ޖެނީގެ މާމަ އާއި ކާފައަކީ ވަރަށް ދީލަތި ބައެކެވެ. މީހަކު ކަމަކު އެދިގެން އަތުވެއްޖެނަމަ އެމީހަކަށް ކަމޭހިތައި އެމީހާގެ ބޭނުން ފުއްދައިދެއެވެ. ޖެނީގެ އުމުރުން 10 ވަރަކަށް އަހަރުގައި މާމަ ޢާއި ކާފަ ނިޔާވިއިރު ޖެނީއަށް ވަނީ މިރަނގަޅު އާދަ އެމީހުންގެ ކިބައިން ވާރުތަވެފައެވެ.
އުމުރުން 12 އަހަރުގައި ޖެނީ އާއި ސްކޫލުން ރަޙްމަތްތެރިވި ކުއްޖާއަކީ ވަރަށް ފަޤީރު ކުއްޖެކެވެ. އެ ކުއްޖާގެ އަސާސީ ބޭނުންތައްވެސް ފުއްދައިދެވޭނެ ފެންވަރު އެކުއްޖާގެ މައިންބަފައިންގެ ކިބައަކު ނެތެވެ. އެކުއްޖާއަށް އެހީވާން ޖެނީ ބޭނުންވެއެވެ. ނަމަވެސް ޖެނީގެ ކިބައި އެކަމުގެ ކުޅަދާނަކަމެއް ނެތެވެ.
ޖެނީގެ މައިންބަފައިންނަކީ ތަނަވަސް ބައެކެވެ. ނަމަވެސް މާމަފަދައިން އެހެން މީހުންނަށް އެހީވުމުގެ އާދައެއް ޖެނީގެ މައިންބަފައިންގެ ކިބައަކު ނެތެވެ. އެހެންވެ ޖެނީ ޤަޞްދުކުރީ މައިންބަފައިން ގާތު ނުބުނެ ކޮންމެވެސް ގޮތަކުން އެކަންކުރަން މަސައްކަތްކުރާށެވެ. އެހެންވެ ޖީބުފައިސާއަށް ޖެނީއަށްދޭ ފައިސާއިން އެއްކޮށްފައި ހުރި ފައިސާއިން ކާތަކެތި ގަނެގެން އަވަށްޓެރިންނަށް ވިއްކަން ފެށިއެވެ.
ދެދުވހަކު އެކަންކުރާއިރަށް އެކަން ޖެނީގެ މައިންބަފައިންނަށް އެނގި ބޮޑު މައްސަލައަކަށް ވެއްޖެއެވެ. އެމީހުން އެކަމާއިމެދު ދުށީ އެކަމުގެ ސަބަބުން އެމީހުންގެ އަގުވެއްޓުނީ ކަމަށެވެ. އެހެންވެ އެކަން ހުއްޓާލަން ބުންޏެވެ. ޖެނީ، އޭނާ އެކަންކުރާ ސަބަބު މައިންބަފައިންނަށް ކިޔައިދިނެވެ. އަދި ސަލާން ނުޖަހާ ކަމަށްވެސް ބުންޏެވެ. "އަޅުގަނޑު މީހުން ކައިރީ ބުނަނީ ފަޤީރުކުއްޖަކަށް އެހީވާން އެއްޗެއް ގަނެބަލާށޭ! ނުބުނަން ލާރިދޭށެކޭ!"
ޖެނީގެ ބައްޕަ ބުނީ ޖެނީއަށް ބޭނުންވާ ކޮންމެ އެއްޗެއްވެސް ގަނެދޭނެކަމަށެވެ. އެކަމަކު އެހެން ކުއްޖަކަށް އެހީއެއް ނުވެވޭނެ ކަމަށެވެ. ޖެނީ ބުނީ ދަތިހާލުގައި ތިބޭ މީހުންނަށް އެހީވުމަކީ ނަރަކައިން ސަލާމަތްވެ ދުނިޔޭގައިވެސް އެމީހަކަށް ކަންކަމުގައި ރަނގަޅު ގޮތް މިންވަރުކުރައްވަވާނެ ކަމެއް ކަމަށް މާމްބުނެފައިވާކަމަށެވެ.
މިވާހަކައިގައި ތިއްބައި ގެއަށް އައި ބައްޕަގެ ތަނަވަސް ރައްޓެއްސަކަށް މިވާހަކަތަކުގެ އަޑުއިވުމުން އޭނާ ތާއީދުކުރީ ޖެނީއަށެވެ. އަދި އޭނާ ދިއައީ ޖެނީގެ ކިބައިން އެކުއްޖާގެ މައުލޫމާތު އޮޅުންފިލުވައިގެންނެވެ.
އެމީހާ އެކުއްޖާގެ މައިންބަފައިން ހޯދައި އެމީހުންގެ ބޭނުންތައް ފުއްދައިދިނެވެ. އެޢާއިލާއިން އެމީހާއަށާއި ޖެނީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށް ހެޔޮދުޢާކުރިއެވެ.
އެއިގެ 10 ވަރަކަށް އަހަރުފަހެވެ. ހަފްތާގެ ޗުއްޓީއަށް ޖެނީގެ ބައްޕަ ޢާއިލާ ގޮވައިގެން ޗުއްޓީއަށް ދުރު ރަށަކަށް ކުރި ދަތުރެކެވެ. ވެހިކަލް އެކްސިޑެންޓްވީއެވެ. ބައްޕަގެ ފައި ބިނދުނެވެ. މަންމަގެ އަތް ކޮނޑުހުޅުން ނައްޓައިލިއެވެ. ބޭގެ ބޯ ޗިސްނުވެ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެއްވެސް ގެއްލުމެއް ނުލިބެނީ ޖެނީއަށެވެ.
އެއީ ތަނަވަސް ކަމަށް މަޝްހޫރު ޢާއިލާޢަކަށްވުމުން ނޫސްވެރިން އައިސް ޖެނީ އާއި ސުވާލުތައް ކުރިއެވެ. ޖެނީ ބުންޏެވެ. "އަހަރެންނަށް ގެއްލުމެއް ނުލިބި ސަލާމަތްވީ އަހަރެންގެ އެކުވެރިޔާ އާއި އޭނާގެ ޢާއިލާގެ ދުޢާއިންނެވެ. އެމީހުން އަބަދު އަހަރެންނަށް ހެޔޮދުޢާކުރެއެވެ. ނިކަމެތިންގެ ހެޔޮދުޢާ ލިބޭ މީހަކަށް ރަނގަލު ގޮތްތައް މެދުވެރިކުރައްވަވާނެ ކަމަށް މާމަ ބުންޏެވެ."
ނޫސްވެރިން ޖެނީގެ އެކުވެރިޔާގެ ޢާއިލާ ޢާއި ބައްދަލުކޮށް ޖެނީއަށް އެމީހުން ހެޔޮދުޢާކުރާ ސަބަބު އޮޅުންފިލުވައި ނޫސްތަކުގައި ލިޔުނެވެ. އެކަމުގެ ސަބަބުން އިތުރަށް ގިނަބައެއްގެ ހެޔޮ ދުޢާ ލިބުނެވެ.
ދެން ކަންކަންވީ ގޮތް އެނގޭ ހެއްޔެވެ؟ އެއިގެ 5 އަހަރު ފަހެވެ. ޖެނީގެ މައިންބަފައިންގެ ވިޔަފާރި ބަނގުރޫޓުވެ ފަޤީރުންނަށްވީއެވެ. މާބޮޑު ތަނަވަސްކަމެއް ނެތި ޖެނީ ޢާއި ކައިވެނިކުރި ޖެނީގެ ފިރިމީހާގެ މަސައްކަތް ދިއައީ ކުރިއަރައި ތަނަވަސްކަން އިތުރުވަމުންނެވެ.
މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލީ މިވާހަކައަކީ މިއަދުނޫހުގައި ލިޔާ ލިޔުންތަކާއި ވަރަށް ގުޅުންހުރި ވާހަކައަކަށްވާތީއެވެ!
- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް