އަހަރެމެންގެ ކައިވެންޏަށް 8 އަހަރުވީއިރު 2 ދަރިން ވަނީ ލިބިފައެވެ. ދިރިއުޅެމުން ދިއައީވެސް ވަރަށް އުފަލުގައެވެ. ފިރިމީހާއަށް ލިބޭ އާމްދަނީ މަދުނަމަވެސް އުޅެމުން ދިއައީ ހަމަ ފުދިގެންނެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ.
ފިރިމީހާ އެކްސިޑެންޓެއްވީއެވެ. ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ލޮލުގެ ފެނުން ގެއްލުނީއެވެ. ޑޮކްޓަރުން ބުނީ ވަރަށް ބޮޑު އޮޕަރޭޝަނެއްކޮށްގެން ލޮލުގެ ފެނުން އަނބުރާ ހޯދިދާނެކަމަށެވެ. ނަމަވެސް އެކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށެވެ.
އެހިސާބުން އޮޕަރޭޝަނަސް ބޭނުންވާ ފައިސާ ހޯދަން އަހަރެންނަށް ޖެހުނީ ވަރަށް ބުރަކޮށް މަސައްކަތްކުރާށެވެ. 3 ގޭގައި ކޮންމެ ދުވަހަކު ނޯކިރީ ކުރަމެވެ. މަސައްކަތްކުރަމުން ދިއައީ އެއްވެސް އަރާމެއް ނެތިއެވެ. ކެއުމުގެ ޚަރަދުތައްވެސް ޖެހުނީ ކުޑަކުރާށެވެ. ދެދަރިން ބަލަމުން، އެކުދިންނަށާއި ފިރިމީހާއަށް ޚަރަދުކުރަމުން އެހައި ބުރަކޮށް މަސައްކަތްކުރަން ޖެހުމުން އަހަރެންގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އައެވެ. ނަަމަވެސް އެކަމަކަށް ފަރުވާލެއް ނުބަހައްޓަމެވެ. ހުރިހާ ސަމާލުކަމެއް ދިނީ ފިރިމީހާގެ އޮޕަރޭޝަންކުރާނެ ފައިސާ ހޯދާށެވެ.
ފައިސާ ޖަމާކުރެވުނީ 2 އަހަރުންނެވެ. ފައިސާ ޖަމާކުރެވުމާއިއެކު އޮޕަރޭޝަންކުރީއެވެ. އޮޕަރޭޝަން ކާމިޔާބުވެ ލޮލުގެ ފެނުންވެސް އަނބުރާ ލިބުނެވެ. އުންމީދުކޮށްގެން ހުރީ އެއީ ޙަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަށްވެގެންދާނެ ކަމަށެވެ.
ނަމަވެސް ކަންތައްތައް މެދުވެރިވީ މުޅިން ތަފާތު ގޮތަކަށެވެ. ފިރިމީހާއަށް މަސައްކަތު ދެވެން ފެށުމާއިއެކު ދިރިއުޅުން މުޅިންބަދަލުކޮށްލައިފިއެވެ. އަހަރެންނާއި 2 ދަރިން ބާކީކޮށްލައިފިއެވެ. ގެއަށް ނިދަން އައުން ލަސްވަމުން ގޮސް އެއްގޮތަކަށް ގެއަށް ނިދަން ނާންނަންވެސް ފަށައިފިއެވެ.
ޝަކުވާއެއް ނުކުރަމެވެ. ކެތްތެރިވެގެން ހުރީއެވެ. އެހެން ހުއްޓައި އެއްރޭ އިރާކޮޅު ގެއަށް އައިސް ފެންވަރާ ހަދައިގެން ފެނުނީ ފޮށި ހިފައިގެން ނުކުތްތަނެވެ. ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތެވެ. ބުނީ އަހަރެން މާމައެއްގެ ސިފަ ޖަހާތީ ވަރިކޮށްލާފައި ދަނީ ކަމަށެވެ. ދަރިންނަށް ޚަރަދުކުރާނެ ކަމަށެވެ.
އެހެން ބުނި ނަމަވެސް ގެއިން ދިއުމަށްފަހު ޚަބަރެއްވެސް ނުވެއެވެ. އަހަރެމެން 3 މައިން ދުނިޔޭގައި ތިބިތޯވެސް ބަލައިނުލައެވެ. އަނެއްކާވެސް ޖެހުނީ ގޭގޭގައި ނޯކިރީކުރާށެވެ.
ނަޞީބަކީ އެނގޭނެ އެއްޗެއް ނޫނެވެ. އަހަރެން ނޯކިރީ ކުރާ ގެއެއްގެ މެޑަމް ބަލިވެފައި ނިޔާވުން ވީ އަހަރެންނަށް ލެއްވެވި ރަޙްމަތަކަށެވެ. އެގޭގެ ވެރިމީހާ އަހަރެންގެ ގާތުގައި އެދުނީ އޭނާގެ ދަރިން ބަލައިދޭން އެގޭގައި އިނދެދިނުމަށެވެ. އަހަރެންނާއި 2 ދަރިންގެ ކަންކަން ބަލައިދޭނެ ކަމަށެވެ. މުސާރަވެސް ދޭނެ ކަމަށެވެ. އެކަން އަހަރެން ޤަބޫލުކުރީމެވެ. އެއީ ގިނަގޭގޭގައި ނޯކިރީކުރުމަށްވުރެ އަހަރެންނަށް އެގޮތް ލުއިވާނެތީއެވެ.
އެގޮތަށް އެގޭގައި އިންނަތާ 2 އަހަރުވީފަހުން އޭނާ އެދުނީ އަހަރެންގެ ކައިވެންޏަށެވެ. އެކަން ޤަބޫލުކުރުމުން ކައިވެނިކުރީއެވެ.
އަހަރެންގެ ގެއަކީ ކުޑަ ގެއެއް ނަމަވެސް ބޮޑު ގޯއްޗެކެވެ. ގޯތީގައި ދިއައީ ދަނޑުވެރިކަންކުރަމުންނެވެ. ދެމީހުންގެ ދަރިން ގޮވައިގެން ގަސްތައް ބަލައިލަން ދިއަ ދުވަހެކެވެ. ގޯތި ތެރޭގައި އުޅެނިކޮށް މީހަކު އައިސް ވަނުމުން ބަލައިލިއިރު ކުރީގެ ފިރިމީހާއެވެ. ދެއަތްތިލައެއް ނެތެވެ. ބުނީ މަސައްކަތްކުރަނިކޮށް މެޝިނެއްގައި ތާށިވެ ޗިސްޗިސްވީ ކަމަށެވެ. އަދި ކުރެވުނު ކުށަށް މާފަށް އެދޭކަމަށާއި އަލުން ކައިވެނިކުރުން އެދި އާދޭސްކުރާ ކަމަށެވެ.
އަހަރެން ބުނީމެވެ. "ލިބުނު އަނިޔާއަށްޓަކައި ހިތާމަކުރަމެވެ. ހެޔޮ ރަހްމަތް މިންވަރުކުރެއްވެވުން އެދި ދުޢާކުރަމެވެ. ނަމަވެސް މާމައަށް ދެފިރިން ހުއްދަ ނޫންވީމާ އަލުން ކައިވެނިކުރެވޭކަށް ނެތެވެ." ދަރިންނަށް ބައްޕަ ދައްކާފައި ގޮސް ސަލާންކުރަން ބުނުމުން ދަރިއަކުވެސް އޭނާ އާއި ކައިރިއެއް ނުވިއެވެ. ފަހަރެއްގައި ޕްލާސްޓިކް އަތް ފެނުމުން ބިރުގަތީކަމަށްވެދާނެއެވެ.
އަހަރެންގެ ކުރީގެ ފިރިމީހާ ފަދަ ފިރިހެނުން ވިސްނާށެވެ! ތިމާމެންނަށްޓަކައި ޤުރްބާންވަމުން ގޮސް މާމައެއްގެ ސިފަ ޖަހާފައި ތިބޭ އަންހެނުން އަހަރެން ނޫނަސް ބައިވަރު ތިބޭނެއެވެ. އަދި އަަހަރެން ފަދައިން އެކަން ޒަހަރަށްވުރެ ހިތިކޮށް އިޙްޞާޞްކުރަން ޖެހުނު އަންހެނުންވެސް މަދެއް ނުވާނެއެވެ. ފަހުން މާމައިން ޒުވާނުންނަށް ހަދަން އުޅުނަސް އެކަމެއް ނުވާނެއެވެ. ވީމާ ރަނގަޅުވާނީ މާމައިން މާމައިންގެ ގޮތުގައި އަބަދުވެސް ބެއިތިއްބުމެވެ. އެކަމަކު ޔަޤީންކުރާށެވެ. ޙައްޤު ކޮންމެވެސް ސިފައެއްގައި އައިސް އަބަދުވެސް އަނިޔާވެރިންނާއި އަރައިހަމަކުރާނެއެވެ. އެކަން އަބަދުވެސް ދަނީ ފެންނަމުންނެވެ.
- އަންޝާރާ / ލަހޯރު، ޕާކިސްތާން
(މިއީ ޑޯން ނޫހުގައި ޝާއިޢުކޮށްފައިވާ ޙަޤީޤީ ޙާދިސާއެކެވެ.)