ކައިވެނީގެ ރޭ އަނބިމީހާ ހޮސްޕިޓަލަށް! ފިރިމީހާ އަނބީމީހާގެ ކޮއްކޮ ގޮވައިގެން ހަނީ މޫނަށް! ދެން ކަންކަން މެދުވެރިވި ގޮތް- އާދައާ ޚިލާފް ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ކައިވެނީގެ ރޭ އަނބިމީހާ ހޮސްޕިޓަލަށް! ފިރިމީހާ އަނބީމީހާގެ ކޮއްކޮ ގޮވައިގެން ހަނީ މޫނަށް! ދެން ކަންކަން މެދުވެރިވި ގޮތް- އާދައާ ޚިލާފް ފިލާވަޅެއް!

އަހަރެމެންގެ މައިންބަފައިންނަށް ލިބުނީ ދެ އަންހެންދަރިންނެވެ. އަހަރެމެން ބޮޑުވިތަނާ އެދެމަފިރިން ދުނިޔެ ދޫކޮށް ހިނގައްޖެއެވެ. ދެން ގޭގައި އުޅުނީ ދެބެއިންނެވެ. ދެމީހުންވެސް ގުޅިގެން އުޅޭ މީހުން ގެއަށް ގެންނަނީއެވެ. ބޭރަށް ގޮހެއް ނުއުޅެމެވެ. އެހެންވެ ދެމީހުންގެ ލޯބިވެރިންވެސް އަނެކަކާއި އެކުވެރިކަމުގެ ގުޅުން އޮވެއެވެ. 

ފުރަތަމަ ކައިވެނިކުރީ އަހަރެންނެވެ. ކައިވެނީގެ ހަފްލާ ނިމުނުތަނާ މޭމައްޗަށް ތަދެއް އަރައި ހޭނެތިއްޖެއެވެ. ހޭއެރިއިރު ކައިރީގައި ހުރި ޑޮކްޓަރު އެކަންޏެވެ. ޑޮކްޓަރު ބުނީ އެއް އުރަމަތީގައި ވަރަށް ނުރައްކައުތެރި ގަނޑެއް އެބައިން ކަމަށާއި ވީހާއަވަހަކަށް ގަނޑު ނަގަންޖެހޭނެ ކަމަށެވެ. 

ފިރިމީހާއަށް ގުޅިއިރު ފޯނު އޮތީ ނިއްވާލާފައެވެ. ކޮއްކޮއަށް ގުޅިއިރު ޢޭނާގެ ފޯނުވެސް އޮތީ ނިއްވާލާފައެވެ. އަނެއްދުވަހުވެސް ގުޅޭނެ ގޮތެއް ނުވިއެވެ. ޑޮކްޓަރު ބޭނުންވަނީ އޮޕަރޭޝަންކޮށް ގަނޑުނަގާފައި ގެއަށް ފޮނުވާށެވެ! އެހެންވެ އެކަނި އޮތްނަމަވެސް އޮޕަރޭޝަންކުރަން ބުނީމެވެ. އަދި ފައިސާވެސް ދައްކައި އޮޕަރޭޝަނުގެ ކަންކަން ކުރިއަށް ގެންދަން ބުނީމެވެ. 

އޮޕަރޭޝަންކުރިފަހުންވެސް 2 ދުވަހެއްވަންދެން މަސައްކަތްކޮށް އެކަކާއިވެސް ނުގުޅުމުން ކަންކަން ވެގެން އުޅޭގޮތް ހިތަށް ގެނެވުނެވެ. އެހިސާބުން އިތުރަކަށް ނުގުޅަމެވެ. ގެއަށް ދިއުމުން ފިރިމީހާ ފުރަތަމަވެސް ކުރި ސުވާލަކީ މިހާއަވަހަށް ދޫކޮށްލީ ހެއްޔެވެ؟ އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. ދެން ފިރިމީހާ ބުނީ އެރޭ ހަނީމޫނަށް ދާން ޓިކެޓް ނަގައި ދަތުރަށް ބޮޑު ޚަރަދެއް ކުރެވިފައި އޮތުމުން ކޮއްކޮ ގޮވައިގެން ހަނީމޫނަށް ގޮސްލީ ކަމަށާއި އެނބުރި އައީ ރޭ ކަމަށެވެ. ދުރުގައި ތިބި ނަމަވެސް ޑޮކްޓަރަށް ގުޅައި ޙާލުބެލި ކަމަށެވެ. 

އަހަރެން އެދުނީ އެންމެ ކަމަކަށެވެ. އެއީ ކައިވެންޏަކީ ނުކުރާ ކައިވެންޏަކަށް ހަދައި ކައިވެނި ބާޠިލްކޮށްދިނުމަށެވެ. އެއިރު އުޅެމުންދިއައީ ބައްޕަގެ ގޭގައެވެ. އެކަންކޮށްދިނުމުން އެގެއިން ނުކުމެ މަންމަގެ ގެއަށް ބަދަލުވީއެވެ.

ބަލީގެ ގޮތުން މަހަކު އެއްފަހަރު ޑޮކްޓަރަށް ދައްކަން ޖެހޭތީ ކޮންމެ މަހަކުވެސް ޑޮކްޓަރަށް ދައްކަމެވެ. ދުވަސްކޮޅެއްފަހުން ޑޮކްޓަރު އަޅުގަނޑަށް ލޯބި ހުށަހަޅައި ކައިވެނިކުރަން އެދުނެވެ. ބަލީގެ ސަބަބުންނާއިއެކު އަވަސްއަވަހަށް އެފުރުޞަތު ޤަބޫލުކޮށް ކައިވެނިކުރީމެވެ. 

ފިރިމީހާ ބޭނުންވީ ދެބެއިންނަށް ދެގެ ރަޖިސްޓްރީކޮށް މުދައު ބެހުމަށެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލައި އެކަންވެސް ކުރީމެވެ. ދެމީހުން ވަރަށް ލޯބިން އެކުގައި އުޅެމުންދިއައިމެވެ. ކައިވެންޏަށް ދެ ދަރިން ލިބުނުތަނާ ފެނުނީ ކުއްލިއަކަށް ކުޑަދަރިފުޅު އަތަށް ލައިގެން ކޮއްކޮ އައިސް ހުއްޓައެވެ. ހުރީވެސް ރޮއިފައެވެ. 

ބުނީ ވަރިކޮށްލާފައި ފިރިމީހާ (އަހަރެންގެ އަލަތު ފިރިމީހާ) ފިލައިފި ކަމަށެވެ. ފިލީ ގެ މޯގޭޖްކޮށްފައި ލިބުނު ފައިސާތައްވެސް ހިފައިގެން ކަމަށެވެ. ލޯނު ނުދެއްކިގެން މިއަދު ގެ ބޭންކަށް ނަގައިފިކަމަށެވެ. ވީމާ މިއައީ ބޯހިޔާވަހިކަމެއް ދޭނެކަމުގެ އުންމީދުގައި ކަމަށެވެ. 

އޭނާއަށް މަރުޙަބާކީ ފިރިމީހާއެވެ. ބުނީ މިގޭގައި އިނދެވޭނެކަމަށެވެ. ދެމައިން ބަލަހައްޓައިވެސް ދޭނެ ކަމަށެވެ. އެއިގެ އިތުރުން ފިރިމީހާ ބޭންކާއި ގުޅައިގެން ލޯނަށް ފިރިމީހާ އަމިއްލައަށް ޒިންމާވެ ގެވެސް އަނބުރައި ހޯދުމަށްފަހު އެގެވެސް ހެދީ އޭނާގެ މިލްކަކަށް ނޫނެވެ! ހަމަ އަޅުގަނޑުގެ ގެއަކަށެވެ. 

ދުވަސްކޮޅެއް ފަހުން ކޮއްކޮއަށް ފިރިއަކުވެސް ހޯދައިދިނީ ފިރިމީހާއެވެ! ކައިވެނިކޮށްގެން ފިރިމީހާ އާއިއެކު ކޮއްކޮ ދިއައީއެވެ. ދެބެންގެ ގުޅުން ދެން ދުވަހަކުވެސް ނުކެނޑޭނެކަމަށް ބުނެ އެތައް ވައުދެއް ވަމުންނެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ވާހައިން ލިބޭ ޢިބްރަތްތެރި ފިލާވަޅު ހަމަ ބޮޑުކަމުންނެވެ. ދައްތައަށް ބޭވަފާތެރިވާ ފިރިން ތިމާއަށް އިޚްލާޞްތެރިވާނެ ކަމަށް ޤޢަބޫލުކުރާ ކޮއްކޮއިން މަދުނޫންވީމައެވެ. 

ދެން ބުނެލަން އޮތީ ތިމާ ރަނގަޅު ގޮތުގައި ހުއްޓައި ބައިވެރިޔާ ދެރައެއް ދީފިނަމަ އޭނާއަށްވުރެ ރަނގަޅު ބައިވެރިއަކު ދެއްވަވާނެކަމަށް ބުނާ ބަހުގެ ތެދުކަން މިވާހަކައިންވެސް އެނގި ސާބިތުވެއެވެ. އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ. ބުނެފިނަމަ އަޅުގަނޑުގެވެސް ހުރި ހަމައެކަނި ކޮއްކޮ ހިތުގައި ޖެހޭނެތީއެވެ! 

- ޙައްވަ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

މިއަދު އޮންލައިން