ޢިބްރަތްތެރި ވާހަކަ: ބަލިވެ އޮތް މަންމަގެ ގާތުން ދުރަށް ނުގޮސް 6 އަހަރު ޚިދުމަތްކުރި އަންހެން ކުއްޖަކު ރާނީއަކަށްވިގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 54ސ
ޢިބްރަތްތެރި ވާހަކަ: ބަލިވެ އޮތް މަންމަގެ ގާތުން ދުރަށް ނުގޮސް 6 އަހަރު ޚިދުމަތްކުރި އަންހެން ކުއްޖަކު ރާނީއަކަށްވިގޮތުގެ ވާހަކަ-

އެއީ މާބޮޑު ސަހަރެއް ނޫނެވެ. ކުޑަކުޑަ ސަހަރެކެވެ. ރަސްގެފާނު މުސްކުޅިވެގެން ރަސްކަން އޭނާގެ ފިރިހެން ދަރިފުޅާއި ހަވާލުކުރަން ތައްޔާރުވަމުން ދިއަ ދުވަސްވަރެކެވެ. 

ރަސްގެފާނުގެ ދަރިފުޅު ކައިވެނިކުރާނެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ދިއައީ ކުރެވެމުންނެވެ. އެކަމުގައި ވަޒީރުންނާއި އަމީރުންވެސް ބައިވެރިވެއެވެ. ސަހަރުގައި ތިބި ހުރިހާ ރީތިކުދިންނާއި ބައްދަލުކޮށް ގެންދިއައީ އިންޓަރވިޔުކުރަމުންނެވެ. 

އެމީހުން ބައްދަލުކުރާ ކުދިން ދައްކާ ވާހަކަތައް ގެންދިއައީ ދަރިކަލުންނަށް ކިޔައިދެމުންނެވެ. ނަމަވެސް ހަފްތާއެއް ވެގެންދިއައިރުވެސް ދަރިކަލުން ޝައުޤުވެރިވާ ފަދަ ކުއްޖެއްގެ ވާހަކަ ކިޔައިދެވުނު ކަމަށް ނުވިއެވެ. 

ދެން އެއްދުވަހު ހަވީރު ސަހަރުގެ ހުރިހާ ރީތި އަންހެން ކުދިން ނަލަހައްދައިގެން މަގުމައްޗަށް ނެރެފައި ދަރިކަލުން ގެންގޮސް ދެއްކުމުންވެސް ދަރިކަލުންނަށް ކަމުދާ ކުއްޖަކު ފެނުނު ކަމަކަށް ނުވިއެވެ. އެހެންވެ އެންމެފަހުން ދަރިކަލުން އަމިއްލައަށް ސަހަރުތެރެއަށް ނުކުމެއްޖެއެވެ. 

ހުރީ ފަޤީރެއްގެ ހެދުން އަޅައިގެންނެވެ. އުޅުނީ އެކަންޏެވެ. އެހެންވެ އެއްވެސް މީހަކު ދަރިކަލުންނަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ފެނުނީމައި ގިނަ މީހުން މޫނު އަނބުރާލަނީއެވެ. ޙާލުއަހައިލަންވެސް ބޭނުމެއް ނުވެއެވެ. 

ސަހަރުގައި ހިނގަމުން ގޮސް ކުޑަވަރެއްގެ ޖިފުޓިއަކާއި އަރައިހަމެވެވުނުތަނާ މުސްކުޅި ފިރިހެނަކާއި ބައްދަލުވެގެން ސުވާލުކުރިއެވެ. "ހީވަނީ ތިއައީ މިސަހަރަށް އަލަށް އައިސްގެން އުޅޭ ކުއްޖެއް ހެންނެވެ. ތިއައީ ކޮން ކަމަކު އައިސްއުޅޭ ކުއްޖެއް ހެއްޔެވެ؟ ކޮންމެވެސް އެއްޗެއް ކާލަން މިޖިފުޓިއަށް ވަންނަންވީ ނޫންހެއްޔެވެ؟" 

ދަޢުވަތު ޤަބޫލުކޮށް ޖިފުޓިއަށް ވަނުމުން ލުނބޯހުތު ފަނިތަށްޓަކާއި ފެނުކެއްކި ބަރަބޯފަޅިއެއް ގެނެސް ކާން ބެހެއްޓިއެވެ. ކާން އިންވަގުތު ދަރިކަލުންނަށް ފެނުނީ ޒުވާން އަންހެން ކުއްޖަކު، އެނދެއްގައި އޮތް މުސްކުޅި އަންހެނަކަށް ޚިދުމަތްކުރާތަނެވެ. 

ދަރިކަލުން ސުވާލުކުރިއެވެ. އެއޮތް އަންހެން މީހާއަކީ ކާކުހެއްޔެވެ؟ ޖަވާބުިގައި ބުންޏެވެ. "އެއީ އަހަރެންގެ އަނބިމީހާއެވެ. ބަލިވެ އެނދުން ނުތެދުވެވި އޮންނަތާ 6 އަހަރުވެއްޖެއެވެ. އޭނާއަށް ޚިދުމަތްކޮށްދީ ބަލަހައްޓަނީ ކައިރީގައި މިހާރުވެސް އެއުޅޭ އަހަރެމެންގެ އަންހެން ދަރިފުޅެވެ. 

ދަރިކަލުން ބުންޏެވެ. "އިހަށް ދުވަހު ރަސްގެފާނުގެ ދަރިކަލުންނަށް ދެއްކެން ހުރިހާ އަންހެންކުދިން މަގުތަކުގައި ތިބިއިރު މިކުއްޖާ ކޮބައިހެއްޔެވެ؟" ޖަވާބުގައި ބުންޏެވެ. "އޭނާ ހުރީ ގޭގައެވެ. މަންމަގެ ގާތުން އޭނާ ދުރަކަށް ނުދާނެއެވެ. އިރުއިރުކޮޅުން ހުންނާނީ މަންމަގެ ޙާލު ބަލައިލަބަލައިލައެވެ. ކަމަކަށް ބޭނުންވޭތޯ އަބަދު ބަލާނެއެވެ. އަނެއްކާ އެކަހަލަ ތަނަކަށް ދާން ލާން ކަމުދާ ފެންވަރުގެ ހެދުމެއް ވެސް ނެތެވެ. ހެދުމެއް އޮތަސް ދަރިފުޅު މަންމަ ދޫކޮށްލާފައި ނުދާނެއެވެ." 

ދަރިކަލުން ސުވާލުކުރިއެވެ. "ތިއަބުނާ ގޮތުން އަދި ދަރިފުޅު ހުރީ ކައިވެނިނުކޮށްތާއެވެ؟" ޖަވާބުގައި ބުންޏެވެ. "އަހަރެމެންފަދަ ފަޤީރުންނާއި ކައިވެނިކުރާނީ ކާކުހެއްޔެވެ؟" 

ދަރިކަލުން ބުންޏެވެ. "އަހަރެން ކައިވެނިކުރަން ބޭނުމެވެ. ކޮށްދޭނަން ހެއްޔެވެ؟" ޖަވާބުގައި ބުންޏެވެ. "ތިއައީ ﷲ ގެ އަމުރުފުޅުތަކަށް ބިރުވެތިވެ ޢަމަލުކުރާ ކުއްޖަކު ނަމަ އަވަހަށް ކައިވެނިކުރަންވީއެވެ. އަދި އަހަރެމެންނަނީ ފަޤީރުންކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ." 

ދަރިކަލުން ބުންޏެވެ. "އިރާދަކުރެއްވިއްޔާ މާދަމާ ޢަޞްރުން ފައިބައިގެން އަންނާނަމެވެ." 

އަނެއް ދުވަހު ޢަޞްރުން ފޭބިތަނާ ރަސްގެފާނުގެ އަސްގާޑިޔާތައް ގޮސް އެޖިފުޓީގެ ދޮރުމައްޗަށް މަޑުކޮށްފައި 3 ބަފައިން ގަނޑުވަރަށް ގެންގޮސްފިއެވެ. ބޮޑު ރަސްމިއްޔާތެއް ބާއްވައި އެރޭ ކައިވެނިކޮށް ނިންމައިފިއެވެ.

އެއިގެ ކުޑަ ދުވަސްކޮޅެއްފަހުން ދަރިކަލުންނަށް ރަސްކަން ބަދަލުވެ އަނބިކަނބަލުން ރާނީއަކަށްވެ ބޮލުގައި ތާޖުވެސް ބަހައްޓައިފިއެވެ. އެއަގު ބޮޑު ތާޖު ބޮލުގައި ބަހައްޓައިލެވުނީ އޭނާ އޭނާގެ މަންމައަށް ކުރި ޚިދުމަތުންނެވެ. 

އަޅުގަނޑަކީ މިއަދުނޫހުގައި ޝާއިޢުކުރާ ޚަޤީޤީ ޙާދިސާ" ސިލްސިލާއާއި އެހެންވެސް ލިޔުންތައް ވަރަށް ހިނައިން ކިޔާ އަންހެނަކީމެވެ. އަޅުގަނޑުގެ މިވާހަކައަށް ނަންދޭން ބޭނުންވަނީ "ޢިބްރަތްތެރި ވާހަކަ" އެއްކަމަށެވެ. އެއި މިވާހަކަ އަޅުގަނޑު ކިޔާފައިވަނީ "ޢިބްރަތްތެރި ވާހަކަ"ތައް ލިޔެފައިވާ ފޮތަކުން ކަމަށްވާތީއެވެ. ވާހަކަ ނިންމާލަމުން މިއީ ހިނގާފައިވާ ކަމެއް ކަމަށްވެސް ލިޔެފައި އޮތެވެ. 

ކޮންމެއަކަސް އަޅުގަނޑުވެސް ބުނެލަން ބޭނުންވަނީ މިއީ ވަރަށް ޢިބްރަތްތެރި ވާހަކައެއް ކަމަށެވެ. ޢިއްޒަތްތެރި، މޮޅު، ތަނަވަސް ފިރިން ހޯދަން ފުށްޖަހައިގެން ނުނުކުމެ ހުރިނަމަވެސް ދެއްވަވަން މިންވަރުފުޅުގައި ހުރިނަމަ ދެއްވަވާނެއެވެ. މައިންނަށް ޚިދުމަތް ކުރުމަކީ ހެޔޮ ރަޙްމަތް ލައްވަޥާނެ ކަމެކެވެ. ޢަމަލުތައް ސީދާ ގޮތުގައި ބަހައްޓާނަމަ ގޭގައި ހުރިނަމަވެސް ހެޔޮލަފާ ފިރިން އެ އަންހެނަކަށް ދެއްވަވާނެތެވެ! އިން ޝާ ﷲ 

މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް ކަނބަލުންނަށް އަޅުގަނޑުކުރި ހަދިޔާއެކެވެ. 

- އަމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން