ޙަޤީޤީ ޙާދިސާ: މައިންބަފައިން މަރުވުމުން ދެކޮއްކޮ ބަލަހައްޓަން ކުޑައިރުންސުރެ ނޯކިރީކުރި އަންހެން ކުއްޖަކަށް ލެއްވެވި ރަޙްމަތުގަ މިއަދު އުދުހެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ޙަޤީޤީ ޙާދިސާ: މައިންބަފައިން މަރުވުމުން ދެކޮއްކޮ ބަލަހައްޓަން ކުޑައިރުންސުރެ ނޯކިރީކުރި އަންހެން ކުއްޖަކަށް ލެއްވެވި ރަޙްމަތުގަ މިއަދު އުދުހެނީ!

އަޅުގަނޑުމެންގެ ބައްޕަ އާއި މަންމައަކީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ދިރިއުޅުނީ ވަރަށް ފަޤީރު ޙާލުގައި ނަމަވެސް ދުވަހަކުވެސް ފަޤީރުކަމުން ބޭނުންތައް ނުފުދޭތީ ދުވަހަކުވެސް ޝަކުވާއެއް ނުކުރާނެއެވެ. މަސްކޮޅު ގަނެވެން ނެތިގެން މަހުގެ ކަށިފޮތި ގެނެސް ގަރުދިޔަފޮދެއް ކައްކައިގެން ކާއިރުވެސް ކާނީ ދެމަފިރިން އެކުގައި ތިބެގެންނެވެ. ދެއްވެވި މިންވަރަށް ޝޔުކުރުކޮށް އުފާކުރަމުންނެވެ.  

ޑެންގޫ ޖެހިފައި ބައްޕަ ނިޔާވިތާ އަހަރެއްވެސް ނުވަނީސް މަންމަވެސް ނިޔާވެއްޖެއެވެ. ހަމަ ކުއްލިއަކަށް މެއަށް ތަދެއް އަރައިފައެވެ. އަޅުގަނޑަށް ބުނެވޭނީ ބައްޕަ ނިޔާވުމުން ކުރަމުންދިއަ ހިތާމައިގައި ކަމަށެވެ.  

ކޮންމެއަކަސް އެއިރު އަޅުގަނޑުގެ އުމުރަކީ15 އަހަރު ފުރި 16 ވަނަ އަހަރެވެ. ހަގަށް 13 އަހަރާއި 11 އަހަރުގެ ދެ ކޮއްކޮ ތިއްބެވެ. އެހެންކަމުން އަޅުގަނޑަށް ވާންޖެހުނީ ކޮއްކޮމެންގެ މަންމަ އަށާއި ބައްޕައަށެވެ. އަދި އަޅުގަނޑުގެ ވެސް ބެލެނިވެރިޔާއަށެވެ.  

ފުރަތަމަ ކޮޅު އަވަށްޓެރިން ކާއެތިކޮޅު ދެއެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެހީތެރިކަން ލިބުން މަދުވާން، ކުޑަވާން ފަށައިފިއެވެ. ކަރަންޓްބިލާއި ފެންބިލް ނުދެއްކިގެން މައްސަލަތައް ޖެހެން ފަށައިފިއެވެ. އެހާލަތަށް ދިއުމުން ޤަޞްދުކުރީ ސަލާން ޖެހުމުގެ ބަދަލުގައި ކޮންމެވެސް މަސައްކަތެއް ކުރާށެވެ.  

ވަޒީފާއެއް ލިބޭތޯ ނުކުތީމެވެ. "ސޭލްސް ގާލްސް ބޭނުން" ކަމަށް ލިޔެފައި ހުންނަ ފިހާރަތަކަށް ވަންނަމުން ދަނިކޮށް ފިހާރައެއްގެ ކައުންޓަރުގައި އިން އަންހެނަކު ބުނީ އޭނާގެ ބޭބެއަކީ ތަނަވަސް މީހެއް ކަމަށާއި ކުޑަކުދިން ބަލައިދޭނެ އަންހެނަކު ހޯދާކަމަށެވެ. ރަނގަޅު މުސާރައެއްވެސް ދޭނެ ކަމަށެވެ.  

އަޅުގަނޑު އެމީހާ އާއި ބައްދަލުކުރީމެވެ. އޭނާގެ ގެހުންނަނީވެސް އަޅުގަނޑުމެންގެ ގެއާއި ވަރަށް ކައިރީގައެވެ. ރަނގަޅު މުސާރައެއް ދިނެވެ. މަހަކު 5000 ރުފިޔާއެވެ. ނަމަވެސް ހެނދުނުން ފެށިގެން ރޭގަނޑު 8،9 ޖަހަންދެން ހުއްޓުމެއް ނެތި މަސައްކަތްކުރަން ޖެހެއެވެ.  

ކޮއްކޮމެންގެ ކަންކަން ބަލައިލެވެނީވެސް ވަރަށް ކުޑަ އިރުކޮޅަކަށެވެ. ގެއަށްދެވޭއިރު ހުންނަނީ ވަރުބަލިވެގެން އަވަދިވާވަރުވެފައެވެ. ފެންވަރާތަނުން ނިދިއއައިސް ނިދެއެވެ. އެހެން ގޮތެއް ނެތުމުން ހިތްވަރުކުރީމެވެ. އެގޮތަށް އެގޭގައި 4 އަހަރު މަސައްކަތްކުރިތަނާ އަޅުގަނޑުގެ މެޑަމްގެ ކޮއްކޮ އަޅުގަނޑާއި ކައިވެނިކުރަން އެދިއްޖެއެވެ. މެޑަމްވެސް އެކަން ކުރަން ފެންނަ ކަމަށް ބުނުމުން އެކަން އަޅުގަނޑު ޤަބޫލުކުރީމެވެ.  

ކައިވެނި ކުރެވުނެވެ. ކައިވެންޏަށް 7 އަހަރުވެސް ވެއްޖެއެވެ. 3 ދަރިންވެސް ލިބިއްޖެއެވެ. ފިރިމީހާއަކީވެސް އަމިއްލަ މަސައްކަތުން ރަނގަޅު ޢާމްދަނީއެއް ހޯދާ މީހެކެވެ. އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ފުދިގެން އުޅެވޭވަރުގެ ޢާމްދަނީއެއް ހޯދައެވެ.  

އަޅުގަނޑަށް ކިޔެވުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް ފިރިމީހާ އަޅުގަނޑުގެ ދެކޮއްކޮއަށް މަތީތައުލީމަށް ކިޔެވުމުގެ ފުރުޞަތުވެސް ހޯދައިދިނެވެ. ޚަރަދުވެސް ކުރިއެވެ. އަދި ބައްޕައެއް ފަދައިން ކުދިންގެ ކަންކަން ބަލަހައްޓައިދިނެވެ. އަދި މިހާރުވެސް އެގެންދަނީ އެކުދިންގެ ބައްޕައެއްގެ ޒިންމާ އާއި މަސްއޫލިއްޔަތު އުފުލަމުންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑަށް އެފަދަ ހެޔޮލަފާ ފިރިއަކު ދެއްވެވީ އަޅުގަނޑުގެ ދެކޮއްކޮ ބަލަންޖެހުނު ދުވަހު އެކަމަށްޓަކައި އަޅުގަނޑު އުފުލި ބުރައިގެ ސަބަބުންނެވެ. ދެވަނަ ސަބަބަކީ ސަލާން ޖަހަން ނުނުކުމެ، ޢިއްފަތްތެރިކަމުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. އެހެންވެ އަޅުގަނޑު ކުރި ބުރަ މަސައްކަތުގައި ބަރަކާތް ލެއްވެވީއެވެ. 

މިއަދު ދެކޮއްކޮވެސް އެތިބީ ކިޔަވައިގެން ރަނގަޅުވަޒީފާގައެވެ. ވަޒީފާއަދާކުރަމުންވެސް ފިރިމިހާގެ މަސައްކަތުގައި އެހީތެރިވެދެއެވެ. އެކަމުގެ ސަބަބުން ފިރިމީހާއަށްވެސް އެތައް ގޮތަކުން ފައިދާވެއެވެ. އެއް ކޮއްކޮ އެގެންދަނީ ފިރިމީހާގެ ކުންފުނީގެ މާކެޓިންގ ދާއިރާއިން އިސް މީހެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. ދެވަނަ ކޮއްކޮ އެގެންދަނީ ހިސާބުތައް ބަލަހައްޓައިދިނުމުގައި އިސް މީހެއްގެ ގޮތުން މަސައްކަތްކުރަމުންނެވެ. އަޅުގަނޑަށް އޮތީ ފިރިމީހާއަށާއި ދަރިންނަށް އަދި ކޮއްކޮމެންނަށް ޚިދުމަތްކުރަން ގޭގައި އިނުމުގެ ވަޒީފާއެވެ.  

އަޅުގަނޑުގެ ވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލުކުރެވިއްޖެނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްވީއެވެ.  

--ކަރްޔަމް ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން