ޙަޤީޤީ ޙާދިސާ: މުސާރަ ކުޑަވެއްޖެކަމަށް ބުނެ އަނބިދަރިން ނިކަމެތިކޮށްފަ ހިލޭ އަންހެނުންނަށް ޚަރަދުކުރި މީހެއްގެ މުސާރަ ކުޑަކުރައްވަވައި ނިކަމެތި ކުރެއްވެވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 44ސ
ޙަޤީޤީ ޙާދިސާ: މުސާރަ ކުޑަވެއްޖެކަމަށް ބުނެ އަނބިދަރިން ނިކަމެތިކޮށްފަ ހިލޭ އަންހެނުންނަށް ޚަރަދުކުރި މީހެއްގެ މުސާރަ ކުޑަކުރައްވަވައި ނިކަމެތި ކުރެއްވެވި ގޮތުގެ ވާހަކަ-

އަޅުގަނޑުގެ މައިންބަފައިންގެ ފަޤީރުކަމާއިއެކުގައިވެސް އަޅުގަނޑަށް ކިޔަވައިދޭން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ނަތީޖާއެއްގެ ގޮތުން މަތީސާނަވީ އިން ރަނގަޅު ނަތީޖާއެއްވެސް ހޯދުނެވެ. ނަމަވެސް އިތުރަށް ކުރިއަށް ދެވޭނެ ގޮތެއް ނުވިއެވެ. 

އެދުވަސްވަރަކީ މިހާރުހެން ސަރުކާރުގެ ޚަރަދުގައި ކޮލެޖުން ކިޔަވަން ފުރުޞަތުލިބޭ ދުވަސްވަރެއް ނޫނެވެ. ކިޔަވަން ޖެހެނީ ފީދައްކައިގެންނެވެ. މައިންބަފައިންގެ ކިބައިގައި އެފަދަ ތަނަވަސްކަމެއް ނެތެވެ. އެހެންވެ މަސައްކަތްކުރަމުން ދިއައީ ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިން ބައެއް ފޮރުވައި ޖަމާކޮށްގެން ކިޔެވުމަށެވެ. 

އަޅުގަނޑު ވަޒީފާއެއް ހޯދަން ކުރި މަސައްކަތުން މަޝްހޫރު ރެސްޓޯރަންޓަކުން ކޭޝިއަރެއްގެ ވަޒީފާ ލިބުނެވެ. އެ ވަޒީފާގައި މަސައްކަތްކުރަނިކޮށް ފިރިހެނަކާއި ބައްދަލުވެ ލޯބިހުށަހެޅިއެވެ. އޭނާ ދެއްކި ހުވަފެންތައް ޤަބޫލުކުރެވި އޭނާދެކެ ލޯބިވެވުނެވެ. ކައިވެނިވެސް ކުރީމެވެ. 

ކައިވެންޏަށްފަހު ފިރިމީހާ ބުނީ އޭނާއަށް ރަބގަޅު މުސާރައެއް ލިބޭކަމަށާއި އަހަރެން ކިޔެވުމަކީ ކޮންމެހެން މުހިންމުކަމެއް ނޫން ކަމަށެވެ. ހުރިހާ ޚަރަދެއް އޭނާކޮށްދޭނެ ކަމަށާއި އަޅުގަނޑު ވަޒީފާ އަދާކުރުމުގެ އެއްވެސް ބޭނުމެއްވެސް ނެތްކަމަށެވެ. ގޭގައި ހުރުން މާރަނގަޅުވާނެ ކަމަށެވެ. 

ފިރިމީހާއަށް އިތުބާރުކޮށް ވަޒީފާ ދޫކޮށްލައި ގޭގައި ހުރެގެން ފިރިމީހާއަށް ޚިދުމަތްކުރަމުން ގެންދިއައިމެވެ. އެއްވެސް ކަމަކަށް އޭނާއަށް ދަތިނުވާނެ ގޮތަށް ކަންކަން ކުރީމެވެ. ނަމަވެސް ދެވަނަ އަހަރު ދަރިއަކު ލިބުމާއިއެކު ފިރިމީހާގެ މަސައްކަތް މާބޮޑަށް ބުރަވެއްޖެއެވެ. ރޭގނޑު ދަންވަރުވަންދެން މަސައްކަތްކުރަންވެސް ޖެހިއްޖެއެވެ. އަދި ހަމަ ކުޑަ ދުވަސްކޮޅެއްފަހުން ބުނީ މުސާރައިން ބޮޑުބައެއް ކުޑަކޮށްފިކަމަށެވެ. މަސައްކަތްވީ ބުރައެވެ. މުސާރަވީ ކުޑައެވެ. 

ކޮންމެއަކަސް މުސާރަކުޑަކުރި ހިސާބުން ގޭތެރޭގެ ކަންކަންވެސް އޮންނަނީ ކޮށްނުދެވިފައެވެ. ދަރިފުޅަށް ބޭނުންވާ ކަންކަން ވެސް އޮންނަނީ ކޮށްނުދެވިފައެވެ. ދަތިކަން ބޮޑުވެ ގޮތް ހުސްވުމުން އަނެއްކާވެސް ވަޒީފާއެއް ލިބޭތޯ މަސައްކަތް ފެށީމެވެ. ފުރަތަމަވެސް ދިއައީ ކުރިން މަސައްކަތްކުރި ރެސްޓޯރަންޓަށެވެ. އަލުން ވަޒީފާ ދީފާނެތޯ އަހައިލުމަށެވެ. 

އެކުވެރިން ފެށީ ހޭނށެވެ. ސަބަބެއް ނުބުނެއެވެ. ނަމަވެސް ހޭނގޮތުން އެއީ އާދައާ ޚިލާފް ހުނުމެއްކަން ވިސްނުނެވެ. ސުވާލުކޮށްކޮށްވެސް ސަބަބެއް ނުބުންޏެވެ. ބުނީ ވަޒީފާ ދޭނެ ކަމަށާއި އަދި އެދުނު ފަދައިން ރޭގަނޑު ޝިފްޓްވެސް ހަމަޖައްސައިދޭނެ ކަމަށެވެ. 

އަނެއް ރޭ ވަޒީފާއަށް ނުކުތީމެވެ. ކައުންޓަރުގައި ހުއްޓައި ކަސްޓަމަރެއްގެ ބިލް ކަނޑާލަން ގެނެސްދިނީ ފިރިމީހާގެ ކޭޝްކާޑެވެ. ބިލްކަނޑާލުމަށްފަހު ކާޑާއި ބިލް ހިފައިގެން މޭޒުދޮށަށް ދިއުމުން ވަޒިފާ ހޯދަން އައިވަގުތު އެކުވެރިން ހޭންޖެހުނު ސަބަބު ވިސްނުނެވެ. ޒުވާން ރީތި އަންހެން ކުއްޖަކާއިއެކު ފިރިމީހާ އެތަނަށް ގޮސް ކަނީއެވެ. 

މަސައްކަތް ބުރަވި ސަބަބާއި މުސާރަކުޑަވި ސަބަބުވެސް އެނގުނީއެވެ. ޑިޔުޓީގައި ހުރީތީ އަނގައިންވެސް ނުބުނަމެވެ. ފޯލްޑަރު ޙަވާލުކޮށްލާފައި އައީއެވެ. އެއިރު ރެސްޓޯރަންޓުގެ ވެރިމީހާ އެކަންކަން ބަލަން މޭޒެއްގައި އޭނާގެ ރައްޓެހިންތަކަކާއިއެކު އިނެވެ. އަދި އެރޭ ޑިޔުޓީ ނިންމާފައި ނުކުންނަން ހިނގައިގަތީމާ ގާތަށް ގެންގޮސްފައި އެއްވެސް އިތުރު އެހީތެރިކަމަކަށް ބޭނުންވާނަމަ އޭނާގެ ގާތުގައި ބުނުމަށް އެދުނެވެ. 

އެރޭ ގެއަށް ދިއައިރު ފިރިމިހާ ނުނިދައި ސިޓިންގ ރޫމްގައި އިނެވެ. ފުރަތަމަވެސް ޝަކުވާކުރީ ނުބުނެ ވަޒީފާއަށް ނުކުތީތީއެވެ. ޖަވާބެއް ނުދެމެވެ. ޒުވާބުކުރަން ބޭނުން ނުވާތީއެވެ. ވަރިކުރިއްޔާ މާރަނގަޅުވީމައެވެ. އެހެންވެ އަނގައިންވެސް ނުބުނެ ގޮސް ނިދަން އޮށޯތީމެވެ. 

އަނެއް ދުވަހު ހެނދުނު ފިރިމީހާ އޮފީހަށް ދިއައީ އަޅުގަނޑު ވަރިކޮށްފައެވެ. ދަރިފުޅު ގޮވައިގެން ނުކުމެގެންދާން ބުނެފައެވެ. ފިރިމީހާ ބުނިގޮތަށް ކަންކަން ކުރީމެވެ. ދަރިފުޅު ގޮވައިގެން މައިންބަފައިންގެ ގާތަށް ދިއައީއެވެ.

ރެސްޓޯރަންޓުގެ ވެރިމީހާއަކީ އުުރުން ދުވަސްވީ ވަރަށް އަޚްލާޤް ރަނގަޅު މީހެކެވެ. އޭނާ އަޅުގަނޑަށް ވަރަށް ހިތްވަރުދިނެވެ. ދަރިފުޅަށް ބޭނުންވާނެ ވަރަށް ގިނަ ކަންކަންވެސް ކޮށްދިނެވެ. އެހެންވެ ލިބޭ މުސާރައިން ދެކޮޅުޖެހިގެން އުޅެވުނެވެ. 

ޢިއްދަ ހަމަ ހަމަވިތަނާހެން ވެރިމީހާ ބުނީ އޭނާގެ އެކުވެރިއަކު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވާކަމަށެވެ. އޭނާއަކީވެސް ރެސްޓޯރަންޓެއް ހިންގާ މީހެއްކަމަށާއި އަނބިމީހާ ވަރިވެގެން ދިއުމުން އެކަނިވެފައި ހުރި ވަރަށް އަޚްލާޤް ރަނގަޅު މީހެއް ކަމަށެވެ. 

އޭނާއަކީ އަޅުގަނޑަށްވުރެ 7 އަހަރު ދޮށީ މީހެކެވެ. ނަމަވެސް އުމުރުގެ ތަފާތަށް ނުބަލައި ކައިވެނިކުރީމެވެ. ހަމައެކަނި ބެލީ އޭނާގެ އަޚްލާޤަށެވެ. ދީންވެރިކަމަށެވެ. 

ކޮންމެއަކަސް ދެވަނަ ކައިވެންޏަށް މިހާރު 15 އަހަރުވީއެވެ. 3 ދަރިންވެސް ލިބިއްޖެއެވެ. ފިރިމީހާވަނީ އޭނާއަށް ތިރީ ދެބުުރި ލިބޭގޮތަށް އަޅުގަނޑުމެންގެ ގެވެސް ހަދައިފައެވެ. 2 ބުރި އޭނާ ބޭނުންކުރިނަމަވެސް މަންމަމެންނަށް ކުލިވެސް ދައްކައެވެ. އެހެންވެ ޢާއިލާވެސް ދިރިއުޅެނީ ހަމަ އުފަލުގައެވެ.

ފުރަތަމަ ފިރިމީހާގެ ވާހަކަ ނުބުނެ ނިންމާލުން ރަނގަޅު ނޫންވީމާ އޭނާގެ ވާހަކަވެސް ބުނެލާނަމެވެ. ދެވަނަ ފިރިމީހާގެ ވަޒީފާގައި އޭނާ އުޅޭތާ 11 އަހަރުވެއްޖެއެވެ. ދެމަފިރިން އެކުގައި އޭނާ މަސައްކަތްކުރާ ރެސްޓޯރަންޓަށް ބައެއް ފަހަރު ގޮސްއުޅެމެވެ. އެކަނި ހުއްޓާ ފެނިއްޖެނަމަ އައިސް ވާހަކަދައްކަން މަސައްކަތްކުރެއެވެ. ސަލާން ބަލައިގަތުމާއި ހިނިތުންވެލުން ނޫން ކަމެއް ނުކުރަމެވެ. އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުޞަތެއް ނުދެމެވެ. 

އޭނާ ވަޒީފާއަށް އެދުމުން ފިރިމީހާ އެކަން ހަމަޖައްސައިދިނީ އަޅުގަނޑު ގާތު އަހާފައެވެ. އަޅުގަނޑު އެކަން ދޫކޮށްލީ ފިރިމީހާއަށެވެ. އަޅުގަނޑު ބުނީ އަޅުގަނޑުގެ ހިތުގައި ހަސަދަވެރިކަމެއް ނެތް ކަމަށެވެ. އަދި ދަރިފުޅަށް އޭނާ އެހީތެރިނުވި ނަމަވެސް ދަރިފުޅުގެ ބައްޕަވާނީ ބައްޕައަށް ކަމަށެވެ. ހިލޭ އެހެން ފިރިހެނުންނާއި އޭނާ އާއި އަޅުގަނޑަށް އެއްވެސް ތަފާތެއް ނެތް ކަމަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އޭނާ ފަދައިން މަސައްކަތް ބުރަވެ މުސާރަވެސް ކުޑަވާ ފިރިން ވަރަށް ގިނަވެއްޖެކަމަށެވެ. ދޮގުހަދައި އޮޅުވާލައި އަނބިދަރިން ޙާލުގައި ޖެއްސީމާ ހަމަ ޙަޤީޤަތުގައިވެސް މުސާރަ ކުޑަކުރައްވަވައި ނިކަމެތި ކުރައްވަވައިފާނެ ކަމަށް ބިރުގަތުން ބުއްދިވެރިކަމަށެވެ. 

އަޅުގަނޑަކީ އަބަދުވެސް ﷲ އަށް ބިރުވެތިވެ ކިޔަމަންތެރިކަން އަދާކުރަމުން އައި އަންހެނަކީމެވެ. މިއަދުވެސް މިހިރީ ހަމައެގޮތުގައެވެ. ބުނެލަން ބޭނުންވަނީ ﷲ އަށް ތެދުވެރި އަޅުން ނިކަމެތި ނުކުރައްވަވާނެ ކަމަށެވެ.  

- ފަޒުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން