ގޭގެ ނޯކިރީކުރަމުން ކިޔަވައި ޑޮކްޓަރުކަން ކިޔަވަން ޖާގަހޯދުމުން ދޮންބައްޕަގެ ނުފޫޒުގަ ކިޔަވަން ހުރަސްއެޅި ދަރިފުޅު ކިޔަވައި ޑޮކްޓަރަކަށްވުމުން ސަލާންޖަހަން ދަރިފުޅު ގާތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ގޭގެ ނޯކިރީކުރަމުން ކިޔަވައި ޑޮކްޓަރުކަން ކިޔަވަން ޖާގަހޯދުމުން ދޮންބައްޕަގެ ނުފޫޒުގަ ކިޔަވަން ހުރަސްއެޅި ދަރިފުޅު ކިޔަވައި ޑޮކްޓަރަކަށްވުމުން ސަލާންޖަހަން ދަރިފުޅު ގާތަށް!

އެދެމަފިރިންނަށް ލިބިފައިވަނީ އެންމެ ދަރިއެކެވެ. އެއީ ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ ޢުމުރުން 12 އަހަރުގައި މަންމަ، ބައްޕަގާތުން ވަރިވެ ދަރިފުޅުވެސް ގޮވައިގެން ގެއިން ނުކުމެގެން ހިނގައްޖެއެވެ. އެހެން މީހަކާ ކައިވެނިވެސް ކޮށްފިއެވެ. 

އެހިސާބުން ދަރިފުޅަށް ޖެހުނީ ވަރަށް ނިކަމެތި ޙާލަތެކެވެ. ދަރިފުޅު ބަދަލުވީ ގޭގެ "ސާވަންޓް ބޯއި" އަށެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަންޖެހެއެވެ. އެއްވެސް ކަމެއް ރަނގަޅަށް ކުރެވޭ ކަމަކަށް ނުވެއެވެ. އަބަދު އޮންނަނީ އެއްޗެތި ގޮވުމެވެ. ހަމައެކަނި ދަރިފުޅަކަށް ނޫނެވެ. ކިތަންމެ ކުޑަކަމެއްވީނަމަވެސް އޭނާގެ ބައްޕައަށްވެސް އެއްޗެތި ގޮވައެވެ.

ދުވަސްކޮޅަކުން ދަރިއަކު ލިބިއްޖެއެވެ. ދަރިއަކު ލިބުމުން އެ ދަރިފުޅު ބަލަންވެސް ޖެއްސީ ފިރިހެން ދަރިފުޅަށެވެ. ލިބުނީ އަންހެން ދަރިއެކެވެ. އެވަރުންވެސް ނެޕީ ބަދަލުކުރުވަނީވެސް ފިރިހެން ދަރިފުޅު ލައްވައެވެ. 

މިޙާލުގައިވެސް ކުއްޖާ އައީ ކިޔަވަން މަސައްކަތްކުރަމުންނެވެ. ފާސްވިލެއް މަތިކަމުން މެޑިކަލް ޔުނިވަރސިޓިން ޖާގަލިބުނު ދުވަހަކީ ކަންކަމުގެ ޙަޤީޤަތް އެނގުނު ދުވަހެވެ. ދޮންބައްޕަ ބުނީ ޔުނިވަރސިޓީއަށް ނުދެވޭނެކަމަށެވެ. އެއަށްވުރެ ގޭތެރޭގެ މަސައްކަތްކުރުން މާމުހިންމު ކަމަށެވެ. 

އެހިސާބުން ކުއްޖާ ގެއިން ނުކުމެ ރޭލަކަށް އަރައިގެން ބައްޕަގެ އަވަށަށް ގޮސް ބައްޕައާއި ބައްދަލުކޮށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ބައްޕަވެސް ކިޔައިދިނެވެ. "މަންމަ އެމީހާ އާއި ކައިވެނިކުރަން ބޭނުންވެގެން ފިލީއެވެ. ވަރިވެގެންދާނަމަ ދަރިފުޅު ބަހައްޓާފައި ދިއުން އެދި އާދޭސްކުރަމުން ދަނިކޮށެވެ." 

ކޮންމެއަކަސް ބައްޕަގެ ގާތުގައި ހުރެ ޔުނިވަރސިޓީން ކިޔަވައި މޮޅު ޑޮކްޓަރަކަށް ދަރިފުޅުވެއްޖެކަން އެނގުނުއިރު މަންމަ ވަނީ ވަރިކޮށްލައިފައެވެ. އަނބުރާ އަވަށަށް ފޮނުވާލާފައެވެ. 

ލަދުން ހުރުމެ ގޮސް ދަރިފުޅާއި ބައްދަލުކޮށް އެހީއަކަށް އެދުމުން ދަރިފުޅު ބުނީ "ތިއައުޅެނީ ނުބައި އެޑްރެހަކަށް އާދެވިގެން ކަމަށެވެ. އަހަރެންގެ މަންމަ މަރުވިތާ ކިތަންމެ ދުވަހެއް ވެއްޖެކަމަށެވެ." އެހެން ބުނެފައި ދޮރުލެއްޕީއެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައި ވަރަށް އަސަރުކުރި ވާހަކައެކެވެ. އެއީ ތިމާގެ އަމިއްލަ އުފަލަށް ވަރިވެ އެހެން ފިރިހެނަކާއި ކައިވެނިކުރުމަށްފަހު އޭނާގެ ހިތް ރުއްސަން ދަރިންނާއިމެދު ހަމަ މިއުޞޫލުން ކަންކަން ކުރާ މައިން އަޅުގަނޑުމެންގެ ތެރޭގައިވެސް ތިބުމުންނެވެ. ޚުދު އަޅުގަނޑަކީވެސް ހަމަ މިފަދަ ޙާލެއް ޖެހުނު އަންހެނެކެވެ. 

އެޙާލަތުން ސަލާމަތްވެވޭނެ ގޮތެއް ނެތިގެން އުމުރުން ކިރިޔާ 18 އަހަރުފުރުނުތަނުން މަޖުބޫރުވީ ކައިވެނިކުރާށެވެ. މަތީ ތައުލީމުން މަޙްރޫމްވާށެވެ. އަޅުގަނޑަށް ޖެހުނު ޙާލުގައި ޖެހިފައި ތިބި ކިތައް ސަތޭކަ ދަރިން ރާއްޖޭގައި އެބަތިބިތޯއެވެ؟ 

އަނެއްކޮޅުން ގިނައީ ދަރިންނާއި އަޅާނުލާ ބައްޕައިންނެވެ. އެމީހުންގެ އުފަލަށް ކައިވެނިރޫޅާލާފައި ދެމެދުގައި ތާށިކުރަނީ ދަރިންނެވެ. ހާލުގައި ޖައްސައި ނިކަމެތިކުރުވަނީ ދަރިންނެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް މިވަގުތަކު ނެތީމެވެ. 

- ޞޯބިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން