އައްސައްޔިދާ ރައިޙާނާ 3: ޤުރައިޡަތު ވަންހައިގެ ހަނގުރާމައިގައި ރައިޙާނާގެ ފިރިމީހާ ޤަތުލުކުރެވި މުސްލިމުންގެ އަތްދަށުގައި ހައްޔަރުވުން-

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 10ސ
އައްސައްޔިދާ ރައިޙާނާ 3: ޤުރައިޡަތު ވަންހައިގެ ހަނގުރާމައިގައި ރައިޙާނާގެ ފިރިމީހާ ޤަތުލުކުރެވި މުސްލިމުންގެ އަތްދަށުގައި ހައްޔަރުވުން-

قُرَيْظَة ވަންހައިގެ ހަނގުރާމަ: 

ރަސޫލާ صلّى اللّـه عليه وسلّم ޚަންދަޤު ހަނގުރާމައިން ނިމިވަޑައިގެން މަދީނާއަށް ވަޑައިގެން އެކަލޭގެފާނުގެ ހެދުންކޮޅުން ބަދަލުކުރެއްވުމަށްޓަކައި އުއްމުސަލަމަތުގެފާނުގެ ގަނޑުވަރުގައި ހުންނަވަނިކޮށް ޖިބްރީލުގެފާނު ވަޑައިގެން ދެންނެވިއެވެ. [ކަލޭގެފާނު ހަނގުރާމައިގެ ދަހަނާކޮޅު ބާލުއްވަނީތޯއެވެ. އަދި މަލާއިކަތް ބޭކަލުންގެ ލަޝްކަރު ހަނގުރާމައިގެ ހެދުންކޮޅެއް ނުބާލުއްވައެވެ. މާތް ކަލޭގެފާނަށް އަމުރުކުރައްވަނީ އެބައިމީހުންނާއި ހަނގުރާމަކޮށް މަދީނާއިން އެބައިމީހުން ނެރުއްވައި އެތަނުގެ ބިން ކާފިރުކަމުން ތާހިރު ކުރެއްވުމަށެވެ. ތިމަންކަލޭގެފާނު ކުރީން ވަޑައިގަންނަވާނަމެވެ. އެއުރެންގެ ކިއްލާތަކުގައި ޒަލްޒަލާ އުފައްދަވައި އެއުރެންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވާނަމެވެ.] 

ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އަޞްޙާބު ބޭކަލަކު މަދީނާއަށް ފޮނުއްވައި މިދަންނަވާ އިއުލާން ކުރެއްވިއެވެ. [މާތް اللّـه  އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުއަހައި ކިޔަމަންވާ އެކަކުވެސް قُرَيْظَة ވަންހައިގެ  މީހުން އަވަށުގެ ބޭރުގައި މެނުވީ މިއަދުގެ ޢަޞުރު ނަމާދު ނުކުރާހުށިކަމެވެ.]

މިހަނގުރާމައިގައި ދިދަދެއްވީ ޢަލީގެފާނަށެވެ. މަދީނާގެ މައްޗަށް ވެރިކުރެއްވީ عبد اللّـه بن أمّ مكتوم رضى اللّـه عنه  އެވެ. މިހަނގުރާމައަށް ނުކުތް މުސްލިމުންގެ އަދަދަކީ ތިންހާހެވެ. އެބައިމީހުންގެ ތެރެއިން ބައެއް ބޭކަލުން އެތަނަށް ދިޔަ މަގުމަތީގައި ދަތުރުވެރިން ނަމާދު ކުރާފަދައިން ނަމާދު ކުރައްވައިފިއެވެ. އެބޭކަލުންނަށް ރަސޫލާ صلّى اللّـه عليه وسلّم ގެ ބަސްފުޅުން މޭރުންވީ އެތަނަށް ދިޔުން ލަސްނުކުރުމުގެ މައްޗަށެވެ.  

ނަމާދުކޮށްގެ ދިޔަނަމަވެސް ލަސްނުވާކަމުގައިވަނީނަމަ އެއީ އެންމެ ރަނގަޅުގޮތެއްކަމުގައެވެ. އަނެއްބައި ބޭކަލުން އަޞްރު ނަމާދުކުރެއްވީ قُرَيْظَة ވަންހައިގެ މީހުންގެ ރައްބޭރުގައެވެ. މިއިން އެއްވެސް ބޭކަލަކަށް އެކަލޭގެފާނު ނުރުހުންވެވަޑައުގެން އެއްޗެއް ވިދާޅެއްނުވެއެވެ. 

މުސްލިމުންގެ ލަޝްކަރު قُرَيْظَة ވަންހައިގެ  މީހުންގެ ރައްތަކުގެ ކައިރީގައި ރުކުރުވާލުމުން އެތަންދެކެފައި އެބައިމީހުންގެ ހިތްތަކަށް ވަރަށް ބިރުވެރިކަން ވަދެއްޖެއެވެ. އެބައިމީހުން އަޙްދު އުވާލިކަމުގެ ކުށުން ބަރީއަވާން ޒާތްޒާތުގެ ޢުޛުރުތައް ދައްކަންފަށައިފިއެވެ. އެފަދަ ޣަދަރުވެރިންގެ ޢުޛުރަކީ ޤަބޫލުކުރެވޭނެ އެއްޗެއް ނޫނެވެ. އެގޮތުން އެބައިމީހުންގެ ޢުޛުރު ޤަބޫލު ނުވެވުމުން އެބައިމީހުން އެބައިމީހުންގެ ކޯއްޓޭތަށްވަދެ ރައްކާތެރިވެއްޖެއެވެ. އިސްލާމުންގެ ލަޝްކަރު އެކޯއްޓޭތަކުގެ ޙިޞާރުކޮށްގެން 25 ދުވަސްވަންދެން ތިބެއްޖެއެވެ. މިހާދުވަސްވުމުން އެބައިމީހުންނަށް އެގޮތުގައި ތިބެންވެއްޖެނަމަ އެބައިމީހުން ބަނޑަށް މަރުވެދާނެކަމުގެ ބިރު ހީވާން ފަށައިފިއެވެ. އަދި އެބައިމީހުންނަށް މުސްލިމުންނަށް ހަނގުރާމަ ކުރާނެއް އެއްވެސް އުރަތްޕެއް ނެތްކަންވެސް ޔަޤީންވެއްޖެއެވެ. 

ދެން، ބަނޫ ނަޟީރު ވަންހައިގެ ޔަހޫދީން ފަދައިން ހަނގުރާމައިގެ ހަތިޔާރުނޫން އެހެން މުދަލާއިގެން ރަށުން ބޭރުވެގެން ދިޔުމުގެ ހުއްދައަށް އެދި ދަންނަވައިފިއެވެ. އެގޮތް ރަސޫލާ صلّى اللّـه عليه وسلّم ޤަބޫލުފުޅު ނުކުރެއްވިއެވެ. ދެން އެބައިމީހުން ހަމައެކަނި އަމިއްލަ ނަފްސާއިގެން ރަށުން ބޭރުވެގެން ދިޔުމަށް އެދި ދަންނަވައިފިއެވެ. މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނު ކުރައްވާ ކޮންމެ ޙުކުމަކަށް ތިޔަބައިމީހުން ޖެހޭނީ ރުހި ޤަބޫލުވާށެވެ.] ދެން އެބައިމީހުން ދަންނަވައިފިއެވެ. [ތިމަންމެންނަކީ މަދީނާގެ އައުސް ވަންހައިގެ ހިމާޔަތުގެ ދަށުގައި އުޅެމުން އަންނަ  ބައެކެވެ. ތިޔަ ވިދާޅުވޮގިތާއި ޤަބޫލުވެވޭނީ އެބައިމީހުންނާއި ވާހަކަދައްކައި މަޝްވަރާ ކުރުމަށްފަހުގައެވެ.] 

قُرَيْظَة ވަންހައިގެ ޔަހޫދީން އެހެން ތިބުމަށް ނުކުޅެދިގެން ރަސޫލާ صلّى اللّـه عليه وسلّم ކުރައްވާނެ ކޮންމެ ޙުކުމެއް ޤަބޫލުކުރަން ތައްޔާރުވެގެން ނުކުމެއްޖެއެވެ. އެބައިމީހުން ނުކުތުމުން އެބައިމީހުންގެ ތެރެއިން ބޮޑެތި ފިރިހެނުން ބަނދެފައި އެއްފަރާތެއްގައި ބޭތިއްބުމަށް އަމުރުކުރެއްވިއެވެ. އަނެއް ފަރާތުގައި އަންހެނުންނާއި ކުޑަކުދިން ބޭތިއްބުމަށް އަމުރުކުރެއްވިއެވެ. ދެން އައުސްވަންހައިގެ މީހުންކުރެ ބޮޑުންގެ ބަޔަކު އައިސް ދަންނަވައިފިއެވެ. 

"އޭ މާތް ގެ ރަސޫލާއެވެ. ޚަޒްރަޖު ވަންހައިގެ ބޮޑުންގެ ރައްކާތެރިކަމުގެ ދަށުގައިތިބި ބަނޫ ޤައިނުޤާޢު ވަންހައިގެ މީހުންނާ މެދުގައި ކަންތައް ކުރި ގޮތަށް މިބައިމީހުންނާ މެދު ކަންތައް ކުރެއްވިއްޔާ ކީއްތޯއެވެ.؟] 

ޙަދީޘް ކުރެއްވިއެވެ. [މިބައިމީހުންނާއި މެދުގައި ޙުކުމްކުރާނީ ތިޔަބައިމީހުންގެ ތެރެއިން މީހެކެވެ. ތިޔަބައިމީހުން ރުހޭ މީހަކު ދައްކާށެވެ.] 

ދެން އެބައިމީހުން سعد بن معاذ رضى اللّـه عنه  ގެ ވާހަކަ ދަންނަވައިފިއެވެ. އޭރު އެކަލޭގެފާނު އޮންނެވީ ޚަންދަޤު ހަނގުރާމައިގައި ލިބިވަޑައިގެންނެވި ޒަޚަމަކަށް ފަރުވާކުރަން ފޭލިގެއެއްގައެވެ. އެ ފޭލިގެ ހުރީ މަދީނާގައެވެ. ދެން އަޞްޙާބު ބޭކަލުންވަޑައިގެން سعد بن معاذ رضى اللّـه عنه  ހިމާރެއްގެ މައްޗަށް ލައްވައިގެން ގެންނަވައިފިއެވެ. އެކަލޭގެފާނުގެ އަރިހުގައި އައުސްވަންހައިގެ ބައެއް ބޮޑުންދެންނެވިއެވެ. ޚަޒްރަޖު ވަންހައިގެ މީސްތަކުން، ބަނޫ ޤައިނުޤާޢު ވަންހައިގެ މީސްތަކުންނަށް ހޯދައިދިންފަދަ ލުއިގޮތެއް އެބައިމީހުންނަށްވެސް ހޯދައިދެއްވާށެވެ. 

سعد بن معاذ رضى اللّـه عنه  ވިދާޅުވިއެވެ. [މާތް ވަހުޖުފުޅަށްޓަކައި ތެދުމަގުން ކުރާކަމަކަށް މި سعد މީހެއްގެ މަލާމާތަކަށް ބިރެއް ނުގަންނާނެއެވެ.] سعد بن معاذ ގެންނަވާތަން ފެނިވަޑައިގެންނެވުމުން މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [އޭ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ސާހިބާއަށްޓަކައި ތެދުވާށެވެ.] ދެން އެންމެ އިހްތިރާމުގެ ގޮތުން ތެދުވެއްޖެއެވެ. އެކަލޭގެފާނު ވަޑައިގެންނެވުމުން އެބައިމީހުން ދަންނަވައިފިއެވެ. މިތިބަ އަސީރުންނާއިމެދުގައި ކަލޭގެފާނު ޙުކުމް ކުރެއްވުމަށް ކަލޭގެފާނު ވެރި ކުރައްވައިފިއެވެ. 

سعد بن معاذ رضى اللّـه عنه  ވިދާޅުވިއެވެ. [އަހަރެން ކުރާ ޙުކުމަކަށް ތިޔަބައިމީހުން ރުހި ޤަބޫލުވާނަން ހެއްޔެވެ؟] އެންމެން ޖަވާބު ދެއްވިއެވެ. [އެގޮތަކީ އަޅުގަނޑުމެން އެންމެ އެއްބަސްވެ ނިންމާފައިވާ ކަމެކެވެ.] ދެން ރަސޫލާ صلّى اللّـه عليه وسلّم އާ ދިމާއަށް އެނބުރިވަޑައިގެން އިސްދަށަށްޖައްސަވައިގެން އިންނަވައި ވިދާޅުވިއެވެ. [ކަލޭގެފާނުވެސްތޯއެވެ.] ޙަދީޘް ކުރެއްވިއެވެ. [އާއެކެވެ.] ދެން ސަޢުދުގެފާނު ވިދާޅުވިއެވެ. [އޭ މީސްތަކުންނޭވެ. قُرَيْظَة ވަންހައިގެ މީހުންނާއި މެދުގައި އަހަރެންގެ ޙުކުމަކީ ހަނގުރާމަވެރި ހުރިހާ ފިރިހެނުން ޤަތުލުކޮށް އަންހެނުންނާއި ކުދީން އަޅުވެތި ކުރުމެވެ. ޚިޔާނާތްތެރި ޣަދަރުވެރިންގެ ޙުކުމަކީ މިއީއެވެ. ތިޔަބައިމީހުން މި ޙުކުމް ތަންފީޒުކޮށް ނިންމައިލާށެވެ.] 

ދެން މިފަދައިން އެބައިމީހުންނާ މެދުގައި އަމަލުކުރެވިއްޖެއެވެ. السّيّدة ريحانة ގެ ފިރިކަލުން الحكم ވެސް ޤަތުލުކުރެވުނު ފިރިހެނުންގެ ތެރޭގައި ހިމެނުނެވެ. السّيّدة ريحانة އާއި قُرَيْظَة ވަންހައިގެ ވަރަށް ގިނަ އަންހެނުންނާއި ކުޑަކުދިން އަސީރުންގެ ގޮތުގައި ހައްޔަރު ކުރެވުނެވެ. السّيّدة ريحانة،  ރަސޫލާ صلّى اللّـه عليه وسلّم ގެ ބައިފުޅަށް ނަންގަވައި ދެންތިބި އެންމެހައި އަސީރު ނަޖުދު ކަރައަށް ފޮނުވައި ލެއްވިއެވެ. އެބައިމީހުން ވިއްކަވައި، އޭގެ ބަދަލުގައި ހަނގުރާމައިގެ ހަތިޔާރު ބައްލަވައިގެންނެވިއެވެ. 

މިބައިމީހުންނާމެދު ތަންފީޒުކުރެވުނު ޙުކުމަކީ، އެއްގޮތަކަށްވެސް އަނިޔާވެރި ޙުކުމެއް ނޫނެވެ. މިޒަމާނުގައިވެސް ކުރިއަރާފައިވާ ގިނަ ޤައުމުތަކުން ބަޣާވާތްކުރާ ޓެރަރިސްޓުންނާ މެދު ޢަމަލުކުރެވުމުން އަންނަނީ މިދެންނެވި ފަދަ ގޮތަކަށެވެ. އަދި މިދެންނެވި ޙުކުމަކީ އިހުގެ ސަމާވީ ދީންތަކުގައިވެސް އައިސްފައިވާ ޙުކުމެވެ. 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން