ޙަޤީޤީ ޙާދިސާ: އަޅުގަނޑުމެންނަށް ދަރިއަކު ލިބުނީ ދަރިއަކު ނުލިބިގެން ގެންގުޅެން ގެނައި ކުއްޖާގާތު ހުވަފެނުގަ މުސްކުޅިއަކު ކިޔައިދިން ގޮތަށް ކަންކަން ކުރުމުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ޙަޤީޤީ ޙާދިސާ: އަޅުގަނޑުމެންނަށް ދަރިއަކު ލިބުނީ ދަރިއަކު ނުލިބިގެން ގެންގުޅެން ގެނައި ކުއްޖާގާތު ހުވަފެނުގަ މުސްކުޅިއަކު ކިޔައިދިން ގޮތަށް ކަންކަން ކުރުމުން-

އަޅުގަނޑުމެންގެ ކައިވެންޏަށް 4 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. ފިރިމީހާ ހުންނަނީ އެކަމާއި ވަރަށް ދެރަވެފައިކަން އަޅުގަނޑަށް އެނގެއެވެ. އެހެންވެ އެކަން ފޫބެއްދުމުގެ ބޭނުމުގައި ފިރިމީހާގެ ދައްތަގެ ކުއްޖަކު ގެއަށް ގެނެސް ގެންގުޅެން ފެށީމެވެ. ދައްތަގެ ކުއްޖަކު ގެނައީ އޭނާގެ 8 ދަރިން ތިބުމާއި އަދި އޭނާ ދިރިއުޅެނީ ވަރަށް ދަތިޙާލުގައިކަމަށްވާތީއެވެ. 

އެއީ 3 އަހަރުގެ ކުއްޖެކެވެ. ވަރަށް ބަސްއަހާވެސް ކުއްޖެކެވެ. އެހެންވެ ދެމަފިރިންވެސް އޭނާދެކެ ވަރަށް ލޯބިވެއެވެ. ގެންގުޅުނީ އަމިއްލަ ދަރިއަކު ފަދައިން ވަރަށް ލޯބިންނެވެ. 

ކުއްޖާގެ އުމުރުން 8 އަހަރުގައި އެއްރޭ ނިންދަވަން ބޭއްވިތަނުން ގޮވައި ގާތަށް ގެންގޮސްފައި ބުނެފިއެވެ. "ކުޑަމަންމާއެވެ! ހުވަފެން ހުންނަގޮތް ނިކަން ކިޔައިދީބަލާށެވެ.!" ދެން ހުވަފެނަކީ ކޮބައިކަން ކިޔައިދީ ހުވަފެނާއި ބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް ކިޔައިދިނީމާ ބުންޏެވެ. 

"އަޅުގަނޑަށް 3 ރޭ ހުވަފެނެއް ފެނިއްޖެއެވެ. އެހުވަފެނުގައި ފެންނަނީ ވަރަށް ތުނބުޅި ދިގު މުސްކުޅި މީހެކެވެ. އެމީހާ ބުނަނީ ކުޑަ މަންމަ ގާތުގައި ބުނާށެވެ. ތައުބާވާށެވެ. އިސްތިޣްފާރުކުރާށެވެ. ރުޤްޔާވެސް ކުރާށެވެ. މިގެއަށް އަންނަން އުޅޭ ކޮއްކޮއަކަށް ނާދެވިގެން އެބައުޅެއެވެ."

އެ ރޭ އަޅުގަނޑު ވަރަށް ބޮޑަށް ވިސްނީމެވެ. ކުރެވިފައިވާ ފާފައަކީ ކޮބައިތޯއެވެ. ނަމަވެސް ހަނދާނަކަށް އެއްވެސް ކަމެއް ނައެވެ. އެހެންވެ ވަރަށް ކަންބޮޑުވިއެވެ. ނަމަވެސް ތައުބާވީމެވެ. ކުރެވިފައިވާނަމަ ކުރެވިފައިވާ ހުރިހާ ފާފަތަކަކަށް ޢަފޫކޮށްދެއްވެވުން އެދި ދެންނެވީމެވެ. އިސްތިޣްފާރުކުރުންވެސް ގިނަކުރީމެވެ. އަމިއްލައަށް ފެން ކިޔަވައި ފެންވަރަން ފެށީމެވެ. 

އަނެއްކާވެސް އެއްރެއެކެވެ. އެމަންޖެ ނިންދަވަން ބާއްވާފައި ނުކުންނަން ފެށީމާ ގޮވާލައިފިއެވެ. ގާތަށް ދިއުމުން ބުންޏެވެ. "އަނެއްކާވެސް ހުވަފެނެއް ފެނިއްޖެއެވެ. މިގެއަށް އައި ކުޑަކޮއްކޮއަކާއިއެކު ކުޅެން އުޅެނިކޮށެވެ." 

އެހެން ބުނިތާ މަހެއްހައިދުވަސްވެސް ނުވާނެއެވެ. އަޅުގަނޑު ބަލިވެ އިނދެއްޖެއެވެ. އެހިސާބުން އެމަންޖެ ދެއްކި ހުރިހާ ވާހަކަތަކަކާއި އަޅުގަނޑު ކަންކަންކުރި ގޮތް ވެސް ކިޔައިދިނީމެވެ. 

އަނެއް ދުވަހު އެމަންޖެ ގޮވައިގެން ދެމަފިރިންއެކުގައި ގޮސް ޢިލްމުވެރިއަކާއި ބައްދަލުކޮށް އެވާހަކަތައް ކިޔައިދިނުމުން ޢިލްމުވެރިޔާ ވިދާޅުވިއެވެ. "ފުރަތަމަ ކަމަކަށް އެމަންޖެއަށް އެކަންކަން ހުވަފެނުން ފެނުނީ އޭނާއަށް ކަލޭމެން ދެމަފިރިން ކަންކަން ކުރި ރަނގަޅު ކަމުން ދުވަހަކުވެސް އޭނާއަށް ދެރަގޮތެއް ނުހަދަން ލިބުނު މެސެޖަކަށްވެދާނެއެވެ. 

އަނެއްކަމަކީ އެމަންޖެ އެދެއްކި ވާހަކަތަކެވެ. އަހަރެމެންނަށް ނުއެނގިވެސް ވަރަށް ގިނަ ފާފަތައް ކުރެވިފައި ހުންނާނެއެވެ. ވީމާ އަބަދުވެސް ތައުބާވެ އިސްތިޣްފާރުކުރަންވާނެއެވެ. އަހަރެމެންނަށް ނުއެނގިނަމަވެސް ކުރެވޭ ފާފަތައް ބައިވަރުހުންނާނެއެވެ. ތައުބާ ނުވާނަމަ އަހަރެމެންނަށް ލައްވަވަން ހުރި ރަޙްމަތަށް ބައެއް ފަހަރު ހުރަސް އެޅެއެވެ. ވީމާ އަބަދުވެސް ނުއެނގިއާއި އެނގިގެން ކުރެވިފައިވާ ފާތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ.

ދެން ރުޤްޔާކުރަން ބުނި ބުނުން ލަފާކުރެވެނީ ކޮންމެވެސް މީހެއްގެ އެސްފީނާ ފަދަ ކަމެއް މެދުވެރިވެފައި ހުރީ ކަމަށެވެ. ދަރިއަކު ލިބެން ތިއަ އުޅެނީ އިސްތިޣްފާރުކުރުމުގެ އިތުރުން ރުޤްޔާކުރުމުން އެކަމުން ސަލާމަތްވުމުން ކަމަށްވެސް ވެދާނެއެވެ! މޮޅަށް ދެނެވޮޑިގެނަވަނީ ﷲ ތަޢާލާއެވެ! މިކިޔައިދިނީ ކަންކަން ހިނގާ މަގެވެ!" 

ކޮންމެއަކަސް އެއިގެ ފަހުން އަހަރު ދެކޮޅުހެން 3 ދަރިން ލިބުނެވެ. ކައިވެންޏަށް މިހާރު 20 އަހަރުވެއްޖެއެވެ. ދިރިއުޅެމުން މިދަނީ ވަރަށް ލޯބިންނެވެ. ދަރިއަކު ނުލިބިގެން ގެންގުޅެން ގެނައި އެމަންޖެ މިހާރު ބޮޑުވެއްޖެއެވެ. އަދިވެސް ހުރީ ހަމަ އަޅުގަނޑުމެންގެ ގާތުގައެވެ. އަޅުގަނޑުމެން ބަލަނީ އެއީ ދޮށީދަރިފުޅު ކަމަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ވަރަށް ކުރުގޮތަކަށް މިކިޔައިދިނީ އަޅުގަނޑުމެންގެ ދެމަފިރިންގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ. ޢިބްރަތަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން