ޙަޤީޤީ ޙާދިސާ: ނުވެސް ދަންނަ މީހެއްގެ ފުރާނަ ސަލާމްތަކުރަން އަތްމަތިހުސްކޮށްލި އަންހެނަކު ވަރިކޮށް ގެއިން ނެރެލުމުން ގޮސް "ރަންދުނިޔެއަކަށް" ވަދެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 15ސ
ޙަޤީޤީ ޙާދިސާ: ނުވެސް ދަންނަ މީހެއްގެ ފުރާނަ ސަލާމްތަކުރަން އަތްމަތިހުސްކޮށްލި އަންހެނަކު ވަރިކޮށް ގެއިން ނެރެލުމުން ގޮސް "ރަންދުނިޔެއަކަށް" ވަދެވުނު ގޮތުގެ ވާހަކަ-

އެއްރޭ 9 ޖަހާއެހާކަންހާއިރު މީހަކު ދޮރުގެ ބެލް ޖެހުމުން ދޮރުހުޅުވީމެވެ. ނުދަންނަ ފިރިހެނަކު ހުރުމުން ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. ކަންބޮޑުވެ ހުރެގެންވެސް އޭނާ އައި ބޭނުމަކީ ކޮބައިތޯ ސުވާލުކުރީމެވެ. އޭނާ ކިޔައިދިނެވެ. 

"އަހަރެންގެ މަންމަ އޮތީ ވަރަށް ބަލިޙާލުގައި ހޮސްޕިޓަލުގައެވެ. ވަރަށް އަވަހަށް އޮޕަރޭޝަން ނުކުރެވިއްޖެނަމަ ފުރާނައަށް ނުރައްކާވާނެ ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ. ވަރަށް ބުރަކޮށް މަސައްކަތްކުރަމެވެ. ނަމަވެސް ދައްކަންޖެހޭ ޢަދަދު ބޮޑުކަމުން މިއުޅެނީ ހަމަނުކުރެވިގެންނެވެ.

މީހުންނަށް އާދޭސްކޮށްކޮށްވެސް އެއްޗެއް ދޭނެ މީހަކު ނުވެއެވެ. އަހަރެންނަޚީ ވަޒީފާއަދާކޮށް އާމްދަނީ ހޯދާ މީހަކަށްވުމުން އަހަރެންގެ އާދޭސް ޤަބޫލުނުކުރަނީއެވެ. ފައިސާގެ ބޭނުމުގައި ދޮގުހަދާކަމަށް ހީކުރަނީއެވެ. ދެރައީ އަހަރެން ދައްކާ ވާހަކައަކީ ތެދުވާހަކައެއްތޯ ބަލައިވެސް ނުލާކަމެވެ. 

އެޙާލުގައި އޮވެ މަންމަގެ ފުރާނަދާތަން ބަލަން ކެތްނުކުރެވިގެން މިރޭ ނުކުތީ ވައްކަންކޮށްގެން ނަމަވެސް ފައިސާކޮޅެއް ހޯދަން ހިތަށް އަރައިގެންނެވެ. ނަމަވެސް އެއީ ދުވަހަކުވެސް ކުރިކަމަކަށްނުވާތީ ބިރުގަތީއެވެ. ކަލޭވެސް އިންސާނިއްޔަތަށްޓަކައި ކަމެއްކޮށްދެވެން އޮތްނަމަ ކޮށްދޭށެވެ. ގެއްލިއެއް ނުދާނެއެވެ. ޑޮކްޓަރުގެ ނަމްބަރާއި އޮތް ހޮސްޕިޓަލުގެ ނަމްބަރު މިއޮތީއެވެ."

އެވަގުތު ގޭގައި ހުރީވެސް އެކަންޏެވެ. އެހެންވެ ޖެހިލުންވެސް ވިއެވެ. ނަމަވެސް އޭނާގެ ވާހަކަތައް އަޑުއިވުމުން ވަރަށް އަސަރުވެސް ކުރިއެވެ. އެހެންވެ މަރުޙަބާ ކިޔައި ގެއަށް ވެއްދީމެވެ. 

ޑޮކްޓަރަށް ގުޅައި ކަންކަން އޮޅޫންފިލުވީމެވެ. ޑޮކްޓަރުބުނީ ކުރަންޖެހެނީ ވަރަށް އަގުބޮޑު އޮޕަރޭޝަނެއް ކަމަށެވެ. އަދި އޮޕަރޭޝަނަށްފަހު މަހެއްހައި ދުވަހު ހޮސްޕިޓަލުގައި ބާއްވަންވެސް ޖެހިދާނެ ކަމަށެވެ.

އަޅުގަނޑުގެ ސޭވިންގސްގައި އެހައި ފައިސާ ނުހުރެދާނެކަމަށް ބިރުގަތެވެ. ނަމަވެސް އެކަމަށް ނުބަލައި އޮޕަރޭޝަންގެ އަގުކަމަށްބުނި ޢަދަދު ވަގުތުން ހޮސްޕިޓަލަށް ދެއްކީމެވެ. އަދި ދެން ހިނގާ ޚަރަދުތަކަށްވެސް ފައިސާދައްކައިދޭނެ ކަމަށް ބުނީމެވެ. 

އަޅުގަނޑު ވިސްނައިލީމެވެ. ފައިސާ ޖަމާކުރަނީ ދަތިވާ ދުވަހު ބޭނުންކުރާށެވެ. ވީމާ ދަތިޙާލުގައި ހުރި މީހަކަށް އެހީތެރިވެދީފިނަމަ ﷲ ބަދަލު ދެއްވަވާނެއެވެ. އަޅުގަނޑަށް ބޭނުންޖެހޭ ދުވަހު ﷲ މަގެއް ދައްކަވާނެއެވެ. ކޮންމެއަކަސް އޭނާގެ މަންމަގެ ބިލްތަކަށް އެރި އަދަދު ހަމަކުރެވުނީ ސޭވިންގސް އެކުގައި ހުސްވެ އެމަހު އަޅުގަނޑު ގޭގެ ޚަރަދަށް ބަހައްޓާފައިހުރި ފައިސާއިންވެސް ލައިގެންނެވެ.

އެއިގެ ދެއަހަރުފަހެވެ. އަޅުގަނޑުގެ ފުރަތަމަ ދަރިފުޅަށް ބަލިވެއިންދާ ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ގެއިން ނެރެލައިފިއެވެ. އެއީ ހަވީރުގެ ވަގުތެކެވެ. ދާނެ ތަނެއް ނެތުމުން ފޮށިހިފައިގެން މަޑުކޮށްލައިގެން ޕާކެއްގައި އިންދާ މުސްކުޅި އަންހެނަކު އައިސް ކައިރީގައި އިށީނދެފައި ވާހަކަދައްކަން ފަށައިފިއެވެ. މާބަނޑު އަންހެނަކު ފޮށިހިފައިގެން އެތަނުގައި އިނީ ކީއްވެގެންތޯ ސުވާލުކޮށްފިއެވެ.  

އަޅުގަނޑަށް ދިމާވިގޮތުގެ ވާހަތައް ކިޔައިދިނީމެވެ. ކުރިން އަޅުގަނޑަކީ ވަޒީފާ އަދާކުރި އަންހެނަކު ކަމާއި ބަލިވެ އިންފަހުން މައްސަލަތައް ކުރިމަތިވެ ވަޒީފާ ގެއްލިފައިވާކަމަށާއި އަތުގައި އެއްވެސް ފައިސާއެއް ނެތްކަމަށްވެސް ބުނީމެވެ. 

އޭނާ އަޅުގަނޑަށް ރަޙުމްކުރިއެވެ. އަދި އޭނާގެ ކާރުގައި އަޅުގަނޑު އޭނާގެ ގެއަށް ގެންދިއައެވެ. އެއީ ރީތި ބޮޑު ގެއެކެވެ. ގެއިން ކޮޓަރިއެއް ދައްކާފައި ބުންޏެވެ. "މިކޮޓަރީގައި ހުންނާށެވެ. ކާންބޯން ދޭނަމެވެ. ބަލަހައްޓާނަމެވެ. މިގޭގައި އުޅެނީ އަހަރެންނާއި އަހަރެންގެ ފިރިހެން ދަރިފުޅެވެ. އޭނާގެ މަސައްކަތުން ނިމިގެން އަންނާނީ ރޭގަނޑުއެވެ. 

ކުޑަކޮށް ބިރުގަތެވެ. އެއީ އެދަރިފުޅަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން ނުއެނގޭތީ ޖެހިދާނެ ޙާލަކަށްޓަކައެވެ. ނަމަވެސް ކުރެވޭނެ އިތުރުކަމެއް ނެތުމުން އެކަމަކަށް ނުވިސްނަމެވެ. ﷲ އަށް ވަކީލްކުރީއެވެ.   

ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވީމެވެ. ޝުކުރުގެ ސަޖިދަވެސް ކުރީމެވެ. ޢިޝާ ނަމާދުކޮށްގެން ޛިކުރުކުރަން އިންދައި ދޮރުގައި ޓަކިޖެހުމުން ހުޅުވީމެވެ. އެދައްތައެވެ. ބުނީ ދަރިފުޅު ކާންއެބައިން ކަމަށާއި އެކުގައި ކާން ދިއުމަށެވެ. 

އަޅުގަނޑު ފެނުމާއިއެކު އެ ޒުވާނާ ފުންމައިގެން ތެދުވެއްޖެއެވެ. އަނހާ މިވީ ކިހިނެއްހޭ ކިޔާފައި އައިސް އޮޅުލައިގެންފިއެވެ. މިވީގޮތަކީ އެޒުވާނާ ވީ އެއިގެ 2 އަހަރުކުރިން އަޅުގަނޑު އެހީތެރިވި ޒުވާނާއަށެވެ. އޭނާއަށް ޕްރަމޯޝަން ލިބި ތަނަވަސްވީއެވެ. އަޅުގަނޑާއި ޕާކުން ދިމާވެ ގެއަށް ގެނައީ އޭނާގެ މަންމައެވެ.

އަޅުގަނޑަށް އެދެމައިން ވަރަށް ކަމޭހިތިއެވެ. އެދައްތަވީ މައެއް ފަދަ އަންހެނަކަށެވެ. އޭނާގެދަރިފުޅުވީ އެއްބަނޑު އެއްބަފާ އަޚެއް ފަދަ މީހަކަށެވެ. އެގޭގައި އިނދެ ވިހައި ގަދަވިތާ 6 އަކަ މަސްފަހުން އޭނާ ބުނީ އަޅުގަނޑު ރުހޭނަމަ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. އެންމެ ބޮޑު ސަބަބަކީ އޭނާގެ މަންމަގެ ފުރާނަ ސަލާމަތްކުރެވުނީ އަޅުގަނޑުގެ ސަބަބުންކަމަށްވެފައި އަޅުގަނޑު ޙާލުގައި ޖެހުމުން ދުވަހަކުވެސް ދޫކޮށްލަން ބޭނުން ނުވާތީ ކަމަށެވެ. 

އަޅުގަނޑު ރުހުނީމެވެ. ކައިވެނި ކުރެވުނެވެ. އެއިގެފަހުން މިހާރު 25 އަހަރުވީއެވެ. ކައިވެންޏަށް 25 އަހަރު ފުރުނީއެވެ. 4 ދަރިން ވަނީ ލިބިފައެވެ. މިއަދު އަޅުގަނޑުގެ ފިރިމީހާއަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ ތަނަވަސް މީހެކެވެ. 

އަޅުގަނޑު ބުނަން ބޭނުންވާ ބަހަކީ ތިމާއަށް ބޭނުން ޖެހޭދުވަހު މަދުވެދާނެ ކަމަށް ފައިސާ ރައްކާކޮށްފައި ނުބަހައްޓާށެވެ. ބޭނުން ޖެހިފައި ތިބި މީހުންނަށް ﷲ ގެ މަގުގައި ހޭދަކުރާށެވެ. އެމީހަކަށް ބޭނުންޖެހޭ ދުވަހު ﷲ ދެއްވަވާނެ އުފާވެރިކަން ހިތަށްވެސް ނުގެނެވޭނެއެވެ. އަޅުގަނޑު މިއިނީ އެކަން އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާކޮށްގެންނެވެ. 

ފައުޒިއްޔާ ޚާން / އިސްލާމް އާބާދު ، ޕާކިސްތާން 

(މިވާހަކަ "ޙަޤީޤީ ޙާދިސާ" ގެ ސީރީޒަށް ލާފައި މިވަނީ ޕާކިސްތާނުގައި ކިޔަވާ ދިވެހިދަރިވަރަކު މިވާހަކައަކީ ޙަޤީޤީ ޙާދިށާއެއްކަން ޔަޤީންކޮށްދިނުމުންނެވެ.)

މިއަދު އޮންލައިން