ޙަޤީޤީ ޙާދިސާ: ހިލޭ އަންހެނަކާ ގުޅުން ހިންގާފަ ނުކުރާކަމަށް ހެދެން ދޮގުހުވާގެ ބަސްތައް ބުނެ އަތްގިރުނަސް ހެޔޮކަމަށް ބުނި މީހެއްގެ އަތް ގިރުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ޙަޤީޤީ ޙާދިސާ: ހިލޭ އަންހެނަކާ ގުޅުން ހިންގާފަ ނުކުރާކަމަށް ހެދެން ދޮގުހުވާގެ ބަސްތައް ބުނެ އަތްގިރުނަސް ހެޔޮކަމަށް ބުނި މީހެއްގެ އަތް ގިރުނު ގޮތުގެ ވާހަކަ-

އަޅުގަނޑު މިކިޔައިދޭ ވާހަކަ މިހާރުގެ ވިސްނުމުގެ ބައެއް މީހުންނަށް އަޑުއަހަން ފަސޭހަނުވެދާނެއެވެ. އަދި ޤަބޫލުކުރަންވެސް ފަސޭހަނުވެދާނެއެވެ. ނަމަވެސް މިއީ ހަމަ މިކަންތައް ހިނގައިދިއަ ގޮތެވެ. 

އެއިރު އަޅުގަނޑުމެންގެ ކައިވެންޏަށް 12 އަހަރެވެ. އަޅުގަނޑާއި ދެ ދަރިން ސްކޫލް ބަންދެއްގައި ރަށަށް ގޮސްލީމެވެ. ފިރިމީހާއަށް ނުދެވުނީ މަސައްކަތް ބުރަކަމުންނެވެ. އެނބުރި އައިސް ގެއަށް ގޮސް ވަންއިރު ފެންނަން ހުރި ކަންކަމުން ގޭގައި ކަންތައްތަކެއް ހިނގާފައިވާކަން ޔަޤީންކުރެވުނެވެ. ތެދަށް ބުނާނަމަ ފިރިމީހާ ގެއަށް ހިލޭ އަންހެނަކު ވައްދައިގެން ގެންގުޅެފައިވާކަން ވަރަށް ބޮޑަށް ޔަޤީންކުރެވުނެވެ. 

އެވާހަކަ ބުނުމުން ފިރިމީހާ އކަމަށް އިންކާރުކުރިއެވެ. ހިލޭ އަނހެނެއްގެ ގައިގައި ބީހިފައިވެސް ނުވާނެ ކަމަށް ހުވާކުރަން އުޅުނެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގުހުވައަކަށްވެދާނެކަން ޔަޤީންކުރެވޭވަރުބޮޑުކަމުން އެކަމަށް ހުރަސްއެޅީމެވެ. ހުވާ ނުކުރަން ބުނީމެވެ. އެހިސާބުން ފިރިމީހާ ބުނީ އަހަރެން ރަށުގައި ނެތްއިރު ގެއަށް އަނހެނަކު ވައްދައި ބީހި ހެދިނަމަ އޭނާގެ އަތް ގިރުނަސް ހެޔޮކަމަށެވެ. އެހެންވެސް ނުބުނުމަށާއި ބުނެވުނު ބަހަށް ތައުބާވާން ބުނީމެވެ. 

ދަންނަވަންތޯއެވެ! އެއިގެ ފަހުން ދެތިން ދުވަސްވެސް ނުވާނެއެވެ. ފިރިމީހާގެ އަތުގައި ނަގަންފެށީ ފެންފޮޅުތަކެކެވެ. ފޮޅު ފަޅައިގެންދާއިރު އިންނަނީ ހަންގޮސްފައެވެ. ނުދައްކާ ޑޮކްޓަރެއް ނެތެވެ. ނުހަދާ ފަންޑިތައެއް ނެތެވެ. ލަންކާ، އިންޑިއާ، ބެންކޮކުންވެސް ފަރުވާކުރިއެވެ. ނަމަވެސް ފޮޅު ނެގުން ނުހުއްޓުވުނެވެ. 

ބައެއްފަހަރު ފާރުވާލެއް ބޮޑުކަމުން އަތް ބުރިކޮށްލަން ޖެހިދާނެހެން ހީވާ ފަހަރުވެސް އައުދެއެވެ. އެފަދަ ޙާލެއްގައި އުޅެނިކޮށް ކިރިޔާވެސް ލުޔެއް ލިބުނީ ދީނީ ޢިލްމުވެރިއެއްގެ އިރުޝާދަށް ޢަމަލުކުރުމުންނެވެ. ތައުބާވެ ދުޢާކުރުމުންނެވެ. ކުރި ފާފަތައް ކިޔައިދޭން އުޅުމުން އަޅުގަނޑު ބުނީ އަޑުއަހަން ވެސް ބޭނުން ނޫންކަމަށެވެ. އަޑުއިވުމުން އިތުރަށް ހިތްދަތިވުން ނޫން ކަމެއް ނުވާނެތީއެވެ. އަޅުގަނޑު ބުނީ އަޅުގަނޑު މާފުކުރަންޖެހޭ ހުރިހާ ކަމަކަށް ދެ ދަރިންނަށްޓަކައި މާފުކޮށްފިން ކަމަށާއި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުން މާރަނގަޅުވާނެ ކަމަށެވެ. 

މިހާރު އެއިގެ ފަހުން 10 އަހަރުވީއެވެ. މިހާރުވެސް ދޭތެރެދޭތެރެއިން ފޮޅު ނަގައެވެ. ނަމަވެސް މާބޮޑު އަނިޔާއެއް ނުލިބި ފޮޅު ހިނދެއެވެ. އެއީ އޭނާއަށް ކުރެވުނު ކަންތައްތަކާއި ބުނެވުނު ބަސްތައް ހަނދާންކޮށްދިނުމަށް މެދުވެރިވާ ކަމަކަށްވެދާނެއެވެ.  

މިހާރު ފިރިމީހާއަކީ ވަރަށް ތަޤްވާވެރި، ހެޔޮލަފާ ޞާލިޙް މީހެކެވެ. ވީމާ އަޅުގަނޑުވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އަދި އެކަން މެދުވެރިވީންސުރެވެސް މިއަންނަނީ ފިރިމީހާއަށްޓަކާ ހެޔޮދުޢާކުރަމުންނެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ޢިބްރަތް ޙާޞިލުކުރުމަށެވެ. ކުށެއް ކުރެވުނަސް ދޮގުހަދައި ދޮގުހުވާތައް ނުކުރުމަށެވެ. ކޯފާއެއް ލެއްވެވިޔަސް އެންމެ ރަނގަޅުކަމަށް ނުބުނާށެވެ. އަހަރެމެން އެއްވެސް މީހަކީ ކިތަންމެ ކުޑަކުޑަ ކޯފާއަކަށްވެސް ކެތްކުރެވޭނެ ބައެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށެވެ. 

- ފައުޒިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

މިއަދު އޮންލައިން