އޭނާއަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. އަދި އެންމެ ގާތުގައި ދިރިއުޅޭ އަވަށްޓެރިޔާވެސްމެއެވެ. އެދެމަފިރިންނަށް ދަރިއަކު ލިބުނުތަނާހެން އަނބިމީހާ ވަރިވެގެން ހިނގައްޖެއެވެ. ދަރިފުޅު ބަލަހައްޓަމުން އައީ ބައްޕައެވެ.
ބައެއް ކުދިންނަކީ ލޮލަށް ފެންނަހައި ކަމެއް އަމިއްލައަށްވެސް ލިބިގަންނަން ބޭނުންވާކުދިންނެވެ. އޭނާގެ ދަރިފުޅުވީ އެފަދަ ކުއްޖަކަށެވެ. ކްލާހުގައި އުޅޭ ތަނަވަސް ކުދިން ގެންގުޅޭހައި އެއްޗެއް ބޭނުންވެއެވެ. ނަމަވެސް ބައްޕައަކީ ފަޤީރަކަށްވުމުން އެތަކެތި ހޯދައެއް ނުދެވެއެވެ. އެހެންވެ އަބަދުވެސް އޮންނަނީ މައްސަލަ ޖެހިފައެވެ. ދަރިފުޅަށް ވިސްނިފައި އޮންނަނީ އަގުބޮޑު ފޯނާއި އެހެންވެސް ތަކެތި ނުލިބެނީ ބައްޕަ ހޯދައި ނުދޭތީ ކަމަށެވެ.
ދަރިފުޅު ބޮޑުވެ އޯލެވެލް ނިންމައި އޭލެވެލްވެސް ނިންމައިފިއެވެ. ދެން އޮތީ މަތީ ތަޢްލީމްގެ ބައެވެ. އެކުގައި އުޅުނު ބައެއް ދަރިވަރުން މަތީތަޢްލީމް ޙާޞިލްކުރަން މެލޭސިޔާއަށް ދާތީ އޭނާގެ ދަރިފުޅުވެސް ބޭނުންވީ މެލޭސިޔާއަށްދާށެވެ. މެލޭސިޔާޢަށް ފޮނުވައިދޭނެ ފެންވަރު ނެތްކަމަށް ބުނުމުން ބުނީ ބައްޕަ ލޯބިނުވަނީ ކަމަށެވެ. ހުރިއެންމެ ދަރިފުޅުގެ ބަހަކީ އެއީއެވެ. 18 ، 19 އަހަރުވަންދެން ގެންގުޅުނުކަމުގެ އަގަކީވެސް އެއީއެވެ. ދަރިފުޅަށް ދެރަގޮތެއް މެދުވެރިވެދާނެކަމުގެ ބިރަށް އެހައި ދުވަސްވަންދެން އިތުރު ކައިވެންޏެއް ނުކޮށްހުރިކަމުގެ އަގަކީވެސް އެއީ އެވެ. ބައްޕަ ދަރިފުޅު ދެކެ ލޯބިނުވުމެވެ. އަޅެފަހެ މިކަން އަރަތަކަށް ނުވޭތޯއެވެ؟
ބައްޕަ އެހިސާބުން މަސައްކަތްކުރީ ގޯތިން ބައެއް ވިއްކާލުމަށެވެ. ނަމަވެސް އެއިރުން ބިންކޮޅު ކުޑަކަމުން ގަންނާނެ މީހަކު ނުވެއެވެ. ދެން ވިސްނީ ގޯތި އެކުގައި ވިއްކާލާފައި ދަރިފުޅުށް ކިޔަވައިދޭށެވެ! އެހިސާބުން އިތުރު މައްސަލައެކެވެ. ދަރިފުޅު ކިޔަވަވައިގެން އެނބުރި އައިސް ދިރިއުޅޭނީ ކޮންގެއަކުހެއްޔެވެ؟
މިފިކުރުތަކެއް ކުރަން ހަދައިގެންގޮސް އެނބުރުން އަރައިގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ހޮސްޕިޓަލަށް ގެންދިއުމުން ބަލާފަ ޑޮކްޓަރުން ބުނީ މޭޖަރސްޓްރޯކެއް ނުޖެހި ސަލާމަވިކަން އެއީ ލެއްވެވި ވަރަށް ބޮޑު ނަޞީބެއް ކަމަށެވެ.
ޑޮކްޓަރު އޭނާގެ ދަރިފުޅަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ދަރިފުޅު ވަރަށް ދެރަވިއެވެ. އޭނާގެ ހުރިހާ ބުރައެއް އުފުލައި ގެންގުޅެ ބޮޑކުރި ބައްޕައަށް ދެރަގޮތެއް މެދުވެރިވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޚާއްޞަކޮށް އޭނާ އާއި ހުރެ ދެރަގޮތެއް މެދުވެރިވެއްޖެނަމަ އެއީ ކިހައި ބޮޑު ދެރަކަމެއްކަން އޭނާއަށްވެސް ވިސްނެއެވެ.
އޭނާ ބައްޕައަށް ވައުދުވިއެވެ. ދެން ދުވަހަކުވެސް ބައްޕައަށް ކޮށްނުދެވޭވަރުގެ ކަމެއްކޮށްދިނުމަށް ބައްޕަގެ ގާތުން ނުއެދޭނެ ކަމަށެވެ. އަދި ކުރިން ބުނެވުނު ބަސްތަކަށްޓަކައި މާފަށްވެސް އެދުނެވެ. އަދި އެކަން އެގޮތަށް މެދުވެރިވި ސަބަބުވެސް ކިޔައިދިނެވެ. "ލޯބިވާ ބައްޕާއެވެ! އަޅުގަނޑުި މިކިޔައިދެނީ ހަމަ ތެދަށެވެ. އަޅުގަނޑަކީ އެހެން ކުދިންނާއި އެއްފެންވަރުގައި އުޅުމުގެ ވިސްނުން ހުންނަ ކުއްޖަކީމެވެ. ނަމަވެސް ބޮޑަށް އެކަންވީ ގޮތަކީ ބައެއް ދުވަސްދުވަހު ސްކޫލް ނިމޭތަނުން ބައްދަލުކުރާ ބައްޕަގެ ކޮއްކޮ ދައްކާވާހަކަތަކުން އޮޅުން އެރީއެވެ. އޭނާ ބުނަނީ ބައްޕަގެ ފައިސާ ބޭންކުގައި ހުންނާނެ ކަމަށާއި އަޅުގަނޑަށް ބޭނުންވާ ހުރިހާ ކަންކަންވެސް ކޮށްދެވޭނެ ކަމަށެވެ. އަދި މަންމަވެސް ކޮންމެ މަހަކުވެސް އަޅުގަނޑަށް ޚަރަދުކުރާނެ ފައިސާ ބައްޕައަށް ފޮނުވާކަމަށެވެ.
ދަރިފުޅުގެ މިވާހަކަތަކުން ބައްޕައަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. އެއީ އޭނާގެ ކޮއްކޮއަކު ނުހުންނާނެތީއެވެ. އަދި ދަރިފުޅަށް އެމީހަކު ވިސްނައިއެދިނީ މުޅިންވެސް ދޮގު ވާހަކަތަކަކަށްވާތީއެވެ. ދަރިފުޅަށް އޭނާ އާއިބެހޭ މާގިނަ ތަފްޞީލެއް ނުއެނގެއެވެ. ނަމެއް އެޑްރެހެއްވެސް ނުއެނގެއެވެ.
ކޮންމެއަކަސް ޙާލުރަނގަޅުވެގެން ގެއަށް ދެވުނުތަނާ ކައިރީގައި އެއްދުވަހު ހެނދުނު ބައްޕަ ލައްވައި ކަސްރަތުކުރުވަން ބޭނުންވާތީ ބޭރަށް ނެރެގެން ހިންގުވަމުން ދަނިކޮށް ދަރިފުޅަށް ބައްޕަގެ ކޮއްކޮ ފެނިއްޖެއެވެ. ދުވެފައި ގޮސް އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ބައްޕަގެ ގާތަށް ގެނުވައިފިއެވެ. ކޮއްކޮ އަނގައިން ނުބުނީމާ ބައްޕަ ވާހަކަދައްކަން ފެށިއެވެ.
"ދަރިފުޅާއެވެ.! މިހައިތަނަށްވެސް ދަރިފުޅު ގާތަކު ޛައްރެއްގެ މިންވަރުގެ ވިޔަސް ދޮގެއް ބުނެފައެއް ނުވާނެއެވެ. އަދި ދަރިފުޅުގެ މަންމަގެ ނަންވެސް ބުނެފައެއް ނުވާނެއެވެ. އެކަމަކު މިއަދު މިޖެހުނީ ކިޔަންތާއެވެ! ތިއައީ، ދަރިފުޅަށް ނުބައި ނަޞޭޙަތްތައް ތިއަ ދިނީ އެމީހެއްގެ ބަނޑުން ދަރިފުޅު އުފަންވި ނުވަތަ ވިހޭ މީހާއެވެ. ތިއަ އަންހެނާއަކީ ދަރިފުޅުގެ މަންމަ ކަމަކަށް ދުވަހަކުވެސް ނުބުނާނަމެވެ. އެއީ މަންމައަކަށްވާނީ ޒިންމާތަކެއް އުފުލީމައެވެ. މީހުންނަށް އަގުދިނީމާވެސް ދަރިން ވިހައިދެއެވެ. ވިހާ ހިސާބުން އެމީހުންގެ ބައި ނުވަތަ މަސައްކަތް އެނިމުނީއެވެ. ތިއަ އަންހެނާއަކީ އެގޮތަށް ވިހައިދޭ އަންހެނެކެވެ. ބައްޕަ އާއި ކައިވެނިކޮށްގެން ހުރެމެ އޭނާ ކަންތައް ކުރި ގޮތުގަ އެއްވެސް ތަފާތެއް ނެތެވެ."
ދަރިފުޅު ބުންޏެވެ. "އެހެންވީމާ އަޅުގަނޑު މިއީ ހާދަ ނުރައްކައުތެރި ގޮތަކަށް ދުނިޔެއަށް އާދެވިފައި ހުރި ދަރިއެއްތާއެވެ! ބޭބެ އަކާއި ކޮއްކޮއެއްގެ މެދުގައި ހިންގި ގުޅުމަކުން ލިބިފައިހުރި ކުއްޖެއްތާއެވެ! ބައްޕަގެ ކޮއްކޯއެވެ! އަހަރެން ވިހޭ މީހާއެވެ! ބައްޕަ އެބުނަނީ ތެދު ހެއްޔެވެ؟ މަންމަންވެފައި ނުހުރެ ނިކަން ޖަވާބުދީބަލާށެވެ! ތިއައީ ނުލާހިކު ދޫ ފަސޭހަ، އަނގަ ހަލުވި ދައްތައެއް ނޫން ހެއްޔެވެ؟
ދަރިފުޅު އެހެން ބުނުމުން ރޮމުން ދަރިފުޅުގައިގަ ބައްދަން އުޅުމުން ދަރިފުޅު ބުންޏެވެ. "އުނހު! އުނހު! ދެން އިތުރަށް ބައްދައި ފިރުމަން އުޅޭނެ ކަމެއް ނެތް! ތިއައީ ހަމަ ފިލްމުކުޅޭ ސިއްތިފުޅު. ތިބާވަތުގެ ރޯލުކުޅެން އެންމެ މޮޅީ ހަމަ ސިއްތިފުޅު. އަހަރެން ވިހައިދިން މިހާވެސް ސިއްތިފުޅަކަށްވާންވީނު!"
މިއަދުނޫހުގެ ކިޔުންތެރިންނޭވެ! އެބައި އެހިސާބުން އެ ނިމުނީއެވެ. ދެން އޮތީ ދަރިފުޅަށް ކިޔަވައި ދިނުމުގެ ވާހަކައެވެ. މެލޭސިޔާއިން ނޫނީ ކިޔަވައިދޭން ބައްޕަ ބޭނުމެއް ނުވިއެވެ. ނަމަވެސް އެކަން ކުރެވޭނެ ފެންވަރެއް ނެތެވެ. ޑޮކްޓަރު ނުވިސްނާށޭ ބުނިނަމަވެސް ނުވިސްނައެއް ނުހުރެވެއެވެ. ސްޓްރޯޚެއް ޖެހިދާނެތީވެސް ކަންބޮޑުވެއެވެ. އެހްންވެ އަހަރެންވީ 4 އުދަރެސް ފެނުޖެހިފައިނ ހުރި މީހަކަށެވެ.
އެހާލުގައި ހުއްޓާ ޢަފީފުއްދީން މިސްކިތުން އެއްރޭ ޢިޝާނަމާދުން ފޭބިތަނާ ޢުމަރުބެ ޙަމީދާ ބައްޕައާ ބައްދަލުވެގެން ޙާލުގެ ވާހަކައިން ސުވާލުކުރީމާ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ބުނީ ޙާލަތު ބަޔާންކޮށް އަވަހަށް ޤާސިމް އިބްރާހީމްއަށް ސިޓީއެއް ލުމަށެވެ.
ލިބުނު އުފަލުގެ ބޮޑުކަމުން ގެއަސް ގޮސް ދަރިފުޅު ލައްވައި އެރެއިން އެރައަށް ސިޓީއެއް ލިޔުއްވިއެވެ. އަނެއް ދުވަހު އޮފީސްހުޅުވިތަނުން ގެންގޮސްދިނެވެ. 4 ދުވަސް ފަހުން ޖަވާބު ހޯދަން ގޮސް އިންދާ ޤާސިމް އިބްރާހީމް އާ ބައްދަލުވެއްޖެއެވެ. އެއިރު ޤާސިމް ސިޑިން އަރުއްވަނީއެވެ. ޤާސިމަށް ކޮންމެވެސް ވަރަކަށް އޭނާ އެނގިލައްވައެވެ. ނަމަވެސް މިފަހަރު ނޫނީ އެއްވެސް ކަމަކު ނުކިޔައެވެ.
އެހަރަ ބޮޑު މުއްސަނދި، ޤަދަރުވެރި ޤާސިމް އިބްރާހީމް އޭނާގެ ގާތަށް ދުރުވިއެވެ. ކޮނޑަށް އަތްވައްޓާލެއްވިއެވެ. ޙާލުގެ ވާހަކަ އެއްސެވިއެވެ. ވިދާޅުވީ "އާނރަނގަޅުވާނެ! މިތާ އިންނާނެ ކަމެއް ނެތް. ނިމުނީމަ އެކުދިން ގުޅާނެ . ގުޅީމަ އާދޭ!"
އަނެއް ދުވަހު ގުޅައިފިއެވެ. ޤާސިމް އިބްރާހީމްގެ ކޮންމެވެސް ސްކިމަކުން ފުރުޞަތު އޮތީ ލިބިފައެވެ. ދަރިފުޅަށް މެލޭސިޔާއިން ކިޔެވެންވެސް ކިޔެވުނީއެވެ. އެކަމަށް ހިނގި ހުރިހާ ޚަރަދެއް ވަރަށް ދީލަތިކަމާއިއެކު ކޮށްދެއްވީ ޤާސިމް އިބްރާހީމްއެވެ. އެކަން ނުވެގެން ބައްޕަ ކުރި ހިތާމަތައް އުފާވެރިކަމަށް ﷲ ބަދަލުކުރައްވަވައި ދެއްވެވީއެވެ. މިއަދު އެދަރިފުޅަކީ ރާއްޖޭގެ ގިނަ ބައަކު ބަލައިގެންފައިވާ މަޝްހޫރު ޑޮކްޓަރެކެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ދެމަފިރިން ވަކިވީ ކޮންމެ ސަބަބަކާއިލައިގެން ނަމަވެސް މިބާވަތުގެ ފިތުނަތައް ނުއުފައްދާށެވެ. ކޮންމެވެސް ދުވަހަކުން ޙަޤީޤަތްވެސް ހާމަވާނެއެވެ. އެދުވަހުން ކުރަންޖެހޭނެ ހިތާމަ ވަރަށް ބޮޑުވާނެއެވެ. ގިނަ ފަހަރަށް އޮންނާނީ އުމުރު ދުވަހު ކުރަންޖެހޭ ހިތާމައަކަށްވެފައެވެ.
އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑުގެ ވަރަށް ގާތް އަވަށްޓެރއަކަށް ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ. ދަރިން އުކާލާފައި ދާ ބައްޕައިން ގިނައެވެ. އަދި ހުރިހާ މައިންނަކީވެސް ރަނގަޅު ބައެއް ނޫނެވެ. މިކިޔައިދިން ވާހަކައިން އެކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުންނަމަ އެމަންމަގެ ހާލު މިހާރު ވަރަށް ގޯހެވެ. ސިކުނޑި ހަމައެއް ނުޖެހެއެވެ. ގިނައިން ފެންނަނީ މަގުމަތިންނެވެ.
- ޒަޢީމާ މިއަދުނޫހުގެ ކިޔުންތެރިއެއް