އެއިރު އަޅުގަނޑުގެ ޢުމުރަކީ 27 އަހަރެވެ. އަހަރެންގެ ފުރާނަ ސަލާމަތްކުރެވޭނީ ވަރަށް ބޮޑު އޮޕަރޭޝަނެއްކޮށްގެން ކަމަށް ޑޮކްޓަރުން ބުނިއިރު އަޅުގަނޑު އަތުގައި އެކަމަށް ޚަރަދުކުރާނެ އެއްވެސް ފައިސާއެއް ނެތުމުން ދުޢާކުރަންފެށީމެވެ. އޮޕަރޭޝަން ކުރާނެ ފައިސާ ދެއްވެވިއެވެ.
އަޅުގަނޑަކީ ކުޑަކުޑަ ދެދަރިން ބަލަހައްޓާ އެކަނިވެރި މައެކެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތެވެ! އޮޕަރޭޝަން ކޮށްގެން އޮންނައިރު އެހީތެރިވެދޭނެ ހަމައެކަކުވެސް ނެތެވެ. ދެދަރިން ބަލައިދޭނެ މީހަކުވެސް ނެތެވެ. އެހެންވެ ދެން ދުޢާކުރަން ފެށީ ލުއިފަސޭހަ މަގެއް ދެއްކެވުން އެދިއެވެ. ދަރިން ދޫކޮށްލާފައި ގިނަ ދުވަހު ހޮސްޕިޓަލުގައި އޮންނަން ނުޖެހޭނެ ގޮތަކަށް ކަންކަން މިންވަރުކުރެއްވެވުން އެދިއެވެ.
އޮޕަރޭޝަން ކުރަން އެޑްމިޓްކޮށްފައި ހެދި އެންމެ ފަހުގެ ޓެސްޓަކާއި ކުރި ސްކޭންތަކަށްފަހު ބުނީ އޮޕަރޭޝަން މިހާރުން މިހާރަށް ކުރަންޖެހޭ ކަމަށް ޓެސްޓްތަކުން މިހާރު ނުދައްކާކަމަށެވެ. އުނދަގޫ ބޮޑުވާނަމަ އަވަހަށް ހޮސްޕިޓަލަށް އައުމަށެވެ.
ލިބުނު އުފަލުގެ ބޮޑުކަން ބުނެދޭންވެސް ނުއެނގޭނެއެވެ. އެހައިވެސް އުފާވިއެވެ. އެއިގެ ފަހުންވެސް ދޭތެރެދޭތެރެއިން ޑޮކްޓަރަށް ދައްކައި ބޭސް ކަމެވެ. އޮށޯވެ އޮންނަން ޖެހޭފަދަ ޙާލަތަކަށް ނުދެއެވެ.
އެއިގެ 20 އަހަރުފަހެވެ! އެއިރު ޑޮޓަރަށް ނުދައްކާތާވެސް ހައަކަ އަހަރުވެދާނެއެވެ! ކުއްލިއަކަށް ރިއްސަން ފެށިއެވެ. ޑޮކްޓަރަށް ދެއްކުމުން އެހައި ދުވަސްވަންދެން އުނދަގުލެއް ނުވެ ހުރެވުނު ގޮތަކާއިމެދު ޑޮކްޓަރުން ޙައިރާންވިއެވެ. އެފަހަރު އަވަހަށް އޮޕަރޭޝަން ކުރީއެވެ.
އެކަނިވެގެން ފައިސާ ނުލިބިގެން ފަދަ ކަމަކާއި ކަންބޮޑުވާކަށް ނުޖެހެއެވެ. ފިރިއަކުވެސް ހުއްޓެވެ! ދެ ދަރިން ތިބީ ބޮޑެތިވެ ވަޒީފާގައެވެ. އަދިވެސް ކީއްހެއްޔެވެ؟ އޮޕަރޭޝަންކޮށްފައި ޑޮކްޓަރުން ބުނީ އޮޕަރޭޝަންކުރަންޖެހުނީ ލަފާކުރެވުނު ވަރަށްވުރެ މާކުޑަކޮށް ކަމަށެވެ! އެހެންވެ 4 ވަނަ ދުވަހު ގެއަށްވެސް ފޮނުވާލައިފިއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އިޚްލާޞްތެރިކަންމަތީގައި ހުރެ ދުޢާކުރާށެވެ! ހީވެސް ނުކުރެވޭފަދަ ގޮތްގޮތުން ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ
- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް