އަނބިމީހާއަށް ފަރުވާނުދީ އެނދުމަތީގަ ބާއްވާފަ އެކަން ބަހަނާއަކަށް ދައްކައިގެން ހިލޭ އަންހެނުން ހޯދަމުން ދިއަ މީހަކަށް ޖެހުނު ޙާލުގެ ވާހަކަ –

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 2ސ
އަނބިމީހާއަށް ފަރުވާނުދީ އެނދުމަތީގަ ބާއްވާފަ އެކަން ބަހަނާއަކަށް ދައްކައިގެން ހިލޭ އަންހެނުން ހޯދަމުން ދިއަ މީހަކަށް ޖެހުނު ޙާލުގެ ވާހަކަ –

އަހަރެންވެސް ކައިވެނިކުރީ އެމީހަކު ދެކެ އަހަރެން ވަރަށްބޮޑަށް ލޯބިވީ މީހަކާއެވެ. އަދި އޭނާވެސް އަހަރެންދެކެ ލޯބިވާކަމުގެ ވަރަށް ބޮޑު ޔަޤީންކަމާއިއެކުގައެވެ. ކައިވެންޏަށްފަހު ދިރިއުޅެމުން އައީ ފިރިމީހާގެ ގޭގައެވެ. 

ފިރިމީހާގެ މަންމައަކީ ވަރަށް ބަލި އަންހެނެކެވެ. އެކަނި އެނދުން ނުވެސް ތެދެވުއެވެ. ނަމަވެސް ޑޮކްޓަރު ބުނެފައި އޮތީ ވަރަށް އަވހަށް ހިނގޭނެ ކަމަށެވެ. އެހެންވެއެންމެންވެސް ތިބީ އެކަމުގެ އިންމީދުގައެވެ. 

އެގެއަށް ގޮސް އެމަންމަ ފެނުމާއިއެކު އަމިއްލަ މަންމަގެ ހަނދާންތައް އައުވެ އިތުރުވެގެން ދިއައެވެ. ދެމަންމައިން ވެސް ވައްތަރެވެ. އަދި ބައްޔަކީވެސް ދާދި އެއް ބައްޔެކެވެ. އެހެންވެ އެމަންމައަށް ވަރަށް ބޮޑަށް އަޅައިލެވި އަމިއްލަ މަންމަ ފަދައިން ލޯބިދެވެންވެސް ފެށިއެވެ. 

ދުވަސްކޮޅެއް ފަހުން ފިރިމީހާގެ ބައްޕަ ޅަ އަންހެންކުދިންނާއިއެކު ބޭރުގައި އުޅޭތަން ފެންނަން ފަށައިފިއެވެ. ބައެއް ރޭރޭ ރެސްޓޯރަންޓްތަކުންނެއެވެ. އަނެއްބައި ރޭރޭ ބޮޑެތި ސްޕަމާޓްތަކުން ފެންނަން ފަށައިފިއެވެ.

އެވާހަކަ ފިރިމީހާ ގާތު ބުނުމުން ކުށްވެރިވީ އަޅުގަނޑެވެ. "ބައްޕަ އުޅޭ ގޮތާ ބެހޭނެ ކަމެއް ނެތް. މަންމަ ބަލިވެ އޮތީމަ ބައްޕަވެސް އުފާކޮށްލަން އެހެން އެއުޅެނީ. އެހެން އުޅުމަކީ ފިރިހެނުންގެ ޠަބީޢަތުގަ ހުންނަ ކަމެއް! މަންމަ ގާތު އެއްވެސް ވާހަކައެއް ދައްކައިފިނަމަ ވަގުތުން ވަރިކޮށްލާފަ ގެއަށް ފޮނުވާލާނަން." ކަމަށް ބުންޏެވެ. 

އަޅުގަނޑު ބުނީމެވެ. "މަންމަ ބަލިވެ އޮތީމަ މަންމަގެ ބޭނުމެއް ނުހިފޭތީ ރެއަކު ކުއްޖަކު ގޮވައިގެން އުޅުމަށްވުރެ، މަންމަގެ ރުހުން ހޯދައިގެން 2 ވަނަ އަންބަކު ހޯދުން މާރަނގަޅުވާނެ. މައްސަލައެއް ނެތް. އިތުރަށް މިވާހަކަ ނުދައްކައި ހުންނަން މަސައްކަތްކުރާނަން. އެކަމަކު ވަރަށް ބޮޑު މައްސަލައެއް އެބައޮތް. މިއީ ފިރިހެނުންގެ ޠަބީޢަތް ކަމަށްބުނެ އެޒާތަށް އަހަރެންގެ ފިރިމީހާ އުޅޭކަން އެނގިއްޖެނަމަ އޮތް އެނދުން ވެއްޓިގަނެގެން ފުރޮޅެމުންވެސް ހޯދަންދާނަން. އަދި އެއީ އަތުވެދާނެ ކަމުގެ ބިރުވެސް އޮތް ދުވަހެއް. ސަބަބަކީ އަހަރެންގެ ފިރިމީހާ މިވީ އެފަދަ ދިރިއުޅުމަށް ތާއީދުކުރާ މީހަކަށް!" 

ކޮންމެއަކަސް އެމަންމަ ގާތަކު އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެކަމަކު ކޮންމެ ދެވަހަކުހެން އެފަދަ މަންޒަރުތައް ފެންނާތީ ބައެއް ފަހަރު ރުޅިވެސް ގަދަވެއެވެ. އެންމެ ބޮޑަށް އަސަރުކުރަނީ އެމަންމައަށް ޖެހުނު ފަދަ ޙާލެއް އަހަރެންނަށް ޖެހިއްޖެ ނަމަ އެބައްޕަ ކަންތައްކުރި ގޮތަށް އަހަރެންގެ ފިރިމީހާ ވެސް، އެއީ ފިރިހެނުންގެ ޠަބީޢަތުގައި ހުންނަ ސިފައަކަށްވާތީ ކަންތައް ކުރާނެ ކަމުގެ ފެހި ސިގްނަލް ލިބިފައި އޮތުމުންނެވެ.

އަހަރެއްހައި ދުވަސްފަހެވެ. މަންމައަށް ރޯގާއެއްޖެހިގެން ހޮސްޕިޓަލަށް ގެންދިއުމުން ބުނީ ބައެއް ކަންކަން ބަލައިލަން ބާއްވާލަން ބޭނުން ކަމަށެވެ. އޭނާގެ ދަރިފުޅު، އަޅުގަނޑުގެ ފިރިމީހާ ބޭނުންވީ އަނބުރާ ގެއަށް ގެންދާށެވެ. ނަމަވެސް އަޅުގަނޑު ބޭނުންވީ އެޑްމިޓްކުރާށެވެ. މަންމަގެ ފިރިމިހާ ހޮސްޕިޓަލަކަށް ނާދެއެވެ. 

ޑޮކްޓަރުން ބަލާފައި ބުނީ ކުރިންވެސް މަންމަގެ ފިރިމީހާ އާއި އަޅުގަނޑުގެ ފިރިމީހާ ޑޮޮކްޓަރުންގެ ބަސް ޤަބޫލުނުކުރީ ކަމަށެވެ. ފައިއެޅުން ލަސްވަނީ އެހެންވެގެން ކަމަށެވެ. 2،3 މަސް ދުވަހު ހޮސްޕިޓަލުގައި މަންމަ ބާއްވައިފިނަމަ ވަރަށް ބޮޑުތަން ރަނގަޅުކުރެވި ހިނގައިލެވޭވަރުވެސް ވެދާނެ ކަމަށެވެ. އަޅުގަނޑު އެދުނީ ކިތަންމެ ގިނަ ދުވަހަކު ބާއްވައިގެންވެސް ފަރުވާ ދެވޭތޯ ބެލުމަށެވެ. 

ކޮންމެއަކަސް މަންމަ ހޮސްޕިޓަލުގައި ބޭއްވިތާ 3 ވަނަ ހަފްތާއެވެ. މަންމައަށް ބޭނުންވާ ބައެއް ހެދުންބަލައި ގެއަށް ދިއަވަގުތު ފެނުނީ ބިރުންވެސް ހަލާކުވި މަންޒަރެކެވެ. ޒުވާން އަންހެން ކުއްޖަކު ގެއަށް ވައްދައިގެން ސިޓިންގ ރޫމްގައި ބޭނުންހައި ކަމެއް ކުރަނީ އެވެ. މަންޒަރު ފެނުމާއިއެކު ބޭއިޚްތިޔާރުގައި އަޑުގަދަކުރެވުނެވެ. އަދި ކަރުނައަޅައި ރޮވެންވެސް ރޮވުނެވެ. 

އަޅުގަނޑަށް އެންގީ ލޯމަރައިގެންހުރެ ވަދެ ބޭނުންކަމެއް ކޮށްގެން އަނެއްކާވެސް ދެލޯމަރައިގެން ހުރެ ނުކުމެގެންދިއުމަށެވެ. އެގޮތަށް ކަންތައް ކުރީމެވެ. ހޮސްޕިޓަލަށް ދެވުމާއިއެކު ހުރިހާ ވާހަކަތަކެއް މަންމައަށް ކިޔައިދިނީމެވެ. އަދި ހަމަ އެދުވަހުން ދުވަހަށް ވަރިވާން އެދި ކޯޓަށް މައްސަލަވެއްދީމެވެ. އެއީ އެފަދަ ޠަބީޢަތެއްގެވެރި ބައްޕައެއްގެ ދަރިފުޅުގެވެސް ހުންނާނީ ހަމަ އެފަދަ ޠަބީޢަތެއް ކަމަށް ޤަބޫލުކުރެވުމާއި އަދި މަންމަ ގާތު ބުނެފިނަމަ ވަރިކުރާނެކަމަށް ކުރިންވެސް ބުނެފައި އޮތުމުންނެވެ. އެޙާލުގައި އޮތް މަންމަ ވެސް ބޭނުންވީ ވަރިވާށެވެ. އެހެންވެ މަންމަވެސް ވަރީގެ މައްސަލަ ކޯޓަށް ހުށަހެޅީއެވެ. 

4 މަސްވަންދެން ހޮސްޕިޓަލުގައި ފިރިމީހާގެ މަންމަ އޮތްއިރު އެންމެދުވަހަކުވެސް އޭނާގެ ފިރިމިހާވެސް އޭނާގެ ދަރިފުޅު، އަޅުގަނޑުގެ ފިރިމީހާވެސް ވަދެވެސް ނުލައެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން މަންމަ ގާތި އަޅުގަނޑު އެދުނީ އަޅުގަނޑުމެންގެ ގެއަށް ގޮސްދިނުމަށެވެ. އެއީ ވަރީގެ މައްސަލަ ކޯޓަށް ހުށަހަޅާފައި އެނބުރި ގޮސް އެމީހުންގެ ކުރިމައްޗަށް އެރީމާ ކުރާނެވަރު ހިތަށް އަރައިފައެވެ. މަންމަ ސަބަބެއް ނުބުނެއެވެ. ބުނީ ފުރަތަމަ ދާންބޭނުމީ ހަމަ އެގެއަށް ކަމަށެވެ. 

އެއީ ރޭގަނޑު 10 ޖަހާ އެހާކަންހާއިރެވެ. ހޮސްޕިޓަލުން ނުކުމެ ކާރަކަށް އަރައިގެން ގެއަށްގޮސް މަންމަ ގެއަށް ވަނީ އަމިއްލައަށް ހިނގައިފައެވެ. ކުޑަ ސްލޯކަމެއް ހުރިނަމަވެސް އެކަނި ހިނގެއެވެ. ޑޮކްޓަރުން ބުނީ އެކަން ފިލާނީ ކަސްރަތުން ކަމަށާއި މުއްދަތެއް ނަގާނެ ކަމަށެވެ. ގެއަށް ވަދެވުމާއިއެކު ފެނިގެން ދިއައީ ހަމަ ކުރީ ދުވަހުވެސް ފެނުނު މަންޒަރެވެ. ހިލޭ އަންހެން ކުއްޖަކާއިއެކު ބައްޕަ ސޯފާގައި ވަރަށް ގާތުގައި އިންތަނެވެ. އެއަންހެން ކުއްޖާ ލައިގެން އިން ހެދުމަށް ބެލުމުން އެއީ ކަސްބީ އަންހެނެއްކަން އެނގެއެވެ. 

މަންމަގެ ހުރި ހިތްވަރާއި ޙަޤީޤަތް އެނގުނީ އެހިސާބުންނެވެ. "އޭމީނދަ ގޮތެއް ނެތް ފިރިހެނާ! ތީނދަ ކަސްބީ އަންހެނާ ގޮވައިގެން ހަމަ މިހާރު މިގެއިން ނުކުމެގެންދޭ! މިއީ އަހަރެންގެ މައިންބަފައިން އަހަރެންނަށް ދިން ގެއެއް. ކަލެއާ ބެހޭވެސް ތަނެއް ނޫން. ހަމަ މިހާރު ނުކުމޭ. ކޯޓަށް އޮންނާނީ ވަރިވާން ހުށަހަޅާފަ. ތަންކޮޅެއް އަވަސްވާނެ ހޯމަ ދުވަހު އަމިއްލައަށް ކޯޓަށް ގޮސް އެކަން ތަންކޮޅެއް ފަސޭހަ ގޮތަކަށް ނިންމާލީމަ." 

އެވަގުތު އަޅުގަނޑުގެ ފިރިމީހާ ކޮޓަރިން ނުކުމެގެން އައިސް ހުރިހާ ނުބައެއް ހެދީ އަޅުގަނޑު ކަމަށްބުނެ އަޅުގަނޑު ކުށްވެރިކުރަން އުޅުނެވެ. ނަމަވެސް މަންމަ ބުނީ ނުބައި ހެދީ އަޅުގަނޑު ނޫންކަމަށާއި އަމިއްލަ ދަރިފުޅު ކަމަށެވެ. އުޅޭނެހައި ގޮތަކަށް އުޅެން އަދި ކުރާނެހައި ކަމެއް ކުރަން ބައްޕައަށް ހިތްވަރުދިނީތީ ކަމަށެވެ. 

"އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ޠަބީޢަތް އެއްގޮތް ދެބަފައިން މިގެއިން ނުކުމެގެންދާނީ. އަހަރެމެން ޠަބީޢަތް އެއްގޮތް ދެމައިން މިގޭގައި ތިބޭނީ. ދަރިފުޅުވެސް ބައްޕައާއެކު ކޯޓަށް ގޮސް އަވަހަށް ވަރިކުރުމުގެ ކަންތައްތައް ނިންމައިލާ. ދަރިފުޅުގެ އަނބިމީހާވެސް ވާނެ ކޯޓަށް މައްސަލަ ހުށަހަޅާފަ. މިއީ ވަރަށް ރަނގަޅު ގޮތެއް. ނުހިނގި އެނދުމަތިވެ ޙާލުގައި ޖެހުނު ދުވަހު އެއްލައިލި އަދި ގަދަ ނުކޮށް އެގޮތަށް ބާއްވަން ބޭނުންވި ފިރިމީހާއަށާ ދަރިފުޅަށް މި މަންމަގެ ހިތަކު އެއްވެސް ޖާގައެއް ނެތް މިހާރަކު. ތިއަ ދެބަފައިން އެހީތެރިވިނަމަ މިހައި ގިނަ ދުވަހު ތަންމަތީގަ އޮންނަން ނުޖެހޭނެކަންވެސް މިއޮތީ އެނގިފަ." 

ކޮންމެއަކަސް ދެބަފައިންނަށް ދެއްކޭނެ  އެއްވެސް ބަހަނާއެއް ނެތެވެ. ހުރިހާ ކަމެއް ލޯމައްޗަށް ފެނުނީއެވެ. އަދި ނުހިނގި 3، 4 އަހަރު އޮންނަން ޖެހުނީ އަޅާނުލުމުންކަންވެސް އެނގުނީއެވެ. ދެން އިތުރަށް ކިޔާނީ ކީކީތޯއެވެ؟ ދެބަފައިންނާއި އެކަސްބީ އަންހެނާވެސް ގެއިން ނުކުމެގެން ދިއައީއެވެ. 

އެމަންމަ އަޅުގަނޑު ދެކެ ވަރަށް ލޯބިވިއެވެ. އެއީ އޭނާ ޤަބޫލުކުރާ ގޮތުގައި ތަންމަތިން އޭނާ ނަގައިދިނީ އަޅުގަނޑު ކަމަށްވާތީއެވެ. އަޅުގަނޑު ކައިވެނިކުރާނެ ރަނގަޅު މީހަކު ހޯދައިދިނީވެސް މަންމައެވެ. އަދި މަންމަވެސް އުމުރުން 50 އަހަރާއި ކައިރިވެފައި އިންނަވެސް އިސްތިޢުފާދިނީއެއް ނޫނެވެ. ކުރީގެ ތަޖުރިބާއަށް ބަލައި ރަނގަޅުވާނެކަމަށް ބެލެވޭ މީހަކާއި ކައިވެނިކުރީއެވެ. 

އަދި އެއްވާހަކަ ބުނެލާނަމެވެ. ގެއިން ނެރެލުމުން އެމަންމަގެ ފިރިމީހާ އޭނާގެ މައިންބަފައިންގެ ގާތަށް ދިއައިރު އެމީހުން ވަނީ ނިޔާވެފައެވެ. ތަނަވަސް އަންތބަކު ލިބުމުން މައިންބަފައިންނާއި އަޅައިނުލީތީ އެމީހުން ވަނީ އެދެމަފިރިން ބަލަހައްޓައިދިން މީހާއަށް އެމީހުންގެ ގެދޮރު ހަދިޔާކޮށްފައެވެ. ރަޖިސްޓްރީ ވެސްކޮށްދީ ނިމިފައެވެ. އެހެންވެ އުމުރު ހޭދަކުރީ ސަލާންޖަހާ މީހެއްގެ ގޮތުގައެވެ. މަގުމަތީގައި ނިދައިގެންނެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަވީ އަޅުގަނޑަށް ވަރަށް ޢިބްރަތްތެރި ވާހަކައަކަށެވެ. ފުރަތަމަ ކަމަކީ ފަރުވާކޮށްނުދީ އަނބިމީހާ ބަލިމީހެއްގެ ގޮތުގައި ތަންމަތީގައި ބާއްވައިގެން އެކަން ބަހަނާއަކަށް ދައްކައިގެން ހިލޭ އަންހެނުންގެ ގާތަށް ދާން ބޭނުންވާ ފިރިން ތިބޭކަން ފާހަގަކުރުމެވެ. 

ދެވަނަ ކަމަކީ އުމުރުން 50 އަހަރުގައި ނަމަވެސް ފިރިމީހާ ބޭވަފާތެރިވީމާ ފިޔަވަޅު އަޅަން ކެރުނު ކަމެވެ. 

ތިންވަނައަށް ފާހަގަކޮށްލާނީ އެންމެ މުހިންމު ކަންތަކެވެ. އެއީ މަންމަ ނޫންވެފައި މައިދައިތަނަމަވެސް އެމީހަކަށް ހެޔޮކޮށް ކަންކަން ކޮށްދިނުމުން އެކަމުގެ ރަޙްމަތް ލައްވަވާނެ ކަމެވެ. ހަމައެއާއިއެކު އަމިއްލަ ދަރިފުޅު ކުށްކުރީމާ ދޫކޮށްލަން ކެރުނެވެ. ބޭރުން އައިސްހުރި ދަރި އިޚްލާޞްތެރިވީމާ އެކަން ބަލައިގަންނަން އެނގުނެވެ. 

އަދި ކީއްހެއްޔެވެ؟ ތިމާއަށް ރަނގަޅު ގޮތެއް ފެނުމުން މައިންބަފައިންނާއި އަޅާނުލައި ދޫކޮށްލުމުގެ ނަތީޖާވެސް އެއޮތީ ފެނިފައެވެ. އޭނާއަށް ކުރިމަތިވި ހުރިހާ ކަންކަން ކުރިމަތިވީ މައިންބަފައިން ހިތުގައި ޖެއްސުމުން ނޫންކަން އެނގޭނީ ކިހިނަކުންހެއްޔެވެ؟   

ހިތާމައާއިއެކު މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކޮންމެ މީހެއްގެ ގައިގައިވެސް ހުންނަން ޖެހޭ މިފަދަ މުހިންމު ސިފަތައް ދަނީ ގެއްލިގެން ކަމެވެ. މިވާހަކައިގައި ވަރަށް ރަނގަޅު ، ވަރަށް ޢިބްރަތްތެރި ފިލާވަޅުތަކެއް އެބަހުރިކަމަށް ބުނީ އެހެންވެގެންނެވެ. 

- ލައިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

އެކަމާ ވަރަށް ބޮޑަށް އުނދަގޫވާތީ އެވާހަކަ ފިރިމީހާގެ ގާތު ބުނުމުން ރުޅިއައީ އަޅުގަނޑު ދެކެއެވެ. "އެއީ ކަލެއާ ބެހޭ ކަމެއް ނޫން. މަންމަ އޮތް ޙާލު ފެންނާނެ. ބައްޕަވެސް ހިތްހަމަ ޖައްސާލަން ޖެހޭނެނު.

މިއަދު އޮންލައިން