ޙަޤީޤީ ޙާދިސާ: އަންހެން ދަރިފުޅު އިންޑިއާ މީހަކާ އިނދެގެން ޗުއްޓީއަށް ދިއަތާ 17 އަހަރުވީއިރުވެސް ޚަބަރެއް ނުވާތީ ކަރުނައަޅަމުންދާ މަންމައެއްގެ އިޙްޞާޞްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 22ސ
ޙަޤީޤީ ޙާދިސާ: އަންހެން ދަރިފުޅު އިންޑިއާ މީހަކާ އިނދެގެން ޗުއްޓީއަށް ދިއަތާ 17 އަހަރުވީއިރުވެސް ޚަބަރެއް ނުވާތީ ކަރުނައަޅަމުންދާ މަންމައެއްގެ އިޙްޞާޞްތައް-

އަޅުގަނޑު، އަޅުގަނޑުގެ މަންމަ އާއިއެކު ހިނގަން ނުކުމެ އުޅޭއިރުވެސް އެ މުސްކުޅި އަންހެން މީހާ ފެނެއެވެ. ހުންނަނީ ވަރަށް ބައުބައު ފޭރާން ލައިގެންނެވެ. ސަލާމެއް ނުޖަހައެވެ. ނަމަވެސް މީހަކު އެއްޗެއް ދީފިނަމަ ހިފައެވެ. އެކަމަކު މަންމައަކީ ފަޤީރުންނަށް އެހާބޮޑަށް ސަމާލުކަންދޭ މީހަކަށްނުވާތީ ދުވަހަކުވެސް މަންމަ އޭނާއަށް އެއްޗެއްދޭތަނެއް ނުފެނެއެވެ. 

އެއިރު އަޅުގަނޑުގެ ޢުމުރުންވާނީ 16 ވަރަކަށް އަހަރެވެ. އެއްދުވަހަކު އަޅުގަނޑު އަވަށްޓެރި ގެއަކަށް ދަނިކޮށް އެމުސްކުޅި އަންހެން މީހާ ފެނުމުން އުނދަގޫތަކެއްވިއެވެ. އަދި އެދުވަހު މަންމަ ޕޮކެތްމަނީއަސް ދިން 10 ރުފިޔާ އަތުގައި އޮތުމުން އޭނާއަށް ދިނީމެވެ. އޭނާ އެރުފިޔާގައި ހިފީ ތުރުތުރުއަޅައަޅާއޮތް އަތަކުންނެވެ. 

އެއިގެފަހުން އަޅުގަނޑު ފެނިއްޖެނަމަ އޭނާ ހިނިތުންވެލާނެއެވެ. އަޅުގަނޑުވެސް ހިނިތުންވެލަމެވެ. އަތުގައި ވަކިލާރިއެއް އޮތް ނަމަވެސް އޭނާއަށް ދެމެވެ. އޭނާއަށް އެހައި ބޮޑު ސަމާލުކަމެއް ދެވެނީ ކީއްވެގެން ކަމެއް ނުއެނގެއެވެ.

ގޭގައި ކައްކައި ގިނަ ބައަކަށް ކާންދިން ދުވަހެކެވެ. އެކަން ހިނގަނިކޮށް ދޮރޯށި ކައިރިއަށް ކަމަކު ނުކުތްތަނާ އެ އަނހެން މީހާ ފެނުމުން ގޮވައި ވެއްދީމެވެ. އަދި މަންމަ ގާތު ބުނެގެން ޕާރުސަލެއް ހަދައިގެން ގެންގޮސް އޭނާއަށް ދިނީމެވެ. ބަނޑުހައިވެފައިހުރިވަރުން އޭނާ ވަގުތުން އެކާން ފަށައިފިއެވެ. އެވާހަކަ މަންމަ ގާތުގައި ބުނެ މަންމަގެ ހުއްދަ އާއިއެކު އޭނާ ބަދިގެ ފަރާތަށް ގެންގޮސް ގޮނޑިއެއްގައި ބެއިންދީމެވެ. 

އޭނާ ކައިނިމިގެން އަތްދޮތްތަނާ މަންމަ ބަދިގެއަށް ދިއަތަން ފެނިފައި ކުއްލިއަކަށް އެމީހާގެ ލޮލުން ފެންއަތުވެއްޖެއެވެ. އެތަން ފެނުމުން އެވީގޮތަކާއިމެދު ސުވާލުކުރުމުން އޭނާ ބުންޏެވެ. "އެއުމުރުގެ އަންހެން ދަރިއަކު އަހަރެންގެ ހުރެއެވެ. ނަމަވެސް 17 އަހަރުން ފެށިގެން އޭނާވީ ގެއްލިފައެވެ. ވީތަނެއް ނުއެނގެއެވެ. ކުއްލިއަކަށް އެދަރިފުޅުމަތިން ހަނދާންވީއެވެ." 

އަޅުގަނޑު ގޮސް މަންމަ ގާތުގައި އެވާހަކަ ކިޔައިދީފައި އެމީހާއަށް އަދި ފެނި ވާހަކަދައްކާލަން އެދުނީމެވެ. މަންމަ ޢޭނާގެ ގާތަށް ދިއުމުން ގިސްލަމުން ކިޔައިދިނެވެ. "އަހަރެންނަށް ލިބުނީވެސް އެންމެ ދަރިއެކެވެ. އެއީ އަންހެން ކުއްޖެކެވެ. އޭނާ ބަލައިބޮޑުކުރީވެސް އެކަންޏެވެ. އޭނާ ބޮޑުވަމުން އައި ދުވަސްވަރު ލޯބީގެ ގޮތުން މީހަކާއި ގުޅުނެވެ. އެކަން ކުރިއަށް ނުގެންގޮސް ކިޔަވައި ނިމެންދެން މަޑުކޮށްލަން ބުނީމާވެސް ޤަބޫލެއް ނުކުރިއެވެ. އެންމެފަހުން ބަލިވެއިނީއެވެ. އެކަމާ ހިތުގަ ޖެހުނުވަރުން އެއްޗެއް ބުނީމައި ގެއިން ނުކުމެގެންދިއަ ފަހަކުން އެދަރިފުޅެއް ނުދެކެމެވެ. ދައްތައަކީ ކުރިން ވަރަށް ފަލަ އަންހެނެކެވެ. އެކަމާ ހިތާމަކުރަމުން ގޮސް މިހާރު މިހިރީ ހިކިކަށިގަނޑަކަށްވެފައެވެ."

އެހިސާބަށް ބުނާއިރަށް މަންމައަށް ރޮވިއްޖެއެވެ. މަންމަ ސުވާލުކުރިއެވެ. "ދައްތަ މާލެތަ؟ ނޫނީ މާލެ އައިސް އުޅެން ފެށީ ކޮންދުވަސްވަރަކު؟ މާލެ އައީ ކީއްކުރަން؟" އޭނާ ބުންޏެވެ. "މާލެ އައިތާ އަދި މިވީ އަހަރެއްހައި ދުވަސް. މާލެއައީ ދައްތަގެ ދަރިފުޅު މާލޭގައި އެބަ އުޅޭ ކަމަށާއި މާލެ ހިނގައްޖެނަމަ ބައްދަލުވާނެ ކަމަށް ހުވަފެނުން ފެނުމުން." އެހިސާބަށް ބުނާއިރަށް މަންމަގެ ރުއިން ކޮންޓްރޯލުން ނެއްޓިއްޖެއެވެ. އޭނާވެސް ރޮނީއެވެ. މަންމަވެސް ރޮނީއެވެ. 

ވާނީވެސް އެހެން ނޫންތޯއެވެ؟ އެއީ މަންމަ ޢާއި ދަރިފުޅެވެ. އެއަނހެންމީހާއަކީ އަޅުގަނޑުގެ މާމައެވެ. މާމައަކު ހުރިކަންވެސް އެނގުނީ އެވަގުތުއެވެ. ދެމައިން އޮޅުލައިގަތެވެ. އެތައް އިރެއްވަންދެން ބައްދައިގެން ތިއްބެވެ. 

މަންމަ ބުނީ މާމަ މަންމަދެކެ އެއިރު ރުޅި އައިމަ ބައްތެއްޔަކަށް އަރައިގެން މާލެއައީކަމަށެވެ. އެއިރު ބަލ؛ިވެއިން ދަރިފުޅަކީ އަޅުގަނޑު ކަމަށެވެ. ގެއަކަށް ފައިބައި ނޯކިރީކޮށްދީގެން އުޅެނިކޮށް ދޮންބައްޕައާއި ބައްދަލުވެގެން ކައިވެނިކުރީކަމަށެވެ. އެހިސާބުން މާމަ މަތިން ހަނދާން ނައްތައިލެވުނީ ކަމަށާއި އެއީ މަންމައަށް ކުރެވުނު ވަރަށް ބޮޑު ކުށެއް ކަމަށެވެ. ދެމައިން އެކަކު އަނެކެއްގެ ކިބައިން މާފަށް އެދުނެވެ. އަދި ދެމައިން އެކުގައި އުފަލުގައި ދިރިއުޅެން ފެށިއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ވަރަށް ބޮޑު ބޭނުމަކުއެވެ. މިކިޔައިދިނީ މޯބައިލް ފޯނު ކީއްކުރަން ރަށްރަށަށް ފޯނުވެސް ނުލާއިރުގެ ވާހަކައެކެވެ. މިސާލަކަށް މަންމަ އާއި މާމަ އާއި ދެމީހުން ބައްދަލުނުވީއެވެ. އެކަމުގެ ހިތާމައިގައި މާމަ މަރުވެދިއައީއެވެ. މަންމަ ސުވަރުގެ ހޯދާނީ ކޮންހާލެއްގައިހެއްޔެވެ؟ 

މާމަ މަންމައަށްދިނީ މައަކު ދޭންޖެހޭނެ ނަޞޭޙަތެވެ. އެކަން ޤަބޫލުނުކުރެވުނީ މަންމައަށެވެ. ކުށްވެރިއަކީ މަންމައެވެ. އެދެމައިން ދިމާވެ އެކަކު އަނެކަކަށް މާފުކޮށް އެކުގައި އުޅެން އިރާދައިގައި އޮތީތީ އެކަންކަންވީނަމަވެސް މިހުންނަނީ ޢާންމުކޮށް ހިނގާނެ ކަންކަމެއް ނޫނެވެ. 

އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް މެދުވެރިވިނަމަވެސް ތިމާހުރީ ޙައްޤުގައި ނަމަވެސް މައިންނާއިމެދު މިފަދަ ގޮތްގޮތަށް ކަންކަން ނުކުރަން ބުނުމެވެ. މާމަ އާއި މަންމަގެ މިވާހަކަ އަޅުގަނޑުގެ އަނހެން ދަރިފުޅަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް މީގެ 7 އަހަރުކުރިން އިންޑިއާ މީހަކާ ކައިވެނިކޮށްގެން ޗުއްޓީއަކަށޭ ކިޔާފަ ދިއަ ގޮތަށް ޚަބަރެއްވެސް ނުވެއެވެ. ދިރިހުރިކަމެއްވެސް ނުއެނގެއެވެ. ދީފައި ދިއަ އެދްރެހުގައި ފިރިމީހާ އުޅޭކަމަކަށްވެސް ނުވިއެވެ. ދަރިފުޅު ގޮވައިގެން ދިއައީ ކޮންތަނަކަށްކަންވެސް ނުއެނގެއެވެ. އެކަމާ ހިތާމަކުރަމުން ގޮސް މިއިނީ އަވަދިވެފައެވެ. އަޅުގަޑުގެ ދަރިފުޅާއި އަޅުގަނޑާއި ދެމެދުގައި އެއްވެސް މައްސަލައެއްވެސް ޖެހިފައެއް ނުވާނެއެވެ. ކައިވެނިކުޜިވެސް ހަމަ އަހަރެމެންގެ ރުހުމުގައެވެ. 

މިވާހަކަ މިއަދުނޫހުގައި ޝާއިޢުކުރަން ބޭނުންވި އެންމެ ބޮޑު ސަބަބަކީވެސް ފަހަރެއްގައި މިވާހަކަ އަޅުގަނޑުގެ ދަރިފުޅުވެސް ކިޔައި އަޅުގަނޑަށް ފޯނެއްނަމަވެސް ކޮށްލައިފާނެ ކަމުގެ އުންމީދުގައެވެ. 

ހިތަށް އަރައެވެ! މަންމައަށް ކުރެވުނު ކުށުގެ އަދަބު އަޅުގަގަނޑަށްވެސް ލިބުނީނޫންބާވައެވެ! 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން