އަނބިމީހާ ބަލިވެ އެނދުމަތިވުމުން ތޭރަ އަހަރުވީއިރުވެސް އަމިއްލަ އަތުން ނޫނީ ކާންނުދީ އަބަދު އަނބިމީހާގެ ޚިދުމަތުގަ ހުރި ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
އަނބިމީހާ ބަލިވެ އެނދުމަތިވުމުން ތޭރަ އަހަރުވީއިރުވެސް އަމިއްލަ އަތުން ނޫނީ ކާންނުދީ އަބަދު އަނބިމީހާގެ ޚިދުމަތުގަ ހުރި ފިރިއެއްގެ ވާހަކަ-

އަޅުގަނޑުމެން ދެމީހުންވެސް ކައިވެނިކުރީ ވަރަށް ލޯބިން ދުވަސްތަކެއްވަންދެން އެކުގައި އުޅެފައެވެ. ނަމަވެސް އެކުގައި ދިރިއުޅެން ފެށިތަނާހެން މައްސަލަތައް ޖެހެން ފަށައިފިއެވެ. އެންމެ ބޮޑު މައްސަލައަކަށްވަނީ ބަލިވުމުން ފިރިމީހާގެ އެހީތެރިކަން ނުލިބޭ ކަމެވެ.

އަޅުގަނޑަކީ ދޭތެރެއަކުން ބަނޑުގައި ރިއްސާ އަންހެނަކީމެވެ. މައްސަރު ކަންތައް ޖެހެން ކައިރިވުމުން އެކަން ބޮޑުވެއެވެ. ވީމާ އަޅުގަނޑަށް އޮށޯވެ އޮންނަން ޖެހޭލެއް ގިނަކަމުން ފިރިމީހާ ފޫހިވަނީއެވެ. ގިނަގިނައިން އެހީތެރިވާންޖެހުމުން ފަރުވާކުޑަކުރެވެނީއެވެ.

ބަނޑުގައި ރިއްސާ ބައެއް ދުވަސްދުވަހު އެނދުން އެއްގޮތަކަށްވެސް ނުތެދުވެއެވެ. ރިއްސާލެއް ގަދަކަމުން ތެދުވާއިރަށް މޫނުމައްޗަށް އަނދިރިވެ ވެއްޓޭފަހަރުވެސް އަންނާތީ ތެދުވާން ނުކެރެނީއެވެ. ޑޮކްޓަރުންނަށް ކުރެވޭ މާބޮޑު ކަމެއް އޮންނަ ކަމަކަށްވެސް ނުވެއެވެ.  

ކޮންމެއަކަސް އެއްރޭ ފިރިމީހާގެ ރައްޓެސަކާއި ބައްދަލުވާން ގެއަކަސް ދިއައިމެވެ. ފެނުނީ މުސްކުޅި އަނހެނަކު އެނދުގައި ބާއްވައިގެން ކައިރީގައި އޭނާގެ ފިރިމީހާ ހުރެގެން ކުޑަކުޑަ ސަމުސަލަކުން ލޯބިން ބަތްޕެންފަދަ އެއްޗެއް ވަރަށް ލަސްލަހުން ބޯންދޭތަނެވެ. އެކަމަށް އެތައް ވަގުތެއް ހޭދަކުރިއިރުވެސް އޭނާ އިންނަނީ ހަމައުފަލުން ހެވިގެންނެވެ.  

އެކުވެރިޔާ ބުނީ އެއީ އޭނާގެ މަންމަ އާއި ބައްޕަ ކަމަށެވެ. މަންމަ ބަލިވެ އެނދުގައި އޮންނަތާ 13 އަހަރުވެއްޖެކަމަށެވެ. ނަމަވެސް ބައްޕަ ނޫން މީހަކު މަންމައަށް ކާންދީފިނަމަ ރުޅިވެސް އަންނާނެ ކަމަށެވެ. "ބުނާނެ ކަލޭމެން އުޅޭނީ މާއަވަސްއަރުވާލައިގެންނޭ! މަންމަ ކޮށިއަރައިފާނޭ!" 

ބުނީ ނަމާދަށް ނޫންތަނަކަށް ގެއިން ބޭރަށްވެސް ނުދާނެކަމަށާއި ގެއަށް އައުމަށްފަހު އަބަދުވެސް އުޅޭނީ މަންމައަށް ފެންނަ ހިސާބުގައި ކަމަށެވެ. އިރުއިރުކޮޅުން މަންމަގެ ގައިގައި ފިރުމައި ހަދާނެ ކަމަށެވެ.  

އެވާހަކަތައް ކިޔައިދެމުން ދިއައިރު އަޅުގަނޑަށް ވަރަށް ގިނައިން ފިރިމީހާގެ ގައިގައި ވިކައިހެދުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. ފިރިމީހާވެސް ބަހެއް ނުބުނެއެވެ. ވަރަށް ޝައުޤުވެރިކަމާއިއެކު އަޑުއެހިއެވެ.  

އަލްޙަމްދުލިﷲ! އެއިގެ ފަހުން ފިރިމީހާ މުޅިން ބަދަލުވިއެވެ. ބަނޑުގައި ރިއްސާތީ އޮށޯވެއޮންނަންޖެހޭ ދުވަސްދުވަހު ވަރަށް ބޮޑަށް އަޅައިލައެވެ. އެހީތެރިވެއެވެ. ބަލިވާ ދުވަސްދުވަހު ނުކައި ބަނޑަށް އޮންނާކަށްވެސް ނުޖެހެއެވެ!  

އެބަލިން އަޅުގަނޑަސް ސަލާމަތްކަން ލިބުނީ ކައިވެންޏަށް 7 ވަނައަހަރު ދަރިއަކުލިބުމުންނެވެ. ދަރިފުޅު ލިބުނުފަހުން އެގޮތަކަށް ނުރިއްސައެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް އަދިވެސް ހުރެއެވެ.  

ދުޢާއަކީ ހުރިހާ ފިރިންނާއި އަނބިންނަށްވެސް އަޅުގަނޑުގެ މިވާހަކަކޮޅުން ޢިބްރަތެއް ޙާޞިލުވުމެވެ. ގދަވެސަލާމަތުން ހުންނައިރު ލޯބިވެފައި ބަލިވުމުން ލޯބިނުވާބަލިން އެންމެން ސަލާމަތްވުމެވެ.  

- ޒީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން