އަހަރެންނަކީ މައިންބަފައިން މަރުވެފައިވާ ޒުވާނެކެވެ. ދިރިއުޅެމުން ދިއައީ ވަރަށް ކުޑަކުޑަ ގެއެއްގައި އެކަންޏެވެ. ވަޒީފާއިން ލިބޭ މުސާރަ އެއްކުރަމުން ދިއައީ ރަނގަޅު ބައިވެރިއަކު ހޯދައިގެން ދިރިއުޅުމެއް ފެށުމުގެ އުންމީދުގައެވެ.
ކުއްލިއަކަށް އަހަރެން ވަޒީފާއިން ވަކިކުރިއެވެ. އެހެން ވަޒީފާއެއް ލިބޭތޯ މަސައްކަތްކުރަމުން ދިއައިމެވެ. އެއް އަހަރުވީއިރުވެސް ވަޒީފާއެއް ލިބޭނެ ގޮތެއް ނުވިއެވެ. އެއްކޮށްފައި ހުރި ފައިސާކޮޅު ބޭނުންކުރަމުން ގޮސް ހުސްވުމަކާއި ހުރީ ވަރަށް ގާތްވެފައެވެ.
އެއީ ވަރަށް ވިއްސާރަ ރެއެކެވެ. ދޮރުގައި މީހަކު ޓަކިޖަހާތީ ހުޅުވިއިރު ދޮރުމަތީގައި ހުރީ މުސްކުޅި އުމުރުގެ އަންހެނެކެވެ. އޭނާ އެދުނީ ވިއްސާރައިން ސަލާމްތަވާން ބޯހިޔާވަހިކަމަށެވެ. ވަގުތުން މަރުޙަބާ ކިޔައި ކޮޓަރިއަށް ވެއްދީމެވެ. ދެން އޭނާ އެދުނީ ކާނެ އެއްޗަކަށެވެ. އެރޭ ކާން ބަހައްޓާފައި ހުރި އެތިކޮޅު އޭނާއަށް ކާންދިނީމެވެ.
ނިދަން އެނދުދީފައި އަހަރެން ނިދީ ބިންމަތީގައެވެ. އޮތީ ނުކައެވެ. ނަމަވެސް އެއް ރޭ ނުކައި އޮތުމަކީ މައްސަލައެއް ކަމަކަށް ނުދެކެވެ. އެހެންވެ ފެންފޮދެއް ބޯލައިގެން އޮށޯތްތަނުން މާބޮޑު ތަކްލީފެއް އުފުލަން ނުޖެހި ނިދިއްޖެއެވެ.
ހެނދުނު ހޭލެވުނުއިރު އޭނާއެއް ނެތެވެ. ނޯޓެއް ބާއްވާފައި އޮތެވެ. "ތިމާ ނުކައިހުރެ އެހެން މީހުންނަށް ކާންދީ ތިމާ ނިދާ އެނދު ޙާލުގައި ޖެހިފައި ތިބޭ މީހުންނަށް ނިދަން ދީފައި ބިންމަތީގައި ނިދާ މީހުންނަށް ﷲ ހެޔޮ ރަޙްމަތް ލައްވަވާނެއެވެ. ކުރިއަށްދާށެވެ."
އެއިގެ ދުވަސްކޮޅެއްފަހުން ވަޒީފާއެއް ލިބޭތޯ އިންޓަރވިޔުއަކަށްދިއައިމެވެ. އިންޓަރވިޔު ނިމިގެން ބުނީ ވަޒީފާއަށް އަހަރެން ކަމުނުދާ ކަމަށެވެ. އެހެންވެ ވީދެރައިން ތެދުވެ ނުކުންނަން ހިނގައިގަތްތަނާ ދޮރެއް ހުޅުވާފައި ނުކުތީ ކުރީ ރެއަކު އަހަރެންގެ ކޮޓަރީގައި ނިންދެވި އަންހެން މީހާއެވެ.
އަހަރެން ފެނުމާއިއެކު ބުންޏެވެ. "ކަލެއަށް ވަޒީފާ ދީފީމެވެ. ކަލޭކަހަލަ ހިތްހެޔޮ، އަޚްލާޤް ރަނގަޅު، ނިކަމެތިންނަށް އަލައިލާ މީހަކަށް ވަޒީފާ ނުދީ ފޮނުވައިލުމަކީ އަހަރެންކުރާނެ ކަމެއް ނޫނެވެ. މާދަމާއިން ފެށިގެން ވަޒީފާއަށް ނުކުންނަންފަށާށެވެ."
ވަޒީފާގައި ދުވަސްކޮޅެއްވީތަނާ އެއްދުވަހަކު އޭނާގެ ގެއަށް އެރޭ ދާން ދައުވަތުދިނުމުން ދިއައިމެވެ. ކާންދީފައި ބުންޏެވެ. "ކަލޭގެ މަސައްކަތް ވަރަށް ގާތުން ބަލައިފީމެވެ. ކަލޭގެ ހީވާގިކަމާއި ތެދުވެރިކަން ފެނިއްޖެއެވެ. އަދި ވާޒީފާގެ ވަގުތުގައިވެސް ނަމާދުކުރާކަންވެސް އެނގިއްޖެއެވެ. އެހެންވެ މިގެނައީ އަހަރެންގެ ދަރިއަކަށް ހަދާށެވެ. އަހަރެންގެ ހުރީ އެންމެ ދަރިއެކެވެ. އެއީ މިހިރަ ދަރިފުޅެވެ. އަހަރެން އެދެނީ ދެކުދިން އަވަހަށް ކައިވެނިކުރުމަށެވެ."
އުފަލުން ރޮވުނެވެ. ﷲ އަށް ޙަމްދުކުރީމެވެ. ވަގުތުން ޝުކުރުގެ ސަޖިދަ ޖެހީމެވެ.
މިހާރު މިއީ އެއިގެ 5 އަހަރުފަހެވެ. މަންމަގެ ވިޔަފާރި ހިންގަނީ އަހަރެމެން ދެމަފިރިންނެވެ. މަންމަ ކުރާމަސައްކަތަކީ އަހަރެމެންގެ 2 ދަރިން ބަލަން ގޭގައި އިނުމެވެ.
މިވާހަކަ ކިޔާފައި އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އެއީ މިފަދަ ޒަމާނެއްގައި މިހާ ރަނގަޅު ޒުވާނުންވެސް އުޅޭތީއެވެ. ނިކަމެތިންނަށް އަޅާލައި އޯގާތެރިވުމުގައި އެޒުވާނާ އެދެއްކީ މިޒަމާނުގައި މަދުން ނޫނީ ފެންނާނެ ކަންކަމެއް ނޫނެވެ. ދެން އަޅުގަނޑުގެ ހިތަށް އެރީ ޙާލުގައި ޖެހިފައި ތިބޭ މީހުންނަށް އެހީތެރިވުމުން އެކަމުގެ ބަދަލު މިދުނިޔޭގައިވެސް ދެއްވަވާކަމެވެ.
މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ.
- ފާއިޤާ / މިއަދުނޫހުގެ ކިޔުންތެރިއެއް