ޙަޤީޤީ ޙާދިސާ: ތަނަވަސްކަމުގެ ދަހިވެތިކަމުގަ މީހެއްގެ ފިރިއަކާ ނުގުޅުނު އަންހެނަކަށް، އޭނާއަށްވުރެ ތަނަވަސް، މާހެޔޮލަފާ ފިރިއަކު ދެއްވެވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ޙަޤީޤީ ޙާދިސާ: ތަނަވަސްކަމުގެ ދަހިވެތިކަމުގަ މީހެއްގެ ފިރިއަކާ ނުގުޅުނު އަންހެނަކަށް، އޭނާއަށްވުރެ ތަނަވަސް، މާހެޔޮލަފާ ފިރިއަކު ދެއްވެވި ގޮތުގެ ވާހަކަ-

އަޅުގަނޑު ހަނދާން ހުންނަން ފެށިއިރުވެސް މަންމަ އާއި ބައްޕަވަނީ ވަކިވެފައެވެ. ނަމަވެސް އެއީ ދާއިމީ ވަކިވުމެއް ކަމަކަށް ކަންމައެއް ނުބުނެއެވެ. އެހެންވެ އަބަދުވެސް ބައްޕަގެ ވާހަކައިން ސުވާލުކުރެވެއެވެ. އެނބުރި އަންނާނީ ކޮން ދުވަހަކުންތޯ ސުވާލުކުރެއެވެ. ސްކޫލްގައި އަޅުގަނޑު ބައިވެރިވާ ޙަރަކާތްތައް ބޭއްވުމުގެ ކުރިން އެޙަރަކާތް ބަލަން ބައްޕަ އަންނާނެތޯ ވެސް ސުވާލުކުރެވެއެވެ.

ކިޔަވައި ނިމުނީ ބައްޕަ އާއި ބައްދަލުނުވެއެވެ. ނަމަވެސް ބައްޕަ އާއި ބައްދަލުވާނެ ކަމުގެ އިންތިޒާރުގައި ހުރެއެވެ. ވީމާ ބައްޕަ އަކާއި ނުލައި ބޮޑުވާންޖެހުމަކީ ކިހައި ހިތާމަހުރި ކަމެއްކަން އަޅުގަނޑަށް ވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ. 

ވަޒީފާ އަދާކުރަން ފަށައި ކައިވެނިކުރަން ބޭނުންވި ދުވަހު އަޅުގަނޑު ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށް ބުނި މީހަކާއި ބައްދަލުވިއެވެ. އޭނާ ދެއްކި ވާހަކަތަކަށް ބަލައި ކައިވެނިކުރަންވެސް ނިންމުނެވެ. ނަމަވެސް ބޮޑު ސިހުމެއް ލިބުނީ ސަލްޓަން ޕާކަށް ކޮއްކޮމެން ގޮވައިގެން ދިއަ ދުވަހަކު އޭނާ، އޭނާގެ އަނބިމީހާ އާއި އަދި ކުޑަދަރިފުޅާއިއެކު ޕާކުގައި އުޅޭތަން ފެނުމުންނެވެ. 

އޭނާގެ އަންތބަކު ހުންނަ ވާހަކަ އަޅުގަނޑު ގާތަކު ނުބުނެއެވެ. ވިމާ ފުރަތަމަވެސް އެނގުނީ އޭނާއަކީ ތެދުވެރިއެއް ނޫން ކަމެވެ. ދެން ވިސްނައިލެވުނީ އޭނާ، އޭނާގެ އަނބިމީހާއަށް ދެރަ ގޮތެއް ހަދައިފިނަމަ ދަރިފުޅަށް ޖެހޭނެ ޙާލެވެ. އަޅުގަނޑުގެ ބައްޕަ ނެތުމުން އަޅުގަނޑަސްކުރަން ޖެހުނު ހިތާމަ އޭނާގެ ދަރިފުޅަށް ކުރަން ޖައްސުވާ މީހަކީ އަޅުގަނޑު ކަމަށް ނުވާން ވަގުތުން ޢަޒުމް ކަނޑައެޅީމެވެ. 

އެރޭ އޭނާ އަޅުގަނޑާއި ބައްދަލުކުރަން ބޭނުންވެގެން ގުޅުމުން ބައްދަލުކުރަން ބޭނުން ނޫން ކަމަށް ބުނީމެވެ. އަދި އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ރަނގަޅަށް، އުފަލުގައި ދިރިއުޅުމަށް ނަޞޭޙަތްތެރިވީމެވެ. 

އަޅުގަނޑުގެ ވިސްނުން ބަދަލުކުރުމުން ބައެއް އެކުވެރިން އަޅުގަނޑަށް މަލާމާތްކުރިއެވެ. އަދި ތަނަވަސް ދިރިއުޅުމެއް ލިބެން އޮއްވައި ފުރުޞަތުގެ ބޭނުން ނުހިފުމަކީ މޮޔަކަމެއް ކަމަށްވެސް ބުންޏެވެ. ނަމަވެސް އަޅުގަނޑު ވިސްނީ އޭނާގެ ތަނަވަސްކަމުން އަޅުގަނޑަށް ލިބޭނެ ފައިދާއަކަށް ނޫނެވެ. ވިސްނީ އެކައިވެނިކޮށްފިނަމަ އޭނާގެ އަނބިމީހާ އާއި ދަރިފުޅަށް ލިބޭނެ ދެރައަށެވެ. 

އަޅުގަނޑު އޭނާގެ އަނބިމީހާ އާއިވެސް ބައްދަލުކުރީމެވެ. ކަންކަން ހިނގައިދިއަގޮތްވެސް ކިޔައިދިނީމެވެ. އަދި އެވާހަކަތައް މިކިޔައިދެނީ ފިރިމީހާ އަށް ހެޔޮކޮށް ހިތައި އޭނާގެ ހިތްހަމަޖައްސައިދީގެން ދެމީހުން އެކުގައި ނުއުޅެފިނަމަ ކުރަންޖެހިދާނެ ހިތާމައަކުން ސަލާމަތްކުރަން ކަމަށްވެސް ބުނީމެވެ. 

އޭނާއަށް އައަހަރެންދިން ނަޞޭޙަތް ޤަބޫލުކުރިއެވެ. ރުޅި އައުމުގެ ބަދަލުގައި އަޅުގަނޑަސް ތަޢްރީފްކޮށް ޝުކުރުވެސް އަދާކުރިއެވެ. އޭނާ ބުންޏެވެ. "މިއުޅެނީ ތިއަކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. އޭނާ ކުރާ އެއްވެސް ކަމަކަށް ޝަކުވާއެއްވެސް ނުކުރަމެވެ. އެނާއަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއްގައި އިހްމާލެއްވެސް ނުވަމެވެ. ނަމަވެސް ދޭތެރެއަކުން ތިއަބާވަތުގެ ކޮންމެވެސް ކަންތައްގަނޑެއް ހިންގައިލާނެއެވެ. އަދި ބުނަން ހެއްޔެވެ؟ އޭނާގެ ތަނަވަސްކަމަކީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދި ތަނަވަސްކަމެއްވެސް ނޫނެވެ. އެއީ އަހަރެންގެ މައިންބަފައިން އަހަރެންނަށްޓަކައި ހޯދާދީފައިވާ ކަންކަމެވެ. އަހަރެން ކެތްތެރިވަމުން މިދަނީ ހަމަ ދަރިފުޅަށްޓަކައެވެ. ނަމަވެސް އަބަދު އެހެން އުޅޭނަމަ ކެތްތެރިކަން ކޮންމެވެސް ދުވަހަކުން ކޮޅުންވެސްލާނެއެވެ."

ކޮންމެއަކަސް އޭނާ އާއި އަހަރެންނާއި ދެމެދުގައި އުފެދުނު ގުޅުމުގެތެރެއިން އޭނާ އަހަރެންނަށް ހެޔޮލަފާ ފިރިއަކުވެސް ހޯދައިދިނެވެ. އެއީ އޭނާގެ ބޭބެއެވެ. އަހަރެންނަށްވުރެ ދޮށީ 5 އަހަރެވެ. ފިރިމީހާ 5 އަހަރު ދޮށިވުމަކީ ދިރިއުޅުން ކުރިއަރުވަން ލިބޭ ބާރެއްކަމަށް މީހުން ބުނާއަޑު އިވިފައިވާތީ އެއީ މައްސަލައެއް ކަމަކަށްވެސް ނުދެކެމެވެ. އެކަންވީވެސް ހަމަ އެހެންނެވެ. ކައިވެންޏަށް މިހާރު 17 އަހަރު ފުރިއްޖެއެވެ. ޒަވާޖީ ހަޔާތަކީ ވަރަށް އުފާވެރި ޙަޔާތެކެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް ލޯބިންނެވެ. އިން ޝާ ﷲ 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ލިބެން އުޅޭ ބައިވެރިޔާއަކީ ތަނަވަސް މީހެއް ނަމަވެސް އަދި ފަޤީރެއް ނަމަވެސް އޭނާއަކީ މީހެއްގެ ފިރިއެއް ނުވަތަ އަންތބެއްނަމަވެސް އެމީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެނުގަންނާށެވެ. ތިމާއަށް ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރާށެވެ. މާރަނގަޅު، މާއުފާވެރި ގޮތްތައް މެދުވެރި ކުރައްވަވާނެތެވެ. އިން ޝާ ﷲ ހަމަގައިމުވެސް އެހެން މީހަކަށް ތިމާގެ ކިބައިން އަނިޔާއެއް ނުވަތަ ހިތްދަތިކަމެއް ނުދޭނަމަ އެމީހަކަށް ﷲ މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެކަން އަޅުގަނޑަށް މިވަނީ ތަޖުރިބާކުރެވިފައެވެ. 

- މަލީޙާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން