ޙަޤީޤީ ޙާދިސާ: ހުރިހާ މުވައްޒިފުންނާ ތަފާތުވެ ބޮސް ހިތްހަމަޖައްސައިދޭން ފާޅުގަ އިންކާރުކުރި މުވައްޒިފަށް ބޮސްގެ ކައިވެންޏާ ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 2ސ
ޙަޤީޤީ ޙާދިސާ: ހުރިހާ މުވައްޒިފުންނާ ތަފާތުވެ ބޮސް ހިތްހަމަޖައްސައިދޭން ފާޅުގަ އިންކާރުކުރި މުވައްޒިފަށް ބޮސްގެ ކައިވެންޏާ ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑުގެ ބޮސްއަކީ ވަރަށް ބާރާއި ނުފޫޒުގަދަ ވަރަށް ބޮޑު ފައިސާވެރިއެކެވެ. ޒުވާނެކެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާގެ މުވައްޒިފުންތެރެއިން ނަމަވެސް އޭނާ އެދުވަހަކު ބޭނުންކޮށްލަން ބޭނުންވި މުވައްޒިފަކީ އޭނާގެ މިލްކެކެވެ. ހުރިހާ މުވައްޒިފުންނަކީ ވެސް އޭނާގެ ކޮށީގައި ބަންދުކޮށްފައި ތިބޭ ބަކަރިތަކެއްފަދަ ބައެކެވެ. އެދުވހަކު ކަތިލަން ބޭނުން ބަކަރިއެއް ކޮށިން ނެރެ ކަތިލަންވީއެވެ. 

ކޮންމެއަކަސް އެއީ ކަތިލަންޖެހޭނެ މުވައްޒިފަކީ އަޅުގަނޑުކަމަށް ހެދި ދުވަހެވެ. ހުށަހެޅީ ބޮސް އާއިއެކު ރާއްޖެއިން ބޭރަށް ދަތުރަކު ދިއުމަށެވެ. އަޅުގަނޑު ހަމަ ވަގުތުން ދެކޮޅުހެދީމެވެ. ކިތަންމެ ބައިވަރު ފައިސާ ދިންނަމަވެސް ކިތަންމެ ބޮޑު ޕްރަމޯޝަނެއް ދިންނަމަވެސް ޢިއްފަތްތެރިކަން ޤުރްބާން ނުކުރާނެ ކަމަށް މޫނުމަތީގައި ބުނީމެވެ. 

އަޅުގަނޑު ބުނީމެވެ. "އަޅުގަނޑު ޖުރާ މަސައްކަތުގެ ގޮތުން ބޮސް ޢާއިއެކު ރާއްޖެއިން ބޭރަށް ދާންޖެހޭ ސަބަބެއް ނެތެވެ. ބޮސް އަހަރެން ގެންދަން ތިއައުޅެނީ ކޮން ބޭނުމަކުކަން ވިސްނެއެވެ. ބޮސް ބޭނުންވާ ކަމެއް ކޮށްދިނުމަކީވެސް ހަށިވިއްކުމެވެ. ޢިއްފަތްތެރިކަން ނަގައިލުމެވެ. އެކަން ކުރާނެ ނަމަ ވަޒީފާ އަދާނުކޮށް ކުރީހީ އެކަމެވެ. މިހާ ބުރަކޮށް މަސައްކަތް މިކުރަނީ ޙަލާލު ގޮތުގައި ފައިސާ ހޯދަން ބޭނުންވާތީއެވެ. އަޅުގަނޑުގެ މައިންބަފައިންނަކީ ވަރަށް ފަޤީރު ބައެކެވެ. ނަމަވެސް އެމީހުން އަޅުގަނޑަށް ދަސްކޮށްދީފައި ހުރީ މިގޮތެވެ." 

އެހެން ބުނެފައި ބޮސްގެ ކޮޓަރިން ނުކުމެގެން ދިއައީއެވެ. ކުޑައިރުކޮޅަކުން ބޮސްގުޅާފައި ބޮސްގާތަށް ދާން ބުނުމުން ދިއައިމެވެ. ހީކުރީ ބިރުދައްކަން ކަމަށެވެ. ނޫންނަމަ ވަޒީފާއިން ވަކިކުރަން ކަމަށެވެ. އެހެންވެ ދިއައީ ކޮންމެ ގޮތެއް މެދުވެރިވި ނަމަވެސް އެއީ މިންވަރުފުޅު ކަމަށް ޤަބޫލުކޮށް ވަކީލުކޮށްގެން ހުރެއެވެ. 

ބޮސް ފުރަތަމަ ކުރި ސުވާލަކީ ބޮސް އާއިމެދު އެހާ ގޯސްކޮށް ވިސްނީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި ބުނީމެވެ. "އެހެން މުވައްޒިފުން ދައްކާ ވާހަކަތަކުގެ އަޑު އިވޭތީއެވެ. ބައެއްކުދިންނަށް ބޮސްދޭ ހަދިޔާތައް ފެންނާތީއެވެ." 

އެހެން ބުނުމުން އިރުކޮޅަކު އަނގައިން ނުބުނެ އިނދެފައި ބުންޏެވެ. "އެކަމަކު މީގެ ކުރިން އެއްވެސް މުވައްޒިފަކު ތިއަ ޒާތުގެ ވާހަކައެއް ނުދައްކައެވެ. ދައްކާކަން އެނގިފައެއް ނެތެވެ." ޖަވާބުގައި ބުނީމެވެ. "އެއީ އަޅުގަނޑާއިބެހޭ މައްސަލައެއް ނޫނެވެ. އަޅުގަނޑު މިދެއްކީ އަޅުގަނޑުގެ ވާހަކައެވެ." 

ދެން ބޮސް ސުވާލުކުރީ ދުވަހަކުވެސް ހިލޭ ފިރިހެނަކާއިއެކު އެއްވެސް ގުޅުމެއް ނުހިންގާކަމަށް ހުވާކުރަންކެރިދާނެތޯއެވެ؟ ޖަވާބުގައި ބުނީމެވެ. "ސަލާންކުރަން ނޫން ގޮތަކަށް ގައިގަ އަތްލެވުނު ހަމަ އެކަކުވެސް ނުހުންނާނެއެވެ. އަދި ހިލޭ ފިރިހެނުންނަށް ދައްކައިގެން ނުވާނެ އެއްވެސް ތަނެއް ފެނުނު ފިރިހެނަކު ނުހުންނާނެއެވެ. މިކަންކަމަށް ހުވާކުރަން މިހުރީ ތައްޔާރަށެވެ." 

ދެން ބޮސް ސުވާލުކުރީ ގޭތެރޭގެ ޙާލަތުގެ ވާހަކައެވެ. ދިރިއުޅެނީ ވަރަށް ފަޤީރު ޙާލުގައިކަމަށް ބުނީމެވެ. އެއްބަނޑު އެއްބަފާ 6 ކުދިން ތިބިއިރު އަދި މުސާރަލިބެނީ އަޅުގަނޑާއި ބޭބެއަށް ކަމަށާއި ކޮއްކޮމެން ކިޔަވަނީ ކަމަށް ބުނީމެވެ. 

ދެން ބޮސްދިނީ ސިޓީއުރައެކެވެ. އަޅުގަނޑު ބުނީމެވެ. "ތިއައީ ﷲ އަށްޓަކައި ބޮސް ދެއްވާ ހަދިޔާއެއް ނަމަ ހިފާނަމެވެ. ބަދަލުގައި އެއްވެސް ކަމަކަށް ބޮސް ބޭނުންވާނެ ނަމަ ބޭނުމެއް ނޫނެވެ."

ބޮސް ވަރަށް ލަދުގަތްކަން މޫނުމަތިން އެނގުނެވެ. ބޮސްބުނީ މިއީ ހަމަ ޞަދަޤާތެއް ކަމަށެވެ. އަދި ދޭތެރެއަކުން އަޅުގަނޑުމެންގެ ގެއަށް ޒިޔާރަތްކޮށް މަންމަމެންނާއިވެސް ރައްޓެހިވާނެ ކަމަށެވެ. ބޮސް ބުންޏެވެ. "މިހައިތަނަށް މިއުޅެވުނީ ވަރަށް އާވާރާ ދިރިއުޅުމެއްކަން ވިސްނިއްޖެއެވެ. މުވައްޒިފުން އަހަރެންގެ ކުރިމަތީގައި ބަހެއް ނުބުނި ނަމަވެސް އަހަރެންނަށް ޤަދަރު ނުކުރާކަން އެނގުނީމާ ވަރަށް ދެރަވެއްޖެއެވެ. އިރާދަކުރެއްވިއްޔާ އިޞްލާޙްކުރާނަމެވެ." 

އެދުވަހަށްފަހު ބޮސްގެ އަމަލުތައް ބަދަލުކުރަން ފެށިއެވެ. މުވައްޒިފުން ބޮސްގެ ކޮޓަރިއަށް ވެއްދުން މަދުކުރަން ފަށައިފިއެވެ. މުވައްޒިފުންނާއިއެކު އެކަނި ހޭދަކުރާ ވަގުތުވެސް މަދުކުރަން ފަށައިފިއެވެ. ހަމަ އެއާއިއެކު ބޮސްގެ ކޮޓަރިން ދުވަހަކުވެސް ނުފެންނަ އެއްޗެއް ފެންނަން ފަށައިފިއެވެ. އެއީ މުސައްލައެކެވެ. 

އެއިގެ އަހަރެއްހައި ދުވަސްފަހެވެ. އެއްރޭ 9 ޖަހާއެހައިކަންހާއިރު ގޭދޮރުގައި މީހަކު ޓަކިޖަހާތީ މަންމަ ގޮސް ދޮރު ހުޅުވިއިރު ހުރީ ބޮސްއެވެ. މަންމައަކަށް އެއީ ކާކަމެއް ނުއެނގޭނެއެވެ. އެހެންވެ އަވަސް އަވަހަށް ގޮސް ބޮސްއަށް މަރުޙަބާ ކިޔައި ގެއަށް ވެއްދީއެވެ. ބައްޕަ ކޮޓަރީގައި އުޅެނިކޮށް ގޮސް ބޭރަށް ގެނެސް ބައްދަލުކުރުވިއެވެ. މަންމަ ގޮސް ކަޅުސައިތަށްޓެއް ހަދައިގެން ކިރިމްކޭކަރު ބިސްކޯދާއެކު ބައްޕަ ޢާއި ދެމީހުންނަށް ސައިބޯން ގެނެސްދިނެވެ.

ބޮސް ވަރަށް ލަދުން އިންކަން އެނގެއެވެ. އިރުކޮޅަކު އަނގައިވެސް ނުބުނެ އިނދެފައި ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން މިގެއަށް ތިއަ ދެމަފިރިންނާއި ބައްދަލުކުރަން މިއައީ ވަރަށް ބޮޑު ބޭނުމަކުއެވެ. އަހަރެން މިއައީ ކަލޭމެންގެ ދަރިފުޅުގެ ކައިވެންޏަށް އެދިގެންނެވެ. މިވާހަކަ އަދި ދަރިފުޅު ގާތަކުވެސް ނުބުނަމެވެ. ވީމާ ދަރިފުޅު އަހަރެންނާއި ރުހޭނަމަ، ކަލޭމެން ދެމަފިރިން ޤަބޫލުނަމަ އަހަރެން ބޭނުންވަނީ ވީހާ އަވަހަކަށް ކައިވެނިކުރާށެވެ." 

ބައްޕަ ބުނީ އަޅުގަނޑު ރުހޭ ކޮންމެ މީހަކާއިވެސް ކައިވެނިކުރަން ޤަބޫލުކަމަށެވެ. އަޅުގަނޑު ބުނީމެވެ. "ދިރިއުޅުމުގެ ކޮންމެ ކަމަކީވެސް ރިސްކް ނަގައިގެން ކުރެވޭނެ ކަމެކެވެ. ވަކީލްކުރަނީ ﷲ އަށެވެ. ބޮސް ބޭނުން ނަމަ ކައިވެނިކުރަންވީއެވެ. ނަމަވެސް ކައިވެނި ނުކޮށް ގެއިން ބޭރަށްވެސް ގެންދަން އުޅެގެން ނުވާނެއެވެ. ނުދާނަމެވެ."

ކައިވެނިކުރެވުނީއެވެ. އެކައިވެނީގައި މިހާރު 17 އަހަރުވީއެވެ. ބުނެވެން އޮތީ އަދި މިހައިތަނަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކައިވެންޏަކީ ވަރަށް ކާމިޔާބު ކައިވެންޏެއް ކަމަށެވެ. އަދިވެސް އޮފީހުގައި މަސައްކަތްކުރަމެވެ. ވަޒީފާއަށް ދަނީ ދެމީހުން އެކުގައެވެ. އެނބުރި ގެއަށް އަންނަނީވެސް ދެމީހުން އެކުގައެވެ. އަޅުގަނޑު ނުލައި ފިރިމީހާ ގެއިން ބޭރަށް ދަނީ ވަރަށް މަދުންނެވެ. ރޭގަނޑު އެކަނި ވަރަށް ބޭރަށް ނުދެއެވެ.

އަޅުގަނޑު އޮފީހަށް ވަންއިރު ބޮސް އަކީ ލޯނު މައްޗަށް ލޯނު ނަގައިގެން މަސައްކަތްކުރަމުން އައިމީހެކެވެ. ނަމަވެސް މިހާރު ލޯނެއް ނެތެވެ. 2 ބިންވެސް މާލެއިން ގަނެފިއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އަންހެންކުދިންނަށް ބުނެލަން އޮތީ ބޮސް އާއި ގުޅުން ހިންގައި ބޮސް ރުއްސައިގެން އުޅުނު މުވައްޒިފުންނަށް ލިބުނީ ވަރަށް ކުޑަކުޑަ އުފަލެކެވެ. ވަރަށް ކުޑަކުޑަ ފައިދާއެކެވެ. ޙަޤީޤީ ފައިދާއެއް މިލިބުނީ އެ ވަގުތީ ފައިދާއަށް ދަހިވެތިނުވި މުވައްޒިފަށެވެ. ﷲ އަށް ބިރުވެތިވުމުން ކުރި ފައިދާ މާބޮޑެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. ޢިބްރަތް ޙާޞިލުކުރަން ބޭނުން މީހަކަށް މިވަރުން ފުދޭނެކަމަށް ހީކުރަމެވެ. 

- ނީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން