ކޮންމެ ދާއިރާއަކުން ދަރިން ކުރިއަރުވަން ބޭނުންވިނަމަވެސް ފުރަތަމަ ކަމަކަށް ދީން އުނގައިދިނުމަކީ މަޖުބޫރުކަމަކަށްވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ކޮންމެ ދާއިރާއަކުން ދަރިން ކުރިއަރުވަން ބޭނުންވިނަމަވެސް ފުރަތަމަ ކަމަކަށް ދީން އުނގައިދިނުމަކީ މަޖުބޫރުކަމަކަށްވަނީ ކީއްވެ؟

ކޮންމެ މީހަކީ ދީނުގެ ބޮޑު ޢިލްމުވެރިއަކަށް ނުވާނެއެވެ! އެއީ އެއްވެސް މައްސަލައެއްވެސް ނޫނެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކޮންމެ ދާއިރާޢަކުން ޢިލްމު ޙާޞިލްކުރިނަމަވެސް އެއީ ހަމަ އަޅުކަމެކެވެ. ޙާޞީލްކުރި ޢިލްމުގެ ބޭނުން ޢަމަލީ މައިދާނުގައި ރަނގަޅު ގޮތުގައި ހިފައިފިނަމަ އެއީ ދެވަނަ އަޅުކަމެވެ.

ހުރިހާ ކަމެއް މާޢްދިއްޔަތަށް ގޮސް ހުސްވުމުން ދަރިންނަށް ތަޢްލީމް ދިނުމުގައިވެސް ގިނަ ބައަކު ބަލަނީ އެންމެ ގިނަ ފައިސާ ލިބޭނެ ފަންނުތަކުގެ ޢިލްމު އުނގަންނައިދިނުމަށެވެ. މިހާރުވެސް ގިނައީ އިންޖިނޭރުކަމާއި ޑޮކްޓަރުކަން ފަދަ އެންމެ ގިނަ ފައިސާ ހޯދޭނެ ދާއިރާތަކުން ނޫނީ ދަރިން ޢިލްމްވެރި ކުރުވަން ބޭނުން ނުވާ މީހުންނެވެ. އެހެން ދާއިރާތަކުން ކިޔެވިނަމަވެސް އެއީ ޢިލްމުވެރިން ކަމަށް ބަލައި ނުގަންނަ މީހުން ވެސް ވަރަށް ގިނައެވެ.

ފާހަގަކޮށްލަން މިއުޅެނީ ކޮންމެ ދާއިރާއަކުން ދަރިންނަށް މަތީ ތަޢްލީމް އުނގަންނައިދިން ނަމަވެސް ފުރަތަމަ ކަމަކަށް އިސްލާމް ދީން އުނގަންނައިދިނުމުގެ މުހިންމު ކަމެވެ.

ގިނަ ފައިސާ ހޯދޭނެ ދާއިރާތަކުން ކިޔަވައި މޮޅުވުމަކީ އިސްލާމް ދީން ހުރަސްއަޅާ ކަމެއް ނޫނެވެ. އަދި ތަރްޙީބުވެސް ދޭ ކަމެކެވެ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ ކޮންމެ ދާއިރާއަކުން ކިޔެވިނަމަވެސް އިސްލާމް އުނގަންނައި ދިނުމެވެ. އަދި އިސްލާމް ދީނަށް ހޭލުންތެރިކުރުވުމާއިއެކު އިސްލާމް ދީނަށް ޢަމަލުކުރަން ތަރުބިއްޔަތުކުރުމެވެ.

މިކަންކަން ނުކުރެވުމުން ދަރިން އެދަނީ ގެއްލި ހަލާކުގެ ތެރެއަށެވެ. ބައިވަރު ފައިސާ ހޯދަން ދަސްވެއެވެ. ނަމަވެސް ނަރަކައިން ސަލާމަތްވާނެ ގޮތް އެނގިފައެއް ނުއޮވެއެވެ. ހިތާމައަކީ ގިނަ ކުދިން ގެއްލި ހަލާކުވެގެންދަނީ ނުވެސް އެނގިތިބެ ކަމެވެ.

Prophet Muhammad (ﷺ) said:

“There will be tribulation (فِتَنٌ) in which a man will be a believer in the morning and a disbeliever by evening, except the one to

whom Allah grants knowledge.”

Ibn Majah 3954

"މީސްތަކުންގެ މެދުގައި ފިތުނަވެރިކަން ބޮޑުވެ އީމާންކަން މަތީގައި ހެނދުނު ހުންނަ މިހާ ހަވީރުވާއިރު އިމާން ނުވާ މީހަކަށް (ނަގުފުރެދިފައިވާ މީހަކަށް ބަދަލުވެތެވެ. މާތް ﷲ އެމީހަކަށް ޢިލްމެ ދެއްވެވި މީހަކު މެނުވީއެވެ."

މިމޭރުމުން ޙަދީޘްފުޅުގައި އޮތުމުން ﷲ ތަޢާލާ އެމިހަކަށް ޢިލްމު ދެއްވަވާނެ ކަމުގެ އިންތިޒާރުގައި ހުންނަންވީއެއް ނޫނެވެ. ޢިލްމު އުނގެނެން މަސައްކަތްކުރަންވީއެވެ. ޢިލްމް އުގެނެން މަސައްކަތް ކުރާ މީހަކަށް އެކަން ކާމިޔާބުވާނެތެވެ! އިން ޝާ ﷲ.

ލޮބުވެތި މައިންބަފައިންނޭވެ! އެންމެހައި ބެލެނިވެރިންނޭވެ! އެންމެހައި މީސްތަކުންނޭވެ! ޢިލްމް ހޯދަން މަސައްކަތްކުރުމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ސަމާލުކަން ނިކަން ދެކިބަލާށެވެ! ކިރިތި ޤުރްއާނުން ފުރތަމަ ބާވައި ލެއްވެވި އާޔަތުގައިވެސް ވަނީ ކިޔެވުމަށެވެ.

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމްފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. (އަލްޢަލަޤް: 1)

ޢިލްމް އުނގެނެން ގަދައަޅައި މަސައްކަތްކުރާށެވެ. އެކަލާނގެ ދީލަތިވަންތަކަން އެމީހަކަށް ފެނިގެންދާނެއެވެ. "ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ." (އަލްޢަލަޤް: 3)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން