ޙަޤީޤީ ޙާދިސާ: މުސާރައެކުގަ މަންމައަށް ހޭދަކުރި ދަރިފުޅުގެ ފުރާނަ މަންމަ ނިޔާވިފަހުން މަންމަގެ ސަބަބުން ސަލާމަތްކުރެވި, ހެޔޮލަފާ ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ޙަޤީޤީ ޙާދިސާ: މުސާރައެކުގަ މަންމައަށް ހޭދަކުރި ދަރިފުޅުގެ ފުރާނަ މަންމަ ނިޔާވިފަހުން މަންމަގެ ސަބަބުން ސަލާމަތްކުރެވި, ހެޔޮލަފާ ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަހަރެންގެ މަންމައާއި ބައްޕަ އެކުގައި ދިރިއުޅުނުއިރު އަހަރެމެންނަކީ ތަނަވަސް ބައެކެވެ. ނަމަވެސް އަހަރެންގެ އުމުރުން 12 އަހަރުގައި މަންމަ ވަރިކޮށްލާފައި ބައްޕަ ހިނގައްޖެއެވެ. ދެން އަހަރެމެން ދިރިއުޅެމުން އައީ ވަރަށް ދަތިޙާލުގައެވެ. 

އަހަރެން ބޮޑުވެ ވަޒީފާއަދާކުރަން ފެށުމާއިއެކު އަލުން ތަނަވަސްކަން ލިބުނެވެ. އަަހރެންނަށް ލިބުނުހައި ފައިސާއެއް ހޭދަކުރީ މަންމައަށް ކަމަށް ބުނަން ޖެހިލުމެއް ނުވެއެވެ. އެއީ ކޮންމެ މަހަކުވެސް އަހަރެން ބޭނުންކުރަނީ މަންމަގެ ކަންކަމަށް ޚަރަދުކޮށްފައި އިތުރުވި ނަމައެވެ. 

ކޮންމެއަކަސް އުމުރުން 20 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. އެކަނިވެރިވީއެވެ. މަންމަގެ ގެއަކީ ކުޑަކުޑަ ގެއެކެވެ. ކިތަންމެ ކުޑަ ގެއެއްގައި ނަމަވެސް އެކަނި ދިރިއުޅެންޖެހުމަކީ ކިހައިވަރެއްގެ ހިތްދަތިކަމެއްކަން އެނގޭނީ އެކަން ތަޖުރިބާކުރަން ޖެހުނު މީހަކަށެވެ. 

މަންމަ މަރުވިތާ ދެވަނަ އަހަރެވެ. ބަލިވެގެން ހޮސްޕިޓަލަށް ދިއުމުން ޓެސްޓްތައް ހަދާފައި ޑޮކްޓަރު ބުނީ ހިތުގައި މައްސަލައެއް އެބަހުރި ކަމަށާއި ފަރުވާ ކުރެވޭނެ ގޮތެއް އެއިރު ޜާއްޖޭގައި ނެތް ކަމަށެވެ. އެހެންކަމުން ބޭރަށްދާން ލިޔުން ދޭނެ ކަމަށާއި ބޭރުގައި މަޑުކޮށްލުމަށެވެ. 

ބޭރަށް ނުކުމެ އިންއިރު ވީދެރައިން ރޮވެއެވެ. އެވަރުގެ އެހީތެރިކަމެއް ފޯރުކޮށްދޭނީ ކާކުހެއްޔެވެ؟ އަަހރެންގެ ފުރާނަ ސަލާމަތްކުރެވޭނެބާވައެވެ؟ މިފަދަ ފިކުރުތައް ކުރެވޭތީއެވެ. 

އެހެން އިންދައި މަންމަމެން އުމުރުގެ ފިރިހެނަކު އައިސް މަންމަގެ ނަން ކިޔާފައި އަހަރެންނަކީ މަންމަގެ ދަރިއެއްތޯ ސުވާލުކޮށްފިއެވެ. މަންމަގެ ދަރިއެއްކަމަށް ބުނުމުން ބުނީ ވަރަށް ވައްތަރު ކަމަށެވެ. 

"އަހަރެންނަކީ ކުޑައިރު މަންމަގެ އަވަށްޓެރިއެއް. މަންމަ އަހަރެންނަށް ވަރަށް ހެޔޮ. ބައިވަރު ކަންކަންވެސް ކޮށްދިން. މިހާރު އަހަރެންނަކީ ވިޔަފާރިކުރާ މީހެއް. މަންމައަށް ޝުކުރުވެރިވެސް ނުވެވިގެން އުޅެނިކޮށް ބޭރުގަ ހުއްޓާ ލިބުނީ ނިޔާވި ޚަބަރު. ކީއްވެފައތަ ތިހާދެރަވެފަ ތިއިނީ؟" 

ވެގެން އުޅޭ ގޮތް ބުނާއިރަށް ޑޮކްޓަރުގެ ކޮޓަރީގައި ޓަކިޖަހާފައި އެތެރެއަށްވަދެފައި ނުކުތީ ލިޔުންތައް ހިފައިގެންނެވެ. އޭނާގެ ފޯނު ނަމްބަރުދީފައި ބުނީ ބޭރަށް ފުރުމުގެ ކަންތައް އޭނާ ހަމަޖައްސާނެ ކަމަށެވެ. އަދި އަންނަ ހަފްތާގައި ފަރުވާއަށް އޭނާގެ ދައްތަ އިންޑިއާއަށް ފޮނުވާނެ ކަމަށާއި ދައްތައާއެކު އަހަރެންވެސް ފޮނުވައިދޭނެ ކަމަށެވެ. 

އޭނާ، އޭނާގެ ދައްތައާއި އަަހރެން ފޮނުވީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ ޙަވާލުގައެވެ. ދަތުރުގައި އުފެދުނު ގުޅުމުގެ ތެރެއިން ދެމީހުންނަށް ލޯބިވެވި ފަރުވާއަށް ފަހު ރާއްޖެއައިސް ކައިވެނިކުރީއެވެ. އެކައިވެނީގައި މިހާރު 20 އަހަރުވީއެވެ. ބުނެވެން އޮތީ ވަރަށް ކާމިޔާބު ކައިވެންޏެއް ކަމަށެވެ. އެވަރުން ފުއްދައިލާށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އެހެން މީހަކަށް އެހީތެރިވާން ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް އެހީތެރިވާށެވެ. އެކަން ދުނިޔޭގައިވެސް މިވަނީ ފެނިފައެވެ. މަންމަ އޭނާއަށްވީ އެހީތެރިކަމުގެ ބަދަލު ހިފައިގެން މަންމަ ދުނިޔެ ދޫކޮށްފައި އެދިއައީއެވެ. މިބުނީ އެކަމުގެ ޘަވާބުގެ ވާހަކައެވެ. އަަހރެންނަށްވެސް ބައެއް އެޅި އަހަރެންނަށް އެންމެ ކަންބޮޑުވާންޖެހުނު ވަގުތު އެކަންވެސްވީއެވެ. ރަނގަޅު ހެޔޮލަފާ ފިރިއަކުވެސް ލިބުނީއެވެ. 

ދެން ބުނެލަން އޮތީ މައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަން ބޮޑުކަމުގެ ވާހަކައެވެ. މަންމަ ދުނިޔޭގައި ހުރި ދުވަހު އަހަރެން މަންމައަށް ޚިދުމަތްކުރީއެވެ. މުސާރައަށް ލިބުނު ހުރިހާ ފައިސާއެއްހެން މަންމައަށް ޚަރަދުކުރީއެވެ. އެދުވަހު އަަހރެން ހުރީ ވަރަށް ގިނަ އަމިއްލަ ބޭނުންތައް ނުފުއްދިފައެވެ. ނަމަވެސް މިއަދު އެއްވެސް ކަމެއް ކުރަން ފައިސާއަށް ދަތިވެގެން ހުންނާކަށް ނުޖެހެއެވެ. ފިރިމީހާ ދީލަތި މުށް ވަނީ ހުޅުވާލަދީފައެވެ. ފިރިމީހާގެ ބައްޕަގެ ހެޔޮކަންވެސް ހަމައެހައި ބޮޑެވެ. އިން ޝާ ﷲ 

- ޒުބައިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން