމްދީނަށް ނުހަނު އިޚްލާސްތެރިކަމާއެކު އެހީތެރިވެދައެއްވަމުންގެންދެވިއެވެ. އިސްލާމްދީނުގެ ދިފާޢުގައި ޖާނާއި މާލުން ޤުރުބާންވެވަޑައިގްނަވަމުން ގެންދެވިއެވެ. ދީނުގެ ތަފާތުކަމާއެކުވެސް قُرَيْظَة ވަންހައިގެ  ޔަހޫދީންނާއި އައުސްވަންހައިގެ މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ދުނިޔަވީކަންކަމުގައި އެހީތެރިވެ އަޙްދަށް ވަފާތެރިވަމުން ގެންދިޔައެވެ. 

ޔަހޫދީންނަކީ ހަމަ ޔަހޫދީންނެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ޖަދު ފެށުނީއްސުރެ ނުކިޔަމަންތެރިކަމާއި ނޭއްގާނީކަމުގެ ކުލަތަކުން ތާރީޚު ފަޅުފިލުވާލައިފައިވާ ބައެކެވެ. އިސްލާމްދީން ކުރިއަރައިގެން ދާތަން ފެނުމުން އެބައިމީހުން ތިބީ މޭކަރާގޮތްވެފައެވެ. ނަމަވެސް ކަނޑައެޅިގެން މުސްލިމުންނާއި އިސްލާމްދީނުގެ ނަބިއްޔާއާ ދެކޮޅަށް ތެދުވަން އެބައިމީހުންނަށް ލިބިފައިވަނީ ދާދި މަދު ފުރްސަތުތަކެކެވެ. އެ ފުރްސަތުތަކުގެ ބޭނުންކޮށް އެބައިމީހުން މުސްލިމުންނާ ދެކޮޅަށް އެތައް ބަޣާވާތެއް ވަނީ ރާވައިފައެވެ. އެތައް ފިތުނައެއް އުފައްދަން މަސައްކަތްކޮށްފައެވެ. ނަމަވެސް، ދުރުވިސްނިވަޑައިގަންނަވާ އިސްލާމްދީނުގެ މުރައްބީގެ ޙިކުމަތްތެރިކަމާއި އިލާހީ މަދަދުވެރިކަމާއެކު އެބައިމީހުންނަށް ޖެހެނީ ކަނދުރާ އެލުވައިލާށެވެ. 

މަދީނާގައި ދިރިއުޅެމުން ގެންދާ ޔަހޫދީންގެ ތެރެއިން قُرَيْظَة ވަންހައިގެ  ޔަހޫދީންގެ ހިތުގައި މުސްލިމުންނާ ދެކޮޅަށް އޮތް ޙަސަދަވެރިކަން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެންދިޔައީ އަޙްޒާބު ހަނގުރާމައިގެ ތެރޭގައެވެ. މައްކާގެ މުޝްރިކުންނާއި ވަރަށް ގިނަ ޢަރަބި ޤަބީލާތަކެއްގެ ބަޔަކު މުސްލިމުންނާ ދެކޮޅަށް ހަނގުރާމައަށް އައިސް މަދީނާގެ ރަށްބޭރުގައި ހަނގުރާމައިގެ ލަޝްރަކުރު ރުކުރުވާލިއެވެ. ދުވަސްވަރަކީ ވަރަށް ފިނިގަދަ ދުވަސްވަރެކެވެ. ތަދުމަޑުކަން ފެތުރިފައިވާ ދުވަސްވަރެއްމެއެވެ. އެހާބޮޑު ލަޝްކަރަކުން ސަލާމަތްވުމަށްޓަކައި ޚަންދަޤެއް ކޮނެވިފައިވުމަކީ މުސްލިމުންނަށް އަސްކަރީ ގޮތުން އެޅިފައިވާ ވަރަށް މުހިއްމު ފިޔަވަޅެކެވެ. 

މުސްލިމުންނަށް ކުރިމަތިވެފައިވާ މިދެންނެވި ދަތި އުނދަގޫ ދަނޑިވަޅުގެ ތެރޭގައި މުސްލިމުންނާ މުއާހަދާވެފައިވާ قُرَيْظَة ވަންހައިގެ  ޔަހޫދީން އެބައިމީހުންގެ އަޙުދު ނާމާ އުވައިލިއެވެ. ޙުޔައްޔު ބުން އަޚްތަބުގެ ވަސްވާހުގައި ޖެހި އޭނާގެ ބަހައްހެއްލުނެވެ.

އަހްޒާބު ހަނގުރާމައިގެ ދުވަސްތައް ދިގުވަމުން ހަނގުރާމައަކަށް ވާކަހަލަ ހަނގުރާމައެއް ނުކުރެވި ދުވަސްތައް ދިގުލަމުން ދިޔައެވެ. މުޝްރިކުންނަށް، މުސްލިމުން މަދީނާގެ ވަށައިގެން ކޮނެފައިވާ ޚަންދަޤު ފޫވައްޓައެއް ނުލެވުނެވެ. އެގޮތުގައި އެބައިމީހުން ތިއްބާ އަރަހުށި މާތްއެބައިމީހުންގެ މައްޗަށް ވަރަށް ވަރުގަދަ ފިނި ވައެއް ފޮނުއްވައި އެބައިމީހުން ހަލާކުކުރައްވައިފިއެވެ،. އެވައިގެ ސަބަބުން އެބައިމީހުންގެ ފޭލިގެތަކުގެ މުޑިތައް ލުހި އެބައިމީހުން ކައްކަން އުދާފައިވާ ކަންވާރުތައް ބަނޑުންވިއެވެ. ނަތީޖާއަކަށްވީ މުޝްރިކުން ބިރުން މަދީނާދޫކޮށް އެނބުރި އެބައިމީހުންގެ ވަޒަނަށް ދިޔުމެވެ. 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން